ފުލުހުން ހޯދަން އިއުލާންކުރި އިބްރާހިމް އަބްދުﷲ: އޭނާ މިހާރު ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައި.

ގޭންގު ކުށްތައް

އިބްރާހިމް އަބްދުﷲ ހޯދާތާ 8 ދުވަސް ފަހުން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

އޭނާ ހޯދަމުން ދިޔައީ މެމްބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހޯދަން އިއުލާނުކޮށްފައިވާ އިބްރާހިމް އަބްދުﷲ (ގަައްބަރޭ) މިއަދު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އޭނާ ހޯދަމުން ދާތާ އަށް ދުވަސް ފަހުން، އިބްރާހިމް އަބްދުﷲ ފުލުހުންނާ ހަވާލުވީ، މިއަދު ހެނދުނު އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮހެވެ.

ތަފްސީލް - މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ އަދި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ ހޯދަން ފުލުހުން އިއުލާން ކުރީ:

  • ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި

  • މީހަކު މަރާލަން އުޅުުނު ކަމުގެ ތުހުމަތު ވެސް އޭނާއަށް ކުރޭ

ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ، މި މަހުގެ 1 ވަނަ ދުވަހުގެ ފަތިހު ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދަ އެވެ. އޭނާއަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފަސްމަންޒަރު - އިބްރާހިމް އަބްދުﷲ ވަނީ، 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފަ އެވެ. އެ މައްސަލައިގައި، އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް ދައުވާކުރިޔަސް ކޯޓުން އޭނާ ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް