މި ހިތުގެ ޝިފާ

ވާހަކަ

ވާހަކަ: މި ހިތުގެ ޝިފާ - ތިންވަނަ ބައި

11 އޯގަސްޓު 2024
1

ދުވަސްތަކެއް ފަހުން ބިލާލް ޝިފާއާ ދިމާކޮށްފައި ދަރަނި އަދާކުރަންވީ ވަގުތު ޖެހުނީކަން ހަނދާންކޮށްދިނެވެ. ޝިފާ އަޑުއަހަން ހުއްޓެވެ. އެ ވަގުތު ބިލާލް ބުނި އެއްޗަކުން އަތް މުށްކަވައި ބާރުކޮށްލެވުނެވެ.

ހުރިހާ މައްސަލައެއް ވެސް ފެށުނީ އެ ދުވަހު އެވެ. އެ ދުވަހު ޝިފާއަށް ބިލާލްގެ އެދުން ފުއްދައިނުދެވުނު ނަމަ އެވެ.

***

ސަމާ ހޭލައިގެން ކޮޓަރިން ނިކުތްއިރު ޝިފާ ކޮފީ ތަށި ހިފައިގެން އިނީ ބަދިގެ މޭޒު ކައިރީގަ އެވެ. ކުޑަކުޑަ ވަށްމޭޒެއްގެ ދޮށުގައި ބަހައްޓާފައި ހުރި ދެ ގޮނޑިން ކުރެ އަނެއް ގޮނޑިއަކީ ސަމާގެ ގޮނޑި އެވެ. ކައްކާ ތަންކޮޅާއި ސިޓިންރޫމު ހުންނަނީ އެއްކޮށެވެ. ކުޑަ ތަންކޮޅެއް ދުރުގައި އެމީހުން "ތުރިފްޓް" ފިހާރައަކުން ގަތް ދުވަސްވީ އެކަމަކު ރީތި ސޯފާއަކާއި އޭގެ ކުރިމަތީ ބިއްލޫރި ވަށްމޭޒެއް ހުއްޓެވެ. ފާރުތަކުގައި ލާފައިވާ ހުދުކުލަ ބާވެ ހިސާބަކަށް ހުރީ ރަތްވެފަ އެވެ. އަދި ގަދަ މުށިކުލަ ލާފައިވާ އެޕާޓްމަންޓުގެ ދޮރުފަތްތަކުން ވެސް ދަވާދު ފޮޅިފަ އެވެ. ތަން ބާކޮށް ހުއްޓެއްކަމަކު ސާފު ތާހިރުވެފައި ދެ އަންހެންކުދިން ގެންގުޅޭ ފޮތް ހަރަކާއި ފާރުގައި ހަރުކޮށްފައިވާ ރީތި ކުރެހުންތަކުން ތަނަށް ހިތްގައިމުކަމެއް ގެނެސްދީފައި ވެ އެވެ.

ބަދިގޭގައި އުނދުން ބަހައްޓާފައިވާ މޭޒުގެ މަތީގައި ކުޑަވަރެއްގެ ދެ ކަބަޑު ހަރުކޮށްފައި ހުއްޓެވެ. އެ މީހުން ކައްކަން ގެންގުޅޭ ސާމާނުތައް ހުންނަނީ އޭގަ އެވެ.

"ގުޑް މޯނިން،" ސަމާ ވަދެގެން އައިސް ފެން ކައްކާ ޖަގުގައި އަތް ޖައްސާލީ ހޫނުކަން ހުރިތޯ ބަލައިލާށެވެ.

"މޯނިން،" ޝިފާ ޖަވާބުދިންއިރު ނަޒަރު ހުރީ އަތުގައި އޮތް ފޯނަށެވެ. އޭނަ ކޮފީ ބޯން އިނދެގެން ފޯނު ހާވަނީ އެވެ.

ކޮފީ ގިރައިގެން ސަމާ ވެސް އައިސް އަނެއް ގޮނޑީގައި ޖައްސައިލި އެވެ. ޖޯޑު މޭޒުމަތީ ބަހައްޓާފައި އޭނަ އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލި އެވެ. ސަމާއާ ހިލާފަށް ޝިފާ އިނީ ނިދާހެދުން ބަދަލުކޮށްގެން ތިރިއަކާއި މަތިކޮޅެއްގަ އެވެ.

ސަމާ ކުޑައިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ޝިފާއަށް ބަލަން އިނެވެ. ޝިފާއަށް އެކަން އިހްސާސްވާކަށް ގިނައިރެއް ނުނެގި އެވެ.

"ކީކޭ ބުނަން ތިއުޅެނީ؟" ޝިފާ އަދިވެސް އިސްއުފުލައިލުމެއްނެތި ސުވާލުކުރި އެވެ.

"އަހަންނަށް އަހާލެވިދާނެތަ ޝިފާ ކިޔާންއާ ވަކިވާން ބޭނުންވާ ސަބަބު؟" ސަމާ އެދުނީ ހުއްދައަކަށެވެ.

އެންމެ ގާތް އެކުވެރިޔާއަށް ވިއަސް އެއީ އޭނަގެ ހުއްދަ ހޯދައިގެން ނޫނީ އޮޅުންނުފިލުވޭނެ ސިއްރެއްކަމުގައި ހިތް ބުނެލި އެވެ.

ޝިފާ ހަތަރުކަޅި ހަމަކޮށްލީ އެހިސާބުންނެވެ. ފޯނު މޭޒުމަތީ ބާއްވާފައި ކޮފީ ތަށި ނަގައި ކޯވަރެއް ބޯލި އެވެ. ސަމާއަށް ބަލައިލާފައި ދުރު ބަލައިލި އެވެ. ތިރީ ތުންފަތުގައި ދަތް އަޅައިގެން އޭނަ އިރުކޮޅަކު އިނެވެ. ދެން އަނެއްކާވެސް އެމޫނަށް ނަޒަރު ހުއްޓައިލި އެވެ.

"އަހަރެން އަދި އެއްވެސް މީހަކާ އިންނާކަށް ތައްޔާރެއް ނޫން،" ޝިފާ ބުނެލި އެވެ. "އެންޑް ބިފޯ ޔޫ ސޭ އައި ކެން ސްޓިލް ގެޓް އެންގޭޖްޑް، އަހަރެން މި ބުނީ އެއްވެސް މީހަކާ.. އޭގެ މާނައަކީ އަހަރެން ޑޭޓްކުރާކަށް ވެސް ބޭނުމެއް ނޫން."

"ދެން ޝިފާ ބޭނުންވަނީ ކޮން ކަމެއް؟" ސަމާ ވާހަކަދެއްކީ ކުޑަކޮށް ރުންކުރުވެފަ އެވެ.

ކިޔާންއަކީ ހަމައެކަނި ޝިފާގެ ލޯބިވެރިޔާއެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި ކިޔާން ވެފައިވަނީ ސަމާގެ ވެސް އެކުވެރިއަކަށެވެ.

"އަހަރެން ބޭނުންވަނީ އަހަރެންގެ ދިރިއުޅުން މިހާރު މި އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށްލަން. އަހަންނަކަށް ނޭނގެ އެކަން ވާނީ ކިހިނެއް ކަމެއް އަދި އެކަން ވާނެ ކަމެއް ވެސް. އެކަމަކު އަހަންނަށް ޔަގީންވާ އެއް ކަމަކީ އަހަރެން މިހާރު މި ހުރި ހާލަތުގައި ހުރެ މަރުވެގެންދާން ބޭނުން ނުވާކަން،" ޝިފާ ފުރަތަމަ ފަހަރަށް އޭނަގެ ހިތުގެ ހާލަތު އެކުވެރިޔާގެ ކުރިމަތީ ހާމަކުރި އެވެ.

"ދިޒް އިޒް އެބައުޓް ދަ އެކްސިޑެންޓް،" ސަމާއަށް ވިސްނުނެވެ.

ވަގުތުން އެ މޫނުގެ ކުލަވަރު ބަދަލުވި އެވެ.

"އައިމް ސޯ ސޮރީ ޝިފާ. މިހެން މިވީ އަހަރެންގެ ސަބަބުން. ކިޔާން ބުނަން ވެސް ބުނި ޝިފާ ތެރަޕީއަށް ގެންދަން. އަހަރެން އޭނައަށް ހިޔާލުދިނީ ތެރަޕީއެއް ނޫނޭ ބޭނުންވަނީ ކިޔާފަ. އޭނަ އަމިއްލައަށް ވެސް ބުނި މާ އަވަހޭ އެންގޭޖްވާން،" ސަމާ ކިޔާންގެ ދިފާއުގައި ފެށި އެވެ.

ޝިފާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލި އެވެ. ސަމާއަށް ނީނދެވިގެން އައިސް ޝިފާ ކުރިމައްޗަށް ހުއްޓުނެވެ.

"ޝިފާ އަޑުއަހާބަލަ! ކިޔާން އިޒް ދަ ވަން ފޯ ޔޫ. އޭނަ ޝިފާއާ ދޭތެރޭ ހާދަ ވިސްނައޭ. ހާދަ ލޯބިވެއޭ. ހެޔޮނުވާނެ ތިހެން އޭނަގެ ހިތް ހަލާކުކޮށްލާކަށް. ރުޅިނުވެ ބްރޭކެއް ވެސް ނެގިދާނެއެއްނު،" ސަމާ މަސައްކަތްކުރީ ޝިފާއަށް ވިސްނައިދެވޭތޯ އެވެ.

"އަހަންނަށް އެހެން ކަމަކާ ވިސްނޭނީ ފުރަތަމަ އަހަރެންގެ އަމިއްލަ ނަފްސަށް ހަދާނެ ގޮތަކާ މެދު ވިސްނާފަ. އަހަންކަށް ނޭނގެ ކިހާ ދުވަހެއް ކަމެއް ނަގާނީ އަހަރެން ފަށަން މި އުޅޭ ދަތުރަށް،" ޝިފާ އަދިވެސް އެއްފަހަރު ކިޔާން އޭނަގެ ދިރިއުޅުމުގައި އިތުރަށް ޝާމިލްކުރެވެން ނެތް ސަބަބު ހާމަކުރި އެވެ.

"ޝިފާ ތީ ކޮންކަހަލަ މީހެއް؟ މިއޮތްހާ ދުވަހު އެކީގަ ތި އުޅުނީ ކިޔާން ދެކެ ލޯބިވެގެނެއް ނޫންތަ؟ އޭނަގެ އުމުރުން ކިހާ ދުވަހެއް ތި ބޭކާރުކުރީ. ނުވިތާކަށް އޭނަ ޝިފާއަށް ކުރިހާ ހަރަދޯ،" ސަމާ ގޮސް ގޮނޑިއަށް ވެއްޓިގެންފައި ހަށަން ބަނދެލަމުން ކުރީގެ ހިތްހަމަނުޖެހިފައިވާ ރާގުގައި ވާހަކަދެއްކި އެވެ.

ޝިފާގެ މޫނު ރަތްވެގެން އަ އެވެ. އޭނަ ވަގުތުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ސަމާއަށް އޭނަގެ ވާހަކަ ނުވިސްނޭނެކަން ކުރިން ވެސް ލަފާކުރެވުނެވެ. އެކަމަކު އޭނަގެ އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި ހުރެ އެގޮތަށް ވާހަކަދައްކަފާނެ ކަމަކަށް އޭނަ ކުޑަކޮށް ވެސް އުންމީދެއް ނުކުރެ އެވެ.

މުޅި ދުވަހު ކިޔާންގެ ފޯނު ކޯލުތައް އެކި ފަހަރުމަތިން އަ އެވެ. އެކަމަކު އެއިން އެއްފަހަރު ވެސް ޝިފާ ފޯނަށް ޖަވާބެއް ނުދެ އެވެ. އެކަމަކު އަބަދު އެގޮތަށް ފިލައިގެން ނޫޅެވޭނެކަން އޭނަ ވެސް ގަބޫލުކުރެ އެވެ. މިއަދު ނޫނީ މާދަން އޭނަ ޖެހޭނީ ކިޔާންއާ ކުރިމަތިލާށެވެ.

ވަރަށް ރަނގަޅަށް ވިސްނާފައި ކިޔާންއާ ބައްދަލުކުރަން ބޭނުން ވާހަކަ ޝިފާ މެސެޖުކުރީ އެރޭ ނިދަން އޮވެފަ އެވެ. ގަޑިން އޭރު އެގާރަ ޖަހަން ދަނީ އެވެ.

އިރުކޮޅެއް ފަހުން ކިޔާން ގުޅާތީ ފެނުނެވެ.

"ހަލޯ،" ޝިފާ ފޯނު ނެގި އެވެ.

"ކޮންތާކަށް އަހަރެން ދާންވީ؟ ތި ގެއަށްތަ؟" ކިޔާންގެ އަޑުގައި ކެތްމަދުކަން ވި އެވެ.

"އުނހު. މިހާރު މާ ލަސްވެއްޖެ. މާދަން ކޮންމެވެސް ވަގުތަކުން،" ޝިފާ ދެކޮޅުހެދި އެވެ.

"އެކަމަކު މާދަން އޮފީހަށް ދާން ޖެހޭނެއެއްނު،" ކިޔާން ހަނދާންކޮށްދިނެވެ.

"އަހަރެން އަސްލު ވިސްނައިގެން މި ހުރީ މާދަމާ ރޭ ތަންކޮޅެއް އަވަސް ގަޑިއަކަށް. އެކަމަކު ކިޔާން އެއަށްވުރެ އަވަސްކުރަން ބޭނުމިއްޔާ އޮފީހުގަ އިނދެފަ ބްރޭކް ގަޑީގަ ބައްދަލުކުރެވިދާނެ،" ޝިފާ ހިޔާލެއް ދިނެވެ.

"އެންމެ ރަނގަޅު،" ކިޔާންއަށް އެގޮތް ކަމުދިޔަ އެވެ.

"ގުޑްނައިޓް،" ކިޔާން އިތުރު ވާހަކައެއް ފެށުމުގެ ކުރިން ޝިފާ ފޯނު ބޭއްވި އެވެ.

ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ފޯނަށް މެސެޖެއް އައިސްގެން ވައިބްރޭޓްވި އެވެ. ޝިފާ ބަލާލިއިރު ކިޔާން ލިޔެފައި އޮތީ "ގުޑްނައިޓް" އެވެ. ޝިފާ އެހެން ބުނެލާނެ ވެސް ފުރުސަތެއް ނުދިނުމުން މެސެޖު ކުރީ އެވެ.

ފޯނު އެނދު ކައިރީ ހުރި ކަބަޑުމަތީ ބާއްވާފައި ޝިފާ އެނދުގައި ހަމަޖެހިލި އެވެ. އޭނަގެ ހަނދާނަށް އަނެއްކާވެސް އައީ އަހަރުތަކެއް ކުރިން ބިލާލް އޭނަގެ ކިބައިން އެދުނު އެދުމެވެ. ބިލާލްއަށް ވުރެ އައިޝާ އުމުރުން ވެސް ދޮށިވާނެ އެވެ. އައިޝާއާ ބައްދަލުކޮށްދޭން މެދުވެރިއަކަށް އެދުމުން އޭނަ ހައިރާންވީ އެހެންވެ އެވެ. އެކަމަކު ފިރިހެންކުދިންގެ ސިކުނޑި މަސައްކަތްކުރާ ގޮތެއް އޭނައަކަށް ނޭނގެ އެވެ. ބައެއް ފިރިހެނުން އެންމެ ފުރަތަމަ "ކްރަޝް"ގެ ވާހަކަ ދައްކަމުން ކިޔަވައިދިން މުދައްރިސުންގެ ވާހަކަ ބުނާތީ ވެސް އޭނައަށް އިވިފައި އެބަހުއްޓެވެ.

އޭނައާ ހިލާފަށް އައިޝާ އަކީ އެއިރު ފުރާފުރިހަމަވެފައިވާ ރީތި އަންހެންކުއްޖެކެވެ. ބައްޕަމެން އެހާ ބަލައިގެން އުޅޭއިރު ވެސް އައިޝާ ފިރިހެންކުދިންނާ ސިއްރުން ވާހަކަދައްކަ އެވެ. ފޮނުވާފައި ހުންނަ ނޯޓުކޮޅުތައް ޚުދު ޝިފާ ވެސް ސިއްރުން ކިޔަ އެވެ. ދަންވަރު ގެއިން ނިކުމެގެން ދަނިކޮށް އޭނައަށް ފެނިފައި އެބަހުއްޓެވެ. އަދި އެކަންކަން ފޮރުވަން، އަމިއްލައަށް ބޭނުންނުވެ ހުރެ ވެސް އޭނަ ވަނީ ފޮރުވަން މަސައްކަތްކޮށްދީފަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއިން ކަމެއް ފަޅާއަރައިފި ނަމަ ލިބޭ އަދަބަކީ ހަމައެކަނި އައިޝާއަށް ލިބޭނެ އަދަބެއް ނޫނެވެ. އޭގައި އޭނަ ވެސް ޝާމިލްވާނެތީ އެވެ. ބިލާލް މައްސަލައިގެ ނިމުން އައީ ޝިފާ އެންމެ ބިރުން އުޅުނު ގޮތަށެވެ.

އައިޝާ އާއި ބިލާލް ވާހަކަދައްކާފައި އެ ކޮޓަރިން ބިލާލް ނިކުތްއިރު ޝިފާ ބޭރުގައި ހުރީ ފާރަވެރިއަކަށެވެ. އެކަމަކު ދޮރުފަތުގައި ކަންފަތް ޖަހައިގެން ކިޔާ އެއްޗެއް އަޑު އިވޭތޯ އެވެ. ހާއްސަކޮށް ބިލާލްގެ ކަމެއްވީމާ އޭނަ އޮޅުންފިލުވަން ބޭނުންވީ އެވެ. ބިލާލްއާ އެކު ސުކޫލަށް ގޮސް އެ ހުރިހާ ދުވަހު އެއްކޮށް އުޅުނީ އޭނަ އެވެ.

ބައްޕަ އެ ދިމާއަށް އަންނަތަން ފެނިގެން ޝިފާ އަވަހަށް ދޮރާ ދުރަށް ޖެހުނެވެ. ބައްޕައަށް ޝައްކު ނުވާނެހެން އަމަލުތައް ބެހެއްޓޭތޯ އުޅުނެވެ.

"ކޮބާ އައިޝާ؟" ބައްޕަ އައިސް ކައިރިވަމުން އެހި އެވެ.

"ބައްޕާ، އައިޝާ..." ޝިފާ ބިރުގަތީ ބައްޕަގެ މޫނުގެ ކުލަވަރު ދެކިފަ އެވެ. ބައްޕަ ހުރީ ކޮންމެވެސް ކަމަކާ ރުޅިއައިސްފަ އެވެ.

"ކޮބާހޭ އައިޝާ؟" ބައްޕަ ބާރުބާރަށް އެ ސުވާލުކުރި އަޑަށް ޝިފާއަށް ފަހަތަށް ޖެހެވުނެވެ.

"ކޮ...ކޮޓަރީގަ،" އޭނައަށް ބުނެވުނީ އެވަރަށެވެ.

ދޮރު ހުޅުވާލައިފައި ބިލާލް ނިކުތީ އެ ގަޑީގަ އެވެ. ޝިފާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ.

***

ފޯނު ރިންގްވީ އަޑަށް ޝިފާ ދިޔައީ ސިއްސައިގެންނެވެ. މިއަދު ވެސް މާޒީގެ އެ ހިޔާލުން އޭނަގެ މޭގަނޑު ރޫރޫއަޅައިގަނެ އެވެ. ފޯނަށް އަރާފައިވާ މަންމަގެ ނަމަށް ބަލާލައިފައި ޝިފާ ފޯނު ނެގި އެވެ. އެހާ ލަހުން މަންމަ އެ ގުޅަނީ ކީއްވެކަމާ މެދު ސުވާލު އުފެދުނެވެ.

"ކިހިނެއްވީ މަންމާ؟" ޝިފާ ހުރީ ނޭވާކުރުވެފަ އެވެ.

"ދަރިފުޅު ރަނގަޅުތަ؟ މަންމައަށް ފާޑެއްގެ ހުވަފެނެއް ފެނިގެން ހޭލާފަ ގުޅާނުލާ ނުހުރެވިގެން މި ގުޅީ،" އެކޮޅުން މަންމަ ޖަވާބުދިނެވެ.

ޝިފާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ.

"ރަނގަޅު މަންމާ. އެކަމަކު ވަރަށް ހަނދާންވޭ. ބޭނުންވަނީ ރަށަށް ދާން،" ޝިފާ ހާމަކުރި އެވެ.

ހަގީގަތުގައި ވެސް އޭނަ ބޭނުންވަނީ މިދުވަސްކޮޅު ރަށަށް ގޮސް ހަމަޖެހިލާށެވެ. މިތާކު އޭނަގެ އިހްސާސްތައް ދަންނާނެ އެކަކު ވެސް ނެތެވެ. ރަށުގައި އެހެން މީހަކު ނެތަސް މަންމަ އުޅޭނެ އެވެ. މަންމަގެ އުނގުގައި އެންމެ ފަހަރަކު އޮވެލަން ލިބުނަސް ހުރިހާ ނުތަނަވަސްކަމެއް ނެތިގެންދާނެ އެވެ.

"ޗުއްޓީ ލިބޭނެތަ ރަށަށް އަންނަން؟" މަންމަ ސުވާލުކުރި އެވެ.

"ނޭނގެ ޗުއްޓީއަށް އެދުނީމަ އިނގޭނީ. ތަންކޮޅެއް ކުރިން އެދިގެން ވާނީ ވެސް،" ޝިފާ ވާހަކަދައްކަމުން އާފުރުނެވެ.

***

މޭޒުދޮށުގައި އިނދެގެން ކިޔާން އިރުއިރުކޮޅާ ބަލައިލަނީ ރެސްޓޯރެންޓްގެ ދޮރާ ދިމާއަށެވެ. ހެނދުނުގެ އެ ގަޑީގައި ގިނަ ބަޔަކު ނާސްތާއަށް އިންސާފުކުރަން އެތަނަށް އައިސް ތިއްބެވެ. ޝިފާ މެސެޖުކޮށްފައި އަންނަ ވާހަކަ ބުނި ފަހުން އިރުކޮޅެއް ވެއްޖެ އެވެ. ފާއިތުވެދާ ކޮންމެ މިނިޓަކާ އެކު ކިޔާންގެ ކެތްތެރިކަން ކުޑަވަމުންދިޔަ އެވެ.

ދޮރު ހުޅުވުނު އަޑާ އެކު އޭނަ އަނެއްކާވެސް އެދިމާއަށް ބަލައިލި އެވެ. ޝިފާ ވަދެގެން އަންނާތީ ފެނިފައި އެ ދެ ލޮލުގެ ވިދުވަރު ގަދަވި އެވެ.

ޝިފާ ހުރީ އޮފީހަށް ދާން ލައިގެންހުރި ކަޅުކުލައިގެ ގަމީސްމަތިކޮޅަކާއި މުށިކުލައިގެ ފުޅާ ހަރުވާޅެއްގަ އެވެ. އެ އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލައިފައި ފަހަތަށް ދޫކޮށްލައިފަ އެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލައެއްގެ ލިޕްސްޓިކެއް ޖައްސާފަ އެވެ. ކޮނޑުގައި ދަބަސް އޮތްއިރު އެއް އަތުން ބޮޑު ކަރުދާސް ކޮތަޅެއް ގެނެ އެވެ.

"ހައި،" ޝިފާ އައިސް ކައިރިވުމާ އެކު ކިޔާން އުފާވެފައި ބުނެލި އެވެ.

ކުޑަކޮށް އުނދަގޫވެފައި ހުރި މީހަކު ފަދައިން ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލާފައި ޝިފާ އިށީނެވެ. އަތުގައި އޮތް ކޮތަޅު ބެހެއްޓީ އެދިމާ ތިރީގަ އެވެ.

"ކޯއްޗެއް ގެންނާނީ ނާސްތާއަށް؟" ކިޔާން ފޯނު ބަންޑުން ބާއްވާފައި ހުރިހާ ސަމާލުކަމެއް ޝިފާއަށް އަނބުރައިލި އެވެ.

"އުނހު. އަހަރެން މި ގަޑީ ނާސްތާއެއް ނުކުރާނަން.، ޝިފާ މަނާވެގަތެވެ.

"ކޮފީ؟" ކިޔާން އިތުރަށް އެހި އެވެ.

"ފެން އެކަނި ރަނގަޅުވާނެ،" ޝިފާގެ ޖަވާބު އަހާފައި ކިޔާންގެ މޫނު ބަނަވި އެވެ. އެކަމަކު އޭނަ އިތުރަށް ބާރެއް ނާޅަ އެވެ.

ވެއިޓަރު ފެން ގެނެސް ބެހެއްޓުމުން ޝިފާ އެއް ތަށްޓައް ފެން އަޅައިގެން ކައިރިކޮށްލި އެވެ. ކިޔާން އެދުނީ ހަމައެކަނި ކޮފީއަކަށެވެ. ޝިފާ އުޅޭ ގޮތުން އޭނަ ވެސް ނާސްތާ ކުރުމުގެ މޫޑު ހިނގައްޖެ އެވެ. އަދި އެހާ އުންމީދުކޮށްގެން އެ އައީ ދެ މީހުން އެކީ ނާސްތާކުރާ ގޮތަށެވެ.

ކިޔާން ބަލަން އިނެވެ. ޝިފާ އަނގައިން ނުބުނެ ފެން ތަށި ނަގައި ކޯވަރެއް ބޯލާފައި ބެހެއްޓުމަށް ފަހު ދުރު ބަލަން ފެށި އެވެ. ދެން ފޯނު ނަގައިގެން ބަލަން އިނދެލާފައި ކިޔާންއަށް ބަލައިލާފައި އަނެއްކާވެސް ދުރު ބަލައިލި އެވެ. ހީވަނީ ބުނަން އުޅޭ އެއްޗެއް ބުނަން ނުކެރިގެން ނޫނީ ފަށާނެ ގޮތެއް ނޭނގިގެން އުޅޭހެންނެވެ. ނޫނީ އެރޭ އެންމެންގެ ތެރޭ ކުރެވުނު ކަންތަކަށް ފަހު މާފަށް އެދޭނެ ގޮތެއް ނޭނގިގެން އުޅެނީ އެވެ.

"ޝިފާ!" ކިޔާންއަށް ނީނދެވިގެން ގޮވާލައިފި އެވެ.

ޝިފާ މޭޒުގައި އުޅަނބޮށި ވިއްދާލައިފައި ނިތުގައި އަތުން ހިފަހައްޓައިލި އެވެ. އެ އަތް ތިރިކޮށްލާފައި ކިޔާންގެ މޫނަށް ދެން ބަލައިލީ އަމިއްލަ ނަފްސަށް އޮތް ފުރިހަމަ އިތުބާރާ އެކުގަ އެވެ.

"ތިހެން އުންމީދުގެ ނަޒަރުން އަހަންނަށް ނުބަލާ ކިޔާން. އަހަރެން މި އައީ ކުރިން ބުނި އެއްވެސް ވާހަކައެއް އަނބުރާ ގެންދާކަށް ނޫން. އައިމް ހިއާ ޓު އެންޑް ދިސް،" ޝިފާގެ ފަހު ޖުމްލައާ އެކު އަތުގެ އިޝާރާތުން އޭނައާ ކިޔާންއަށް އިޝާރާތްކޮށްލި އެވެ.

"ޝިފާ ޕްލީޒް. ހަމަ އެންމެ ފަހަރަކު ވެސް އަހަރެން އެއްޗެއް ބުނާކަށް ފުރުސަތެއް ނުދެމެއްނު،" ކިޔާން ގޮނޑީގެ ކުރިއަށް ޖެހިލާފައި މޭޒުމަތީ ދެ އަތް އަޅުވައިލަމުން ވާހަކަދެއްކި އެވެ.

"ކިޔާން ބުނާ އެއްވެސް އެއްޗަކުން އަހަރެންގެ މި ނިންމުން ދެން ބަދަލެއްނުވާނެ،" ޝިފާ ޔަގީންކަމާ އެކު އިއްވާލި އެވެ.

ކިޔާން ވަގުތުން ހިމޭންވި އެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެފައި ފުރަތަމަ ދުރު ބަލައިލީ ޝިފާ އެވެ.

"ސަބަބު؟" ކިޔާން އެހި އަޑު އިވުނެވެ.

"އަހަންނަށް އެހެން މީހަކު ފެނުނީ،" ޝިފާ ދޮގެއް ހަދައިލި އެވެ. ހަގީގީ ސަބަބު ހާމަކުރަން އޭނައަށް މާ އުނދަގުލެވެ. ކިޔާންއާ ހަތަރުކަޅި ހަމަކޮށްގެން އިނދެ އެވަރުގެ ދޮގެއް ހަދަން އޭނަ ކުޑަކޮށް ވެސް ޖެހިލުމެއްނުވި އެވެ.

"ލަޔާ..." ކިޔާން ޔަގީންކަމާ އެކު ރައްދުދިނެވެ.

"އަހަރެން ރަށަށް ބަދަލުވަނީ،" ޝިފާ އަނެއްކާވެސް އިތުރު ޖަވާބެއް ދިނެވެ.

"ތީ އަހަރެންނާ ވަކިވާންޖެހޭ ސަބަބަކަށް ނުފުދޭ،" ކިޔާން ގަބޫލެއްނުކުރި އެވެ.

"ފައިން..." ޝިފާ އެންމެ ފަހުން ބަލި ގަބޫލުކޮށްފައި ބުނަން ގަސްތުކުރި އެވެ.

ވެއިޓަރު ކޮފީ ތަށި ގެންނަތަން ފެނުމުން އޭނަ އަނެއްކާވެސް މަޑުކޮށްލި އެވެ. އެކަމަކު ކިޔާން ކޮފީ ތަށްޓަކާ އަޅައެއްނުލި އެވެ. ޝިފާ އޭނައާ ވަކިވާން ޖެހުނު ސަބަބު ހޯދުން އޭނައަށް އެހެން ހުރިހާ ކަމަކަށް ވުރެ މުހިންމެވެ.

"އައި ވޯންޓު ގޯ ބެކް ޓު ޕްރެކްޓިސިން..." ޝިފާ މަޑުމަޑުން ޖަވާބުދިން ގޮތުން ހީވީ ވަށައިގެންވި އެއްވެސް މީހަކަށް އަޑު އިވިދާނެތީ އުޅުނުހެންނެވެ.

"ޕްރެކްޓިސިން...؟" ކިޔާންއަކަށް ފަހުމެއް ނުވި އެވެ. އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ. ޝިފާ މާ މަޑުން ވާހަކަދައްކާތީ މޭޒާ ވެސް ބޮޑަށް ކައިރިވެލި އެވެ.

"ރިލިޖަން... ޔޫ ނޯ، ޕްރޭއިން އެން އޯލް..." ޝިފާގެ މޫނު ރަތްވި އެވެ.

ކިޔާން ހިމޭނުން އިނދެލާފައި ހޭން ފެށި އެވެ. ޝިފާގެ ކުލަވަރު އަދި ކުރިއަށް ވުރެ ވެސް ގޯސްވި އެވެ. އޭނަ ހާސް ގޮތަށް ވިސްނި އެވެ. އެކަމަކު ޝިފާ މި ބުނީ އެއިން ކަމަކާ ގުޅޭ ވެސް ވާހަކައެއް ނޫނެވެ.

"ދެން ކޮބާ މައްސަލައަކީ؟ ޔޫ ކެން ގޯ ބެކް ޓު ޕްރެކްޓިސިން. ތި ހުރިހާ ކަމެއް ކުރަމުން ވެސް އަހަރެންނާ އެކު އުޅެވިދާނެއެއްނު. ނީނދެ އުޅުނީމަ ދޯ، މައްސަލައަކަށް ވާނީ އަހަރުމެން ކުރިން އުޅުނުހެން؟ ދެން އިނދެގެން އުޅޭނީ،" ކިޔާން ހިނިގަނޑު މައިތިރިކޮށްފައި ވާހަކަދެއްކި އެވެ.

އޭނަގެ ސީރިއަސްކަން ކެނޑި މީހާ އިނީ މިހާރު ހަމަޖެހިފަ އެވެ.

އެކަމަކު ޝިފާގެ ކުލަވަރު ކުރިއަށް ވުރެ ވެސް ގޯސްވެއްޖެ އެވެ. ކިޔާންގެ ވާހަކަތަކުން އޭނަގެ އަމަލުތަކާ މެދު ކުރިއަށް ވުރެ ވެސް ބޮޑަށް ހިތާމަކުރެވެން ފެށުނެވެ. އޭނަ އުޅުނީ ހާދަ ވިޔާނުދާކޮށެވެ. ހާދަ ގޯސްކޮށެވެ. އޭނަ ހެއްދެވި ފަރާތުން ބޭނުން ނަމަ އޭނަ އެ ހުރިހާ ފާފައެއް ކޮށްކޮށް ހުއްޓާ ވެސް ފުރާނަ ގެންދެވުނީހެވެ. އެކަމަކު އަދި އޭނަ އެ ވަނީ ހަތް ފޫޓު އަޑީގައެއް ނޫނެވެ. އަދި އިސްލާހުވާނެ ފުރުސަތު އެބައޮތެވެ. ވަގުތު ފާއިތު ނުވަނީސް އޭނައަށް ހަމަހޭވެރިކަން އަތުވެއްޖެ އެވެ.

"އަހަންނަށް ކިޔާންއާ އެކު އުޅެވެން ނެތީ ކިޔާން ތީ އޭތިއެސްޓެއް ވީމަ،" ޝިފާ ކޮޅަށް ތެދުވި އެވެ.

އޭނަ ނިކުންނަން ދަމުން އަނބުރާލައިފައި އައިސް ގޮނޑި ކައިރީ ބެހެއްޓި ކޮތަޅު ނަގާ މޭޒުމަތީ ބަހައްޓާފައި އިތުރަށް ވާހަކަދެއްކި އެވެ. "މިވަގުތު އަތުން ގެނެވުނު އެއްޗަކީ މީ. ގޭގައި ދެން ހުރި ހުރިހާ އެއްޗެއް ވެސް ފޮށިގަނޑަކަށް އަޅާފަ ތި ގެއަށް ފޮނުވާނަން."

ދެން އަނެއްކާވެސް ގޮސް އެތަނުން ނިކުތެވެ.

(ނުނިމޭ)

ކޮމެންޓް (1)

ކިޔުންތެރިއެއް

11 އޯގަސްޓު 2024
މި ބައި ވެސް ވަރަށް ރީތީ މާޝާﷲ މިހާރު މި އިންތިޒާރު ކުރަނީ އަނެއްބައި ކިޔާލަން ލިބޭނެ އިރަކަށް ކިޔާން އަދިި ސިފާ ދުރުނުކުރޭ އެ ދެކުދިން ވަރަށް ގުޅޭ މިއީ ވަރަށް ސަޢުގުވެރި ކަމާއެކު ކިޔާ ވާހަކައެއް
0 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް