މި ހިތުގެ ޝިފާ

ވާހަކަ

ވާހަކަ: މި ހިތުގެ ޝިފާ - ހަތަރުވަނަ ބައި

14 އޯގަސްޓު 2024
4

އޭނަ ނިކުންނަން ދަމުން އަނބުރާލައިފައި އައިސް ގޮނޑި ކައިރީ ބެހެއްޓި ކޮތަޅު ނަގައި މޭޒުމަތީ ބަހައްޓާފައި އިތުރަށް ވާހަކަދެއްކި އެވެ.

"މިވަގުތު އަތުން ގެނެވުނު އެއްޗަކީ މީ. ގޭގައި ދެން ހުރި ހުރިހާ އެއްޗެއް ވެސް ފޮށިގަނޑަކަށް އަޅާފަ ތިގެއަށް ފޮނުވާނަން." ދެން އަނެއްކާވެސް އަނބުރާލައިފައި ގޮސް އެތަނުން ނިކުތެވެ.

ޝިފާ އޮފީހަށް ވަދެ އަމިއްލަ ކެބިންއާ ދިމާއަށް ދިޔައިރު ސަމާ ފޯނެއްގައި އިނދެގެން އޭނައާ ދިމާއަށް ބަލައިލި އެވެ. ޝިފާގެ މެއަށް ފިނިވެލި އެވެ. ސަމާ ގުޅައިގެން އެ އިނީ ކިޔާންއަށް ކަމުގައި އެވަގުތު ހިތް ބުނެލި އެވެ. އޭނަ އަވަސްއަވަހަށް ގޮސް އަމިއްލަ މޭޒު ދޮށުގައި އިށީނދެފައި މަސައްކަތަށް ސަމާލުކަން އަނބުރައިލެވޭތޯ އުޅުނެވެ.

އިރުކޮޅަކުން ފޯނު ރިންގްވާން ފެށި އެވެ. ޝިފާ ބަލާލިއިރު ކިޔާން ގުޅަނީ އެވެ. އޭނަ ފޯނު ސައިލެންޓަށް ލައިފައި ބަންޑުން ބޭއްވި އެވެ.

މަސައްކަތް ނިންމާފައި ނިކުމެވުނުއިރު އަސުރުވާކަށް މާގިނައިރެއް ނެތެވެ. އަދި ޝިފާ އޭރު ހުރީ މެންދުރު ނަމާދު ނުކޮށެވެ. މެންދުރަށް ލިބުނު "ބްރޭކް" ވަގުތުކޮޅުގައި ބައްދަލުވުމެއްގައި ތާށިވެގެން ކާން ވެސް ޖެހުނީ ސޭންޑްވިޗަކަށް އޯޑަރުދީގެން ގެންގޮސްގެންނެވެ. އެހެން ނޫނަސް ބްރޭކް ގަޑީގައި ގެއަށް ގޮސް ނަމާދުކޮށްގެން ކާނެ ވަގުތެއް އޭނައަކަށް ނުލިބޭނެ އެވެ. ދެން އޮތީ މަސައްކަތުގެ ތެރެއިން އޮފީހުގައި ނަމާދުކުރުމެވެ. އަދި އެއީ ޝިފާ ހުވަފެނެއްގައި ވެސް ވިސްނާނެ ކަމެއް ނޫނެވެ. އެންމެންގެ ނަޒަރުގައި އޭނައަކީ "އޭލިއަން" އަކަށް ހަދާނެ އެވެ.

ބައެއްފަހަރު ފައިމަގުގައި އަދި ގިނަފަހަރު ކިޔާންގެ ސައިކަލު ފަހަތުގައި ދަތުރުކުރުމަށް އާދަވެފައިވާ ޝިފާ މިފަހަރު ގެއަށް ދިޔައީ ޓެކްސީއެއްގަ އެވެ. ކާރުގެ އެއްފަރާތު ބިއްލޫރިގަނޑުން، ފެނި ގެއްލެމުންދާ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު އެއްފަހަރާ އެތަކެއް ހިޔާލުތައް އޭނަގެ ސިކުނޑީގައި އެނބުރެމުންދިޔަ އެވެ.

މާލެ އައިސް ޝިފާ ފުރަތަމަ ހުރީ ބޮޑުދައިތަގެ ގޭގަ އެވެ. ސާރާއާ އެކު ސާރާގެ ކޮޓަރީގަ އެވެ. ދެ އަހަރުވަންދެން އޭލެވެލް ފުރިހަމަ ކުރުމަށް ކިޔެވުމަށް ފަހު ޓީޗިން ހަދަން ފެށީ އަމިއްލަ އާއިލާގެ ވެސް އުންމީދުތަކާ ގުޅިލާމެހިފައިވާ ހުވަފެނަކަށްވީތީ އެވެ. ކުޑައިރުއްސުރެ ޚުދު ޝިފާވެސް ދުށީ އެ ހުވަފެނެވެ. އެކަމަކު މާލޭގައި ދުވަސްވީ ވަރަކަށް ޝިފާގެ ސިކުނޑި ދިޔައީ ހުޅުވެމުންނެވެ. ކުޑަކުޑަ ރަށުގައި ގިނަ ފުރުސަތުތަކެއް ނެތެވެ.

ކުޑައިރުއްސުރެ މާލެ އައިސް މާލޭގައި ދިރިއުޅުމުގެ އެދުން ޝިފާގެ ހިތުގެ ކަނެއްގައި ފޮރުވިފައިވި އެވެ. އެކަމަކު އެންމެ ފަހު ވަގުތު ވެސް އޭނަ ހުރީ އާއިލާއަށްޓަކައި ޓީޗަރުކަން ކިޔަވައިގެން އެނބުރި ގޮސް ރަށަށް ހިދުމަތް ކުރަން ނިންމައިގެންނެވެ. ޝިފާގެ ހިޔާލު ބަދަލުވީ ކިޔެވުން ނިންމާފައި އެނބުރިދާން ތައްޔާރުވެފައި ވަނިކޮށެވެ. ތެދަށް ބުނަންޏާ މާލެ އައި ދުވަހުން ފެށިގެން ހިޔާލު ބަދަލުވެއްޖެ އެވެ. އެކަމަކު އެއަށް އަމަލު ކުރީ ނިންމާފައި އެނބުރި ދާންވެފައި އޮތް ދުވަހެވެ. އެއީ އޭނަ އެކަކަށް ވެސް ނޭނގި އިންޓަވިއުކޮށްފައި އޮތް ވަޒީފާ ހަމަޖެހުނުކަން އެނގުނު ދުވަހެވެ.

"ޝިފާ. ދައްތައަކަށް ނުކެރޭނެ ޝިފާގެ ބައްޕައާ ދެކޮޅަށް ޝިފާ މި ގޭގަ ބަހައްޓާކަށް. ކުއްޔަށް ތަނެއް ހޯދައިގެން ބަހައްޓަދީފާނަން. ޝިފާއަށް މުސާރަ ލިބެންދެން ދައްތަ ފުރަތަމަ މަހުގެ އެޑްވާންސް ވެސް ދައްކަދޭނަން. އެކަމަކު ޝިފާ ނުވާނެ އެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެނެއް،" އޭނަ ރަށަށް ނުގޮސް މާލޭގައި މަޑުކުރަން ނިންމި ދުވަހު ބޮޑުދައިތަ އޭނަ ކައިރީ ބުނީ މިހެންނެވެ.

ސަމާ އާއި ޝިފާ ވަކި ތަނެއް ހިފައިގެން ބަދަލުވީ އަދި އޭގެ މާފަހުންނެވެ.

ޓެކްސީ މަޑުކޮށްލުމާ އެކު ފީ ދައްކާފައި ޝިފާއަށް ނިކުމެވުނީ ކިޔާން ކުރިމައްޗަށެވެ.

"ޝިފާ!" ޝިފާ ގެއާ ދިމާއަށް އެނބުރުނު ވަގުތު ކިޔާން ގޮވާލި އެވެ.

"މިހާރު ނެތް މަޑުކުރެވޭކަށް. ވަރަށް ލަސްވެގެން މިދަނީ،" ޝިފާ މަޑުކުރުމެއްނެތި ކުރިއަށްދާން ފެށި އެވެ.

ކިޔާން ވެސް އައީ އޭނަގެ ފަހަތުންނެވެ.

"އަހަންނަށް އެނގިފަ އޮތް ގޮތުން ވިއްޔާ އަހަރުމެން ދެ މީހުން ދައްކަން އޮތް ހުރިހާ ވާހަކައެއް ދައްކާ ނިމިފަ އޮތީ،" ޝިފާ ގޮސް ދޮރެއް ހުޅުވާލައިފައި ވަދެ ސިޑިއަކުން އަރަން ފެށި އެވެ.

"ޝިފާ ދައްކަން ހުރި ވާހަކަ. ދެ އަހަރު އެކީ އުޅެފައި ދުރުވާއިރު އަހަރެން ދައްކަން ޖެހޭ ވާހަކައެއް ނުހުންނާނެތަ؟" ކިޔާން ބުނި އެއްޗަކުން ޝިފާއަށް ހުއްޓެވުނެވެ.

އެކަމަކު އެ މޫނަށް ބަލައިލުމުގެ ބަދަލުގައި އަނެއްކާވެސް ކުރިއަށް ދިޔަ އެވެ. އޭނަ ހުއްޓުނީ އެޕާޓްމަންޓްގެ ދޮރާ ހަމައިންނެވެ. ދަބަހުން ތަޅުދަނޑި ނަގައިގެން ދޮރު ހުޅުވަން ތައްޔާރުވި ގަޑީގައި ކިޔާން އައިސް ކައިރިއަށް ހުއްޓުނެވެ.

"ވާހަކަދެއްކީ ހަމައެކަނި ޝިފާ. އަހަރެން އިނީ އަޑުއަހަން. އެހެންވީމަ ޝިފާ ޖެހޭ އަހަރެންނަށް ވެސް ޗާންސެއް ދޭން،" ކިޔާން އެހެން ބުނުމާ އެކު ޝިފާ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ.

ކިޔާން ފަހަތުން ވަނެވެ. އެނބުރި ބަލައިލާފައި ކިޔާން ދޮރު ލެއްޕިތަން ފެނުމުން ޝިފާ ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި އެވެ. އޭނަ އިތުރު ކަމަކާ މެދު ވިސްނުމެއްނެތި އަވަސްވެގަތީ ފާހާނާއަށްވަދެ ވުލޫކުރުމަށެވެ. އޭރު އަނެއްކޮޅުން ކިޔާން ޝިފާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްލައިގެން އިނެވެ.

ޝިފާ ގެއަށް އައީކަން އެނގޭތީ ނުނިކުންނަން އޮވެފައި ވެސް ސަމާ ކޮޓަރި ދޮރު ހުޅުވައިލީ ބޭރުން އިތުރު މީހެއްގެ އަޑު ވެސް އިވުނުހެން ހީވެގެން ޔަގީންކޮށްލަން ވެގެންނެވެ.

***

ކިޔާން އޭނަ ފަހަތުން އައިކަން ޝިފާ އަލުން ހަނދާންވީ ނިމިގެން މުސައްލަމަތީ އިންދަ އެވެ. އޭނަ އަވަސްއަވަހަށް ނަމާދުދޮޅި ބާލާފައި ބޭއްވުމަށް ފަހު އަރައިގެން ހުރި އިސްޓާކީނާ އެކު ކޮޓަރިން ނިކުންނަން އަ އެވެ. އޭނަ ދޮރު ހުޅުވައިލި އަޑަށް ކިޔާން އާއި ސަމާ ސޯފާގެ ދެކޮޅުގައި ތިބެފައި އެނބުރި އެ ދިމާއަށް ބަލައިލި އެވެ. ޝިފާ މަޑުމަޑުން އައިސް ކިޔާން ކައިރިއަށް ހުއްޓުނެވެ.

"ކިޔާން ބުނީ ތެދެއް. އަހަރެން މި އައީ އަޑުއަހަން،" ޝިފާ އެހެން ބުނިއިރު ސަމާއަށް ނަޒަރެއް ދިނެވެ. ނުސީދާކޮށް ސަމާ އެތަނުން ދިއުމަށް އެދުނު ފަދަ އެވެ.

އެކަމަކު ސަމާ އެނގުނު ކަމަކަށް ނުހެދި އެވެ.

"ސަމާ ޕްލީޒް! ގިވް އަސް ސަމް ޕްރައިވެސީ!" ކިޔާން އެންމެފަހުން ސަމާއަށް ބަލާލައިފައި އެދުނެވެ.

ސަމާ ތުން އަނބުރާލައިފައި ތެދުވެގެން ދިޔަ އެވެ.

"އަސްލު ކީއްކުރަން އޭނަ ފޮނުވައިލީ؟ އޭނައަށް ގުޅައިގެން މިހާރު ވެސް ހުރިހާ އެއްޗެއް ކިޔައިދީފީމެއްނު،" ސަމާ ގޮސް ގެއްލުމާ އެކު ތަންކޮޅެއް ދުރުގައި ސޯފާގައި އިށީންނަމުން ޝިފާ ވާހަކަދެއްކި އެވެ.

ކިޔާން ޝިފާއާވީ ފަރާތަށް އެނބުރިފައި ދެ ފަރާތަށް ބޯހޫރާލައި އެކަމާ ދެކޮޅުހެދި އެވެ. އެ އަމަލުން ޝިފާ ހަގީގަތުގައި ވެސް ހައިރާންވި އެވެ.

"ކީއްވެ ތިހާ ހައިރާންވީ؟ ޝިފާ އަމިއްލައަށް ބުނިއްޔާ ނޫނީ އަހަރެން އެކަކު ކައިރީ ވެސް ޝިފާގެ އެއްވެސް ވާހަކައެއް ނުބުނާނަން. އެހާ ދުވަހު އެކީ އުޅުނުއިރު ވެސް އަދިވެސް އަހަރެން ދަހެއް ނުވޭ ދޯ،" ކިޔާންގެ މޫނުން މާޔޫސްކަން ފެނުނެވެ.

ޝިފާއަށް ކުރެވުނު ކަމަކީ އިސްޖަހައިލުމެވެ.

"ޝިފާ! ޝިފާގެ ކުރިން ވެސް އަހަރެން އެކި ކުދިންނާ ޑޭޓްކުރިން. ބައެއް ކުދިންނާ އެކު ހަމަ ކުޑަ ދުވަސްކޮޅެއް. އަނެއްބައި ކުދިންނާ އެކު އެއަށް ވުރެ ގިނަ ދުވަސްތަކެއް އެކީ އުޅެވުނު. އެކަމަކު އެންމެ ގިނަ ދުވަހު އަހަރެން އުޅުނީ ޝިފާގެ ޕާޓްނާއެއްގެ ގޮތުގައި އަދި އަހަރެން މެރީކުރަން ވިސްނި ހަމައެކަނި ގާލްފްރެންޑަކީ ވެސް ތީ،" ކިޔާން ޝިފާއާ ދިމާއަށް ބޮޑަށް އެނބުރިލައިގެން ހުރެ ވާހަކަދެއްކި އެވެ.

އިސް އުފުލާލައިފައި ވެސް ޝިފާއަށް އެ މޫނަށް ބަލަން އިންނަން އުނދަގޫވީ އެ ވާހަކަތަކުގެ ސަބަބުންނެވެ. އޭނަ ކިޔާންއާ ވަކިވީ ހާދަ ވަރަކަށް އަމިއްލަ ހިތަށް ވިސްނައިދީގެންނެވެ. އަނެއްކާ އެ ހިތް ބަދަލުވެދާނެ އެވެ.

"ޝިފާ ވެސް ގަބޫލުކުރަމެއްނު އަހަރުމެން ދެ މީހުން އެކަކު އަނެކަކަށް ރަނގަޅުކަން. ވީ ބެއާލީ ފައިޓް،" ކިޔާން ބުނެލި އެވެ.

ޝިފާ ބޯޖަހައިލި އެވެ. ކިޔާން އެ ދައްކަނީ ހުސް ތެދު ވާހަކަ އެވެ. އެކަމަކު އަސްލު މައްސަލައަކީ އެއީއެއް ނޫނެވެ. ކިޔާންއަށް ވެސް މިހާރު އެނގޭނެ އެވެ. ވީއިރު އެ މައުލޫއުއަށް ވާހަކަނުދައްކައި ބޭކާރު ވާހަކަ އެ މީހުން އެ ދައްކަނީ ކީއްވެ ހެއްޔެވެ؟ ޝިފާއަށް ވިސްނައިލެވުނެވެ.

"ކިޔާން."

"ޝިފާ."

ހިމޭނުން ތިބެލާފައި ދެ މީހުންނަށް އެކަކު އަނެކަކުގެ ނަމުން ގޮވާލެވުނީ އެކުއެކީގަ އެވެ. ހަތަރުކަޅި ހަމަވުމާ އެކު ދެ މީހުންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވި އެވެ.

"ފުރަތަމަ ޝިފާ ބުނޭ!" ކިޔާ ހިނިއައިސްފައި އިނދެ ފުރުސަތު ދިނެވެ.

ޝިފާގެ ހިނިތުންވުން ފިލި އެވެ. އެތަން ފެނިގެން ކިޔާންގެ ކުލަވަރު ވެސް ބަދަލުވެއްޖެ އެވެ.

"އަސްލު މައްސަލަ މިހާރު ކިޔާންއަށް ވެސް އެނގިއްޖެއެއްނު،" ޝިފާ ވާހަކަދެއްކިލެއް މަޑުކަމުން ކިޔާންގެ ކަންފަތާ ހަމައަށް ވެސް ފޯރީ ކިރިޔާ އެވެ.

"އައި ކެން ޗޭންޖް،" ކިޔާންގެ ޖަވާބު އަ އެވެ.

ޝިފާއަށް އަވަސްއަވަހަށް އެ މޫނަށް ބަލައިލެވުނެވެ. އަޖައިބެއް ފެނިގެން ބަލާހެން އޭނަ ކިޔާންއާ ދިމާއަށް ބަލަނީ އެވެ. ކިޔާން ވެސް ނަޒަރު ބަދަލުކޮށްލުމެއްނެތި ޝިފާއަށް ބަލަހައްޓައިގެން އިނދެފައި ކުރިއަށް ވުރެ ކައިރިއަށް ޖެހިލި އެވެ. އުނގުމަތީ އޮތް ޝިފާގެ އަތުގައި އެ ދެ އަތުން ހިފައި ބޮނޑިކޮށްލި އެވެ.

"އީޒިއަ ސެއިޑް ދެން ޑަން،" ޝިފާ އަތް ދަމައިގަނެފައި ކޮޅަށް ތެދުވި އެވެ.

ފަހަތުން ކިޔާން ވެސް ތެދުވި އެވެ.

"ކިތަންމެ އުނދަގުލަސް ޝިފާއަށްޓަކައި އަހަރެން މިހުރީ އެކަމެއް ކުރަން ތައްޔާރަށް،" ކިޔާން ޔަގީންކަމާ އެކު ބުނެލި އެވެ.

ޝިފާ ތަކުރާރުކޮށް ދެފަރާތަށް ބޯހޫރައިލި އެވެ.

"ކީއްވެތަ ނުވާނެއޭ ތި ބުނަނީ؟ އަހަރެން މީ މީހަކު ނުވާނެއޭ ބުނެފި ކަމެއް ކޮށްފަ ދައްކާ މީހެއް،" ކިޔާން ހިތްހަމަނުޖެހުނެވެ.

"ލެޓްސް ސޭ ޔޫ އާ ސިންސިއަ،" ޝިފާ ފުރަތަމަ ފަހަރަށް ކިޔާންގެ ވާހަކައަށް ދެކޮޅުހެދުން ހުއްޓާލި އެވެ.

"އައި އޭމް ސިންސިއަ،" ކިޔާން އަދިވެސް އެއްފަހަރު ޔަގީންކޮށްދިނެވެ.

***

ޝިފާގެ ގެއިން ނިކުމެ ސައިކަލަށް އަރާ ދުއްވާލި ގޮތަށް ކިޔާން އައިސް މަޑުކޮށްލީ ގޭ ކައިރިއަށެވެ. ސައިކަލު ޕާކްކޮށްފައި އައިސް އޭނަ ދިރިއުޅޭ އިމާރާތުގެ ތެރެއަށް ވަދެގެން ދަމުން ފޯނު ނަގައި ސަމާގެ ނަންބަރަށް ގުޅި އެވެ. ސަމާ ފޯނު ނެގީ އޭނަ ލިފްޓަށް ވަންތަނާ އެވެ.

"ސަމާގެ އެޑްވައިސް ބޭނުންކުރާ ކޮންމެ ފަހަރަކު އަތަށްގޮވަނީ،" ސަމާ ފޯނު ނެގިތަނާ ކިޔާން ވާހަކަދެއްކި އެވެ.

"މިފަހަރު ކިހިނެއްވީ އަނެއްކާ؟" ސަމާ ކަންބޮޑުވެފައި އެހި އެވެ.

"ކުރިއަށް ވުރެ ބޮޑަށް ދުރުގަ ހުންނަން ޝަރުތުތަކެއް ކުރީ. ފޯނު ކުރުމާއި ބައްދަލުވުންތައް ހުއްޓާލަން ބުނީ،" ކިޔާން އޮޅުންފިލުވައިދިނެވެ.

"އައި ހޭވް އެނަދާ އައިޑިއާ،" ސަމާ ޖޯޝާ އެކު ބުންޏެވެ.

"ސަމާ....." ކިޔާން އަކުރުތަކަށް ދަމާލައިފައި ބުނެލި އެވެ. އަތުގެ އިނގިލިތަކުން އޭނަ ނިތުގައި ހިފާލި އެވެ.

"މީ އެންމެ ފަހު ފަހަރު. އެންޑް ދިސް ވިލް ވޯކް. އައި ޕްރޮމިސް،" ސަމާ ޔަގީންކަމާ އެކު ވާހަކަދެއްކި އެވެ.

ކިޔާން އެއްބަސްވުމުން އޭނަ ޖޯޝާއެކު ކިޔާންއަށް އޭނަގެ ހިޔާލުގެ ވާހަކަ ކިޔައިދޭން ފެށި އެވެ.

***

ރޭގަނޑުގެ ވަގުތެވެ. ޝިފާ އޮތީ ކޮޓަރީގަ އެވެ. ފޯނު ބަލަބަލާ ފޫހިވެގެން ފޯނު ބަންޑުން ބޭއްވި އެވެ. ގަޑިން އޭރު އަދި ނުވައެއް ނުޖަހަ އެވެ. ސަމާ އޭނައާ ވާހަކަދެއްކުން ހުއްޓައިލި ފަހުން މާބޮޑަށް އެކަނިވެއްޖެ އެވެ. ސަމާ އިތުރު ތަނެއް ކުއްޔަށް ހިފަންވެގެން އެކި މީހުންނަށް ގުޅާތީ އޭނައަށް އަޑުއިވިފައި އެބަހުއްޓެވެ. ކިޔާން ވެސް އޭނަގެ ޝަރުތާ ރުހިގެން އެ ގެއިން ނިކުމެގެން ދިޔަ ފަހުން ހަފްތާއެއް ވަނީ އެވެ.

އުފެދޭ ސުވާލަކީ ކިޔާން އެ ދިޔައީ އޭނަގެ ޝަރުތާ ގަބޫލުވެގެން ހެއްޔެވެ؟ ނޫނީ މިހާރު އޭނަ މަތިން ހަނދާންނެތިގެން އެއްވެސް ވަރަކަށް ގުޅަން ނޫނީ ބައްދަލުކުރަން ނޫޅެނީ ހެއްޔެވެ؟ އެހާ ފަސޭހައިން ކިޔާން އެފަދަ ޝަރުތުތަކަކަށް އެއްބަސްވީތީ ވެސް ވިސްނެ އެވެ. އޭނަ ދެކެ އެހާ ލޯބިވާއިރު ދުރުގައި ހުންނަން އެހާ ފަސޭހަވެދާނެ ހެއްޔެވެ؟ ޝިފާ ކިޔާންއާ ދުރުގައި ހުންނަން ކުރާ މަސައްކަތް ވެސް އެނގޭނީ ޚުދު އޭނައަށް ނޫން ހެއްޔެވެ؟

ކިޔާން މަތިން ހަނދާންވުމުން ޝިފާގެ ދެލޯ ފެންކަޅިވި އެވެ. ވަކިވާން ނިންމި ނިންމުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ނިންމުމެއް ނޫނެވެ.

ތެދުވެ ކޮޓަރީގައި ދެކޮޅަށް ހިނގަހިނގާ ހުއްޓާ ދޮރުގައި ޓަކިދިން އަޑު އިވުމުން ޝިފާ ސިހުނެވެ. ސުވާލު އުފެދިފައި ހުރެގެން އޭނަ ގޮސް ކުޑަކުޑަކޮށް ދޮރު ހުޅުވައިލި އެވެ. ކުރިމަތިން ސަމާ ފެނުމުން ހައިރާންކަމެއް ލިބުނެވެ.

ފަލަމަސްގަނޑާ ހަމައަށް އަންނަ ރަތްކުލައިގެ ހެދުމަކާ އެކު ކަކުލަށް ވުރެ ތަންކޮޅެއް ތިރިއަށް ހުރި ކަޅު ބޫޓަކާ އެކު ރަތް ލިޕްސްޓިކެއް ޖައްސާފައި ހުރިއިރު ހާއްސަ ތަނަކަށް ދާން ތައްޔާރުވެފައިކަން އެނގެ އެވެ.

"ގެޓް ރެޑީ،" ސަމާ ވާހަކަދެއްކި އެވެ.

"އައްދެ މިހާރު އަހަންނާ ވާހަކަ ވެސް ދައްކަންތަ؟" ޝިފާ ޖެހިލުމެއްނެތި އަހާލި އެވެ.

"ރެޑީވެގެން ދިހަ މިނިޓްތެރޭ ނިކުމޭ. ޕާޓީ ފެށެނީ މިހާރު،" ސަމާ ފުރަގަސްދީފައި ގޮސް ގެއްލުނު ފަހުން ވެސް ޝިފާއަށް ބަލަން ހުރެވުނެވެ.

ޝިފާ ދޮރު ލައްޕާފައި ގޮސް ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުތެވެ. ލައިގެން ހުރި ބާ ޓީޝާޓާއި ހަރުވާޅު ބާލާފައި ކަޅު ސްކިނީއަކާއި މަތިން ފިޔާތޮށި ޓޮޕަކާ އެކު ހުދު ކާޑިގަންއެއް ލި އެވެ. އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލައިފައި ތުންފަތުގައި މަޑު ކުލައެއް ޖައްސާލުމަށް ފަހު ސެންޓް ޖަހާލައިގެން ނިކުތެވެ. ފައިވާން ހަރުން ފައިވާނެއް ނަގައިގެން ނިކުންނަން ދަނިކޮށް ސަމާ ނިކުތީ ކޮޓަރިންނެވެ.

އެމީހުން ނިކުތްއިރު ވެސް ކާރު އައިސް އޮތެވެ. އެއީ ކިޔާން ފޮނުވާފައި އޮތް އެގޭ ކާރެއްކަން އެނގުމުން ޝިފާ ކަންބޮޑުވެއްޖެ އެވެ. އެކަމަކު ސަމާ އޭނަގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ. ކާރުގައި އިނދެގެން އޭނަ ބެލީ ޑްރައިވަރާ "ފްލާޓް" ކުރެވޭތޯ އެވެ. ޝިފާ އިނީ ހިތްހަމަނުޖެހިފަ އެވެ.

ޕާޓީ އޮތީ ކިޔާން ދިރިއުޅޭ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ޓެރަސްގަ އެވެ. އަދި އެއީ ކޮން މުނާސަބަތެއްގައި ބާއްވާ ޕާޓީއެއްކަން ޝިފާއަށް އެނގުނީ ގޮސް ޓެރަސްއަށް ނިކުތީމަ އެވެ. ބޮޑު އަކުރުން "ބްރޭކްއަޕް ޕާޓީ" ޖަހާފައިވާ އަކުރުތައް ހުރީ އެކި ކުލައިން ދިއްލާފަ އެވެ.

ޝިފާގެ ދެލޯ ހޯދައިލީ ކިޔާން އެވެ. ޓެރަސްގެ އަރިމަތިން ފުޅާކޮށް ރާނާފައިވާ ބައިގައި އަރައި ހަމަޖެހިލައިގެން ކިޔާން ހިނިއައިސްފައި ކޮންމެވެސް އެކުވެރިއަކާ ވާހަކަދައްކަން އިންދާ ފެނުމުން ލޭ ކެކިގަތެވެ. ޝިފާ ބާރުބާރަށް އެދިމާއަށް ދާން ހިނގައިގަތެވެ. އިސާހިތަކު އެންމެންގެ ލޯތައް އޭނައަށް އަމާޒުވެއްޖެ އެވެ. ބިންފަޅާފައި އަޑިއަށް ދާނެ ނަމައޭ ޝިފާގެ ހިތަށް އެރި އެވެ. އެގޮތަށް އެންމެން ތެރޭ އޭނަ ލަދުގަންނަވަން ކިޔާން އެ އުޅެނީ ބަދަލުހިފަންވެގެންނެވެ.

"ހައި،" ޝިފާ ގޮސް ކުރިމައްޗަށް ހުއްޓުމާ އެކު ކިޔާން ހިނިތުންވެފައި ވާހަކަދެއްކި އެވެ.

ޝިފާ އަނގައިން ނުބުނެ ބަލަން ހުންނަން ފެށުމުން ކިޔާން އެކުވެރިޔާއަށް އިޝާރާތުން ދާން އެންގި އެވެ. އެ ފިރިހެންކުއްޖާ ހިނިގަނޑެއް ޖަހާލައިފައި ތެދުވެގެން ގޮސް އެހެން ބަޔަކާ ބައިވެރިވެއްޖެ އެވެ.

"ކީއްވެ ތިހާ ރުޅިއައިސްގެން ތި ބަލަނީ؟ ކޮޅަށް ނުހުރެ އިށީނދެބަލަ!" ކިޔާން ޝިފާގެ އަތަށް ދަމައިލި އެވެ.

ދެކޮޅުހެދުމެއްނެތި ޝިފާ އެތާ އިށީނެވެ. ދެން އަނެއްކާވެސް ކިޔާންގެ މޫނަށް ބަލައިލީ ނުރުހިފަ އެވެ.

"އަހަރެން ހިއެއްނުކުރަން ކިޔާން އަހަރެން ލަދުގަންނަވަން މިކަހަލަ ކަމެއް ކުރާނެ ކަމަކަށް،" ޝިފާ ފެށި އެވެ.

"މީ އަހަރެން ޝިފާ ލަދުގަންނަވަން ކުރި ކަމެއް ނޫން. އަހަރެން ޝިފާ ބޭނުންވި ގޮތަށް ހަދާދެނީ މި. އައި އޭމް ލެޓިން ޔޫ ގޯ،" ކިޔާން ހާމަކުރި އެވެ.

ޝިފާ އަޅައިގަތީ ކިޔާންގެ ފަހު ޖުމްލައިގަ އެވެ.

"ކޮބާ؟ އެންމެ ދުވަހަކުވެސް ކެތެއްނުވި ދޯ؟ އަހަރެން ބުނީމެއްނު ދުލުން ބުނާހާ ފަސޭހައެއްނުވާނެއޭ،" ޝިފާ ހިތި ގޮތަކަށް ހިނިތުންވެލި އެވެ.

ހިނިގަނޑެއް ޖަހާލައިފައި ކިޔާން ދުރު ބަލަން ފެށި އެވެ.

އިރުކޮޅެއް ވަންދެން އަނގައިން ނުބުނެ ދެ މީހުން ވެސް ތިބީ ދުރު ބަލާށެވެ. މަޖަލާއި ސަކަރާތުގައި ހަރަކާތްތެރިވަމުންދިޔަ ޒުވާނުންތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ކުޑައިރުކޮޅެއް ފަހުން ސަމާ އައިސް އެ ދެ މީހުންގެ އަތުގައި ހިފައިގެން ކޭކު ފަޅަން ގެންދަން ދެނެވެ. އެންމެން އެ މީހުން ވަށާލައިގެން ތިބެ އަތްތިލަބަޑި ތަޅައި މަޖާ ނެގި އެވެ. ޝިފާ އާއި ކިޔާން އެކަކު އަނެކަކަށް ކޭކު ކާންދީ ނިމިގެން ދެން އޮތީ ރީތި ހަނދާންތައް ހިމެނޭ ގޮތަށް ސަމާ އެހީވެގެން ހަދާފައި އޮތް ފޮޓޯތަކަކާއި ވީޑިއޯތަކެއް ސްކްރީނުގައި އަޅުވައިގެން ބެލުމެވެ. ޝިފާ އިނީ ކިޔާންގެ މޫނަށް ބަލައިލަން ވެސް ޖެހިލުންވެފަ އެވެ. އޭރު ކިޔާން އެންމެ ކައިރީ ހުރެގެން ބަލަމުންދިޔައީ އޭނަގެ މޫނަށްކަން ޝިފާއަށް އިހްސާސްވި އެވެ.

ޝިފާގެ ހިތް ތެޅިގަތީ ކިޔާން ޝިފާގެ އަތުގައި ހިފައިލީމަ އެވެ.

(ނުނިމޭ)

ކޮމެންޓް (4)

ކިޔުންތެރިއެއް

14 އޯގަސްޓު 2024
މި ބައި ވެސް ވަރަށް ރީތީ މާޝާ ﷲ އަނެއްބައި ކިޔާލަން ލިބޭނެ އިރަކަށް އިންތިޒާރު ކުރަނީ ކިޔާން އަދިި ސިފާ ދުރުނުކުރޭ އެ ދެކުދިން ވަރަށް ގުޅޭ މިއީ ވަރަށް ސަޢުގުވެރި ކަމާއެކު ކިޔާ ގޮތުން ކިޔާލާ ވާހަކައެއް
2 0

ޒާނާ

14 އޯގަސްޓު 2024
ބްރޭކްއަޕް ޕާޓީ... 😂 ވަރަށް ރީތި މިބައިވެސް. ވެއިޓިންގ ފޯ ނެކްސްޓް އެޕިސޯޑް.
2 1

ޙައްވަ

14 އޯގަސްޓު 2024
މިވެސް ދެން ވާ ގޮތެއް؟
2 0

މީ22

18 އޯގަސްޓު 2024
@ޙައްވަ ހިންދީ ފިލްމު ތަކުގަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް