އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު އެމްބިއުލާންސަކަށް އަރުވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ލައިވް

މާލޭގެ ގަރާޖެއްގައި ރޯވެ 10 މީހަކު މަރުވެއްޖެ

އިތުރު މީހަކު ސީރިއަސް ހާލަތުގައި
10 ނޮވެމްބަރު 2022
 
03:48 Nov 10, 2022

މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ރައްޔިތުން ހިމެނޭކަން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން 'ދައުރު'އަށް ކަށަވަރުކޮށްދީފި. ނަމަވެސް، އެއީ ކިތައް މީހުން ކަމެއް އަދި ޔަގީނެއް ނޫން.

 
03:03 Nov 10, 2022

މަރުވި މީހުންގެ ޖުމްލަ 10އަށް އަރައިފި

ފުލުހުންނާއި އެމްއެންޑީއެފުން ބުނި ގޮތުގައި، މަރުވެފައިވާ އިތުރު މީހެއްގެ ހަށިގަނޑު ދެންމެއަކު ވަނީ ފެނިފައި. އެއާ އެކު، މި ހާދިސާގައި މަރުވި މީހުންގެ ޖުމްލަ ވަނީ 10އަށް އަރާފައި.

 
02:21 Nov 10, 2022

އަވައްޓެރިން ބުނާގޮތުގައި ބިދޭސީން އުޅޭ އެ އިމާރާތުގައި 19 ވަރަކަށް މީހުން ނިދާ

 
02:18 Nov 10, 2022

އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ބޭރުގައި ސިފައިން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
 
02:14 Nov 10, 2022

މަރުވި އަދަދު 9 އަށް

މަރުވެފައިވާ އިތުރު މީހަކު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި. ޖުމްލަ އަދަދު މި އެރީ ނުވަޔަކަށް

 
02:13 Nov 10, 2022

މަރުވި މީހެއްގެ ހަށިގަނޑު އަރުވައިގެން އެމްބިއުލެންސެއް ނައްޓާލަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
 
02:07 Nov 10, 2022

އަށް މީހަކު މަރުވެއްޖެ: އެމްއެންޑީއެފް

މި ހާދިސާގައި އަށް މީހަކު މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި. އެ ތަނުން ބުނިގޮތުގައި ނިރު ފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ އެކު އެނގިފައިވަނީ އެ ގެއިން ނުވަ މީހަކު މަދު ކަމަށް. މިހާތަނަށް ނުވަ މީހަކު ވަނީ ފެނިފައި. އޭގެ ތެރެއިން އަށް މީހަކު މަރުވެފައިވާ އިރު އެކަކު އޮތީ އައިޖީއެމްއެޗުގައި. އިތުރު މީހަކު އިމާރާތުގައި ވޭތޯ ބެލުމަށް އަދިވެސް ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނި.

 
02:05 Nov 10, 2022

ހަވަނަ ބޮޑީ ބޭގް ނެރުމަށް ފަހު ވެސް އަނެއްކާވެސް އެމްބިއުލެންސެއް ވަނީ ކައިރިކޮށްފައި

 
02:00 Nov 10, 2022

ރޯވި އިމާރާތުގެ ތެރެއިން ހަވަނަ ބޮޑީ ބޭގް ނެރެފި

 
01:59 Nov 10, 2022

މިހާތަނަށް 5 މީހަކު ވަނީ މަރުވެފައި: ފުލުހުން

މި ހާދިސާގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާކަން ފުލުހުން ކަށަވަރުކޮށްދީފި.

ފުލުހުން ބުނިގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައި. އަދި ރޯވި ގޭގެ ތެރޭ މަރުވެފައި ތިބި ހަތަރު މީހެއްގެ ހަށިގަނޑު ވަނީ މޯޗަރީއަށް ގެންގޮސްފައި. ހޮސްޕިޓަލަށް ގެންދިޔަ ދެވަނަ މީހާގެ ހާލު ކްރިޓިކަލް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނި.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި 14 މީހަކު ވަނީ ސަލާމަތްކޮށްފައި

 
01:49 Nov 10, 2022

އިތުރު ބޮޑީ ބޭގެއް ނެރެ އެމްބިއުލެންސްގައި ގެންގޮސްފި. އެއާ އެކު އިތުރު އެމްބިއުލެންސެއް އަނެއްކާވެސް އިމާރާތް ދޮށަށް ވަނީ ކައިރިކޮށްފައި. 

ބޮޑީ ބޭގަކާ އެކު އެމްބިއުލެންސެއް ދެންމެ ނައްޓާލަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
 
01:38 Nov 10, 2022

އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ މ. ނިރުފެހި ކިޔާ ގެއެއްގައި. ކުރިން މައުލޫމާތު ދީފައި ވަނީ ރޯވީ ޖެހިގެން ހުރި ސެންރޯސްގައި ކަމަށް. ނަމަވެސް އެއީ އެރި އޮޅުމެއް ކަމަށް އެމްއެންޑީއެފުން ބުނި

 
01:36 Nov 10, 2022

އެނގިފައިވާ ގޮތުގައި، މިހާތަނަށް ނެރުނު ހަތަރު ބޮޑީ ބޭގް ގެންގޮސްފައިވަނީ މޯޗަރީއަށް

 
01:23 Nov 10, 2022

މި ހާދިސާގައި މަރުވީ ނުވަތަ ޒަހަމްވީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވޭ. ރޯވި އިމާރާތުގެ ތެރޭ މަރުވެފައި ވަނިކޮށް ފެނުނު މީހުންގެ އަދަދެއް އަދި ލިބިފައި ނުވާ ކަމަށް، އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން ހަނާ މުހައްމަދު މީގެ ބައި ގަޑިއެއްހާ އިރު ކުރިން ވަނީ މީޑިއާއަށް ވިދާޅުވެފައި

 
01:20 Nov 10, 2022

އެމްއެންޑީއެފުން ބުނިގޮތުގައި ފަތިހު 4:30 އެހާ އިރު އަލިފާން ވަނީ އެއްކޮށް ނިއްވާލާފައި

 
01:10 Nov 10, 2022

މި ހާދިސާއާ ގުޅިގެން ގެދޮރު ގެއްލުނު އަދި އަސަރު ފޯރާފައިވާ މީހުންނަށް އެހީތެރިވުމަށް މާފަންނު ސްޓޭޑިއަމްގައި މަރުކަޒެއް ގާއިމްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި

އެންޑީއެމްއޭގެ ޓްވީޓް
 
01:05 Nov 10, 2022

އަލިފާނުގެ ހަާދިސާ ހިނގި އިމާރާތް ވާތް ފަރާތުގައި. ރޯވި ގަރާޖުގެ ދަނގަޑު ދޮރު ހުރީ އަލިފާނުގެ ހޫނާ އެކު ބަނޑިވެފައި
 
01:02 Nov 10, 2022

އަދިވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، އަލިފާން ރޯވިތާ ފަސް ގަޑިއިރަށް ވުރެ ގިނަ އިރު ވަނީ ވެފައި.

 
00:31 Nov 10, 2022

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އެމްބިއުލެންސެއް މަޑުކޮށްގެން
 
00:25 Nov 10, 2022

އަލިފާންނިއްވާ މީހުން އަދިވެސް ގެންދަނީ އިމާރާތުގެ އެތެރެ ބަލާފާސްކުރަމުން. އެ މީހުން ހަތަރު ބޮޑީ ބޭގް ނެރުމަށް ފަހު އެތެރެއަށް ވަނީ ވަރަށް ބޮޑެތި ލައިޓްތަކެއް ހިފައިގެން

 
00:22 Nov 10, 2022

މިހާތަނަށް ހަތަރު ބޮޑީ ބޭގް އެމްބިއުލެންސަށް ވަނީ އަރުވާފައި. މަރުވެފައިވާ ކަމަށް ބެލެވޭ މީހުން ނެރުނީ ނޫސްވެރިންނާއި އާއްމުން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް ފަހު، ބޮޑީ ބޭގްތައް ނުފެންނާނެހެން ވަރަށް ބޮޑަށް ނިވާކޮށްގެން

ބޮޑީބޭގްތަކާ އެކު އެމްބިއުލެންސެއް ނައްޓާލަނީ
 
00:10 Nov 10, 2022

ރޯވި އިމާރާތުގެ ތެރެއިން ބޮޑީ ބޭގްތަކެއް ނެރެ އެމްބިއުލެންސަށް އަރުވަމުން އެބަދޭ

 
23:40 Nov 9, 2022

ރޯވި ގަރާޖު ހުރި އިމާރާތަކީ ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއް ކަމަށް އެ ހިސާބުގެ މީހުން ބުނޭ. އެއީ ބޭރަށް ފެންނަ ފެނުމުގައި ދެ ބުރިއަށް ހަދާފައިވާ ތަނެއް.

 
23:13 Nov 9, 2022

ރޯވި އިމާރާތުގައި މީހުން ތިބިތޯ ބެލުމުގެ މަސައްކަތް ސިފައިން ކުރަމުންދާ އިރު އެމްބިއުލެންސް ތައްޔާރީ ހާލަތުގައި
 
22:58 Nov 9, 2022

ދެ މީހަކު ނެރުނީ ރޯވި ގެއިން. އެ އިމާރާތުގައި އިތުރު ބަޔަކު ތިބުން އެކަށީގެންވާ ކަމަށް މައުލޫމާތު ލިބޭ. އަދިވެސް ބައެއް މީހުން ހަމަނުވާތީ ސިފައިން އަންނަނީ ހޯދުމުގެ މަސައްކަތްކުރަމުން

 
22:48 Nov 9, 2022

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އެމްބިއުލެންސެއް ތައްޔާރީ ހާލަތުގައި
 
22:41 Nov 9, 2022

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ އިމާރާތެއް ބަލާފާސްކުރުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ 
 
22:37 Nov 9, 2022

މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި އިމާރާތުގެ ތެރެއިން ނެރުނީ އަންހެނަކާއި ފިރިހެނެއް. ފުރަތަމަ ނެރުނީ ފިރިހެންމީހާ. އޭނާ ގެންގޮސް ސްޓްރެޗަރަށް ލީ އިރު ހަރަކާތްކުރި ތަން ފެނުނު. ނަމަވެސް އަންހެންމީހާ ނެރެގެން ސްޓްރެޗަރުގައި ގެންދިޔައިރު ހަށިގަނޑު އޮތީ ނިވާކޮށްފައި

3:15 - އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ އިމާރާތެއްގެ ތެރޭގައި ތާށިވި ކަމަށް ބެލެވޭ ދެ މީހަކު ނެރެފި. އެ ސަރަހައްދުގައި ތިބި 'ދައުރު'ގެ ނޫސްވެރިން ބުނިގޮތުގައި އެ ދެ މީހުން ސްޓެރަޗަރުގައި އެމްބިއުލެންސަށް އަރުވައިގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި.

ރޯވި ތަންތަނަށް ސިފައިން އަދިވެސް އަންނަނީ ފެންޖަހަމުން. މިހާރު ހުޅުގަނޑު ފެންނާކަށް ނެތް. ނަމަވެސް މުޅި ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު އެބަހުރި

ހާދިސާގެ ފުރަތަމަ ތަފްސީލްތައް

މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި މިރޭ ދަންވަރު ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ ދަންވަރު 12:27 ހާއިރު އެވެ.

"އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" އެ މެސެޖުގައިވެ އެވެ.

އެމްއެންޑީއެފުން ވެސް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ހާދިސާގެ މައުލޫމާތު މިރޭ ދަންވަރު 12:30 ހާއިރު ލިބުމާ ގުޅިގެން ފަޔަ އެންޑް ރެސްކިއުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ތަފްސީލް - އެ ސަރަހައްދުގައި ތިބި 'ދައުރު'ގެ ނޫސްވެރިން ބުނި ގޮތުގައި:

  • މ. ނިރުފެހި ކިޔާ ގޭގެ އެންމެ ތިރީ ބުރީގައި ހުރި އެ ގަރާޖުގައި ރޯވި އަލިފާންގަނޑު ގަޑިއެއްހާއިރު ފަހުން ވަނީ ކޮންޓްރޯލްކޮށްފައި

  • އެންމެ ފުރަތަމަ ހުޅުގަނޑު ވަރަށް ބޮޑަށް ފެތުރިގެން ދިޔަ 

  • ޖެހިގެން ހުރި ގުދަނަކަށް ވެސް އަލިފާނުގެ އަސަރު ކުރި

  • އަލިފާން ނިއްވުމުގައި ފަޔަ އެންޑް ރެސްކިއުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
  • އަލިފާން ނިއްވުމުގައި ފަޔަ އެންޑް ރެސްކިއުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
  • އަލިފާން ނިއްވުމުގައި ފަޔަ އެންޑް ރެސްކިއުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔަ އެންޑް ރެސްކިއުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އައި އިރު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. އޭނާ ވަނީ އެ ތަނުގައި ތިބި ސިފައިންނަށް އިރުޝާދު ވެސް ދެއްވާފަ އެވެ.

ޝަމާލް އެ ސަރަހައްދުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ޝަމާލް އެ ސަރަހައްދުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ގަރާޖަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ނަމަވެސް، ގެއްލުންތަކާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. އަދި މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް މިހާތަނަށް ސާފެއް ނުވެ އެވެ.

މި އަލިފާނުގެ ހާދިސާއާ ގުޅިގެން ކައިރީގައި ހުރި ގޭގޭން މިހާރު ވަނީ މީހުން ހުސްކޮށްފަ އެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ބުނީ މި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިދާރާ އިން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިފަދަ ހާދިސާތަކުގެ އަސަރުކުރާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ކުރަނީ އެންޑީއެމްއޭ އިންނެވެ.

ކުށެއްގެ އިސްލާހު: މި ލިޔުމުގައި އެންމެ ފުރަތަމަ 11 މަރު ކަމަށް ލިޔެފައިވަނީ އޭރު އެމްއެންޑީއެފުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެމްއެންޑީއެފުން ފަހުން ވަނީ އެއީ ކުށެއް ކަމަށް ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް