ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނިކޮށް އަމިއްލައަށް ފުލުހުންނާ ހަވާލުވި އިބްރާހިމް އަބްދުﷲ.

ގޭންގު ކުށްތައް

ޒަރީރު މަރާލަން އުޅުނު ކަމަށް ބުނާ އިބްރާހިމް އަބްދުﷲގެ ބަންދަށް މަހެއް ދީފި

އޭނާ ހޯދަން އިއުލާނުކުރީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން ހަމަލާ ދިން ކަމުގެ ތުހުމަތުގައި
23 މޭ 2023

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހޯދަން އިއުލާނުކޮށްފައި ވަނިކޮށް މިއަދު އަމިއްލައަށް ފުލުހުންނާ ހަވާލުވި އިބްރާހިމް އަބްދުﷲ (ގަައްބަރޭ)ގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.

ވީ ކިހިނެއް؟ - އޭނާ ހޯދަމުން ދާތާ އަށް ދުވަސް ފަހުން، އިބްރާހިމް އަބްދުﷲ، 32، ފުލުހުންނާ ހަވާލުވީ، މިއަދު ހެނދުނު އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮހެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ 30 ދުވަސް ދީފަ އެވެ.

ތަފްސީލް - މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ އަދި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ ހޯދަން ފުލުހުން އިއުލާން ކުރީ:

  • ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި

  • މީހަކު މަރާލަން އުޅުުނު ކަމުގެ ތުހުމަތު ވެސް އޭނާއަށް ކުރޭ

ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ، މި މަހުގެ 1 ވަނަ ދުވަހުގެ ފަތިހު ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދަ އެވެ. އޭނާއަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފަސްމަންޒަރު - އިބްރާހިމް އަބްދުﷲ ވަނީ، 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފަ އެވެ. އެ މައްސަލައިގައި، އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް ދައުވާކުރިޔަސް ކޯޓުން އޭނާ ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް