އަމީނީ މަގުގެ ބައެއް ބަންދުކޮށް، އެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރައީސް އޮފީސް

ސަރުކާރުން ގަސް ކެނޑުން ދިފާއުކޮށްފި: 'އެއީ މަގުމަތީ އިންދާ ޒާތުގެ ގަސްތަކެއް ނޫން'

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވި ގޮތުގައި، އެ މަގު ތަރައްގީ ކުރުމަކީ ވެސް ބޭނުންތެރި ކަމެއް

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެ، އެ މަގު ހެދުމަށް ގަސްތައް ކެނޑުން ސަރުކާރުން ފުރަތަމަ ފަހަރަށް މިއަދު ދިފާއުކޮށްފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި، އެ މަގުގައި ހުރި ގަސްތަކަކީ މަގުމަތީ އިންދާ ޒާތުގެ ގަސްތަކެއް ނޫނެވެ.

މައްސަލައިގެ ފެށުން - ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ހެދުމަށް ފަށާފައިވާ 'މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު'ގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ވަނީ ފަށާފަ އެވެ. އެ މަަސައްކަތަށް، އެ މަގުގެ ހުރި ހިޔާދޭ ބޮޑެތި ގަސްތައް ހިމެނޭ ގޮތަށް ހުރިހާ ގަހެއް ކަނޑަން ވަނީ ފަށާފަ އެވެ. އެކަމަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ވީ ކިިހިނެއް؟ - ސަރުކާރުގެ ތަރައްގީގެ މަޝްރޫއޫތަކާ ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގަސް ކަނޑާ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިއުވާން ވަނީ އެކަން ދިފާއުކޮށް ވާހަކަ ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - މިއުވާން ވިދާޅުވީ "ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ބޭނުންވާނެ ގޮތެއް ނޫން" ކަމަށް ވިޔަސް، ބައެއް މަޝްރޫއޫތައް ކުރިއަށް ގެންދާއިރު، އެފަދަ "ބައެއް ކަންކަން ވެސް އެބަ ހިނގާ" ކަމަށެވެ. އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަނީ، އޭނާ ވިދާޅުވި ގޮތުގައި، ގަސްތަކުގެ މޫތައް ފެތުރިފައި ހުރި ގޮތުން ހޮޅި ވަޅުލުން ފަދަ ކަންކަމަށް ދަތި ވާތީ އެވެ.

"އެނގިވަޑައިގަންނަވާނެ އަމީނީ މަގުގައި އިންދާފައި ހުރި ގަސްތަކަކީ އާންމު ގޮތެއްގައި މި ކަހަލަ މަގުތަކުގައި އިންދާ ގަސްތަކަށް ވުރެ ތަންކޮޅެއް ތަފާތު ގަސްތަކެއް،" މިއުވާން ވިދާޅުވި އެވެ.

"ރާއްޖޭގައި ވެސް، މާލޭގައި ވެސް ފެން ފަށަލަ ފުދޭ ވަރަކަށް ތިލަކޮށް އޮންނާތީވެ، ގަހުގެ މޫތައް ވަރަށް ބޮޑަށް ފެތުރިގެން އެބަދޭ. ފެތުރިގެން ދިޔައީމަ، މަގުގައި މި ވަޅުލާ ހޮޅިތަކާއި ކޭބަލްތަކާ މި އެއްޗެއްސަށް ގެއްލުންވުމާ އަދި އެ ހޮޅިތައް ވަޅުލުމަށް ވެސް ދަތިތަކެއް އެބަ ދިމާވޭ."

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ވާހަކަ ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

މިއުވާން ވިދާޅުވި ގޮތުގައި، އަމީނީ މަގު މިހާރު އޮންނަ ގޮތުން ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް ވެސް ގިނަ އުދަނގޫތަކެއް ވެ އެވެ. އެހެންކަމުން، އެ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް އެ މަގު ތަރައްގީ ކުރުމަކީ ވެސް ބޭނުންތެރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއަށް އެ މަގުގެ ގަސްތަކެއް ކޮށާލާފައި: އަމީނީ މަގުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ނަގަން ވަނީ ނިންމާފައި. (ފޮޓޯ/ޓްވިޓާ/އަފްރާހު އިސްމާއީލް)

ގުޅުން ހުރި ކަމެއް - އަމީނީ މަގުގައި ހުރި ގަސްތައް ނަގަމުން ދާތީ، އެކަން ހުއްޓުވަން، ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މިއަދު ކޯޓަށް އެ މައްސަލަ ހުށަހަޅުއްވަން ވަނީ ނިންމާފަ އެވެ. ނަމަވެސް، އެ މައްސަލަ ކޯޓަށް ވެއްދި ކަމެއް އަދި ޔަގީނެއް ނޫނެވެ.

ފަސް މަންޒަރު - ގަސްތައް ނަގާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އާރްޑީސީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރި ދުވަހުން ފެށިގެން ވެސް، އެ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ ގޮތަކަށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ.

ނަމަވެސް، މާލޭގެ ހުރިހާ މަގުތަކާ އެއް ގޮތަށް އަމީނީ މަގަކީ ވެސް ފެނާއި ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތަކެއް ވެސް ވަޅުލާފައިވާ މަގަކަށް ވާތީ، އެ މަސައްކަތް ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް