ޖުމްހޫރީ ޕާޓީގެ މިއަދުގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އޭނާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

ޗާގޯސް މައްސަލާގައި ރައީސް އަމަލުކުރެއްވީ ކޯލިޝަން އެއްބަސްވުމާ ހިލާފަށް: ގާސިމް

މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޗާގޮސް މައްސަލައާ ގުޅޭ ގޮތުން ވަނީ ގަރާރެއް ހުށަހަޅާފައި

ޗާގޮސް މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަމަލުކުރައްވާފައި ވަނީ، ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށް ވިދާޅުވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އެއްބަސްވުމާ ހިލާފަށް ރައީސް އަމަލު ކުރެއްވި ކަމަށް ގާސިމް ދެކެވަޑައިގަންނަވާ ސަބަބަކީ، އެކަމުގައި ކޯލިޝަން ލީޑަރުންނާ މަޝްވަރާ ނުކުރުމެވެ.

ވީ ކިހިނެއް؟ - ޗާގޯސް މައްސަލައިގައި މީގެ ކުރިން ވެސް ސަރުކާރުގެ ސްޓޭންޑާ ނުރުހިގެން ވާހަކަ ދައްކާފައިވާ ގާސިމް އެކަމާ ގުޅޭ ގޮތުން ސަރުކާރަށް އަނެއްކާ ވެސް ބަހުގެ ހަމަލާތަކެއް މި ދެއްވީ، މ. ކުނޫޒުގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި މިއަދު މައިގަނޑުކޮށް އެޖެންޑާކޮށްފައި އޮތީ ޗާގޮސް މައްސަލައާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށެވެ.

ޗާގޯސް މައްސާލާގައި އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަވާ، ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން މިއަދު ވަނީ އެ ބައްދަލުވުމަށް ގަރާރެއް ވެސް ހުށަހެޅުއްވައިފަ އެވެ.

ތަފްސީލު - އަލީ ހުސައިން އެ ގަރާރު ހުށަހެޅުމުގެ ކުރިން، ރިޔާސަތުގައި އިންނެވި ގާސިމް ވަނީ އެކަމާ ގުޅޭ ގޮތުން އޭނާ ދެކިވަޑައިގަންނަވާ ގޮތް ހާމަ ކުރައްވައިފަ އެވެ. އަދި ގާސިމް ވިދާޅުވީ މިއަދުގެ ޖަލްސާގައި އެ މައްސަލަ އަނެއްކާ ވެސް އެޖެންޑާ ކުރީ، ކުރިން އެކަމުގައި ގޮތެއް ނިންމާފައި ނުވާތީ ނޫން ކަމަށެވެ. އަދި ވިދާޅުވީ ކުރިން ވެސް އެ މައްސަލާގައި އެ ޕާޓީގެ ލީޑަރުގެ ހައިސިއްތުން ގެންގުޅުއްވާ ސްޓޭންޑް ހާމަކޮށްފައިވާނެ ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީ ވެސް ހިމެނޭ ގޮތަށް ހަތަރު ޕާޓީއެއްގެ މެދުގައި ކޯލިޝަން އެއްބަސްވުމެއް ހަދައިގެންނެވެ. އެ އެއްބަސްވުމުގައި މައިގަނޑު ކަންތައްތަކެއްގެ ގޮތުގައި ރާއްޖޭގެ އޮންނަން ޖެހޭނީ އިސްލާމް ދީން ކަމާއި ރާއްޖޭގެ ގައުމިއްޔަތާއި މިނިވަންކަން ވަރަށް ސާފުކޮށް ލިޔެފައިވާނެ ކަމަށެވެ.

"އެއިން އެއްވެސް ކަމަކަށް [ބަދަލެއް އަންނަ ކަމެއް] ކުރަން ވާނީ، އަޅުގަނޑުމެންގެ [ކޯލިޝަން ޕާޓީތަކުގެ] ލީޑަރުންގެ މެދުގައި މަޝްވަރާ ކުރެވި، އެ މަޝްވަރާއާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނު އަސާސީއާއި ގާނޫނު ތަންދޭ ގޮތުން ކަމަށް ވާނީ، އެއްބަސްވެ ސޮއިކޮށްފައި،" ގާސިމް ވިދާޅުވި އެވެ.

"އެއާ [އެއްބަސްވުމާ] ހިލާފުވީ ހިނދު، އެ [ކޯލިޝަންގެ] އެއްބަސްވުން ނިންމާފައިވަނީ އަޅުގަނޑުމެންގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުން."

ޖުމްހޫރީ ޕާޓީގެ މިއަދުގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

އަލުން މި މައްސަލަ އެޖެންޑާ ކުރީ ގާސިމް ވިދާޅުވި ގޮތުގައި:

  • މިހާރު ސިޔާސީ މަސްރަހު އޮތް ގޮތުން މިކަމުގައި އަލުން ޕާޓީން ގޮތެއް ނިންމުން މުހިންމު ކަމަށް ފެންނާތީ

  • ކައުންސިލްގައި މިހާރު ކުރިއަށް ވުރެ ގިނަ މެންބަރުން ތިއްބަވާތީ

  • މީިގެ ކުރިން ޕާޓީން މިކަމުގައި ސްޓޭންޑެއް ނެގި ކަމަށް ބައެއް ބޭފުޅުން ހަނދާން ނެތޭތީ

"އަދި މިކަމުގައި ހުރި ނުތަވަސްކަން ރާއްޖޭގެ ލޮބުވެތި ރައްތިތުންނަށް އޮތް ގޮތް ސާފު ކޮށްދިނުމަށް، މި ޖަލްސާ މި ބާއްވަނީ،" ގާސިމް ވިދާޅުވި އެވެ.

ގުޅުން ހުރި - އަލީ ހުސައިން ހުށަހެޅުއްވި ގަރާރުގައި އޭނާ ވިދާޅުވީ ޗާގޮސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން މިދިޔަ އެޕްރީމް މަހު 28ގައި ނިންމި ނިންމުމުގެ ސަބަބުން ގާނޫނުގެ ދަށުން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރަހައްދުން 45،000 އަކަ ކިލޯ މީޓަރު ގެއްލިފައިވާ ކަމަށެވެ. 

މި އަޑުއެހުންތައް ކުރިއަށް ދަނިކޮށް ރައީސް ސޯލިހް، ޗާގޯސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ މައްސަލަ ވެސް އަލީ ހުސައިންގެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މިހާެރު ކުރިއަށްދާ ކައުންސިލް ބައްދަލުވުމުގެ ތެރެއިން އަލީ ހުސައިން: ޗާގޯސް މައްސަލައިގައި ކައުންސިލް ބައްދަލުވުމަށް އޭނާ ވަނީ ގަރާރެއް ހުށަހަޅުއްވާފައި (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

ގަރާރުގައި އޭނާ ގޮވާލެއްވީ:

  • ރައީސްގެ ސިޓީ ހާމަކުރަން ބާރުއަޅައި، އިޓްލޮސްގެ ހުކުމް އިސްތިއުނާފު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަން

  • ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީއަށް ކާމިޔާބުވެއްޖެ ނަމަ، ރާއްޖެ އާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ގާނޫނީ މާހިރުންގެ އެހީތެރިކަމުގައި އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް

  • ދިރާސާ ކުރުމަށް ފަހު، އެ މައްސަލަ ޖޭޕީގެ ވެރިމެއްގައި 'އިސްތިއުނާފުކޮށް، ރާއްޖެއަށް ގެއްލުނު ކަނޑުގެ ބައި އަލުން ހޯދުމަށް މަސައްކަތް ކުރުމަށް' ކައުންސިލް އެއްބަސްވުމަށް

އެ ގަރާރާ އެއްކޮޅަށް ކައުންސިލްގެ ގިނަ މެންބަރުން ދަނީ ވާހަކަ ދައްކަވަމުންނެވެ.

ފަސް މަންޒަރު - އިޓްލޮސްއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުކުމްކޮށްފައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ. ސަރުކާރުން ބުނާ ގޮތުގައި، އެ ހުކުމަކީ ލިބުނު ކާމިޔާބެކެވެ. އެއީ ދެކުނު ކަނޑުގެ ސަރަހައްދު މީގެ ކުރިން ކަނޑައެޅިފައި ނުވާތީ އެވެ.

އިޓްލޮސްގެ މި ނިންމުމަށް ޖޭޕީގެ އިތުރުން، ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެ ނިންމުން ބަލައި ނުގަންނާނެ ކަމަށް ބުނަމުންނެވެ.

ކޮމެންޓް (1)

ސަމީރާ

25 މޭ 2023
30 ޕަސެންޓް ނުލިބުނީތަ އެ ޑީލުން؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް