މި ހިތުގެ ޝިފާ
އެޕިސޯޑް 1
ދޮރުގައި ޓަކި ޖަހާލި އަޑަށް އެނދުގައި އޮވެފައި ޝިފާ ބޯހިއްލާލައި އެދިމާއަށް ބަލައިލި އެވެ. ދެން އަނެއްކާވެސް ބާލީހަށް މޫނު ހަރައިލި އެވެ. ޓަކީގެ އަޑު ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ވެސް ތަކުރާރުވި އެވެ.
"ގޯ އަވޭ...!" ފަރުވާކުޑަ ގޮތަކަށް ޝިފާ ގޮވާލި އެވެ.
"އަހަރެން މި ވަންނަނީ އެތެރެއަށް،" އެ އިވުނީ ސަމާގެ އަޑެވެ.
ސަމާއަކީ ޝިފާގެ އެންމެ ދުވަސްވީ އެންމެ ގާތް އެކުވެރިޔާ އެވެ. ޝިފާގެ ހުރިހާ ސިއްރުތަކެއް ހިއްސާކުރާ މިތުރާ އެވެ. ހުރިހާ އުފަލަކާއި ހިތާމައެއްގައި އެންމެ ގާތުގައިވާ ބައިވެރިޔާ އެވެ.
ސަމާ ބުނި ފަދައިން އިރުކޮޅަކުން ތަޅުގައި ހިފައި އަނބުރާލި އަޑު އިވުނެވެ. ޝިފާ އެ އޮތް ގޮތަށް އޮތެވެ. ސަމާ ދޮރު ހުޅުވާލައިފައި އެތެރެއަށް ބޯދިއްކޮށްލި އެވެ. ޝިފާ ނިދަން އޮތްތަން ފެނުމުން އެތެރެއަށް ވަދެ ދޮރު ލައްޕާފައި ވަދެގެން ގޮސް އެނދު ކައިރިއަށް ހުއްޓުނެވެ.
"ޝިފާ ކޮންކަމެއް ތީ؟ އަހަރެން ބުނީމެއްނު އަހަރެން މި އަންނަނީއޭ ރެޑީވާށޭ..." ސަމާ އެކުވެރިޔާގެ ކޮނޑުގައި ހިފާ ތަޅުވާލި އެވެ.
ޝިފާ ޖަވާބުދިން ނަމަވެސް ބާލީހުގައި މޫނު ފޮރުވައިގެން އޮތުމުން ބުނި އެއްޗެއް ސާފެއްނުވި އެވެ.
"ތިކިޔާ އެއްޗެއް ސާފުކޮށް ކިޔާބަލަ!" ސަމާ އެނދުގައި އިށީނދެފައި އަނެއްކާވެސް ޝިފާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.
"އަހަރެން ބުނީމެއްނު އަހަރެން ބޮލުގަ ރިއްސައޭ،" އެކުވެރިޔާއާ ދިމާއަށް މޫނު އަނބުރާލައިފައި ޝިފާ ވާހަކަދެއްކި އެވެ.
"އުނހު ކަމަކުނުދާނެ. ޝިފާ ވާނީ ދާން. ކިޔާން ހާއްސަކޮށް ޝިފާ ގެންދާށޭ ބުނި. ތިހެން އޮންނާތީއޭ ތި ބޮލުގަ ރިއްސަނީ ވެސް. އެނދުގައި އޮންނަންޏާ ބަލި ބޮޑުވާނެއޭ ކިޔައެއްނު،" ސަމާ ތެދުވެފައި ޝިފާގެ އަތުގައި ހިފައި އެނދުން ނަގަން އުޅުނެވެ.
ޝިފާ އެކަމަށް އެއްބާރުލުމެއް ނުދިނެވެ.
ސަމާ ދެން އެނބުރުނީ އަލަމާރިއާ ދިމާއަށެވެ. އޭނަ އެދިޔަ ގޮތަށް ގޮސް ޝިފާގެ އަލަމާރި ހުޅުވާލައިފައި ކޮނޑުގައި އަޅުވާފައި ހުރި ހެދުންތައް ބަލަން ފެށި އެވެ. ޝިފާ ދެކޮޅު ހެދުމުގެ ގޮތުން ކީ އެކައްޗެއް ވެސް އަޑު އެހުމެއްނެތި ސަމާއަށް ކަމުދިޔަ ހެދުން ގެނެސް އެނދުމަތީ ފަތުރާލައިފައި ގޮސް ރީތިވާ މޭޒު ހުޅުވައިލީ ގުޅޭ ކަންފަތުލާއެއްޗެއް ހޯދުމަށެވެ. ކަރު ހުހަށް ބޭއްވިއަސް ކަންފަތް ފަޅުފިލުވުމަކީ ޝިފާގެ ސްޓައިލެވެ. އެކަން ސަމާއަށް ރަނގަޅަށް އެނގެ އެވެ.
"ދެން ދޭ ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން އަންނަން،" ދެ އަތުން ދެ ކަންފަތުލާއެތި ނަގައިގެން އެނބުރި ޝިފާއަށް ދައްކާލައިފައި ސަމާ ފާހާނާއާ ދިމާއަށް ބޮލުން އިޝާރާތްކޮށްލި އެވެ.
އެކުވެރިޔާގެ ބޯހަރުކަން އެނގޭތީ ޝިފާއަށް ޖެހުނީ ބަލި ގަބޫލުކުރާށެވެ. އޭނަ މޫނު ހަދައިގެން ތެދުވެ ރަޖާ އެއްފަރާތްކޮށްލައިފައި އެނދުން ފައިބައިގެން ފާހާނާއާ ދިމާއަށް ދިޔަ އެވެ. ފަތަހައިގެ ހިނިތުންވުމަކާ އެކު ސަމާ އައިސް އިށީނދެލީ އެނދުގަ އެވެ. އޭނަ ޖިންސްގެ ފަހަތު ޖީބުން ފޯނު ނަގާފައި މެސެޖުކޮށްލީ ކިޔާން އަށެވެ. ޝިފާ ވަގުތުކޮޅެއް ނަގާނެކަން އެނގޭތީ އޭނަ އަލަމާރިން ބައެއް އެއްޗެހި ނަގައި ކުޑަ ދަބަހަކަށް އަޅައި ތައްޔާރުކޮށްލި އެވެ.
"ތިހެދުމެއް ނުލާނަން..." އެނބުރި އައިސް އެނދުމަތީ އޮތް ޓޮޕްކޮޅަށް ބަލާލައިފައި ޝިފާ އެނބުރުނީ އަލަމާރިއާ ދިމާއަށެވެ.
"އެކީއްވެ؟ މީ ޝިފާގެ ފޭވަރިޓްއެއްނު...ކިއާންއެއްނު ދިނީ ވެސް..." ސަމާ ފޯނު ތިރިކޮށްލާފައި އެކުވެރިޔާއަށް ހަނދާންކޮށްދެމުން ބުނެލި އެވެ.
ޝިފާ އެ އަޑެއް ނާހަ އެވެ. އަލަމާރިން އޭނަ ނެގީ އަތްދިގު ކަޅުކުލައިގެ ކުރުތާއެކެވެ. ގަޔަށް ދޫކޮށް ހުރެފައި ބުޑު ނިވާވާވަރު އެއްޗަކަށް ވެސް އޭނަ އަތުގައި އޮތީ އެ ހެދުމެވެ.
"މި އުޅެނީ މީހަކު ވަޅުލާން ދާންތަ؟" ސަމާ ފުންމައިގެން ތެދުވި އެވެ.
"އެހެން ނޫނީ އަހަރެން ނުދާނަން،" ޝިފާ ވެސް ގަދަކޮށްލި އެވެ.
ސަމާ ވަގުތުން ހަތިޔާރު ބެހެއްޓި އެވެ.
***
ޓެކްސީގައި އިންއިރު ސަމާ މެދުކެނޑުމެއްނެތި ފޯނުން މެސެޖު ކުރަމުން ދިޔަ އެވެ. ޝިފާ އެ ވަގުތު ވެސް އިނީ ބޭރު ބަލަހައްޓައިގެން ހިޔާލަކަށް ގެއްލިފަ އެވެ. މަހެއްހާ ދުވަސް ކުރިން ހިނގާދިޔަ ހާދިސާއަށް ފަހު ޝިފާ ފެންނަނީ ބަދަލުވަމުންދާ ތަނެވެ. ކުރީގެ ސަކަ މިޒާޖުގެ އަންހެންކުއްޖާ ގިނަ ވަގުތު ކޮންމެވެސް ހިޔާލެއްގައި ހުންނާތީ ފެންނަން ފެށި އެވެ. ރޭގަނޑު ސިއްސައިގެން ގޮސް ހޭލެވުމާއި ފާޑުފާޑުގެ ހުވަފެންތައް ފެނުން އާދައަކަށް ވި އެވެ. ސަމާ އަބަދުވެސް މަސައްކަތް ކުރަނީ ޝިފާގެ ކުރީގެ މިޒާޒު އަނބުރާ ގެނައުމަށެވެ. ގޭގައި އެކަނިވެފައި އޮތަނުދީ ބޭރުތެރެއަށް ނެރެވޭތޯ އެވެ.
"ޝީ ނީޑްސް ތެރަޕީ،" ކިޔާން އެއް ދުވަހަކު ސަމާ ކައިރީ ބުންޏެވެ.
"ވަޓް ޝީ ނީޑްސް އިޒް ސަމް ފަން. ރާވަބަލަ ޓްރިޕެއް،" ސަމާ ބޯން އިން ޖޫސްތަށިން ކޯވަރެއް ބޯލާފައި ބަހައްޓަމުން ވާހަކަދެއްކި އެވެ.
ކިޔާން ކޮފީތަށި ދުރުކޮށްލާފައި ބުމަ ކައިރިކޮށްލި އެވެ.
ދެ ޒުވާނުން ތިބީ ކޮފީއަކަށް އަރަ އެވެ. ސަމާގެ ކަރުގައި ވަޒީފާއަދާކުރާ ތަނުގެ ކާޑު އޮތްއިރު އަތްދަބަސް ޖެހިގެން ހުރި ހުސް ގޮނޑީގައި ބަހައްޓާފައި ހުއްޓެވެ. ކިޔާން އެދިގެން ސަމާ އުޅުނީ ޝިފާ ވެސް ގޮވައިގެން އަންނާށެވެ. އެކަމަކު ޝިފާ މީޓިންއަކަށް ވަނުމުން ސަމާއަށް ޖެހުނީ އެކަނި އަންނާށެވެ.
"ހަނދާން އެބަހުއްޓެއްނު ތި ދެ މީހުން ފުރަތަމަ ޑޭޓްކުރަން ފެށި ދުވަސް. އެއީ ވެސް ޓްރިޕެއްގަ ފެށުނު ކަމެއްނު. މެއިބީ ނައު ޝީ ނީޑްސް ސަމްތިން ޕާމަނަންޓް،" ސަމާ ވާއަތް އުފުލާލައިފައި ކަނާއަތުން ވާތުގެ ކަށި އިނގިލި ދައްކާލައިފައި ވާހަކަދެއްކި އެވެ.
ސަމާގެ އެ މެސެޖު ކިޔާންއަށް ފަހުމްވި އެވެ. އޭނަ އިރުކޮޅަކު އެއްޗެއް ނުބުނެ ބަލަން އިނދެލާފައި ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލި އެވެ. ދުރު ބަލާލައިފައި އަނެއްކާވެސް ސަމާއަށް ނަޒަރު ބަދަލުކޮށްލުމަށް ފަހު މޭޒާ ކައިރިވެލި އެވެ.
"ސަމާއަށް ހީވަނީ ޕްރޮޕޯސަލްއަކުން ހައްލުވާނެ ކަމަށްތަ؟" ޚުދު ކިޔާން ވެސް އެ ސުވާލުގެ ޖަވާބު ބޭނުމެވެ.
"ކީއްވެ ނުވާނީ؟ ކޮންމެ އަންހެންކުއްޖެއްގެ އެންމެ ބޮޑު ހުވަފެން އެއީ. އަހަންނަށް ޔަގީން ޝިފާގެ ހުރިހާ ޓެންޝަންއެއް ހަނދާންނެތިދާނެ،" ސަމާ ދިނީ ޔަގީންކަމެވެ.
"އެންގޭޖްވިއަސް އަދި މެރިޖް ބޭނުން ދުވަހަކަށް ފަސްކުރެވިދާނެ،" ކިޔާން އެއްޗެއް ނުބުނެ އިންނަން ފެށުމުން ސަމާ އިތުރަށް ބުނެލި އެވެ.
ޓެކްސީ ވާޓަރު ކައިރިއަށް ހުއްޓިއިރު ލޯންޗް އޮތީ ފުރަން ތައްޔާރުގަ އެވެ. ސަމާގެ ކޮނޑުގައި އޮތް ދަބަހުގެ އިތުރުން ދަބަހެއް ގެންގުޅޭކަން ވެސް ޝިފާއަށް އެނގުނީ ފައިބާފައި ދިއްކޮށްލީމަ އެވެ. ޝިފާގެ މޫނުމަތި ސުވާލުމާކުތަކުން ފުރުނެވެ. އެކަމަކު ސަމާ ހުރީ އެ ގަޑީގައި ޖަވާބުދޭކަށް ނޫނެވެ. އޭނަ ޝިފާގެ އަތުގައި ހިފާލައިފައި އެކީގައި ލޯންޗަށް އަރުވައިފި އެވެ. ސުވާލުކުރުމުގެ އިތުރު ބޭނުމެއް ވެސް ނެތެވެ. އެހެންވެ ޝިފާ ހިޔާރުކުރީ ހިމޭންކަމެވެ.
ނިޔާމައިގައި ދަތުރުކޮށްލާފައި ލޯންޗް ގޮސް ރަށުގެ ފަޅަށް ވަންއިރު ރޭގަނޑު ނުވައެއް ޖަހަން ދަނީ އެވެ. މިއުޒިކުގެ އަޑު އެ ހިސާބަށް ވެސް ހުއްޓެވެ. ދޮންވެލިގަނޑުމަތީ ކުޑަވަރެއްގެ ރަށެއްގެ މީހުން ވަރަށް ޒުވާނުންތައް ހަރަކާތްތެރިވަމުންދިޔަތަން ފެންނަމުންދިޔަ އެވެ. ދިގުދިގަށް މައްޗަށް އަޅުވާފައިވާ ލޭޒާ ލައިޓްތައް އެގޮތްމިގޮތަށް މިސްރާބު ބަދަލުވާތީ އެ ހިސާބަށް ވެސް ފެނެ އެވެ.
ލޯންޗް ފާލަމާ ކައިރިކުރިއިރު ކިޔާން ބަލާ އައިސް ހުއްޓެވެ. ދިގު އިސްކޮޅާއި އެކަށޭނަ ރޫފައެއް ލިބިފައިވާ ޒުވާނެކެވެ. ފަން އިސްތަށިގަނޑު ކަންފަތާ ހަމައަށް އަންނަ ވަރަށް ހުރިއިރު ނިތްމައްޗަށް އެ ވަގުތު ވެސް އިސްތަށިކޮޅެއް ފައިބާފައި އޮތެވެ. ކަޅު ދެލޮލާއި ހިތްގައިމު މޫނެކެވެ.
ކިޔާން ހުރީ ހުދުކުލައިގެ ފައިކުރިޔަށް ހިމަ ފަޓްލޫނަކާ އެކު މަތިން މަޑު ނޫކުލައިގެ ކުރުތާއެއްގަ އެވެ. ކުރުތާގެ އަތް އޮޅާލައިފައި އޮތްއިރު އެ ވަރުގަދަ މުލައްދަނޑި ފެންނަން އޮތެވެ. އަދި ކަރުން ތިރިއަށް ކަނޑާލާފައިވާ ބައިން މޭމަތިން ވެސް ބައެއް ހާމަވެފައިވި އެވެ.
ލޯންޗްގެ ގެގަނޑުން ނުނިކުންނަނީސް ޝިފާއަށް ކިޔާން ފެނިއްޖެ އެވެ. އޭނަގެ މޫނުގެ ކުލަވަރު އިތުރަށް ބަނަވީ އެ ހިސާބުންނެވެ. ސަމާ ނިކުމެގެން ދިއުމުން އޭނަގެ ފަހަތުން ނިކުތްއިރު ކިޔާން އަތް ދިއްކޮށްލައިގެން ހުއްޓެވެ. މީގެ މަހެއްހާ ދުވަސް ކުރިން ނަމަ އެގޮތަށް ކިޔާން ފެނުމުން އޭނަގެ ހިތް އުފަލުން ފޮޅުނީހެވެ.
ފަސްޖެހުނު ނަމަވެސް ޝިފާ ކިޔާންގެ އަތުގައި ހިފައިގެން ފާލަންމައްޗަށް ފޭބި އެވެ. ސަމާ އެ ދެ މީހުން ދޫކޮށްލާފައި ކުރީބައިގައި ރަށުތެރެއާ ދިމާއަށް ނައްޓާލައިފި އެވެ. ކިޔާން އަތުން ދޫކޮށްލުމާ އެކު ޝިފާ އަވަހަށް ދަބަހުގެ ދެ ވާގަނޑުގައި ހިފެހެއްޓި އެވެ. ކިޔާން އެ ދެ އަތް ދެން ޖަހައިލީ ފަޓްލޫނުގެ ޖީބަށެވެ.
"ކިހިނެއް ހާލު؟" ކިޔާން ޝިފާއަށް ބަލަން ހުރެގެން އެހި އެވެ.
"ބޭސް ކައިގެން އޮއްވާ ސަމާ ދިޔައީ. އޭނަ ގޮތްދޫނުކުރީމަ މި އައީ،" ޝިފާ ތެދަށް ޖަވާބުދިނެވެ.
"ތޭންކްސް،" ކިޔާން ބުނެލި އެވެ.
ޝިފާއަށް އެ މޫނަށް ބަލައިލެވުނެވެ. އެ ދެމެދަށް އައިސްފައިވާ ދުރުކަން އެ އެންމެ ލަފްޒުން ވެސް އޭނައަށް އިހްސާސްވި އެވެ.
"ހިނގާ ދާން،" ޝިފާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން ބޭނުންވީ ކުރިއަށްދާށެވެ.
ކިޔާން ބޯޖަހާލި ފަހުން ދެ މީހުން އެކީ ހިނގައިގަތެވެ.
ފާލަމުން ފޭބުނުއިރު އަޑުގަދަކަމުން ހީވަނީ ދެ ކަންފަތް ފަޅައިގެން ހިނގައިދާނެ ހެންނެވެ. މިއުޒިކުގެ އަޑާއި ހީ ސަކަރާތްޖަހާ އަޑެވެ. ސަމާ ކޮބައިތޯ ބެލިއިރު ގުރޫޕެއްގެ މެދަށް ވަދެ މިއުޒިކާ އެއްވަރަށް ފައިހަމަކުރާތީ ޝިފާއަށް ފެނުނެވެ. ކިޔާން އެ ވަގުތު ބުނި އެއްޗެއް ނޭނގިގެން ޝިފާ ކީކޭހޭ އަހައިލި އެވެ.
"އެބަ އަންނަން ފްރެޝް ޖޫސް ތައްޓެއް ހިފައިގެން،" ކިޔާން ޝިފާއާ ކުރިއަށްވުރެ ކައިރިވެލާފައި ކަންފަތްދޮށުގައި ވާހަކަދެއްކި އެވެ.
ޝިފާ ބޯޖަހައިލި އެވެ. އޭނަ އެތާ ހުއްޓާ ދަންނަ އެކުވެރިންނަށް ފެނިގެން ހައި ޖަހާލަން އަ އެވެ. ނަށަން ދާން ދިން ދައުވަތަށް ޝިފާ ދިނީ ފުރަގަހެވެ. އޭނަ އަތުގެ އިޝާރާތުން ބޮލުގައިރިއްސައޭ ބުނުމުން ނަސީބަކުން އެކަކު ވެސް އިތުރަކަށް ބާރެއް ނާޅަ އެވެ. އެކަކު އަނެކަކަށް ލަނޑުދެމުން ދުވެ ސަކަރާތް ޖަހާ މީހުން ވެސް ފެނުނެވެ. ޝިފާ އެތާ ހުއްޓާ ތިން ޒުވާނުން ވެގެން އަންހެންކުއްޖަކު ނަގައިގަނެގެން ގެންގޮސް މޫދަށް ލި އެވެ. އަންހެންކުއްޖާ އަރައި އޭނަގެ އެހެން އެކުވެރިން ތެންމަންވެގެން އައިސް ފަހަރަކު މީހެއްގެ ގައިގައި ބައްދަން ފެށި އެވެ. ޝިފާ ބިރުން އެތާ ހުރި އެހެން ބައެއްގެ ފަހަތަށް ވަދެ ފިލި އެވެ. އެތާ ގިނައީ ވެސް އޭނަ ދަންނަ މީހުންނަށްވުރެ ނުދަންނަ މީހުންނެވެ.
ކިޔާން ޝިފާ ހޯދަމުން އެނބުރި އައީ ޖޫސްތަށްޓަކާއި ރެޑްބުލް ދަޅެއް ހިފައިގެންނެވެ. ޝިފާ އަތަށް ޖޫސްތަށި ދީފައި ކިޔާން ދަޅު ކަނޑާލައިގެން ކޯވަރެއް ބޯލާފައި ތިރިކޮށްލި އެވެ. ޖޫސްތަށިން އެތިފޮދެއް ބޯލުމުން ޝިފާއަށް ވެސް ހިސާބެއްގެ ހިތްހަމަޖެހުމެއް އިހްސާސްވި އެވެ.
"މިތާ މާ އަޑުގަދައެއްނު. ހިނގާ ހިނގާލަން އެކޮޅަށް ދާން،" ކިޔާން ހުރެހުރެފައި ޝިފާގެ ކަންފަތްދޮށުގައި އެދުނެވެ.
ޝިފާ ކިޔާންއަށް ބަލައިލީ ވިސްނައިލާ ފަދަ ގޮތަކަށެވެ. ދެން ބޯޖަހާލި އެވެ. ކިޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.
ދެ މީހުން އެކީ ހިނގަމުން ހިނގަމުން ވަކި ހިސާބަކަށް ދެވުނުއިރު މިއުޒިކުގެ އަޑު މަޑުވާން ފެށި އެވެ. އޭގެ ބަދަލުގައި އިވެން ފެށީ ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުގެ ހިތްގައިމު އަޑެވެ. އަނދިރީގައި އެގޮތަށް ގޮނޑުދޮށުގައި އުޅެން ޝިފާ ބިރުގަނެ އެވެ. ކައިރީގައި ކިޔާން ހުރުމުގެ އިތުރަށް ޝިފާއަށް ހިތްވަރަކަށް ވީ ދެމުންދިޔަ ފަނޑު ހަނދުވަރެވެ. އުޑުމަތި ބަނަކޮށް އޮތުމުން ހަނދު ވެސް ފައުޅުވަމުން ދިޔައީ ވިލާތަކުގެ ތެރެއިންނެވެ. ދެ މީހުން ދައްކަމުން ދިޔައީ ކިޔާންގެ ކޮއްކޮ އަނެއްކާވެސް އިތުރު ކޯހެއް ހަދަން އުޅޭ ވާހަކަ އެވެ. ކިޔާންގެ ކޮއްކޮ ހަދަން ފެށި ކޯސްތަކުގެ އަދަދާއި ނުނިންމާ ދޫކޮށްލި އަދަދުގެ އިތުރަށް ވަޒީފާގެ ވާހަކަ އެވެ. ޝިފާ ވެސް އޭނަ ދަންނަ ކުދިންގެ ތެރޭގައި އުޅޭ އެގޮތަށް އެއްތާކު ހަރުނުލާ ކުއްޖެއްގެ ވާހަކަ ކިޔައިދިނެވެ. ދެ މީހުން ވެސް ހީވަނީ ޒާތީ އެއްވެސް ވާހަކައެއް ނުދައްކަން އަޒުމް ކަނޑައަޅައިގެން ތިބިހެންނެވެ.
"ހިނގާ އިށީނދެލަން،" ކިޔާން ހުއްޓިފައި ލަފާ ދިނެވެ.
ޝިފާއަށް އެނބުރި ބަލައިލެވުނީ އެއްގަމުން ފެންނަން ހުރި ގަސްތަކާ ދިމާއަށެވެ. އޭނަ އެނބުރުނުއިރު ކިޔާން އިށީންނަތަން ފެނުމުން ފައިވާން ދޫކޮށްލާފައި އޭނަ ވެސް އިށީނދެލި އެވެ. ކައިރީގައި ކިރު ކަކުނިތައް ދުވެ ދުވެފައި އުޅޭތީ ފެނުނެވެ. ހަނދުވަރުގެ އަލި މޫދުގެ ލޮނުގަނޑަށް އެޅިފައިވާއިރު ރިހިފަތްގަނޑެއްހެން ވިދަނީ އެވެ. ޝިފާ އިނީ ކަކުނިތަކަށް ވިސްނައިގެންނެވެ. އެކަމަކު އެ އެއްޗެހި ޝިފާމެނަކާ ކައިރިއެއް ނުވެ އެވެ.
"ހަނދާން އެބަހުރިތަ އަހަރުމެން ފުރަތަމަ ދިމާވި ދުވަސް؟" ތަފާތު އެކި ކަހަލަ ވާހަކަތަކަށް ފަހު ކިޔާން ސުވާލުކޮށްލި އެވެ.
"ހޫމް،" ޝިފާ ޖަވާބުދިނެވެ.
"ހަމަ މިކަހަލަ ޕާޓީއެއް ދޯ އެއީ؟ އެ ހުރިހާ މީހުންގެ ތެރެއިން އަހަންނަށް ޝިފާ ފާހަގަވީހެން ޝިފާއަށް ވެސް ބެލުނީ އަހަންނަށް. މުޅި ރޭ އެކަކު އަނެކަކަށް ދުރުން ބަލަބަލާފަ ސްމައިލް ދީދީފައި އެންމެފަހުން ހަމަ އެރޭ އަހަރެމެންގެ ޑޭޓިން ޖާނީ ފެށުނީ،" ކިޔާން ހަނދާނުގެ ތެރެއަށް ފީނާލާފައި ވާހަކަދެއްކި އެވެ.
ޝިފާ އެރޭ ރަނގަޅަށް ހަނދާން ހުއްޓެވެ. އަދި އޭނަ ކިޔާންއާ ދައްކަން ބޭނުންވާ ވާހަކަ ދައްކަން ކިޔާން އެ ގެންދާ މިސްރާބު ރަނގަޅު ކަމުގައި ގަބޫލުކުރެވުނެވެ. މީ އެކަމަށް އެންމެ ރަނގަޅު ފުރުސަތޭ ހިތަށް އެރި އެވެ.
"އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފަ،" ހިމޭނުން އިނދެލާފައި ޝިފާ ބުނެލި އެވެ.
"އަހަރެން ވެސް،" ކިޔާން ހިނިތުންވުމަކާ އެކު ޝިފާގެ މޫނަށް ބަލައިލި އެވެ.
ޝިފާގެ ހިތަށް ތަދުވި އެވެ. އޭނަ ބުނަން އޮތް ވާހަކަ އެހުމަށް ފަހު ކިޔާންގެ އެ ހިނިތުންވުން އެގޮތުގައި ނުހުންނާނެ އެވެ.
"ހިނގާ އެކޮޅަށް،" ކިޔާން ގަޑި ބަލާލައިފައި ކުއްލިއަކަށް ޝިފާގެ އަތުގައި ހިފައިގެން ތެދުވެއްޖެ އެވެ.
"އެ ކީއްކުރަން؟" ޝިފާ ހައިރާންވި އެވެ.
"ފުރަތަމަ އަހަރެން ބުނާނީ. އޭގެ ފަހުން ޝިފާ ތި ބުނަން އުޅޭ ވާހަކަ،" ކިޔާން ގުދުވެލާފައި ޝިފާގެ ފައިވާން އަނެއް އަތަށް ނަގައިގެން އެނބުރި އައި ކޮޅަށް މިސްރާބު ޖަހައިފި އެވެ.
މީހުން އެއްވެފައިވާ ހިސާބާ ކައިރި ވީވީހެން ޝިފާގެ ހިތް ތެޅެން ފެށި އެވެ. ވާހަކައެއް ބުނަން އުޅެފައި ކިޔާން އެ ދިމާއަށް އެ ދަނީ ކީއްވެބާވައޭ ހިތަށް އެރި އެވެ. އެ ދެ މީހުން ގޮސް ކައިރިވުމާ އެކު އެއް ބަޔަކު އެއްފަރާތްވެ ތަން ދެއްކި ގޮތުން ހީވީ މާކުރިއްސުރެ ރޭވިގެން ކުރިއަށްދާ ކަމެއް ހެންނެވެ. ޝިފާމެން އެތެރެއަށް ވަނުމާ އެކު އެންމެން އެ ދެ މީހުންނަށް ތަންދީފައި ދުރަށް ޖެހި ފެންނަ ހިސާބުގައި ބައިބަޔަށް ހުއްޓިއްޖެ އެވެ. މިއުޒިކުގެ އަޑު ކެނޑުމާއެކުހެން އެއްވެފައިވާ މީހުންގެ އަޑު ވެސް ކެނޑި މުޅި ތަން އެކީ ހިމޭންވި އެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުގެ އަޑު ފިޔަވަ އެވެ. ޝިފާ ހައިރާންވެގެން ވަށައިގެން އެކި މީހުންގެ މޫނަށް ބަލައިލީ ޖެހިލުންވެފަ އެވެ. އޭނަ އެންމެ ބޭނުންވީ ސަމާ ހޯދާށެވެ. ސަމާ ހިނިތުންވެފައި ހުރީ ޚުދު ޝިފާއަށް ބަލަހައްޓައިގެންނެވެ. ދެން ފެނުނީ އޭނައާ ދިމާއަށް 'ފްލައިން ކިސްއެއް' ފޮނުވާލި ތަނެވެ.
ކުއްލިއަކަށް ވަށައިގެން ތިބި މީހުންގެ އަޑުގަދަވީ ކޯއްޗެއް ފެނިގެން ކަމެއް ޝިފާއަކަށް ނޭނގުނެވެ. އަދި ސަމާ ވެސް އަނގަމަތީ ދެ އަތް އަޅައިގެން ބަލަން ފަށައިފި އެވެ. އެންމެން އެ ބަލަނީ އޭނައަށް ނޫންކަން އަދި އޭނަގެ ކައިރީގައިވާ މީހަކަށްކަން ވިސްނިފައި ޝިފާ ކިޔާން ކޮބައިތޯ ހޯދައިލި އެވެ.
ތިރީގައި ކުޑަކަކޫ ޖަހައިގެން އިން ކިޔާން ފެނުނީ ދެނެވެ. ޝިފާގެ މެއަށް ހީވީ ފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ. ކިޔާން އެއް އަތް ކަކޫމަތީ ބާއްވާލައިގެން އިންއިރު އަނެއް އަތް އޭނައަށް ދިއްކޮށްލެވިފަ އެވެ. އަދި އެ އަތުގައި ހުޅުވާލެވިފައިވާ މަހުމާ ފޮށްޓެއްގައި ވިދަވިދާއިން އަލިމަހުގެ އަނގޮޓިއެކެވެ.
"ވިލް ޔޫ މެރީ މީ؟" ކިޔާން ޝިފާއަށް ބަލަން އިނދެގެން ހުށައެޅި އެވެ.
ޝިފާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ.
"ސޭ ޔެސް! ސޭ ޔެސް! ސޭ ޔެސް!" ތަސްބީހައެއްހެން އެކަކު ފެށި ޖުމްލަ ކިއުމުގައި އެންމެން ބައިވެރިވެއްޖެ އެވެ.
ޝިފާއަށް ކިޔާންއަށް ބަލަން ހުރެވުނީ އެވެ. އެންމެން ވެސް ހީކުރީ ޝިފާއަށް ލިބުނު ޝޮކްގައި ގުޑާނުލެވިފައި ހުރީ ކަމަށެވެ.
ކިޔާން އިރުކޮޅަކު ބަލަން އިނދެލާފައި ޝިފާ ގުޑާނުލާހެން ހީވުމުން އަނގޮޓި ނަގާފައި އެ އަތުގައި ހިފާލައި ކައިރިކޮށްލީ އަނގޮޓި އަޅުވަން ވެގެންނެވެ. ބުދެއްހެން ހުރި ޝިފާގެ ހަށިގަނޑަށް އަމިއްލަ ބާރު އައީ ދެނެވެ. އޭނަ ތެޅިގެންފައި ކިޔާންގެ އަތް ފޮޅުވާލުމަށް ފަހު ފަހަތަށް ޖެހުނެވެ. ވަގުތުން ވަށައިގެންވި މީހުންތައް ވެސް ހިމޭންވެއްޖެ އެވެ. ހައިރާންވެފައި އެންމެން ޝިފާއަށް ބަލަނީ އެވެ. އެ ވަގުތު ކިޔާން ވެސް ކޮޅަށް ތެދުވެއްޖެ އެވެ.
ކުޑަކޮށް ބިރުގަނެފައި ހުރި ކުއްޖަކު ފަދައިން ޝިފާ އަނެއްކާވެސް ހޯދައިލީ ސަމާ އެވެ. ދެން ބާރުބާރަށް ގޮސް ސަމާގެ އަތުގައި ހިފައިގެން މީހުންތައް ދުރުކުރަމުން އެތަނުން ނިކުމެއްޖެ އެވެ. އޭނަ ސަމާގެ އަތަށް ދަމަމުން ދުރަށް ހިނގައިގަތެވެ.
"ޝިފާ ވަޓްސް ގޮއިން އޯން؟ ކީއްވެ އަތްފޮޅުވާލައިފަ ތި އައީ؟" ސަމާ ނުދާންވެގެން ހުއްޓުނެވެ.
ޖަވާބުދޭންވެގެން ޝިފާ ހުއްޓިފައި އެކުވެރިޔާއާ ދިމާއަށް އެނބުރުނު ވަގުތު މީހުންތަކު ތެރެއިން ނިކުމެގެން އެ ދިމާއަށް އައި ކިޔާން ފެނުނެވެ. ކުރިން ވަށްކޮށި ހަދާލައިގެން ތިބި އެންމެން ވެސް ބައިބައިވެގެން ތިބެ އެނބުރިއެނބުރިފައި އެ މީހުންނަށް ބަލަނީ އެވެ.
"އަހަރެން ބޭނުމީ މާލެ ދާން،" އެކުވެރިޔާގެ އަތުން ދޫކޮށްލާފައި ޝިފާ މިފަހަރު ހިނގައިގަތީ ފާލަމާ ދިމާއަށެވެ.
(ނުނިމޭ)
ކޮމެންޓް (2)
ވާހަކަކިޔާ ކުއްޖާ
ޒާނާ