މި ހިތުގެ ޝިފާ

ވާހަކަ

ވާހަކަ: މި ހިތުގެ ޝިފާ - ފަސްވަނަ ބައި

21 އޯގަސްޓު 2024
3

ޝިފާގެ ހިތް ތެޅިގަތީ ކިޔާން ޝިފާގެ އަތުގައި ހިފައިލީމަ އެވެ.

"ވަން ލާސްޓް ޑާންސް؟" ކިޔާން އެދުނީ ހުއްދައަކަށެވެ.

ޝިފާ އެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި މަޑުމަޑުން ބޯޖަހައިލި އެވެ. ބޭނުން ނުވިއަސް ފަހު ފަހަރޭ ހިތަށް އަރުވާލައިފައި ފުރުސަތު ދިނީ އެވެ.

އެއަށް ފަހު ދެ މީހުން އެކީ ގޮސް އެންމެންގެ މެދުގައި ހުއްޓުމާއެކު މިއުޒިކު ޖަހަން ގޮވީ ސަމާ އެވެ. ކިޔާން އަތްތިލަ ހުޅުވާލައިފައި ދިއްކޮށްލުމުން އެ އަތުގައި ޝިފާ އަތް ބާއްވާލި އެވެ. އަނެއް އަތުން ކިޔާންގެ ކޮނޑުމަތީ ހިފާލުމާ އެކު ކިޔާން ވެސް އޭނަގެ އަނެއް އަތުން ޝިފާގެ އުނަގަނޑާ ހިސާބުން ހިފަހައްޓާލި އެވެ.

ލަސް މިއުޒިކާ އެއްވަރަށް ދެ ޒުވާނުން ހަރަކާތްތެރިވަމުން ދިޔައިރު ވަށައިގެން ތިބި އެންމެންގެ ލޯތައް އެ ދެ މީހުންނަށް ހުއްޓިފަ އެވެ. އަދި ޝިފާ އާއި ކިޔާންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓިފަ އެވެ. ލޮލާއި ލޮލުން އެތަކެއް މެސެޖު ބަދަލުކުރެވެމުން ދިޔަ އެވެ. ފުރަތަމަ އެކަކު އަނެކަކަށް ނަޒަރު ހުއްޓުނު ވަގުތުން ފެށިގެން އައިސް ވާހަކަދައްކަން ފެށުމާ ހަމައިން ބައްދަލުވުންތައް ފެށިގެން އެ ގުޅުން ކުރިއަށް ދިޔަ ގޮތުގެ ހަނދާންތައް ފިލްމެއްގެ މަންޒަރުތައް ފަދައިން ދެ މީހުންގެ ހިޔާލަށް ފެންނަމުންދިޔަ އެވެ.

ދުރުގައި ބަލަން ހުރި ސަމާއަށް ފެނުނީ ނިންމާލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކިޔާން ޝިފާ ކައިރީ ކޮންމެވެސް އެއްޗެކޭ ބުނިތަނެވެ. ޖަވާބުގައި ޝިފާ ވެސް އެއްޗެއް ބުންޏެވެ. އެއާއެކު ކިޔާންގެ ކުލަވަރު ބަދަލުވި އެވެ. އެކަމަކު އަދިވެސް ހަމަ އޭގެ ޖަވާބުގައި ކިޔާން ވާހަކަދެއްކި އެވެ. ކިޔާން ހިނިތުންވެލީ މިއުޒިކު ހުއްޓުނު ފަހުން ޝިފާ ބޯޖަހައިލީމަ އެވެ.

ސަމާގެ ތުންފަތަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

އެނބުރި އައި ގޮތަށް ޝިފާ އެއްފަރާތަކަށް ޖެހިލީ ފޯނަކަށް ޖަވާބުދޭން ވެގެންނެވެ. ކިޔާން އައިސް ކައިރިއަށް ހުއްޓުމާ އެކު ސަމާ އުޅަބޮށިން ކޮށްޓައިލި އެވެ.

"ޝީ ސެއިޑް ނޯ،" ކިޔާން އިއްވައިލި އެވެ.

"ވަޓް؟ އެކަމަކު އަހަރެން ދުށިން ކިޔާން ސްމައިލްކުރިތަން..." ސަމާ ކިޔާންއާ ދިމާއަށް އެނބުރިފައި ހައިރާންވެފައިވާ އަޑަކުން ވާހަކަދެއްކި އެވެ. ކިޔާން ޖަވާބުދޭން އުޅެފައި ހުއްޓައިލީ ޝިފާ އެދިމާއަށް އަންނަތަން ފެނުނީމަ އެވެ.

"އަހަރެން ދެން ގެއަށް ދިޔަސް އޯކޭތަ؟ އަވަހަށް ނިދަންޖެހޭނެ. ފަތިހު ހޭލަން ވެސް ޖެހޭނެ،" ޝިފާ އައިސް ކައިރިވެފައި ހުއްދައަކަށް އެދުނެވެ.

"ހިނގާ އަހަރެން ގެންގޮސްދޭނަން،" ކިޔާން ހުށައެޅި އެވެ.

"އުނހު ކިޔާންއަކަށް މި ގަޑިއަކު ނުދެވޭނެ. ޕާޓީ ނުނިމެނީސް ހޯސްޓަކަށް ނުދެވޭނެ. ޝިފާ އެކަނި ހިގައިނދާނެ،" ސަމާ ކިޔާންގެ އަތުގައި ހިފަހައްޓައިފައި މަނާކުރި އެވެ. އޭނަ ޝިފާގެ މޫނަށް ބަލައިލީ ހިތްހަމަނުޖެހިފަ އެވެ.

"އެއީ ތެދެއް. އަހަރެން ހިނގައިދާނަން،" ޝިފާ ޖަވާބުގައި ބުނެލި އެވެ.

ނަސީބަކުން ކިޔާން ވެސް އިތުރަށް ޝިފާ ފަހަތުން ދާކަށް ނޫޅެ އެވެ.

ގަޑިއެއްހާއިރު ފަހުން ޓެރެސްމަތި އޮތީ ހިމޭންވެފަ އެވެ. އެތާ އުޅުނު މީހުންތައް އެކި ދިމަދިމާއަށް ގޮސް ގެއްލިއްޖެ އެވެ. ހަމައެކަނި ތިބީ ކިޔާން އާއި ސަމާގެ އިތުރުން ކިޔާންގެ އިތުރު އެކުވެރިއެކެވެ. ކިޔާންގެ އެކުވެރިޔާ ނިދިޖެހިފައި އޮތީ ތިރީގައި ފަތުރާފައި އޮތް ކާޕެޓެއްގެ މަތީގަ އެވެ. އެއްފަރާތެއްގައި ހުރި ހަމައެކަނި ދެ ގޮނޑީގައި ހަށިގަނޑު ދަމާލައިގެން ސަމާ އާއި ކިޔާން ތިއްބެވެ. އުޑުމަތީގައި ވިދާ ބަބުޅަމުންދާ ތަރިތައް ގުނާ އަދަދުނުކުރެވޭހާ ގިނަ އެވެ.

"އެންމެފަހުން ޝިފާ ކީކޭ ބުނީމަ ކިޔާން އެހާ ހިނިއައީ؟" ސަމާ ހިމޭންކަން ފުނޑުކޮށްލާފައި ވާހަކަދެއްކި އެވެ.

"އަހަރެން ބުނީ އެކުވެރިން ގޮތުގައި ތިބެން. އެކަމަށް ޝިފާ އެއްބަސްވީ،" ކިޔާން އިއްވައިލި އެވެ.

ސަމާއަށް ތެދުވެ އިށީނދެވުނެވެ. އޭނަ ކިޔާންއާ ވީ ފަރާތަށް އެނބުރި އިނދެގެން ތަރުހީބުގެ އަތްތިލަބަޑިއެއް ދިނެވެ.

ކިޔާން އަޅައިވެސްނުލާ ބަލަން އޮތެވެ.

"އަހަރެން މީ ކިޔާން ނަމަ ޝިފާ ހިނގާ މަގަކުންވެސް ދެން ނުހިނގާނަން،" ސަމާ ހަށަންބަނދެލި އެވެ.

"އައި ޖަސްޓް ވޯންޓު ހާ ޓު ބީ އިން މައި ލައިފް..." ކިޔާން މާޔޫސްވެފައިވާ ރާގެއްގައި އިއްވައިލި އެވެ.

ޝިފާ އެގޮތަށް އޭނައާ އަލުން ގުޅެން އެއްބަސްނުވެދާނެ ކަމަކަށް ކިޔާން ކުޑަކޮށް ވެސް ގަބޫލެއްނުކުރެ އެވެ. ޝިފާގެ ކުލަވަރާއި އަމަލުތައް ވެސް ހުރީ އެއާ އިދިކޮޅަށެވެ. ކޮންމެ ކުލަވަރަކުން އަދި އަމަލަކުން ޝިފާ އަދިވެސް އޭނަ ދެކެ ލޯބިވާކަން ދިޔައީ ފާޅުކޮށްދެމުންނެވެ. ދީނަކީ ހަމަ އެހާ ވަރުގަދަ އެއްޗެއް ހެއްޔެވެ؟ އޭނައަށް ދަސްވެފައިވާ ގޮތުން ވިއްޔާ ދީނަކީ އެ މީހެއްގެ އަމިއްލަ ޒާތީ ކަމެކެވެ. އަދި އެއީ އެ މީހެއްގެ އެހެން ހުރިހާ ކަމަކާ ވަކިން ސިއްރުވެފައި އޮންނަ ކަމެކެވެ.

"ޝިފާއަށް އެނގުނީ ކަންނޭނގެ އަހަރެން ޗޭންޖުވާން ބުނީ ހަމައެކަނި އޭނައާ ގުޅިގެން އުޅެންކަން. އެހެންވެ ދުރުގަ ހުންނަން ޝަރުތުތަކެއް އެ ހުށައެޅީ،" ކިޔާން އަނެއްކާވެސް މަތި ބަލަން ފެށި އެވެ.

"އެނގޭނެ. ތި ދެ މީހުންނަށް ވެސް މިހާރު އެކަކު އަނެކަކު ދޮގު ހަދަންޏާ ފާހަގަކުރަން އެނގޭނެ،" ސަމާ އެ ވާހަކައާ އެއްބައިވި އެވެ.

"އެހެންވީއިރު އަހަރެން ހަމަ އަސްލުގަ ވެސް ވީ ކަންނޭނގެ ޗޭންޖުވާން،" ކިޔާން ވިސްނައިލި އެވެ.

***

ގެއަށް ގޮސް ޝިފާ ގުޅީ އޭނަ ޕާޓީގައި ހުއްޓާ އިތުރު އެކުވެރިއަކު ގުޅާފައި ދިން ނަންބަރަކަށެވެ. އޭނަ ކިޔާންއާ ވަކިވާން ނިންމި ނިންމުމަށް ފަހު ސަމާއާ އެއް ގެއެއްގައި އެކީ އުޅެން ފަސޭހަ ނުވާނެކަން ގަބޫލުކުރެވިއްޖެ އެވެ. ސަމާ ހުރީ ކިޔާންގެ ފަޅީގަ އެވެ. ވަފާތެރިވާން ބޭނުންވަނީ ކިޔާންއާ އެކު އޮތް އެކުވެރިކަމަށެވެ. ވާނީ ވެސް އެހެންނެވެ. ކިޔާން ކަހަލަ އެކުވެރިއަކު ދޫކޮށްލަން ބޭނުންވާނީ ކާކު ހެއްޔެވެ؟ ކިޔާންއަކީ އެކުވެރިންނަށް ފައިސާއިން ވާރޭވެއްސާ ދީލަތި ޒުވާނެކެވެ. އޭގެ ބަދަލުގައި ޝިފާގެ ފަރާތުން ސަމާއަށް ދޭނެ ހަމަ އެކައްޗެއް ވެސް ނެތެވެ. ނަސޭހަތުގެ ބަސްކޮޅެއް ނޫނީ އެވެ. އަދި އެއީ ސަމާ އަދި ގަބޫލުކުރަން ތައްޔާރަށް ހުރި ނަސޭހަތެއްކަމުގައި ނުވެ އެވެ.

ޝިފާ ފޯނު ބޭއްވީ، ތަން ބަލަން ދާން ޖެހިގެން އައި ދުވަސް ހަމަޖައްސައިފަ އެވެ. ވަގުތީ ގޮތުން ވިއަސް އެތަނުން ނިކުމެވެނިކޮށް އޭނައަށް ނިމުނީ އެވެ. ފަހުން ހަމަޖެހިލައިގެން ވެސް ރަނގަޅު ތަނެއް ބެލިދާނެ އެވެ. ފޯނު ޝިފާ ބޭއްވީ އެލާމްކޮށްފައި ކައިރީ ހުރި ކަބަޑު މަތީގަ އެވެ. އިންސްޓަގްރާމް ހުޅުވައިގެން ރީލް ބަލަން އޮވެއްޖެ ނަމަ ބާރަ ޖަހަންދެން ވެސް އޮވެވިދާނެ އެވެ. އެހެންވެ އޭނަ ފޮތެއް ހުޅުވާލައިގެން ކިޔަން ފެށި އެވެ. ކުޑައިރުކޮޅެއް ވީތަނާ ނިދި އަންނަން ފަށައިފި އެވެ. ޝިފާ ފޮތް ބާއްވާފައި ރަޖާ އަޅައިގެން އޮށޯތެވެ. އޭނާއަށް ނިދޭކަށް ގިނައިރެއް ނުނެގި އެވެ.

ޖެހިގެން އައި ދުވަހު ޝިފާ އޮފީހަށް ދާން ތައްޔާރުވެގެން ނިކުތްއިރު ސަމާ ފެންނާކަށް ނެތެވެ. އޮފީހަށް ނުދާކަން އެނގުނީ ހަރުގައި ހުރި ފައިވާންތަކަށް ބަލާފަ އެވެ. އަދި ސަމާ ބޭރަށް ދަމުން ގެންދާ ތަޅުދަނޑި ވެސް ފެންނަ ހިސާބުގައި އޮތެވެ. ރޭގައި ގެއަށް އައި އިރެއް ވެސް ނޭނގެ އެވެ. އެހެންވެ ނުހޭލެވުނީ ކަމަށް ވެދާނެ އެވެ. އަދިވެސް ވަގުތުކޮޅެއް އޮތުމުން ނުގޮވާ ދާން ނުކެރިގެން ޝިފާ ދޮރުފަތުގައި ޓަކި ދިނެވެ. ސަމާ ތެދުވެގެން އައީ އިރުކޮޅެއް ފަހުންނެވެ.

"އެއޮތް ގަޑި ޖެހެނީ. އޮފީހަށް ނުދަނީތަ މިއަދު؟" ޝިފާ އެކުވެރިޔާއަށް ބަލައިލާފައި އެހިއެވެ.

ސަމާ ހުރީ ނިދިމޫނާ އެވެ. އިސްތަށިގަނޑު ހޭވިފައި އޮތްއިރު ލައިގެން ހުރީ ނިދަން ލާ ޓީޝާޓަކާއި ސޯޓެކެވެ.

"ނުދަން މިއަދަކު،" ސަމާ ވަގުތުން ޝިފާގެ މޫނަށް ދޮރުޖެހި އެވެ.

ޝިފާ ކުޑަކޮށް ސިހުނެވެ. ހިތް ތެޅިގަތެވެ. އޭނަ ބަލަން ހުރެލާފައި ގޮސް ތަޅުދަނޑި ނަގައި ދަބަހަށް ލައިގެން ދާން ނިކުތެވެ.

ނިންމަންޖެހޭ މުހިންމު މަސައްކަތެއް އޮތުމުން ބޭރަށް ދިއުމުގެ ބަދަލުގައި ބަނޑުހައިކަން ފިލުވާލަން ކޮފީއަކުން ފުއްދާލަންވެގެން ގޮސް ސައިކޮޓަރި ދޮރުމައްޗަށް އެރިއިރު އެތެރެއިން އިވެމުންދިޔަ ވާހަކަތަކަކުން ހުއްޓުން އެރި އެވެ.

"ކިޔާންއާ ޝިފާ ރުޅިވީ؟ ނުވާނެ އެހެނެއް. ކާކު ދެއްކި ވާހަކައެއް؟" އެކަކު ސުވާލުކުރާ އަޑު އިވުނެވެ.

"މަށެއްނު މި ބުނީ. ގަބޫލުކޮށްބަލަ. ވަރަށް މުޖައްރިބު ފަރާތަކުން ދިން ހަބަރެކޭ މީ،" އެހެން ކުއްޖަކު ޖަވާބުދިނެވެ.

"މިހާރުގެ ކުދިން އުޅޭގޮތެއްނު އެއީ ކިޔާން ލައްވާ ހުރިހާ ހަރަދެއް ކޮށްފަ ހިތް ފުރުނީމަ ރުޅިވީ،" ޝިފާގެ ހިތަށް ހީވީ ކަށްޓެއް ހަރައިލި ހެންނެވެ.

"އިންނަން ބޭނުންވަނީ ޝެއިހަކާއޯ،" ދެވަނައަށް ވާހަކަދެއްކި ކުއްޖާ ބުނެލި އެވެ. އެއާއެކު އެންމެން ހޭން ފެށި އެވެ.

ޝިފާ އެތެރެއަށް ވަނީ އެގަޑީގަ އެވެ. އޭނަ ބަލާ ވެސް ނުލާ ގޮސް ކޮފީ މެޝިން ކައިރިއަށް ހުއްޓުނެވެ. ފުރަގަސްދީގެން ހުރިއިރު އެމީހުން ސިއްރު ކިޔާފައި އަނެއްކާ ހޭން ފެށި އެވެ. ޝިފާއަށް އަސަރު ކުރި ނަމަވެސް އޭނަ އެކަމެއް ނުދައްކަ އެވެ. ކޮފީ ތަށި ހިފައިގެން އެ މީހުން ކުރިމަތިން އައިސް އެތަނުން ނިކުތެވެ.

ކެބިންއަށް ވަދެވުމާ އެކު މޭޒުމަތީ ޖޯޑު ބަހައްޓާފައި ދެ އަތުން ނިތުގައި ހިފަހައްޓާލެވުނެވެ. ފޯނަށް އެއްފަހަރާ ބައިވަރު ނޯޓިފިކޭޝަންތަކެއް އައިސްގެން ދިއްލެން ފެށި އެވެ. ޝިފާ ފޯނު ހުޅުވާލިއިރު ވައިބާ މެސެޖުތަކެކެވެ. އޮފީސް ގުރޫޕްގައި އޭނައަށް ނޭނގޭ ޖޯކެއް ކުރިއަށްދަނީ ކަހަލަ އެވެ. ދައްކަނީ އެތާ އުޅޭ ބައެއްކުދިންގެ "ކްރަޝްއެއް" ހުސްވި ވާހަކައެވެ. އެ ބުނާ މީހެއްގެ ސިފަތައް ކިޔާލިއިރު ހީވީ ކިޔާންގެ ވާހަކަ ދައްކަނީ ހެންނެވެ. މެސެޖުތައް ކިޔަމުން ޝިފާ ވިސްނައިލި އެވެ. އޭނަ ހަނދާންވި އެވެ. އޮފީހުގެ ފަރާތުން ބޭއްވި ހަފްލާއަކަށް އޭނައާއެކު ކިޔާން އައިސް ގިނަ ބަޔަކާ ވާހަކަދައްކައި ތައާރަފްވި އެވެ. އަދި ސައި ކޮޓަރިތެރޭގައި ވެސް އެ މީހުން ކިޔާންގެ ވާހަކަދެއްކި ގޮތުން ހީވީ އެއީ ހަމައެކަނި އޭނަގެ ލޯބިވެރިއެއްގެ ހައިސިއްޔަތުން އެ މީހުން ދަންނަ މީހެއް ނޫންހެންނެވެ.

ފޯނު ބަންޑުން ބާއްވާފައި ޝިފާ މަސައްކަތަށް އެނބުރުނެވެ. އޭގެ އިރުކޮޅެއް ފަހުން ވައިބްރޭޓްވާން ފެށުމުން މީހަކު ގުޅަނީކަން ޝިފާ އަށް އެނގުނެވެ. ބަލާލިއިރު ސަމާ ގުޅަނީ އެވެ.

"ހަލޯ،" ޝިފާގެ އަޑުގައި ހައިރާންކަން ވި އެވެ.

"ފެނިއްޖެ ދޯ ގުރޫޕްގައި ދައްކާ ވާހަކަތައް؟" ސަމާ ކޮށްލީ ސުވާލެކެވެ.

ޝިފާއަށް ވަގުތުން އެ ބުނި އެއްޗެއް ދޭހަވި އެވެ. އޭނަ އިހުތިޔާރުކުރީ ހިމޭންކަމެވެ.

"ޝިފާ ހީކުރީ ކިޔާން ޝިފާ ފަހަތުން އުޅެނީ އޭނައަށް އެހެން ގޮތެއް ނެތީމަ ކަމަށްތަ؟ ޝިފާގެ ނަސީބު އެއީ. ހަމައެކަނި އޮފީސް ގުރޫޕުން ވެސް ފެނިއްޖެއެއްނު އޭނައާ ހެދި އަންހެންކުދިން އުޅޭވަރު،" ސަމާ އަދިވެސް އެއްފަހަރު ޝިފާގެ ގޯސް ނިންމުމުގެ ވާހަކަ ހަނދާންކޮށްދޭން ގުޅީ އެވެ.

"ބާއްވަނީ،" ޝިފާ ފޯނު ކަނޑައިލި އެވެ. އޭނަ ފޯނު ނިއްވާލައިފައި ކޮފީ ތަށީ ނަގައި ކޯވަރެއް ބޯލި އެވެ.

އޮފީސް ނިންމާފައި ގެއަށް ދިއުމުގެ ބަދަލުގައި ޝިފާ ދިޔައީ އޭނަ ކުއްޔަށް ހިފަންވެގެން ބަލަން ބުނި ކޮޓަރި ހުންނަ ސަރަހައްދަށެވެ. ރޭގައި އޭނަ ގުޅައިގެން ވާހަކަދެއްކި އަންހެންމީހާއަށް ގުޅައިގެން ގޮސް ކައިރި ހިސާބެއްގައި މަޑުކޮށްލި އެވެ. މަދު މިނިޓްކޮޅެއްގެ ތެރޭގައި މެދު އުމުރަށްދާ އަންހެނަކު ސްކޫޓީއެއްގައި އައިސް ކައިރިކޮށްލި އެވެ. ޝިފާ ކައިރީ ވަންނަން ދޮރެއް ދައްކާފައި އެ މީހާ ދިޔައީ ސައިކަލު ޕާކް ކުރާށެވެ.

ސިޑިބަރިއަކުން އަރައިގެން ގޮސް ވަދެވުނީ ދެފަރާތުން ވަދެވޭ ދޮރުތަކެއް ފެންނަން ހުރި ކޮރިޑޯއަކަށެވެ. އަންހެންމީހާ ފަހަތުން އައިސް ވަނީ ޝިފާ އެތާ މަޑުކޮށްގެން ހުއްޓަ އެވެ.

"އަހަންނަށް ކިޔަނީ ސޮބީހާ،" އަންހެންމީހާ ތައާރަފް ދީފައި ދަބަހުން ތަޅުދަނޑި ފައްޗެއް ނެގި އެވެ.

"ޝިފާ،" ޝިފާ ވެސް އަމިއްލަ ތައާރަފްދިނެވެ.

ޝިފާ ފަހަތުލައިގެން ގޮސް އަންހެންމީހާ ހުޅުވީ ދެވަނައަށް ވަދެވެން ހުރި ދޮރެވެ. ކޮޓަރިއަކާއި ކެއްކޭ ގޮތަށް ވަކިކޮށްލާފައި ހުރި ކުޑަ ތަންކޮޅެއްގެ އިތުރުން ދެން ހުރީ ކުޑަކުޑަ ބެލްކަނިކޮޅެކެވެ. ފާހާނާ ވެސް އަދި ކޮޓަރި ވެސް ހުރީ ވަރަށް އާކޮށެވެ. އެހެންވެ އެއްވެސް ކަހަލަ މަރާމާތެއް ކުރާކަށް ނެތެވެ. ބޮކިތައް ދިއްލެ އެވެ. އިސްކުރުތަކުން ރަނގަޅަށް ފެން އާދެ އެވެ. ދޮރުތަކުގެ ތަޅުތައް ވެސް މަސައްކަތް ކުރެ އެވެ.

ޝިފާއަށް ހަމައެކަނި މައްސަލައަކަށް ވީ އޮފީހާ ދުރުވުމެވެ. ހިނގާލައިފައި ދަންޏާ ނިކަން ކުރިން ގެއިން ނިކުންނަން ޖެހޭނެ އެވެ. އަދި އަގު ވެސް ހީކުރި ވަރަށް ވުރެ ބޮޑެވެ.

ވިސްނާފައި ޝިފާ ނިންމީ އެތަނަށް ނިކުންނާށެވެ.

ހަފްތާ ބަންދާ ދިމާކޮށްފައި "މޫވިން ކޮމްޕެނީ" އަކާ ގުޅައިގެން ގެ ބަދަލުވުމުގެ މަސައްކަތް ޝިފާ ފެށި އެވެ. އޭގެ ދެ ދުވަހެއް ކުރިން ސަމާ ކައިރީ އެ ވާހަކަ ބުނީ އެރޭ ކާން ނިކުމެ އުޅެފަ އެވެ. ސަމާ މާބޮޑަކަށް އަޅައެއްނުލަ އެވެ. ބުނީ ޝިފާ ނިކުންނައިރަށް އެތަނަށް އަންނާނެ ކުދިން މިހާރު ވެސް އެބަތިބި ކަމުގަ އެވެ.

ދިޔައިރު ޝިފާ ގެންދިޔައީ އޭނަގެ ކޮޓަރީގައި ހުރި ސާމާނެވެ. ބޭރުގައި ހުރި ސޯފާ އާއި ފޮތް ހަރު ބެހެއްޓީ ސަމާއަށެވެ. ބަދިގެއިން ވެސް އޭނަ އެއްވެސް އެއްޗެއް ނުގެންދެ އެވެ. ސަމާއަށްވުރެ މަތީ މަގާމެއްގައި އުޅެފައި މުސާރަ ވެސް ބޮޑީ ޝިފާ އެވެ. އަދި އެހެން ނޫނަސް އެތަނުގައި ކައްކާ ކައި ހަދާކަށް ޝިފާ ގަސްތެއްނުކުރެ އެވެ. ބަދިގެ ސާމާނު ގަންނާނީ އިތުރު ތަނެއް ހޯދައިގެން ނިކުމެފަ އެވެ.

"ސަމާ. ތެންކިއު ފޯ އެވްރީތިން. އަބަދުވެސް ސަމާއަށް އުފާވެރި ދުވަސްތަކަކަށް އެދެން. އަހަރެންގެ ހެޔޮ ދުއާ އަބަދުވެސް ސަމާއާއެކު ވާނެ،" ޝިފާ އެންމެ ފަހު ވަގުތު ނިކުންނަންވެގެން ސަމާ ކައިރިއަށް އައިސް ވާހަކަދެއްކި އެވެ.

ސަމާ އިނީ ކާމޭޒު ދޮށުގައި ލެޕްޓޮޕުން ކޮންމެވެސް އެއްޗެއް ބަލަމުން މެންދުރު ކާށެވެ. ސަމާ ތަޅުދަނޑީގައި ހިފާފައި ބޯޖަހައިލި އެވެ.

"ވިލް މިސް ޔޫ،" ޝިފާ ހިނގައިގަތް ވަގުތު ސަމާ ބުނި އަޑު އިވުނެވެ.

ޝިފާ އެނބުރި ބަލާލައިފައި ހިނިތުންވެލި އެވެ. އެވަގުތު ސަމާ ވެސް ހިނިތުންވެލި އެވެ.

ބޭރަށް ނިކުތްއިރު ކިޔާން މަޑުކޮށްލައިގެން ހުރީ ކާރުގެ ދޮރުފަތުގައި ލެނގިލައިގެންނެވެ. ޝިފާއަށް ހުއްޓެވުނެވެ. ދެން އަނެއްކާވެސް ހިނގައިގެންފައި ގޮސް ކިޔާންއާ ކައިރިވި އެވެ.

"އަހަރެން ނުވެސް އަހާނަން ކިޔާން ކައިރީ އަހަރެން ބަދަލުވާ ވާހަކަ ބުނީ ސަމާތޯއެއް،" ޝިފާ ހަށަންބަނދެލަމުން ވާހަކަދެއްކި އެވެ.

"އެހެންވިއްޔާ އަހަރެން ވެސް ނުބުނާނަން އެއީ ސަމާއެކޭ،" ކިޔާން ދޮރުފަތާ ދުރަށް ޖެހިލާފައި އެނބުރި އެ ދޮރުފަތް ހުޅުވާލައިފައި ޝިފާ އަރަން އިޝާރާތްކޮށްލި އެވެ.

"އަހަރެން ދާނީ އެ މީހުންނާ އެކު،" ޝިފާ ދައްކާލީ ތަންކޮޅެއް ދުރުގައި އޮތް ޕިކަޕެވެ.

"އެންމެ ފަހު ފަހަރަށް!" ކިޔާންގެ ބޭނުމަކަށްވީ އަދިވެސް އެއް ފަހަރު އެ ޖުމްލަ ޝިފާގެ މައްޗަށް މަސައްކަތްކުރޭތޯ ބެލުމެވެ.

ޝިފާ އެއްބަސްވެ ބޯޖަހައިލިތަން ފެނުމުން ކިޔާންގެ ތުންފަތަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވި އެވެ.

"މިހެން އެންމެ ފަހު ފަހަރު ކިޔަމުން ގޮސް ކިޔާންއާ އަހަރެން ފަހު ފަހަރަށް ބައްދަލުވާ ދުވަސް ވެސް އަންނާނެ އިނގޭ،" ކިޔާން އަނެއް ފަރާތުން އަރައި އިށީނުމާ އެކު ޝިފާ ވާހަކަދެއްކި އެވެ.

"ހާދަ މާޔޫސްވާ ކަހަލަ ވާހަކައެއް ތިދައްކަނީ؟ ޝިފާއެއްނު ބުނީ އަހަރެމެން އެކުވެރިންގެ ގޮތުގައި ތިބެން އެއްބަހޭ. އެކުވެރިކަން ދެމިއޮންނާނީ ބައެއް ފަހަރު މީޓްކޮށްލާ އެކީ ތަންތަނަށް ގޮސްލާ އުޅުނީމަ،" ކިޔާން ކާރު ދުއްވާލައިފައި ޖަވާބުދިނެވެ.

"އަހަރެން އެކަމަށް ބުނި ބަހުގެ މާނައަކީ އަހަރެން ކިޔާންއާ ރުޅިން ވާހަކަނުދައްކައެއް ނޫޅޭނަމޭ،" ޝިފާ އޮޅުންފިލުވައިދިނެވެ.

"ދެއާ ގޯޒް މައި ލާސްޓް ހޯޕް..." ކިޔާން އެއް އަތް މޭމަތީގައި އަޅާލަމުން ބުނެލި އެވެ.

ޝިފާ ބަލަން ފެށީ ދުރެވެ. އޭނަ އިތުރަށް އެ ވާހަކަ ކުރިއަށް ގެންދާކަށް ގަސްތެއް ނުކުރި އެވެ.

(ނުނިމޭ)

ކޮމެންޓް (3)

އައިޝާ

21 އޯގަސްޓު 2024
އަދިވެސް ވާނުވާއެއް ނޭގޭ🤔
0 1

ޒާނާ

21 އޯގަސްޓު 2024
ކިހިނެތް މިވަނީ. ބައެއްފަހަރު ހީވޭ ސަމާ ކިޔާންދެކެ ލޯބިވާހެންވެސް. އަދިހަމަ ވާވަދެފަ މިއޮތީ... ސަޅި މިބައިވެސް.
3 0

ކިޔުޓީ ގާރލް

21 އޯގަސްޓު 2024
މި ބައި ވެސް ވަރަށް ރީތީ މާޝާ ﷲ އަނެއްބައި ކިޔާލަން ލިބޭނެ އިރަކަށް އިންތިޒާރު ކުރަނީ ހެޔޮނުވާނެ ކިޔާން އާ ޝިފާ ދުރުނުކުރޭ ޝިފާ ވެސް ކިޔާން ދެކެ ލޯބިވޭ މިއީ ވަރަށް ސަޢުގުވެރި ކަމާއެކު ކިޔާ ވާހަކައެއް
1 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް