ޖުމްހޫރީ ޕާޓިގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލީސް)
ޗާގޯސް މައްސަލައިގައި ސަރުކާރުން އަމަލުކުރާ ގޮތުން ގާސިމްގެ ނުރުހުން
ޗާގޯސް ރަށްތަކާ ގުޅޭ މައްސަލަ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދީ އިން ކަނޑައެޅުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލު ކުރަމުން އަންނަނީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ސަރުކާރުގެ އެއް ބައިވެރިޔާ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އެކަމާ މިއަދު ދެކޮޅު ހައްދަވައިފި އެވެ.
ވީ ކިހިނެއް؟ - ޗާގޯސް ރަށްތަކުގެ މިނިވަންކަމުގެ މައްސަލައިގައި ރާއްޖޭގެ ނިންމުން ބަދަލުކޮށް އެއީ މޮރިޝަސްއަށް ލިބެން ޖެހޭ ތަނެއް ކަމަށް ރާއްޖެއިން ވަނީ ބުނެފަ އެވެ. އަދި އެ ނިންމުމާ ވިދިގެން ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ ގޮތުން މިހާރު ހިނގާ މައްސަލައަށް އަސަރެއް ނުކުރާނޭ ކަމުގެ ޔަގީންކަން ދިނަސް ބައެއް ފަރާތްތަކުން އަންނަނީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހޭތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބުނީ ކީކޭ؟ - އެ ކަންބޮޑުވުންތަކާ ގުޅުވާ ޓްވިޓާ މެދުވެރިކުރައްވައި ގާސިމް އާންމު ކުރެއްވި މެސެޖެއްގައިި ވިދާޅުވީ ރާއްޖޭގެ ކަނޑުގެ އިން ވަކިކުރި ނަމަވެސް ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް، އިލްތިމާޒެއް އަދި ނެގެން އޮތް ފައިދާއެއް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި ގޮތުގައި:
-
ސަރަހައްދީ އިން ކަނޑައެޅުމުގެ ކަމެއްގައި ގޮތެއް ނިންމަން ވާނީ ރައްޔިތުންގެ ރުހުމާ އެކު އަދި އެއީ ގާނޫނީ ރޫހު އޮތް ގޮތް
-
އިކުއިޑޭޝަންގެ އުސޫލަކީ މައްސަލަ ހައްލުކުރަން އޮތް ހަމައެކަނި ގޮތް ކަމަށް ބުނެ އެގޮތަށް ދީލައިލުމަކީ ރަނގަޅު ގޮތެއް ނޫން
-
ރާއްޖެއަކީ ކަނޑުރޯއްޖަށް ބަރޯސާވާ ގައުމަކަށް ވާއިރު އަދި ޗާގޯސްއަކީ އަސްކަރީ ބޭހެއް އޮތް ސަރަހައްދަކަށް ވާއިރު ސަރަހައްދީ އިން ކަނޑައެޅުމުގައި މިހާރަށް ވުރެ ބޮޑަށް ރާއްޖޭގެ މަސްލަހަތު ހިމާޔަތްވާން ޖެހޭ
-
އެހެން ނޫނީ މުސްތަގުބަލުގެ، އަންނަން އޮތް ޖީލުތަކަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތް
"ރާއްޖޭގެ ބިން އެކަންޏެއް ނޫން، ރާއްޖޭގެ ޖައްވައި ކަނޑު ވެސް އެންމެ ކޮޑި އިންޗިއެއް ވެސް ގެއްލޭކަށް ނޫނީ ދޭކަށް، ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ. ރާއްޖޭގެ ކަނޑުގެ އިން ވަކި ކުރިޔަސް ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް، އިލްތިމާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ކޮށްލުމަކީ، ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫން،" ގާސިމް ވިދާޅުވެފައިވެ އެވެ.
އޭނާ ވަނީ އދ.ގެ ކަނޑުގެ ގާނޫނީ ހަމައިން ރާއްޖެއަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ހޯދަން ކްލައިމް ކުރެވޭނެކަން ފާހަގަކުރައްވައިފަ އެވެ. އެއަށް ފަހު އޭނާ އެދިވަޑައިގެންނެވީ، މި މައްސަލައިގައި ދިވެހިންގެ މަސްލަހަތު ހިމާޔަތްވާނެ އެންމެ ބޮޑަކަށް މަސައްކަތްކޮށްދެއްވައި ފީނެން އޮތް އެންމެ ފުނަކަށް ފީނައި ދިނުމަށެވެ. އަދި އަމިއްލަ މުދަލެއް "ބޮޑުބޭބެ"ގެ އެދުމަކަށް ދޫކޮށްނުލާނެކަން ޔަގީންކޮށްދިނުމަށް ވެސް ގާސިމް ސަރުކާރަށް ގޮވާލެއްވި އެވެ.