އަމީނީމަގުގައިވާ ގަސްތަކުގެ ފެހިކަމާއި ހިޔާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އަމީނީމަގުގެ ގަސްތައް ސަލާމަތްކުރަން ޖެހެނީ ކީއްވެ؟
މުހިންމު ނުކުތާތައް
'ހީޓް އައިލެންޑް އިފެކްޓް'ގެ އަސަރު މާލެ އިން ދަނީ ވަރަށް ބޮޑަށް ފެންނަމުން
މާލެ ފަދަ އާބަން ތަންތަނުގައި ހޫނުމިން ދަށް ކުރުމަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެދެނީ ގަސްގަހުން
ގަސްތައް ނަގާފައި އަމީނީމަގުގައި ތާރުއެޅުމުގެ ސަބަބުން އާއްމުންގެ ކަރަންޓު ހަރަދު ބޮޑުވާނެ ކަމަށް ވެސް ބައެއް އެކްޓިވިސްޓުން ބުނޭ
އަހަރެމެން ދިރިއުޅޭ ތަން ތަރައްގީވެ، ދިރިއުޅުމަށް ފަސޭހަވެ، ލިބޭ ހިދުމަތްތަކާއި ފުރުސަތުތައް ގިނަވުމަކީ އެންމެން ވެސް އެދޭނެ ކަމެކެވެ. ބޮޑެތި އިމާރާތްތައް އެޅުމާއި މަގުތަކުގައި ތާރު އެޅުމާއި ފިނި ކޮޓަރީގައި އަރާމުގައި އުޅެވޭނެ ފެންވަރަށް ގެތައް ހެދުމުން ފަހުރުވެރިވެ، އުފާކުރެވެ އެވެ. މިއީ ދިރިއުޅުމުގެ މާއްދީ ފެންވަރު ރަނގަޅުވުން ކަމަށް ވިޔަސް، ސައިންސްގެ ނަޒަރަކުން ވިސްނާލާއިރު، ތިމާވެށި އެއްފަރާތްކޮށްފައި މިފަދަ ކުރިއެރުންތައް ހޯދުމުގެ ސަބަބުން ކުރިމަތިވާ ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ.
ކޮންކުރީޓު އިމާރާތްތަކާއި ތާރު އަޅައިގެން ނުވަތަ ބޯ ގާ ޖަހައިގެން ހަދާފައިވާ މަގުތަކުގައި އިރުގެ ހޫނުކަން ހިފަހައްޓަ އެވެ. މަގުމަތީގައި ދުއްވާ އުޅަނދުފަހަރާއި އެއާ ކޮންޑިޝަނިން ޔުނިޓުތަކާއި އިމާރާތްތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަނުން ވެސް ހޫނު އުފައްދަ އެވެ. މަގުތައް ހަނިވެފައި، ކައިރި ކައިރީގައި އިމާރާތްތައް ހުންނަ ނަމަ، ވައި ދައުރުވުން ދަށްވެ، މި ހޫނުކަން ސިޓީގެ ތެރޭގައި ގިނަ ވަގުތަށް ތާށިވެފައި ހުރެ އެވެ. އަދި އުޑުމަތި ސާފުވެފައި އަވި ގަދަ ނަމަ، ހޫނުމިން ވަކިން އިތުރުވެ އެވެ.
މި ކަންތައްތަކުގެ ސަބަބުން ސިޓީތަކުގެ ފިނިހޫނުމިން، ވަށައިގެންވާ މާހައުލާ އަޅާބަލާއިރު، އިންތިހާއަށް މައްޗަށް ދިޔުމަށް ކިޔަނީ 'އާބަން ހީޓް އައިލެންޑް އިފެކްޓް' އެވެ.
މާލެ އަކީ އާބަން ސަރަހައްދެއްގެ ހުރިހާ ސިފައެއް ހިމެނިގެންވާ ސިޓީއެކެވެ. އެހެންކަމުން، ދުނިޔޭގެ ފިނިހޫނުމިން ހަލުވިކަމާ އެކު މަތިވަމުންދާ މި ދަނޑިވަޅުގައި 'ހީޓް އައިލެންޑް އިފެކްޓް'ގެ އަސަރު ދަނީ މާލެއިން ވަރަށް ބޮޑަށް ފެންނަމުންނެވެ.
ގަސްތައް ކަނޑާފައި [އަމީނީމަގުގައި] ތާރު އަޅައިފިއްޔާ ހޫނުމިނަށް ވަރަށް ބޮޑު ތަފާތެއް އަންނާނެ. އަމީނީމަގުގައި ހުރި ހުރިހާ ގެއެއްގެ އަދި ކުންފުންޏެއްގެ ކަރަންޓު ބިލު ދާނެ މައްޗަށް. އެއީ ހަމަ ޔަގީންކަމެއް
'ހީޓް އައިލެންޑް އިފެކްޓް'ގެ ސަބަބުން ހޫނުމިން އެވަރެޖް ގޮތެއްގައި 2 ޑިގްރީ ސެލްސިޔަސް އިން އިތުރުވާ ކަމަށް ބެލެވެ އެވެ. އަދި ދުނިޔޭގެ ބައެއް ހިސާބުތަކުގައި 8 ޑިގްރީ ސެލްސިޔަސް އިން ހޫނުމިން މައްޗަށް ގޮސްފައިވާކަން ވެސް ރިކޯޑު ކުރެވިފައި ވެ އެވެ.
"ދުނިޔޭގެ ހުރިހާ އާބަން ސެންޓަރުތަކަކުން ވެސް މިހާރު މިކަންތައް ފެންނަމުން އެބަދޭ،" ތިމާވެށި އެކްޓިވިސްޓް އަދި ޒީރޯ ވޭސްޓް މޯލްޑިވްސްގެ ކޯ-ފައުންޑަރު އަފްރާހު އިސްމާއީލް ބުންޏެވެ.
"[ހީޓް އައިލެންޑް އިފެކްޓް] މެޕް ކުރާނީ މިސާލަކަށް ކަނޑާއި ފަޅުރަށަކާއި މީހުން ދިރިއުޅޭ ރަށަކާއި ސިޓީ އަކާއި މާލެއާ އަޅާކިޔައިގެން. އާބަނައިޒް ވާ ވަރަކަށް އެތަނެއްގެެ ފިނިހޫނުމިން މަތިވާނެ."
އަފްރާހު ބުނިގޮތުގައި ގަސް ގިނަ، ވެލި އޮންނަ ރަށަކާ އަޅާބަލާއިރު މާލޭގެ 'އެމްބިއަންޓް ޓެމްޕެރޭޗާ' ނުވަތަ ވައިގެ ފިނިހޫނުމިން މިހާރު މާ ބޮޑަށް ވެސް މަތިވާނެ އެވެ.
ހައްލަކީ ފެހިކަން އިތުރުކުރުން
ދުނިޔޭގެ އެކި ހިސާބުތަކުގައި ސައިންސްވެރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި 'ހީޓް އައިލެންޑް އިފެކްޓް' ދަށް ކުރުމަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވެނީ ގަސް އިންދައިގެންނެވެ. ގަސްގަހުން 'އިވޭޕޯޓްރާންސްޕިރޭޝަން' މެދުވެރިކޮށް ބޭރުކުރާ ވޯޓާ ވޭޕާގެ ސަބަބުން ވަށައިގެންވާ މާހައުލު ފިނިކޮށްދެ އެވެ. އަދި މަގުމައްޗަށާއި ވަށައިގެންވާ އިމާރާތްތަކަށް ހިޔާ ދީ، ހޫނުމިން ދަށްކޮށްދެ އެވެ.
ކޮޓަރީގައި ހަރުކުރާ ޒާތުގެ 10 އެއާކޮންޑިޝަނަރުން ފިނި އުފައްދާ މިންވަރަށް، ފޯދިފައިވާ އެންމެ ގަހަކުން ފިނި އުފައްދާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
"އަވީގައި ހުރެފައި ގަހެއްގެ ހިޔަލަށް ދާއިރު އިހުސާސު ކުރެވޭނެ ހަމަ ވަރަށް ބޮޑު ތަފާތެއް. މިސާލަކަށް، ބިލްޑިންތަކުން ވެސް ހިޔާ ލިބޭ ދޯ އެބަ؟ މާލޭގައި ވެސް ބިލްޑިންތައް އުސްކަމުން ބިލްޑިންތަކުން ހިޔާވެފައި އެބަހުރޭ ބައެއް ތަންތަން. އެކަމަކު ގަހެއްގެ ދަށުން ލިބޭ ހިޔާ އެއާ ތަފާތުވާނެ، މާ ފިނިވާނެ،" އަފްރާހު ބުންޏެވެ.
މިކަން ސާބިތުކޮށް ދިނުމަށްޓަކައި އަފްރާހު ވަނީ މާލޭގެ މަޖީދީމަގާއި އަމީނީމަގުގައި އަމިއްލައަށް އެކްސްޕެރިމެންޓެއް ހަދައިފަ އެވެ. އޭނާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ގާ އަތުރާފައިވާ މަގުތަކާއި ތާރު އަޅާފައިވާ މަގުތަކުގައި ވެސް، ގަހުގެ ހިޔާ ދަށުން ލިބޭ ވަރަށް ވުރެ، ފިނިހޫނުމިން މާބޮޑަށް ވެސް ދަށެވެ.
ސިޓީތަކުގެ 'ޕޮލިއުޝަން' ދަށްކޮށް، ވައި ސާފު ކުރުމުގައި ވެސް ގަސްގަހާގެހި ވަރަށް މުހިއްމު ރޯލެއް އަދާކުރެ އެވެ. ސިނާއީ މަސައްކަތްކުރާ ތަންތަނުންނާއި އެއްގަމު އުޅަނދުފަހަރުގެ އެގްޒޯސްޓުން ބޭރުވާ ކާބަންމޮނޮކްސައިޑް، ނައިޓްރަސް އޮކްސައިޑް، އޯޒޯން އަދި ސަލްފާޑައިއޮކްސައިޑް ފަދަ ވިހަ ގޭސްތަކާއި ދުމާއި ހިރަފުހާއި އެހެނިހެން މާއްދާތައް ފުރާނައިދެ އެވެ. ސައިންސްވެރިން ބުނާގޮތުގައި ހެދި ފޯދިފައިވާ ސިއްހަތު ރަނގަޅު ގަހަކުން އަހަރެއްގެ މައްޗަށް 21.6 ކިލޯގެ ކާބަންޑައިއޮކްސައިޑް ޖައްވުން މަދު ކުރެ އެވެ.
"ދެން އޭގެ އިތުރުން ހަމަ އޮންނާނެ، ގަހެއްގެ ސަބަބުން އެ ލިބޭ ހިތްހަމަޖެހުން. އެއަށް އެބަ އާދޭ ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ކަމެއް ވެސް. ތިމާވެއްޓާ ބޮޑަށް 'ކަނެކްޓް'ވޭ. ބޮޑު ކޮންކުރީޓު ޖަންގައްޔެއްގެ ތެރޭ އުޅެފައި ގަހެއް ކައިރިއަށް ދެވުނީމަ އެ ލިބޭ ހިތްހަމަޖެހުން އެއީ އަގު ނުކުރެވޭ ކަހަލަ އެއްޗެއް،" އަފްރާހު ބުންޏެވެ.
އެކަމަކު ދެރައީ، މާލޭގެ ފެހިކަން ކުޑަކަމެވެ. އަމީނީމަގުގެ ގަސްތައް ނަގަމުންދާތީ އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ސަބަބަކީ އެއީ އެވެ. މިހާރު ވެސް އެހާ ގަސް މަދު ސިޓީއެއްގައި، ހުރި މަދު ގަސްކޮޅު ހިމާޔަތް ކުރުން ވެސް މި އޮތީ ދަތި ކަމަކަށް ވެފަ އެވެ.
ހައްތަހާ ދާނީ ހޫނުވަމުން
ބަޔޯސައިންސް ޖާނަލްގައި، 11،000 ސައިންސްވެރިން އެއްބަސްވެގެން 2020 ވަނަ އަހަރު ޝާއިއުކޮށްފައިވާ ގޮތުން، ދުނިޔެ މިހާރު މިވަނީ މޫސުމީ ކާރިސާއެއްގެ ތުންފަތް މަތީގަ އެވެ. ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން މަތިވުމާއި އެކަމުގެ ސަބަބުން ތިމާވެއްޓަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު އެންމެ ފުރަތަމަ ކުރަން ފަށާނެ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނެ އެވެ.
ނާސާއިންނާއި ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު ދުނިޔޭގެ ފިނިހޫނުމިން އުފުލެމުންދާ ރޭޓުން ދާ ނަމަ 2050 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ %80ގައި މީހުންނަށް ދިރިނޫޅެވޭވަރު ވެދާނެ އެވެ. މިހާރު ވެސް، ރާއްޖެއަށް ވިއްސާރަކުރާ ދުވަސްތަކާއި މިންވަރަށް ބަދަލު އައިސް، އުދައެރުމާއި ރަށްގިރުން އިތުރުވެ ގެއްލުންތައް ދަނީ ބޮޑުވަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރާއްޖޭގެ ލީޑަރުން ގެންދަނީ ދުނިޔޭގެ ބޮޑެތި ޕޯޑިއަމްތަކުގައި ވަރަށް އަޑުހަރުކޮށް ވާހަކަދައްކަމުންނެވެ. އަދި، ދުނިޔޭގެ އެހެން ގައުމުތަކަށް ދައްކާ ވަރުގަދަ މިސާލެއްގެ ގޮތުން، 2030އަށް ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ރާއްޖޭން ވަނީ އަމާޒު ހިފާފަ އެވެ. ނަމަވެސް، މި އަމާޒަށް ވާސިލުވުމަށްޓަކައި، ރާއްޖެއިން ދައްކާ ވާހަކަ އާއި އަމަލު ދިމާވާން ޖެހެ އެވެ. ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި، ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ އުސޫލެއްގެ ދަށުން ކުރިޔަށް ގެންދަން ޖެހޭ ކަމަށް ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަމީނީމަގު ހެދުމުގެ މަޝްރޫއު ނަގަމާ ހިނގާށެވެ. ރާއްޖެއަށް އުމްރާނީ ތަރައްގީ ގެނައުމަށް ކުރާ މަސައްކަތުގައި ފަހަކަށް އައިސް މަގު ހެދުމުގެ ހުރިހާ ޕްރޮޖެކްޓެއްގައި ތާރު އަޅާ ގޮތަށް، އަމީނީމަގުގައި ވެސް ވަނީ ތާރު އަޅަން ނިންމާފަ އެވެ. ނަމަވެސް، މިއީ ރާއްޖެ ފަދަ ހޫނުގަދަ ގައުމަކަށް އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށް މިކަމުގެ މާހިރުން ބުނެ އެވެ.
"މިސާލަކަށް، ތާރު މަގަކަށް އަވި ދީފައި، ދެން އަވިގަނޑު ދިޔައީ. ދިޔަޔަސް ބިމުން އަރާ ދިލަ ހޫނުގަނޑު ހުންނާނެ އަދިވެސް،" އަފްރާހު ބުންޏެވެ. އެގޮތަށް 'އެބްޒޯބް' ވުމަށް ފަހު ބިމުން އަރާ ހޫނު މާ ގަދަ ވާނެ ކަމަށާއި އޭގެ ސަބަބުން 'އާބަން ހީޓް އައިލެންޑް އިފެކްޓް' އިތުރަށް ގޯސްވާ ކަމަށް އޭނާ ކިޔައިދިނެވެ.
ތާރުން އަރާ ހޫނުގެ ސަބަބުން މުޅި މަގުމަތީގެ ފިނިހޫނުމިން އިތުރުވެ، އޭގެ ސަބަބުން ގޭތެރެ ވެސް ހޫނުވާނެ އެވެ. އެހެންވުމުން، ގޭތެރެ ފިނި ކުރަން ޖައްސާނީ އޭސީ އެވެ. ދެން، އޭސީ ޔުނިޓުތަކުން ބޭރުވާ ހޫނު ވެސް، މަގުމައްޗާއި ވަށައިގެންވާ މާހައުލު އިތުރަށް ހޫނުކޮށްލަ އެވެ. އެހެންކަމުން، ގޭތެރެ ބޮޑަށް ހޫނުވާ ވަރަކަށް، ފިނި އުފައްދަން އޭސީއިން ކުރަންޖެހޭ މަސައްކަތް އިތުރުވެ، ހައްލެއް ނެތް ވަށްބުރެއްގައި ބެދެ އެވެ.
"ގަސްތައް ކަނޑާފައި [އަމީނީމަގުގައި] ތާރު އަޅައިފިއްޔާ ހޫނުމިނަށް ވަރަށް ބޮޑު ތަފާތެއް އަންނާނެ. އަމީނީ މަގުގައި ހުރި ހުރިހާ ގެއެއްގެ އަދި ކުންފުންޏެއްގެ ކަރަންޓު ބިލު ދާނެ މައްޗަށް. އެއީ ހަމަ ޔަގީންކަމެއް،" އަފްރާހު ބުންޏެވެ.
"މިހާރު ދުނިޔެ ހޫނުވާތީ އެހެން ކިޔާފައި އެއަށް 'ބްލޭމް' ކޮށްލަން ވަރަށް ފަސޭހަވާނެ. އެކަމަކު ތާރު އެޅުމުގެ ސަބަބުން ހަމަ ފާހަގަ ކުރެވޭ ބަދަލެއް އަންނާނޭ އަޅުގަނޑު ބުނާނީ."
މިކަމުގައި އަސަރު ކުރާނީ މީހުންގެ ކަރަންޓު ހަރަދަށް އެކަނި ނޫންކަން ފާހަގަ ކުރަމުން އަފްރާހު ބުނީ މިގޮތަށް މަޝްރޫއު ހިންގާ ނަމަ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ވެސް އިތުރުވާނެ ކަމަށެވެ. އޭނާ ދެކޭގޮތުގައި މިއީ ރާއްޖެއިން ހިފާފައިވާ ނެޓް ޒީރޯ އަމާޒަށް ވާސިލުވުމުގެ ބަދަލުގައި، ރާއްޖޭއިން ދޫކުރާ ގެދަބުޅި އިތުރުވާނެ ކަމެކެވެ.
"އެއީ، ކަރަންޓު ބިލު ބޮޑުވަނީ ކަރަންޓު ބޭނުންކުރާ ވަރު އިތުރު ވާތީ. ކަރަންޓު އިތުރަށް ބޭނުން ކުރަން މި ޖެހެނީ ތާރު އެޅީމަ [ހޫނު ގަދަ ވާތީ]. އޭގެ މާނައަކީ އަހަރެމެންނަށް ކަރަންޓުގެ ޑިމާންޑު ބޮޑު ކުރެވެނީއޭ، އަދި އާހިރުގައި، ކަރަންޓު އުފެއްދުމަށް އަންދާ ތެލުގެ މިންވަރު އިތުރު ކުރެވެނީއޭ،" އަފްރާހު ބުންޏެވެ.
އެހެންކަމުން، މާލޭގައި 'އާބަން ހީޓް އައިލެންޑް އިފެކްޓް' ކުޑަ ކޮށް، ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި މި ސިޓީގައި ހުރި މަދު ގަސްތައް ނުކަނޑާ، އަދި އިތުރަށް ވެސް ގަސް އިންދަން ވެއްޖެ އެވެ. މިފަދަ ކޮންކުރީޓު ޖަންގައްޔެއްގައި، ފޯދިފައި ހުންނަ ހިޔާދޭ ބިޔަ ގަސްތަކަކީ އަގުހުރި ޖަވާހިރުތަކެކެވެ.
ކޮމެންޓް (2)
އަޔާން
ޕިސްޕިސް