ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ވަކިކުރުމާ ގުޅޭ މައްސަލަ ނިންމުމާ އެކު، މިރޭ ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް

ބައިނަލްއަގުވާމީ ހަމަތަކުން އިިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމަކަށް ރާއްޖެ ވެއްޖެ: ރައީސް

މިއީ ރާއްޖެ އާއި ދިވެހިންނަށް އަދި ސަރުކާރަށް ލިބުނު ރަނގަޅު ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވި
28 އޭޕްރީލު 2023

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައިން ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް، އެ ކަމާ ގުޅޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުން މިއަދު ނިންމުމުން ރާއްޖެއަކީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމަކަށް ވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަމަށް، އެ މައްސަލަ ބެލި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

އެ ހުކުމަށް ފަހު ރައީސް ސޯލިހް ވަނީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަވާފަ އެވެ. އެ ބައްދަލުވުމަށް ފަހު ރައީސާއި ކެބިނެޓުގެ ބޭފުޅުން ވަނީ، ރައީސް އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އެއްވެސް ޒަމާނެއްގައި ޗާގޯސްއަކީ ދިވެހިންގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ފެންނަން ނެތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް ދައުވާކުރެވޭނެ ތާރީހީ ހެއްކެއް އަދި ގާނޫނީ އަސާސެއް ވެސް ނެތެވެ.

ރާއްޖޭގެ އުތުރާއި (އިންޑިއާއާ ވީ ފަޅި) އަދި އިރުއުތުރުން (ސްރީ ލަންކާއާ ވީ ފަޅި) ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑް 1976 ގައި ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ރާއްޖޭގެ ހުޅަނގުން ވެސް އީއީޒެޑް ވަނީ ކަނޑައަޅައިފަ އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމީ، ރައީސް ވިދާޅުވި ގޮތުގައި، އެ އުސޫލުން ރާއްޖޭގެ ދެކުނުން އޮންނަ އީއީޒެޑް ކަނޑައެޅުމެވެ.

"މިއީ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް އަދި މި ސަރުކާރަށް ލިބުނު ރަނގަޅު ކާމިޔާބީއެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ވަކިކުރުމާ ގުޅޭ މައްސަލަ ނިންމުމާ އެކު، މިރޭ ބޭއްވި ކެބިނެޓުގެ ބައްދަލުވުން. (ފޮޓޯ/ރައީސް އޮފީސް

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އީއީޒެޑް ކަނޑަނޭޅި އޮތުމުގެ ސަބަބުން އެ ސަރަހައްދަށް ބޭރުގެ ފަރާތްތަކުން ވަދެ، ނުހައްގު ފައިދާތައް ހޯދަމުން ދިޔަ ކަމަށެވެ. އެހެންވެ، ސަރުކާރުގެ ވިސްނުމަށް ވެފައި އޮތީ، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސަރުކާރުން ވަކާލާތުކުރަމުން ގެންދިޔައީ އެންމެ ވެލިފުކެއްގެ މިންވަރެއް ވެސް ދޫނުދިނުމަށް،" ޝާހިދު ވިދާޅުވި އެވެ.

"މިއީ ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް ލިބުނު ނަސްރެއް، ފަތަހައެއް."

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ޝާހިދު ވެސް ވިދާޅުވި ގޮތުގައި، ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖޭގެ ގާނޫނީ ތާރީހުގައި ކުރިން ވެސް އަދި މި ފަހުން ވެސް އެއްވެސް ސަރުކާރަކުން ވަކާލާތުކޮށްފައެއް ނުވެ އެވެ. އޭނާ އެގޮތަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ނިސްބަތްކުރައްވާ ކަމަށް ބެލެވެ އެވެ. އޭގެ އިތުރުން ޗާގޯސްއަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ކުރީގެ އެއްވެސް ސަރުކާރަކުން ވަކާލާތުކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން:

  • ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްއަށް ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ކަނޑައެޅުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2017ގައި ކުރިއަށް ގެންދިޔައިރު ރާއްޖެއަށް ލިބުނީ އެ ކަމަށް ވަކާލާތުކުރަން ފަހު ފުރުސަތު

  • އޭރު ވެސް ރާއްޖޭން އެ ކަމަށް ވަކާލާތުކޮށްފައެއް ނުވޭ

  • ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޔާމީންގެ ސަރުކާރުގައި ރާއްޖޭން މޮރިޝަސްއާ އެކު ކޮށްފައިވާ މުއާމަލާތްތަކުގައި ވެސް، ރާއްޖޭން ވަނީ ކަނޑުގެ ފުށުއަރާ ބައި ބަހަން ނުވަތަ އެ މައްސަލަ ހައްލުކުރަން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައި

"އިދިކޮޅު ފަރާތްތަކުން ދަނީ އާންމުންނަށް އޮޅޭ ގޮތަށް މި ވާހަކަ ދައްކަމުން،" ޝާހިދު ވިދާޅުވި އެވެ.

އެނގުން މުހިންމު - އިޓްލޮސްގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ބެލި މި މައްސަލައިގައި މިއަދު އިއްވި ހުކުމްގައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބޮޑަށް ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ ރަސްމީ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

ހިކި ދިޔައިގައި ބްލެންހެމް ފަރު ފެނުން މަތީގައި އޮންނަ ކަމަށް މޮރިޝަސް އިން ބުނާ ބުނުމަށް ބާރު ލިބުނަސް އަދި އެ ފަރަކީ މޮރިޝަސްގެ އައްސޭރިފަށުގެ ބައެއްގެ ގޮތުގައި މި މައްސަލައިގައި ބެލިޔަސް، އެއީ ފުށުއަރާ ސަރަހައްދުގައި އިކުއިޑިސްޓެންސް ރޮނގު ދަމާއިރު ބޭސްޕޮއިންޓެއް ކަމަށް ނުބެލޭނެ ކަމަށް ހުކުމްގައި ނިންމި އެވެ.

އެ ކަންކަމަށް ބިނާކޮށް، އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދު ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:

  • ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު

  • މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު

އިތުރަށް ކިޔާލަން  -

އިތުރު އާޓިކަލް

އިތުރު އާޓިކަލް