އަލިފާން ރޯވި ގަރާޖު ހުންނަ އިމާރާތުން މަރުވި މީހުންގެ ހަށިގަނޑު ނެރެނީ: މަރުވި 10 މީހުންގެ ތެރެއިން އަށް މީހުންނަކީ އިންޑިއާ މީހުން. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އަލިފާނުގެ ހާދިސާ: ކާކުކަން ނޭނގުނު މީހާއަކީ އިންޑިއާ ފިރިހެނެއް

އެއާ އެކު މަރުވެފައިވަނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެއް

މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން ކާކުކަން ދެނެނުގަނެވުނު މީހާއަކީ އިންޑިއާ މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އިސްކަންދަރު މަގާއި ކޯރުކެނޑި މަގާ ގުޅޭ ހިސާބުގައި ހުންނަ މ. ނިރުފެހިގޭގެ ގަރާޖެއްގައި ރޯވެ، އެ އިމާރާތުގެ މަތީ ދެ ފަންގިފިލާގައި ބިދޭސީން ދިރިއުޅޭ ތަނަށް ވެސް އޭގެ އަސަރުކޮށް ޖުމްލަ 10 މީހަކު މަރުވި އެވެ. ކާކުކަން ނޭނގޭ ވަރަށް ބައެއް މީހުން އެނދިއިރު، އެއީ ކޮން ބައެއްކަން އޭރު ކަށަވަރުވީ ނުވަ މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތް މީހަކާއި ބަންގަލަދޭޝްގެ ދެ މީހެކެވެ. އެއީ:

  • އިންޑިއާގެ ތިން އަންހެނުން އަދި ހަތަރު ފިރިހެނުން 

  • ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެއް

ތަފްސީލު - ފުލުހުން މިއަދު މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެނުގަނެވިވާ މީހާ އަކީ އިންޑިއާގެ ފިރިހެނެއްކަން މިހާރު ހޯދިފައިވާ ކަމަށެވެ.

މިއާ އެކު، މި ހާދިސާގައި އިންޑިއާގެ އަށް މީހަކު މަރުވެފައިވެ އެވެ.

ފުލުހުން މިއަދު އިތުރަށް ބުނީ:

  • މަރުވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީ އާއި އެމްބަސީތަކަށް ވަނީ ދީފައި

  • އާއިލާ އިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު ފޮނުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީ އާއި އެ ގައުމެއްގެ އެމްބަސީއާ ގުޅިގެން ފުލުހުން ދަނީ ކުރަމުން

އަލިފާން ރޯވާން ދިމާވި ސަބަބަކާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން އަދި އެއްޗެއް ބުނެފައި ނުވާއިރު، ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (3)

ފަރުދާ

13 ނޮވެމްބަރު 2022
ތި ވެސް ނަސީބެއް. އެކަމަކު ވަރަށް ދެރަ ހަބަރެއް ތީ
0 0

ރިފޫ

13 ނޮވެމްބަރު 2022
ދެން ހާމަ ކޮށްބަލަ އަލިފާން ހިފި ސަބަބު. އެއެއް ބުނޭ ނުދެވޭ
1 0

ފަޔާމެން

14 ނޮވެމްބަރު 2022
@ރިފޫ އަލިފާން ހިފި ސަބަބަކީ ކިރިޔާވެސް ކަންޏެއް ބުރައިފިއްޔާ އަލިފާން ހިފާ ވަރުގެ ނުރައްކާތެރި ތަކެތި އެތާ ގިނަ އަދަދަކަށް ހުރުން. އިނގިއްޖެ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް