މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އަނދާފައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ގަރާޖާ ހެދި އަވަށްޓެރިން ސިހިސިހި؛ އެ ބިރު ރޭ ހަގީގަތަކަށް
"އަލިފާން ހިފައިގެން އުޅޭ ވާހަކަ ފުރަތަމަ ރަށްޓެއްސަކު ގުޅާފައި ބުނީމަ ވެސް އަހަރެން ހަމަ ހިތަށް އެރީ އެ ގަރާޖުގައޭ އެ ރޯވީ،" ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް ބަޔަކު މަރުވި މ. ނިރުފެހި ގޭގެ ކުރިމަތީގައި ހުރި އިމާރާތެއްގައި ދިރިއުޅޭ އަންހެނަކު، ނަން ނުޖަހާ ގޮތަށް ކިޔައިދިނެވެ.
"ދުންތައް ފެނި އެމްބިއުލާންސްތަކާ އެއްޗެހި ދާ ތަން ފެނުނީމާ ވެސް އަހަރެންނަށް ސިފަވީ އެ ގަރާޖުގައި ރޯވެފައި ހުރި ތަން."
ލަކުޑިން ޑެކު އަޅައިގެން ތިން ބުރިއަށް ހަދާފައި ހުރި ނިރުފެހި ގޭގެ އެންމެ ތިރީގައި ހިންގަނީ ވެހިކަލް ގަރާޖެކެވެ. ރޭގެ އަލިފާންގަނޑު އެހާ ބޮޑުވެ، 10 މީހުން މަރުވާން ދިމާވި އެއް ސަބަބަކަށް އެ ގަރާޖު ވާނެ އެވެ. ސަބަބަކީ އެ ގަރާޖުގައި، އަލިފާން ހިފާ ފަދަ ގިނަ އަދަދެއްގެ ތަކެތި ހުރުމެވެ. އެ ގަރާޖު އެކީހެން ވަނީ އަނދައި އަޅިއަށް ވެފަ އެވެ.
އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު ފުލުހުންނާއި ސިފައިންނަށް އަދި ހޯދިފައި ނުވި ނަމަވެސް، އަވަށްޓެރިން ބުނާ ގޮތުގައި އެ ގަރާޖުގައި ގިނަ އަދަދަކަށް ގޭސް ފުޅި އާއި ތެލާއި ބާ ދަގަނޑު ވެސް އޮންނަނީ ފުނި ޖަހާފަ އެވެ. އަދި ވެލްޑިންގެ މަސައްކަތް ކުރުން ފަދަ ކަންކަން ކުރުމަކީ ވެސް އެ ތަނުގައި އާންމު ކަމެކެވެ.
"ފެންނާނެ އެތާ އެތެރޭގައި ސިނގިރޭޓް ބޯ ތަން ވެސް. އަނެއްކާ ހަމަ ގޭސް ސިލިންޑަރުތަކާ އެއްކޮށް ހުންނާނެ ބައިވަރު ދަގަނޑު ކޭބަލް ކަހަލަ އެއްޗެހިތައް ވެސް އެތާ އެތެރޭ ފުނިޖަހާފައި،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި އެހެން އަވަށްޓެރިޔަކު ކިޔައިދިނެވެ.
"އަބަދުވެސް ހިތަށް އަރާ މިހެން ކަންކަން ހުންނަންޏާ މިކަހަލަ ހާދިސާއެއް ދިމާވެދާނޭ."
3 މަސް ކުރިން ހާދިސާއެއް؛ އެއަށް ފަހު ބިރުގަނޭ
އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުން ދައްކާ އެއް ވާހަކައެއް އޮވެ އެވެ. އެއީ އަލިފާނުގައި އަނދައިގެން ދިޔަ ގޭގައި ހުންނަ ގަރާޖަކީ އަލިފާނުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވާ ތަނެއް ކަމެވެ. އެކަން އެމްއެންޑީއެފުން ވެސް ޔަގީންކޮށްދެ އެވެ.
އަވަށްޓެރިޔާ ކިޔައިދިން ގޮތުގައި، އެ އަލިފާން ހިފި ގަރާޖުގައި މީގެ ތިން މަހެއްހާ ދުވަސް ކުރިން ވެސް ވަރަށް ނުރައްކާތެރި ގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. ގަރާޖުގައި މަސައްކަތް ކުރާ ބައެއް މީހުންނާ ހަވާލާދީ އޭނާ ބުނި ގޮތުގައި، އެ ފަހަރު އަލިފާން ހިފީ ގޭސް ކަޓަރެއްގައި ރޯވެގެންނެވެ. އެ ފަހަރު ވެސް އަލިފާން ނިއްވާލީ ސިފައިން އެ ތަނަށް ގޮސްގެން ކަމަށް އޭނާ ބުންޏެވެ. އެފަހުން އެ ގަރާޖުގެ ރައްކާތެރިކަމާ ދޭތެރޭ އޭނާ ހުންނަނީ އަދި މާ ބޮޑަށް ބިރުންނެވެ.
"އެ ފަހުން، އެ ތަނުގައި އެފަދަ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރު އަބަދު ވެސް އޮވޭ. އެހެން ދޭތެރެ ދޭތެރެއިން އެ ވާހަކަ ދެއްކެން ވެސް ދެއްކޭ އެ ފަހަރު ވެސް ހަމަ ނަސީބަކުން ބޮޑު ކަމެއް ނުވެ ސަލާމަތްވީއޭ،" އޭނާގެ ކުޑަ ދަރިފުޅާ އެކު އެ ސަރަހައްދުގައި ދިރިއުޅޭ އެ މީހާ ބުންޏެވެ.
ބިދޭސީން ދިރިއުޅެން ވެސް ބޭނުންކުރާ ނިރުފެހިގޭގައި އެންމެ ފުރަތަމަ ހަދާފައި ހުރީ ގްރައުންޑް ފްލޯ ހިމެނޭހެން ދެބުރިއަށެވެ. ނަމަވެސް، އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ބިދޭސީން ދިރިއުޅެން ފެށުމަށް ފަހު، އިތުރު މީހުން ތިބެވޭ ގޮތަށް ފުރަތަމަ ބުރީގައި ލަކުޑިން ޑެކެއް އަޅައި އިތުރު ފްލޯއެއް ހަދައިގެން އެ ތަނުގައި ވެސް މީހުން އައީ ދިރިއުޅެމުންނެވެ.
ފުލުުހުންނާއި ސިފައިން ވެސް ލަފާކުރަނީ އެ ތަނުގައި 20އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށެވެ. އަދި އެ ތަނުގައި ކެއްކުން ފަދަ ކަންކަން ކުރާ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. އެންމެ ފުރަތަމަ ރޯވީ މަތީގައި ހުރި ގޭސްފުޅިއެއްގައި ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. އެކަމަކު މިއީ އަދި ހަމަ ވާހަކަ އެވެ.
އެކަމަކު އެއް ކަމެއް ޔަގީނެވެ؛ ނިރުފެހި ގެއަކީ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގާނެ ގޮތަށް އޮތް ބޮޑު 'ހާއްޔެއް' ކަމެވެ. އެ ތަނާ މެދު އަވަށްޓެރިންގެ ގަތް ބިރު ރޭ އެވީ އެންމެ ފަހުން ހަގީގަތަކަށެވެ. ނިރުފެހި ގޭގެ އަލިފާނަކީ ރާއްޖޭގައި މިހާތަނަށް އަލިފާނުގެ ހާދިސާއެއްގައި އެންމެ ގިނަ މީހުން މަރުވި ހާދިސާއަށް ވެސްވީ އެވެ.
-
ލައިވް ކަވަރޭޖު - މާލޭގެ ގަރާޖެއްގައި ރޯވެ 10 މީހަކު މަރުވެއްޖެ