ރޭގެ އަލިފާނުގެ ހާދިސާގައި މަރުވި މީހުންތަކެއްގެ ހަށިގަނޑު އެމްބިއުލެންސްގައި ގެންދަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

10 މަރު: މިހާތަނަށް ރާއްޖޭގެ އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ

މަރުވި އެންމެންނަކީ ވެސް ބިދޭސީން ކަމަށް ބެލެވޭ. އެކަމަކު ރަސްމީ އިދާރާތަކުން އެކަން އަދި ކަށަވަރެއް ނުކޮށްދޭ
10 ނޮވެމްބަރު 2022
2

ފަހަރަކު މީހެއްގެ ހަށިގަނޑު، އެ ގެއިން ނެރެމުން ގެންދިޔަ އެވެ. އެކަމަކު ތިރީގައި ގަރާޖެއް ހިންގަމުން އައި އަދި މަތީގައި ބިދޭސީން ދިރިއުޅެމުން ގެންދިޔަ މ. ނެރުފެހިގޭގައި އެވަގުތު ތިބި މީހުން ހަމަނުވާކަމުގެ މައުލޫމާތު އެމްއެންޑީއެފް އާއި ފުލުހުންނަށް ދިނެވެ. ހެނދުނު 9އާ ހަމައަށް 10 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ އެވެ.

ރޭ ދަންވަރު 12:30 ހާއިރު ގަރާޖުގައި ކުއްލިއަކަށް ރޯވި އަލިފާންގަނޑުން ސަލާމަތްވާނެ ވަގުތެއް، މަތީގައި ދިރިއުޅެމުން އައި ގިނަ މީހުންނަކަށް ނުލިބުނެވެ.

މާލޭގައި މީގެ ކުރިން ހިނގާފައި ހުރި އަލިފާނުގެ ބޮޑެތި ހާދިސާތަކާ އަޅާބަލާ އިރު ނެރުފެހިގޭގައި ރޯވިރޯވުން ނިސްބަތުން ކުޑަ އެވެ. ކައިރީގައި ހުރި އެހެން ގޭގެއަށް ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން އަލިފާން ކޮންޓްރޯލް ވެސް ކުރި އެވެ. ނަމަވެސް މިހާ ގިނަ ބަޔަކު މަރުވުމުގެ ސަބަބަކީ ރޯވި އަލިފާންގަނޑު އިމާރާތަށް ފެތުރުނުލެއް އަވަސްކަމާއި ގަރާޖުގައި ހުރި އެއްޗެހިން ބޭރުވި ވިހަ ދުން ކަމަށް، ބައެއް މީހުން ބުނެ އެވެ.

ރޭ ފަތިހު އަލިފާން ނިއްވާލެވުނަސް މަރުވި މީހުން ނެރެން އެތައް ވަގުތެއް ހޭދަވި

ލިބެމުން އަންނަ މައުލޫމާތުތައް އަދި މުޅިން ސައްހައެއް ނޫނެވެ. އެކަމަކު ބައެއް އަވަށްޓެރިން ބުނާ ގޮތުގައި ގަރާޖެއް ހިންގުމުގެ އިތުރުން ގޭގެ މަތީ ބައިގައި އުޅެނީ ބިދޭސީންނެވެ. އެކަކު ބުނީ ގާތްގަނޑަކަށް 19 ބިދޭސީއަކު އެތަނުގައި ނިދާ ކަމަށެވެ. 

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ކޮން ޖިންސެއްގެ ބައެއް ކަމެއް ވެސް، އަދި ހާމައެއްނުކުރެ އެވެ. އާންމުކޮށް ބިދޭސީން އުޅޭ ތަންތަނުގައި ނިދަނީ ފިރިހެނުންނެވެ. އެކަމަކު މަރުވި މީހުންގެ ހުރިހާ ހަށިގަނޑެއް ފެނުމުގެ ކުރިން، ހަށިގަނޑު ނިވާކޮށްފައިވާ އަންހެނަކު ސްޓްރެޗާއަކަށް ލައިގެން އެމްބިއުލެންސަށް އެރުވި ތަން ފެނުނެވެ. އިމާރާތުން އެންމެ ފުރަތަމަ ނެރެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން މަރުވެފައިވަނީ، ބެލެވޭ ގޮތުގައި، އެ އަންހެންމީހާ އެވެ.

ގަރާޖާއި ވޯކްޝޮޕްތައް ވެސް ނުރައްކާ

މީގެ ތިން އަހަރު ކުރިން 20 ސެޕްޓެމްބަރު 2019ގައި، ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގީ އެހާ ތަނަށް އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. ކައިރީގައި ހުރި ގެއަކުން ނުނިކުމެވި ތާށިވި އަންހެނަކު މަރުވި އެވެ. ހަތަރު ގުދަނާއި ހަ ގެއެއް އެނދި އެވެ. ހާލުގައި ޖެހުނު މީހުންގެ އަދަދު 400 އަށް ވުރެ މައްޗެވެ.

މީގެ ހަ އަހަރު ކުރިން 18 އެޕްރީލް 2016ގައި، އޭރު މާފަންނުކޮޅުން މަޖީދީމަގުގައި ހިންގި ކޯސްޓްލައިން ފިހާރައިގައި ރޯވެގެން ވެސް ހިނގީ އެހާމެ ބޮޑު އަލިފާނުގެ ހާދިސާއެކެވެ. އެތައް ގެޔަކަށް ގެއްލުން ލިބި 130 މީހުން ހާލުގައި ޖެހުނެވެ.

20 ސެޕްޓެމްބަރު 2019 ގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވަން ސިފައިން މަސައްކަތްކުރަނީ: މިއީ މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ (ފޮޓޯ/ހުސެއިން ވަހީދު، މިހާރު)

އެއީ ކެމިކަލް އާއި އަަވަހަށް އަލިފާން ރޯވާ ޒާތުގެ އެއްޗެހި ހުރި ތަންތަނުގައި ރޯވި ރޯވުންތަކެވެ. އެކަމަކު މާލޭގައި ހިންގާ ގަރާޖުތަކާއި ވޯކްޝޮޕްތަކަކީ ވެސް ބޮޑު ނުރައްކަލެކެވެ. މީގެ 13 އަހަރު ކުރިން ގަލޮޅުގައި ހުރި ގުދަނެއްގައި ރޯވެ ހިނގީ އޭރަށް އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.

ގަރާޖާއި ވޯކްޝޮޕްތަކުގައި ވެސް ގޮވާ ޒާތުގެ އެއްޗެހި ރައްކާތެރިކަމެއް ނެތި ގެންގުޅެ އެވެ. ރޭ ރޯވި ގަރާޖަކީ ވެސް ނުރައްކާތެރި ތަނެއް ކަމަށް، ބައެއް އަވަށްޓެރި ބުންޏެވެ. 'ދައުރު'ގެ ރިޕޯޓަރުންނާ ވާހަކަ ދެއްކި އަވަށްޓެރިޔަކު ބުނީ އެތަނުގައި ކުރިން ވެސް އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށެވެ.

"އެއްވެސް ރައްކާތެރިކަމެއް ނެތި، އެގޮތް މިގޮތަށް އެއްޗެހި ހުންނާނީ،" އަވަށްޓެރިޔާ ބުންޏެވެ.

ކެމިކަލް ގުދަނުގައި ރޯވި އަލިފާނުގެ ބިރަށް ފަހު ސަރުކާރުން ވަނީ ތިން މަސް ދުވަހުގެ ތެރޭގައި ތިލަފުށީގައި ކެމިކަލް ގުދަންތަކެއް އަޅައިފަ އެވެ.

އެކަމަކު ގަރާޖުތަކާއި ވޯކްޝޮޕްތަކަކީ ވެސް، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހުރި ބޮޑެތި ނުރައްކަލެވެ.

ކުށެއްގެ އިސްލާހު: މި ލިޔުމުގައި އެންމެ ފުރަތަމަ 11 މަރު ކަމަށް ލިޔެފައިވަނީ އޭރު އެމްއެންޑީއެފުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެމްއެންޑީއެފުން ފަހުން ވަނީ އެއީ ކުށެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް (2)

ކިރަމް

10 ނޮވެމްބަރު 2022
މާލެއިން ނުފައިބާތި. ފިތިގެން ގޮސް މަރުވިޔަސް. ދިރިއުޅެން ކަމުދާ ތަނެއް ނޫން މާލެއަކީ
2 5

ޑަރކްހޯސް

10 ނޮވެމްބަރު 2022
އަލިފާނުގެ ހާދިސާގައި ފުރާނަ ގެއްލުމުގެ ފުރުސަތު ބޮޑުވަނީ ރޭގަނޑުގެ ނިދީގައި ވިހަ ދުން އިސްތިއުމާލުކުރެވި، ހުޅުގަނޑަށް ވުރެ ކުރިން ގިނަފަހަރަށް ބޮޑީ ޝަޓްޑައުންވެ، ކަމެއްވާކަމުގެ އިހުސާސް ނުރެވުމުން، ވީމާ ރައްކާތެރި ކަމުގެ ގޮތުން މީހުން ދިރިއުޅޭ ތަންތަނުގައި ފަޔަރ ސްޕްރިންކްލަރ ހަރުކުރުން އިމާރަތް ކުރުމުގެ ޤާނޫނުން ލާޒިމް ކުރުމަށް މިހިތާމަވެރި ދުވަހު ސަރުކާރަށާއި ކަމުވޮށިގެންވާ އެންމެހާ ފަރާތްތަކަށް ގޮވާލަން. ސަބަބަކީ އޭގެން ނިކުންނަ ފެނުން މީހުންނަށް ނިދިން ހޭލެވި ސަލާމަތް ވުމުގެ މަގު މާބޮޑަށްވެސް ފަހިވެފައި އޮތުން. ‎إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون
13 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް