މި ހިތުގެ ޝިފާ

ވާހަކަ

ވާހަކަ: މި ހިތުގެ ޝިފާ - ދެވަނަ ބައި

7 އޯގަސްޓު 2024
1

ޖަވާބުދޭންވެގެން ޝިފާ ހުއްޓިފައި އެކުވެރިޔާއާ ދިމާއަށް އެނބުރުނު ވަގުތު މީހުންތަކު ތެރެއިން ނިކުމެގެން އެދިމާއަށް އައި ކިޔާން ފެނުނެވެ. ކުރިން ވަށްކޮށި ހަދާލައިގެން ތިބި އެންމެން ވެސް ބައިބައިވެގެން ތިބެ އެނބުރިއެނބުރިފައި އެމީހުންނަށް ބަލަނީ އެވެ.

"އަހަރެން ބޭނުމީ މާލެ ދާން،" އެކުވެރިޔާ އަތުން ދޫކޮށްލާފައި ޝިފާ މިފަހަރު ހިނގައިގަތީ ފާލަމާ ދިމާއަށެވެ.

"ޝިފާ ވެއިޓް!" ފާލަމުގެ ކޮޅާ ހަމައަށް ނުދެވެނީސް ކިޔާން ދުވަމުން އައިސް ޝިފާގެ ފަހަތަށް ހުއްޓުނެވެ.

އެވަގުތު ޝިފާއަށް ވެސް ހުއްޓެވުނެވެ. އެކަމަކު އޭނަ އެނބުރި ބަލައެއްނުލަ އެވެ.

ޖެހެމުންދިޔަ މަޑު ވައިރޯޅިތައް ޝިފާގެ ދިގު އިސްތަށިގަނޑާ ކުޅެމުން ދިޔަ އެވެ. ކޯތާފަތްމައްޗަށް ފަރުދާ ވައްޓައިލި އިސްތަށިތައް އެއްފަރާތްކޮށްލުމުގެ ބަދަލުގައި ޝިފާ އެ އިސްތަށިތަކުގެ ބޭނުންހިފީ އައްޑަނައެއް ފަދައިންނެވެ.

"ޝިފާ އިފް އިޓްސް ޓޫ ސޫން އައި ކެން ޓޯޓަލީ އަންޑަސްޓޭންޑް. އަހަރެމެން ހަމައެކަނި އެންގޭޖްވާނީ. އަހަރެން ހަމައެކަނި ބޭނުންވަނީ މި ގުޅުން ދާއިމީކުރަން. ޝިފާ އަހަރެންގެ މީހެއްކަން މުޅި ދުނިޔެއަށް ބުނެދޭން. ކައިވެންޏަކީ ޝިފާ ތައްޔާރުވި އިރަކުން ކުރާނެ ކަމެއް،" ކިޔާން އެއް އަތުން އިސްތަށިގަނޑުތެރެއަށް އިނގިލިތައް މަހާލައިފައި ތިރިކޮށްލަމުން ވާހަކަދައްކަން ފެށި އެވެ.

ޝިފާ ޖަވާބެއް ނުދިނެވެ.

"ޝިފާ ޕްލީޒް. ވާހަކަދައްކަބަލަ!" ކިޔާން ކުޑަކޮށް ޖެހިލުންވެފައި ހުރެގެން ޝިފާގެ ކޮނޑުގައި ފަހަތުން ހިފާލި އެވެ.

"ކިޔާންއަށް އެނގޭތަ އަހަރެން މިރޭ ބުނަން އުޅުނީ ކީކޭކަން؟" ޝިފާ ކުއްލިއަކަށް އެ މޫނަށް ބަލައިލި އެވެ.

ކިޔާން އަތް ތިރިކޮށްލީ އެ މޫނުގެ ކުލަވަރު ފެނިފަ އެވެ. ޝިފާ އޭނައަށް ބަލަމުންދިޔައީ ދުރު މީހަކަށް ބަލާ ފަދަ ނަޒަރަކުންނެވެ.

"ފުރަތަމަ އަހަރެންގެ ވާހަކަ އަޑުއެހި ނަމަ ކިޔާން ނުޖެހުނީސް އެގޮތަށް އެންމެންތެރޭ ލަދުގަންނާކަށް،" ޝިފާ ބުނަމުންދިޔަ އެވެ.

ކިޔާން މަޑުމަޑުން ބޯ ހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"އެއީ ޝިފާ ކަންބޮޑުވާންޖެހޭ ކަމެއް ނޫން. އަހަރެން ލަދެއްނުގަނޭ،" ކިޔާން ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ހުއްޓުނެވެ.

"އަހަރެން ބުނަން އުޅުނީ އަހަރެން ބްރޭކްއަޕްވާން ބޭނުން ވާހަކަ،" ޝިފާ އިއްވާލި އެވެ.

ކިޔާން ވަގުތުން ގަނޑުވި އެވެ. ޝިފާ އިރުކޮޅަކު ބަލަން ހުރެލާފައި ކިޔާން ވާހަކަދައްކަން ތައްޔާރުވެލި ވަގުތު ދެފަރާތަށް ބޯ ހޫރާލައިފައި ދެކޮޅުހެދި އެވެ. އަދި ކިޔާން ކުރިއަށް ފިޔަވަޅެއް އަޅައިލުމުން އެ ދެމެދަށް އަތް ހުރަސްކޮށްލާފައި މަނާކުރި އެވެ. ދެން ގޮސް ފާލަން ކައިރީ އަޅާފައި އޮތް ލޯންޗްގައި އުޅުނު ފަޅުވެރި ސޮރަށް ގޮވައި ނެރެގެން ލޯންޗަށް އަރައިފި އެވެ.

ސަމާއަށް އާދެވުނީ ޝިފާ އިން ލޯންޗް ނައްޓައިލި ފަހުންނެވެ. ސަމާ އަދި ހީކުރީ ކިޔާން އާއި ޝިފާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރާނެ ކަމަށެވެ. އެހެން މީހުންނެކޭ އެއްފަދައިން ދުރުގައި ބަލަން ހުރެފައި އޭނަ ފާލަންމައްޗަށް އެރީ ޝިފާ ގޮސް ލޯންޗަށް އެރިތަން ފެނިފަ އެވެ.

"ޝިފާ ކީކޭ ބުނީ؟" ސަމާ ކިޔާންގެ ކައިރިއަށް ހުއްޓި ކިޔާންގެ މުލައްދަނޑީގައި އަތް ޖައްސާލައިފައި އެހި އެވެ.

ކިޔާން އަދިވެސް ހުރީ ޝިފާ ދަތުރުކުރަމުން ދިޔަ ލޯންޗާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ދެލޯ ފެންކަޅިވެފަ އެވެ. ޝިފާ އެ ހާމަކުރި ވާހަކައަށް ފަހު ވިސްނަންވީ އެއްޗެއް ވެސް އޭނައަކަށް ނޭނގުނެވެ. އެ ސިކުނޑި ވީ ސުވާލުތަކުން ފުރިފަ އެވެ. އެވަރުގެ ނިންމުމަކަށް ޝިފާ ދާން ޖެހުނު ސަބަބެއް ވިސްނާވިސްނާ ވެސް ނޭނގުނެވެ.

"ޝިފާ ބޭނުންވަނީ ބްރޭކްއަޕް ވާން،" ކިޔާން މަޑުމަޑުން ބުނެލި އެވެ.

***

ގެއާ ހަމައަށް އާދެވުނު ގޮތެއް ވެސް ޝިފާއަކަށް ނޭނގުނެވެ. އޭނައަށް ހަމަހޭވެރިކަން އައީ އައިސް ގޭގެ ދޮރުން ވަން ފަހުންނެވެ. ކުޑަކުޑަ ސިޓިންރޫމަކާއި އެއަށް ވުރެ ކުޑަ ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓް އޮތީ ފަޅަށެވެ. ސަމާ ވެސް ގޭގައި ނެތުމުން އަނދިރިކަން މުޅިތަނުގައި ރަސްކަންކުރަމުން ދިޔަ އެވެ. ބޮކި ދިއްލާލައިފައި ޝިފާ ގޮސް ހުއްޓުނީ އައިސްއަލަމާރި ކައިރިއަށެވެ. ފިނި ފެން ފުޅިއެއް ނަގައި ތަށްޓެއް ފުރާލައިފައި ބޯލުމަށް ފަހު ހުސް ތަށި މޭޒުމަތީ ބެހެއްޓުނީ ތަންކޮޅެއް ބާރަށެވެ. އެ އަޑު ތަނުގައި ގުގުމައިލި އެވެ. ފެން ފުޅި އަނބުރާ އަލަމާރިއަށް ލައިފައި ޝިފާ ދެން މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ.

ކޮޓަރިއަށް ވަދެފައި ފޯނު ބަލައިލަން ޝިފާ ހަނދާންވި އެވެ. އާދައިގެ މަތިން މަންމަ ކޮންމެ ރެއަކު ވެސް ނިދުމުގެ ކުރިން އޭނައަށް ގުޅާނެ އެވެ. އެކަމަކު ފޯނު ނެގި ވަގުތު ފެނުނީ ސަމާ ގުޅާތީ އެވެ. ޝިފާ ފޯނު އޮފްކޮށްލާފައި ހެދުން ބަދަލުކުރުމެއް ވެސް ނެތި އެނދުގައި އޮށޯތެވެ.

ފުރޮޅިފުރޮޅި އޮވެފައި ނިދިޖެހުނު ވަގުތު ޝިފާއަށް ފެނުނީ ރޭގަނޑުގެ ވަގުތެވެ. މަގު ހުރަސްކުރަން ތައްޔާރުވެގެން އޭނަ ހުރީ ޓްރެފިކް ބައްތިއަށް ބަލަބަލަ އެވެ. އަތުގައި އޮތް ފޯނުން މެސެޖެއް ލިޔެ ލިޔެފައި އިސްއުފުލައިލަ އެވެ. ހުރަސްކުރަން ސިގްނަލް ލިބުމާ އެކު އޭނަ ދެކޮޅު ބަލާލައިފައި ހިނގައިގަތެވެ. ބަރިއަކަށް ހުއްޓައިގެން ކާރުތަކާއި ސައިކަލުތައް ކުރިމަތިން ފެންނަން ހުއްޓެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލުގެ އަޑު ޝިފާއަށް އިވުނީ ފުރަގަހުންނެވެ. އޭނަ އެނބުރި ބަލައިލިއިރު ސައިކަލް އައިސް ކުރިމައްޗަށް އަރައިފި އެވެ. ވަގުތުން އޭނައަށް ފުންމައިގެން ތެދުވެ އިށީނދެވިއްޖެ އެވެ. މުޅި މީހާ އިނީ ދާހިއްލާ ފޯވެފަ އެވެ.

އިރުކޮޅެއްނުވެ ސަމާ ދޮރު ހުޅުވާލައިފައި ކޮޓަރިއަށް ވަދެގެން އަ އެވެ. ލައިފައި ހުރި ދޫ ޓީޝާޓާއި ކުރު ސޯޓު ބަލައިލުމުން އެނގުނީ ސަމާ ވެސް އެ އައީ ނިދަން އޮވެފައި ކަމެވެ.

"ކިހިނެއްވީ ޝިފާ؟ އަނެއްކާވެސް އެއްކަހަލަ ހުވަފެން ފެނުނީތަ؟" ސަމާ ޝިފާގެ މަގަތުގައި އިށީނދެފައި ކަންބޮޑުވެފައިވާ އަޑަކުން ސުވާލުކުރި އެވެ.

ޝިފާ ހަމައެކަނި ބޯ ޖަހާލައިފައި އެނދުން ފައިބަންވެގެން ދެފައި ތިރިއަށް އެލުވައިލި އެވެ.

"ކޮންތާކަށް ދާން ތި އުޅެނީ؟ ފެން ބޯންތަ؟ ވެއިޓް އަހަރެން ފެން ގެނެސްދޭނަން،" ސަމާ ޝިފާގެ އަތުގައި ހިފާ ހުއްޓުވަމުން ވާހަކަދެއްކި އެވެ.

ޝިފާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލައިފައި ގޮސް ބެލްކަނީ ދޮރު ހުޅުވައިލި އެވެ. ހޭވިފައިވާ އިސްތަށިގަނޑާ އެކު މެންދަމުގެ އެ ފިނީގައި ނިކުމެ ރެއިލިން ކައިރިއަށް ހުއްޓުނެވެ. ތިރިން މަގުމަތީ ދުއްވާފައިދިޔަ ދުއްވާ އެއްޗެހީގެ އަލިތައް ދަތުރުކުރާތީ ފެނެ އެވެ. އިސްއުފުލާލުމުން ކުރިމަތިން ފެންނަމުން ދިޔައީ އިމާރާތްތަކުގެ އައްޔެވެ. އަދި އޭގެ މަތިން އުޑުގައި ރަނިކަން ކުރަމުންދިޔަ ހަނދެވެ. ޝިފާ ހަނދަށް ބަލަހައްޓައިގެން ހުއްޓާ ހަނދާނުގެ ފަތްފުށްތައް ސިކުނޑީގައި ނިއުޅެން ފެށި އެވެ.

***

އަހަރުތަކެއް ކުރިން މާލެ އައުމުގެ ކުރިން ޝިފާ ދިރިއުޅުނީ ރަށުގަ އެވެ. ހާހެއްހާ މީހުންގެ ކުޑަ އާބާދީއެއް ދިރިއުޅޭ ޝިފާގެ ރަށަކީ މާބޮޑު ރަށެއް ނޫނެވެ. އެކަކު އަނެކަކު ދަނެ އެވެ.

ޝިފާގެ ބައްޕަ ރައޫފްގެ އެއްބަނޑުގައި ހުންނަނީ ދޮށްޓަށް ފިރިހެނަކާއި އެންމެ ހަގަށް އަންހެނެކެވެ. ޝިފާގެ ބޮޑުބެ މައުރޫފް ދިރިއުޅޭ ގެ ހުންނަނީ ޝިފާމެން ދިރިއުޅޭ އެ އާއިލާގެ މުސްކުޅި ގޭގެ ކުރިމަތީގައި މަގުގެ އަނެއްފަރާތުގަ އެވެ. ބޮޑުދައިތަ މައިމޫނާ ދިރިއުޅެނީ އާއިލާއާ އެކު މާލޭގަ އެވެ. ޝިފާގެ ދޮށްޓަށް ރިޒްވާން އާއި އައިޝަތު ޝިފާގެ އިތުރުން ޝިފާގެ ހަގަށް އަދި އިތުރު ދެ އަންހެންކުދިން ތިބެ އެވެ.

ބޮޑުބެގެ ގޭގައި ތިބެނީ މަލީހާ އާއި ހަސަންގެ އިތުރުން ހާރިސް އެވެ. ދެން އެ ގޭގައި އުޅޭ ބިލާލްއަކީ މައުރޫފްގެ އަންހެނުން ހަލީމާގެ އެއްބަނޑު މީހެއްގެ ދަރިއެކެވެ. އެސޮރުގެ މައިންބަފައިން މަރުވުމުން އެބަނޑުގައި ތިބި ކުދިންތައް އާއިލާގެ އެކި މީހުންނާ ހަވާލުވިއިރު ހަލީމާއަށް ބަލަން ޖެހުނު ކުއްޖަކީ ބިލާލް އެވެ. އުމުރުން ހާރިސް އާއި ޝިފާއާ އެއްވަރެވެ. ޝިފާ ހަނދާން ހުންނަން ފެށީއްސުރެ ބިލާލް އެ ގޭގައި ދިރިއުޅެ އެވެ. އެކަމަކު އެއީ ހަލީމާދައްތަ އާއި މައުރޫފްބެގެ ދަރިއެއް ނޫންކަން ޝިފާއަށް އަބަދުވެސް އެނގެ އެވެ. އެ މީހުން ބިލާލްއާ ދޭތެރޭ ކަންތައްކުރާ ގޮތުންނެވެ. އަދި ބިލާލްގެ މިޒާޖު އެހެން ހުރިހާ ކުދިންނާ ތަފާތެވެ. މާލޭގައި އުޅެފައި އައުމުން ކަމަށްވެދާނެ އެވެ. އެހެން ހުރިހާ ކުދިންނަށް ވުރެ ނުލަފާ ކަންކަން ކުރަންވެއްޖެއްޔާ އުޅެނީ ކުރީގަ އެވެ. އަބަދުވެސް އިވޭނީ ހަލީމާ، ބިލާލް ކޮންމެވެސް ކަމެއްކޮށްގެން ހަޅޭއްލަވާ އަޑެވެ. އެކަމަކު މީހަކު އެއްޗެކޭ ކިޔާހެން ވެސް ބިލާލްއަކަށް ހިއެއްނުވާނެ އެވެ.

މަލީހާއަކީ ޝިފާގެ އެންމެ ގާތް އެކުވެރިޔާ އެވެ. ހަމައެއާއެކު އެންމެ ބޮޑު ވާދަވެރިޔާ ވެސް މެ އެވެ. ދެ އާއިލާގެ ބޮޑެތި މީހުންގެ މެދުގައި އޮންނަ އަޅާބެލުމުގެ އާދައިގެ ތެރެއިން އުފަންވެގެން އައި ވާދަވެރިކަން އެ ކުދިންގެ ހިތްތަކާ ހަމައަށް ވެސް އޮތީ ފޯރާފަ އެވެ. އެކަމަކު މަލީހާ އަބަދުވެސް ވާދަކުރާނީ ލާ އަންނައުނާއި އަރާ ފައިވާނާއި މިފަދަ ކަންކަމުގަ އެވެ. ކުރެވޭ މޮޅެތި ކަންކަމާއި ޝިފާއަށް ވުރެ ކުރިން މިވެނިއެވެނި ކަމެއް ކުރުމުގަ އެވެ. ކިޔެވުމަކީ މަލީހާ ވާދަކުރަން ބޭނުންވާ ކަމެއް ނޫނެވެ. މައުރޫފްގެ ދަރިންނާ ހިލާފަށް ރައޫފްގެ ދަރިން ކިޔެވުމުގައި އުޅެނީ ކުރީގަ އެވެ. ހާއްސަކޮށް ޝިފާއަކީ އެތަނުން ވެސް އެންމެ ކުރީގައި އުޅޭ ކުއްޖާ އެވެ.

ކިޔެވުމުގައި ޝިފާގެ ވާދަވެރިކަން އޮންނަނީ ބިލާލްއާ އެވެ.

ފެށުނީއްސުރެ ޝިފާގެ ހުވަފެނަކީ ކިޔަވައިގެން މާލެ ދިއުމެވެ. އެތަނުގައި ވަޒީފާއަދާކޮށް ދިރިއުޅުމެވެ. އެކަމަކު އެ ވާހަކަ އޭނަ އެކަކު ކައިރީ ވެސް ނުބުނެ އެވެ.

ޗުއްޓީގައި ބޮޑުދައިތަގެ ދަރިން އަންނައިރު ޝިފާ އުޅެނީ އަބަދުވެސް އެ ކުދިންނާ އެކުގަ އެވެ. އެހެން އެންމެންނަށް ވުރެ އޭނައަށް ސާލިމް އާއި ސާރާ ހާއްސަ އެވެ. ޝިފާ ސުވާލު ކުރާ ވަރަކަށް ސާރާ މާލޭގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދެ އެވެ. އަދި އެއިން ކޮންމެ ވާހަކައަކުން ޝިފާގެ ޝައުގުވެރިކަން ދިޔައީ ބޮޑުވަމުންނެވެ.

އޭނައަށް އެންމެ ރީތީ ސާރާމެން ބާކޮށްފައި ފޮނުވާ ހެދުންތަކެވެ. އަތްކުރު ޓޮޕާއި ޖިންސެވެ. ފާޑުފާޑުގެ ކަންފަތުލާ އެއްޗިއްސާއި އަތުގައި އަޅާ އުޅާތަކެވެ. ފައިވާނާއި ބޮލުގައި ޖަހާ ދައްޗާއި މޭކަޕް ސާމާނެވެ. އެކަމުގައި ވެސް މަލީހާ އާއި ޝިފާގެ މެދުގައި ހަމަނުޖެހުން ހިނގަ އެވެ. އެކަކަށް ވުރެ ކުރިން އަނެކަކު އެއްޗެހި ނަގައިގެން މައްސަލަޖެހެ އެވެ. އެހިސާބުން އަދި ނިމުނީއެއް ނޫނެވެ. ދެ ކުދިންގެ މަންމައިންނާ ހިސާބަށް ވެސް މައްސަލަ ހިނގައިދެ އެވެ.

ދެ ފަހަރިންގެ ހަމަނުޖެހުމާއި ވާދަވެރިކަން ވެސް ކުޑަކުޑަ ދެ އަންހެންކުދިންނަކަށް ދުލެއްނުކުރެ އެވެ.

ޝިފާގެ ބައްޕައަށް އުނދަގޫވެގެން އެ އެއްޗެހި ބޭނުން ނުކުރަން އެންގީ ޝިފާގެ މަންމައަށެވެ. ކުދިން ކުޑަކަމުން އެއްޗެއް ނުބުނެ ހުއްޓަސް ކުޑައިރުއްސުރެ އެފަދަ އެއްޗެއްސަށް ހޭނިއްޖެ ނަމަ ފަހުން ދުރުވާން އުނދަގޫވާނެއޭ ބުނެ އެކަމަށް ނިމުމެއް ގެންނަންވީ ވަގުތު ކަމުގައި ބުންޏެވެ.

"މިއަދު ވެސް ރައޫފް މަންމަ މެންދުރު ނަމާދުން ފޭބިތަނާ ދަރި ފޮނުވައިގެން އެ ގެއަށް ގެންގޮއްސި ކާން. ދެން އެ ގެއިން އަންނާންދެން ދައްކާނީ އަހަރުމެންގެ ނުބައި ވާހަކަ. އެހާ ހެޔޮބޮޑިއްޔާ ދެން މަންމަ އެ ގެއަށް ގެންގޮސްގެން ބަލަންވީއެއްނު،" ޝިފާ ސުކޫލުން އައިސް ވަންއިރު މަންމަ ކާގޭގައި ވާހަކަދައްކާތީ އަޑު އިވުނެވެ.

ދަބަސް ބަހައްޓާފައި އަވަހަށް ޔުނީފޯމް ބަދަލުކޮށްގެން ޝިފާ ވެސް ދިޔައީ ކާގެއަށެވެ. ބަނޑުހައިވެގެން އޭނަގެ ގޮހޮރު ވަޔާ ހޫރޭ ކަހަލަ އެވެ.

"ދަރިފުޅު ނަމާދުކޮށްފިން؟" ޝިފާ ފެނުމާ އެކު ބައްޕަ އެހި އެވެ.

ޝިފާ ވަގުތުން ހިމޭންވި އެވެ. ދަބަސް ބެހެއްޓި ގޮތަށް އޭނަ އެ އައީ ކާށެވެ.

"ޝިފާ ދޭބަލަ އިހަށް ބޮޑުބެ ގެއަށް ގޮސް ލުނބޮއެއް ގެންނަން،" މަންމަ އެދުނެވެ.

ހިތާއިހިތުން ޝިފާ މަންމައަށް ޝުކުރު އަދާކުރީ ބައްޕަގެ ސުވާލުން އެ ވަގުތަށް ސަލާމަތް ވެވުނީތީ އެވެ. އޭނަ އަވަހަށް ބޯޖަހާލައިފައި ތެދުވެގެން ދުވެފައި އެ ގެއަށް ގޮސް ވަނެވެ. ގޭގެ ގޯތިތެރޭ ހުރި އުނދޯލީގައި ޝިފާގެ މާމަ އާއި ބޮޑުބެގެ އަންހެނުން ހަލީމާއްތަ އެ ދެމެދުގައި ދުފާފޮށި ބަހައްޓައިގެން ދުފަން ތިބީ އޮލަ ވާހަކައެއްގަ އެވެ.

"މިހާރު ކިއެއްކުރަން ތި އައީ؟" ޝިފާ ވަންތަން ފެނިފައި ހަލީމާ ވާހަކަ ބަދަލުކޮށްލި އެވެ. މަންމަ ބުނިހެން މާމަމެން ތިބީ މަންމައަށް އެއްޗެހިކިޔަންކަން ޝިފާއަށް ޔަގީންވި އެވެ. އަނެއްކޮޅުން ޝިފާ މަންމަ ވެސް އެ ހުރިހާ އެއްޗެއް ކިޔާފައި ދެން ވެސް އެ ފޮނުވީ އެ ގެއަށެވެ.

"މަންމަ ފޮނުވައިގެން ލުނބޮއެއް ބަލާ،" ޝިފާ އެތެރެ ހޯދައިލީ މަލީހާ ކޮބައިތޯ އެވެ.

"ހުންނާނެ ކާގެ މޭޒުމަތީ،" ހަލީމާ މައިދައިތައާ ދިމާއަށް އެނބުރުނެވެ.

ޝިފާ ލުނބޯ ހިފައިގެން ނުކުތުމުން އެ މީހުންގެ އަޑު މަޑުވި އެވެ. އޭނަ ބެލީ އަވަހަށް ގެއަށް ދެވޭތޯ އެވެ. ނަސީބަކުން ބައްޕަ ވެސް ކުރީގެ ސުވާލުމަތިން ހަނދާނެއް ނެތެވެ. މަންމަ ލުނބޯ ހަތަރުފަޅިއަށް ފަޅާލައިފައި ކުޑަ ތަށްޓަކަށް އަޅައިލުމާ އެކު އެއިން ފަޅިއެއް ނަގައި ބަތްތަށްޓަށް ފެލާލައިގެން އޭނަ ފެށީ ގަރުދިޔަ އާއި ބަތް ކާށެވެ. ބައްޕަ ހިމޭނުން އިންއިރު މަންމަ ހުއްޓާނުލާ މައިދައިތަ އާއި ފަހަރީގެ ޝަކުވާ ކުރުމުގަ އެވެ. ބައްޕަގެ އާދައިގެ މަތިން ހިމޭނުން އިނދެ އަޑުއަހަމުން ދިޔަ އެވެ. އެންމެ ފަހަރަކު ވެސް އެކަން ހުއްޓުވާކަށް ނޫޅެ އެވެ. މީހުން ނެތްތަންތާ އެ މީހުންގެ ވާހަކަ ދެއްކުމުގެ ނުބައިކަމާ ބެހޭގޮތުން ޝިފާ ކިޔެވީ މީގެ ދެ ދުވަސް ކުރިން އިސްލާމް ގަޑީގަ އެވެ.

ކުޑަ ދުވަސްކޮޅެއް ފަހުން ޝިފާ އާއި މަލީހާގެ މެދުގައި ބޮޑު ހަނގުރާމައެއް ފެށުނެވެ. ދެ އަންހެންކުދިން އެކަކު އަނެކަކާ އަނގައިން ބުނުން ވެސް ހުއްޓައިލި އެވެ. މީގެ ކުރިން ވެސް ދެ ކުދިން އެކި ފަހަރުމަތިން ރުޅިވެ އެވެ. އެކަމަކު ތިން ދުވަސް ވާންވާއިރަށް ކޮންމެވެސް ގޮތަކަށް ސުލްހަވެ އެވެ. މަންމަމެން ބުނެފައި އޮންނަ ގޮތުން ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ވާހަކަނުދައްކައެއް ނުތިބެވޭނެ އެވެ.

މި ވީގޮތަކީ ޝިފާ އާއި މަލީހާއަށް އެއް ފިރިހެންކުއްޖަކު ކަމުދިޔައީ އެވެ. މަލީހާ ހިތުގެ ސިއްރު ފައުޅުކުރިއިރު އެއީ ޝިފާ ވެސް އެކުވެރިޔާއަށް ކިޔައިދޭން ފުރުސަތަކަށް ބަލަބަލާ ހުރި ވާހަކައެކެވެ. ދެ އަންހެންކުދިން ވާހަކަދައްކާފައި ނިންމީ އެކަކު ވެސް ފަހަތަށް ނުޖެހޭށެވެ. އޭގެ ބަދަލުގައި ދެ ކުދިން ވެސް ހައިޝަމްއަށް ނޯޓު ފޮނުވާށެވެ. އަދި ހައިޝަމް ހޮވާ ހޮވުމަކަށް ދެ މީހުން ވެސް ރުހިގެން ގަބޫލުވުމަށެވެ.

އެ ދުވަހު އިރުއޮއްސެން ކައިރިވަމުން އައި ގަޑީގައި ޝިފާ ނިކުމެ އިނީ ގޯތިތެރޭ ހުރި ބަނބުކެޔޮ ގަހުގައި އެލުވާފައި ހުރި އުނދޯލީގަ އެވެ. ހަތަރު ފޫޓަށް ރާނާފައިވާ ވަށާފާރުގެ އެކި ހިސާބު ވެއްޓި ތިރިވެފައިވާއިރު މަގުމަތިން ދާމީހުން އެތާ އޮންނައިރު ރީތިކޮށް ފެނެ އެވެ. ބިލާލް ކުޅެ ނިންމާފައި އެ މަގުން އަންނާތީ ފެނުމާއެކު ޝިފާ އުނދޯލިން ތެދުވެގެން ފާރާ ކައިރިވެލި އެވެ.

ބިލާލް އަކީ ހައިޝަމްގެ މާ ގާތް އެކުވެރިއެކެވެ. ދެ މީހުން އެކީ ފުޓުބޯޅަ ކުޅެން ދިއުމުގެ އިތުރުން ކުލާހުގައި ވެސް ދެ މީހުން ތިބޭނީ އެއް ތަނެއްގަ އެވެ.

"ބިލާލް މަޑުކޮށްބަލަ!" ޝިފާ ގޮވި އެވެ.

ބިލާލް އޭރު އައިސް އަރާހަމަވަނީ އެވެ. ބިލާލް ހުއްޓިފައި ޝިފާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ޝިފާ އެ ވަގުތު ދެކޮޅު ބަލާލުމަށް ފަހު މުށުތެރޭ އޮތް ގަނޑުކޮޅެއް ބިލާލްއަށް ދިއްކޮށްލި އެވެ.

"ކަލެއަކަށް ނޫން. ހައިޝަމްއަށް ދީ!" ޝިފާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ވާހަކަދެއްކި އެވެ.

ބިލާލް އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީ އެވެ. އަދި އޭގައި ހިފާކަށް ވެސް ނޫޅުނެވެ. ޝިފާ ރަކިވާގޮތްވި އެވެ. ބަހަކުން ބަހެއްނުބުނެ ބިލާލް އޭނަ މުޅިން ފަލީހަތްކޮށްފި އެވެ.

"އަހަރެން ވެސް ބަދަލުގަ ބިލާލް ބުނި ކަމެއް ކޮށްދޭނަން،" ޝިފާގެ ކެތްތެރިކަން ކޮޅުންލާން ފެށި އެވެ. އޭނަ އެންމެފަހުން އަތްތިރިކޮށްލި އެވެ. އެ މަގުން މީހަކު އަންނާތީ ފެނިގެން އޭނަ ފަހަތަށް ޖެހިލައި ބަނބުކެޔޮ ގަހާ ނިވާވެލި އެވެ.

"ބަސްޓްކޮށްލަން އުޅުމުގެ ކުރިން ހަނދާންކުރާތި އަހަންނަށް ވެސް ބިލާލްގެ ބައިވަރު ސީކްރެޓްތައް އެނގޭކަން. ހަލީމާއްތަ ކައިރީ ބުނެލަން ނަގާނީ ކުޑަ ވަގުތުކޮޅެއް،" ޝިފާ އަމިއްލަ ދިފާއުގައި އިތުރަށް ބުނެލި އެވެ.

"ގެނޭ. އެކަމަކު ޝިފާ ނުވާނެ އަހަރެން ބުނާ ކަމެއް ކުރަން ފަސްޖެހިގެނެއް،" ބިލާލް ފާރު ވެއްޓިފައިވާ ދިމާއިން ގިރާކޮށްލައިފައި ކުރިއަށް ފިޔަވަޅެއް އަޅާލައި ޝިފާގެ ކުރިމައްޗަށް ހުއްޓުނެވެ.

ޝިފާގެ މޭގަނޑު ތެޅިގަތެވެ. އެކަމަކު އޭނަ އެ ގަޑީ ސުވާލު ކުރާކަށް ނުހަދަ އެވެ. ކަރުދާސްކޮޅު ދީފައި އަވަހަށް ގޮސް ގެއަށް ވަދެއްޖެ އެވެ. އެއީ ބައްޕަ ވެސް މިސްކިތަށް ދިއުމުގެ ކުރިން ފެންވަރާލަން އަންނަ ގަޑި އެވެ. ބައްޕައަށް ފެނިއްޖެއްޔާ ދުވަސްދިޔައީ އެވެ.

ކޮންމެއަކަސް ދެ އަންހެންކުދިންގެ ނޯޓް ކިޔާފައި ހައިޝަމްގެ ޖަވާބު ހިފައިގެން ބިލާލް އައިސް ދިނީ މަލީހާއަށެވެ. އަދި އެ ވެސް ދެ އަންހެންކުދިން ސުކޫލް ނިންމާފައި އެކީގައި ނިކުމެގެން އަންނަނިކޮށެވެ. މައްސަލަ ޖެހުނީ އެ ހިސާބުންނެވެ. ޝިފާ ބިލާލް ދެކެ ވެސް ރުޅި އަ އެވެ.

"އަހަންނަށް ހީވަނީ ބިލާލް އަހަރެންގެ ނޯޓުކޮޅު ނުދީ މަލްގެ ނޯޓްހެން ހައިޝަމްއަށް ދިނީ،" ޝިފާ ބިލާލްއާ ވާހަކަދެއްކީ ހަލީމާއްތަ ފޮނުވައިގެން އެ ގެއަށް އެއްޗެއް ބަލާ އައި ގަޑީގަ އެވެ.

"ތިހާ އިތުބާރެއް ނެތިއްޔާ ކީއްކުރަން މަށާ ހަވާލުކުރީ،" ބިލާލް ޝިފާގެ އިލްޒާމު ދޮގެއް ވެސް ނުކުރި އެވެ. އަތުގައި ހުރި ލޮނު ގޮށި ހިފައިގެން އޭނަ ދިޔައީ އެ ގެއިން ނިކުންނާށެވެ.

ޝިފާއަށް ގަބޫލުކުރެވުނު ގޮތުގައި ހައިޝަމްއަށް ކަމުދާނީ އޭނަ އެވެ. މަލީހާއަށް ވުރެ ހުރިހާ ގޮތަކުން ވެސް ރީތީ އޭނަ އެވެ. ހައިޝަމްއަށް އޭނަގެ ނޯޓު ލިބުނު ނަމަ މަލީހާއަކަށް ފުރުސަތެއް ނުލިބޭނެ އެވެ.

ޝިފާ ދެން ކުރި ކަމަކީ މަލީހާ އާއި ހައިޝަމްގެ ގުޅުން ހަލީމާއަށް ފަޅާއަރުވައިލީ އެވެ. ހަލީމާ ދަރިފުޅުގެ ގައިގައި ތަޅައި އަނިޔާކުރިއިރު ޝިފާ ފެންނަ ހިސާބުގައި އަމިއްލަ ގޭ ގޯތިތެރޭގައި މަކަރު ހިންޏެއް އައިސްފައި ސިއްރުން ބަލަން ހުއްޓެވެ. ބިލާލް އެ ގަޑީގައި ބޭރުން އައިސް ގެއަށް ވަނީ އެވެ. ޝިފާ ހުރި ވައްތަރު ފެނުމުން މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލައިފައި ގޮސް ކޮންމެވެސް އެއްޗެކޭ ބުނިތަން ފެނުނެވެ. އަދި އޭނަ ފިލާ ހުއްޓާ ވެސް އެ ބިލާލްގެ ލޮލުގައި އަޅައިގެންފި އެވެ.

ހަލީމާ ދަރިފުޅު ދޫކޮށްލާފައި އެތެރެއަށް ވަނީ އެ ބުނި އެއްޗެއް އަޑުއަހައިގެންނެވެ.

މަލީހާ ކަރުނަ ފުހެމުން ކޮންމެވެސް ދިމާއަކަށް ވަދެގެން ދިޔަ އެވެ. ޝިފާ ވެސް ތުން އަނބުރާލައިފައި ގެއަށް ވަދެއްޖެ އެވެ.

ދުވަސްތަކެއް ފަހުން ބިލާލް ޝިފާއާ ދިމާކޮށްފައި ދަރަނި އަދާކުރަންވީ ވަގުތު ޖެހުނީކަން ހަނދާންކޮށްދިނެވެ. ޝިފާ އަޑުއަހަން ހުއްޓެވެ. އެވަގުތު ބިލާލް ބުނި އެއްޗަކުން އަތް މުށްކަވައި ބާރުކޮށްލެވުނެވެ.

(ނުނިމޭ)

ކޮމެންޓް (1)

ޒާނާ

8 އޯގަސްޓު 2024
އެހެންވީމަ ބިލާލް ދޯ މިއުޅެނީ. ރަނގަޅު ކަމެއް ކުރާކަށް ތިސޮރެއް ނުބުނާނެ. ފިސާރި ލާނެއްވާނެ ބިލާލް. މިވީގޮތުން ދެންއޮތް ބައި ނުކިޔާ ނޭނގެ ލޮލަށް ނިދި އަންނާނެކަމެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް