ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަމީނީ މަގުގެ ގަސްތައް ނެގުން ހުއްޓުވަން ނަޝީދު ކޯޓަށް ވަޑައިގަންނަވަނީ

އެ މައްސަލައިގައި ނަޝީދު ތަމްސީލުކުރައްވަނީ ޝުނާނާ އެންޑް ކޯ އެލްއެލްޕީން
28 ސެޕްޓެމްބަރު 2022
2

މާލޭގެ އަމީނީމަގު ތަރައްގީކުރުމަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ނަގަމުންދާތީ، އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ކޯޓަށް މައްސަލަ ހުށަހަޅުއްވަން ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - 'މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު'ގެ ދަށުން އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރާ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނެފައިވާ ގޮތުގައި ތާރު އަޅައިގެން އަމީނީމަގު ހެދުމަށް އެ މަގުން ގަސްތައް ނަގައި ސަރުކާރުން ބިން ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ ޕިކްނިކް އައިލެންޑް، ކުޑަގިރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، އަމީނީ މަގުގައި ހުރި ގަސްތައް ނެގުމާ މެދު ކަމާ ބެހޭ ފަރާތްތަކުން ދެވަނަ ވިސްނުމަކަށް ދިއުމަށް އެދިވަޑައިގެން، އެކަން ހުއްޓުވުމަށް ކޯޓަށް ދާން ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލް - އެ މައްސަލައިގައި ނަޝީދު ކޯޓަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން ހާމަކުރީ ޝުނާނާ އެންޑް ކޯ އެލްއެލްޕީ އިންނެވެ. އެ ލޯ ފާމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ނަޝީދުގެ ފަރާތުން މާދަމާ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅަނީ ގަސްތައް ނެގުމުގެ ސަބަބުން ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެތީ އެވެ. އަދި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންދެން މަސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދޭނެ ކަމަށް ވެސް އެ ލޯ ފާމުން ބުންޏެވެ.

އަމީނީމަގުގައި ހުރި ގަސްތައް ކަނޑަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބުނީ ކީކޭ؟ - އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ، މާލޭ ސިޓީ ކައުންސިލާއި އާރުޑީސީން ވެސް ގަސްތައް ނުކަނޑައި މަގުތައް ހެދޭނެ ގޮތެއް ހޯއްދަވާނެ ކަމަށް އެ މަނިކުފާނު އުންމީދުކުރައްވާ ކަމަށެވެ.

އެނގުން މުހިންމު - އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ކުރާ އާރުޑީސީން ބުނީ މަގުގައި ވަޅުލާފައި ހުރި ހޮޅިތަކާއި ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ ގަސްތައް ނުނަގާ މަގު ތަރައްގީކުރެވެން ނެތް ކަމަށެވެ.

އެ ނިންމާ އެކު މިހާރު ވަނީ އަމީނީމަގުގެ އިރުން ދަރުބާރުގެ ސަރަހައްދުގައި ހުރި ގަސްތައް ކޮށާލުމަށް ފަހު ނަގައިފަ އެވެ.

ގުޅުންހުރި ކަމެއް - ގަސްތައް ނަގާތީ ނަޝީދު ކޯޓަށް ވަޑައިގަންނަވާއިރު، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. 

ކޮމެންޓް (2)

ކިނބޫ

30 ސެޕްޓެމްބަރު 2022
އައްޑޫގަ އިމާރާތެއް އަޅަންވެގެން އެތާ އޮތް ކުޅި ހަލާކު ކޮށް އެތައްސަތޭކަ ގަހެއް ކެނޑި މައްސަލަ ހިފައިގެން ކަލޭ ޝަރިއަތަށް ދޭބަލަ.
0 0

ސުމައްޔާ

28 ސެޕްޓެމްބަރު 2022
ނަޝީދު މިހާތަނަށް ކުރި ކަންކަމުގެ ތެރެއިން މަށަށް ތާއީދު ކުރެވުނު ކަމަކީ މިއީ. މިކަމުގައި މިހިރީ ނަޝީދާއެކު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް