އިލަސްޓްރޭޝަން: މޫސާ މަމްދޫހު
ބޭކެނބީންގެ މަޖިލިސް އޮތީ ފުރާލައިފަ އެވެ. އެތަނުގައި އިން އެންމެ ދޮށީ ފޫޅުމައިގެ އުމުރުން ދުއިސައްތަ ބާވީސް އަހަރު ފުރުނީ އެވެ. އޭނާ އަކީ މަރުތުވަޗީބީފާނެކެވެ. ފޫޅުމައިންގެ އެންމެ މަތީ ދަރަޖައިގައި ކޮލިލައި ގިރާވަރުގެ ބޭކެނބީންގެ މަޖިލީހުގެ އެންމެ އިސް ފޫޅުމަ އެވެ. މިއީ ތަހުތާއި ރަސްކަލުންގެ އަމުރުމައުރޫފު ހިނގާ މަޖިލީހެއް ނޫނެވެ. މިތަނުގައި އެންމެ ފަހު ބަސް އިއްވަނީ އަބަދުވެސް މަރުތުވަޗީބީފާނެވެ.
ދަރަޖަ އާއި ފެންވަރުގެ ގޮތުން މާލޭގެ ރަސްމަތިފުށާ ކައުނީ އަދި އާލަމީ ތަފާތެއް ހުއްޓަސް ގިރާވަރާއި އެމީހުންގެ މި ފަގީރު އާބާދުގައިވީ އެންމެ ހާއްސަ ސިފައަކީ މި އެވެ. އަޅުންނަށް ނުވެ އަޅުންގެ ދަރަޖައަށް ވެއްޓިފައިވިޔަސް އެމީހުންނަކީ އަބަދުވެސް މިނިވަން ހިތެއް ވަށައިގެން އުދުހެމުން ދިޔަ ހިޔާލާއި ފިކުރެކެވެ. ރަސްމަތިފުށުން އެމީހުންނަށް ކިތަންމެ ނުބައިކޮށް ހިތިޔަސް އަމިއްލަ ކަންކަމުގައި އަމިއްލަ ބަސް ބުނުމާއި ގޮތް ނިންމުމުގެ ބާރު ތަހުތުގެ ކީރިތި މަހާރަދުން އޮތީ އަބަދުވެސް އެމީހުންނަށް ކަށަވަރުކޮށްދީފަ އެވެ.
އެކަމަކު މި ހާއްސަ ހުއްދަ ވުޖޫދުވެގެން އައުމުގެ ކުރިން ވެސް އަދި ދަރަޖަމަތިވެރިވެގެންވީ ރަސްމާލޭގައި ތަހުތުގެ ޝާނާއި ޝައުކަތު އުފަންވުމުގެ މާ ކުރިން ވެސް ގިރާވަރަކީ މިނިވަން ހިތެއްގެ އަންހެނުން ވެރިކަން ކުރަމުން އައި ރަށެކެވެ. ގާނޫނާއި ގަވާއިދުތައް މުގުރައި ކުދިކުރި ހިތެއް ސަންޕާ އާއި ސަކީނާގެ ވެސް އޮތީ ހަމަ އެހެންވެގެންނެވެ. އެކަމަކު ސަންޕާ އެ އިން ފަހަނަޅައި ދިޔައީ ގިރާވަރުގެ އެންމެ ބޯދާ ގަބޫލުކުރުންތަކުގައި ވެސް ކޮޅުފައިންޖަހައިފަ އެވެ. އެއީ އެމީހުންގެ އެހެން އެއްވެސް އަންހެންކުއްޖަކަށް ދާން ނުކެރޭނެ ހިސާބެކެވެ. އެއީ ސަކީނާ ވެސް ނުދާނެ ހިސާބެކެވެ. ނުކުރާނެ ކަމެކެވެ. ނުވެއްޓޭނެ ދަރަޖައެކެވެ.
ބޭކެނބީންގެ މަޖިލީހަށް ތާރަތަކުރު ހާޒިރުކޮށްފައި އެހެރީ އެހެންވެގެންނެވެ. ސަންޕާގެ ނިންމުމާ މެދުގައި އިތުރު ގޮތެއް ނިންމާކަށް ނޫނެވެ. ސަންޕާގެ ލަދެއް ހަޔާތެއް ނެތް، ތައައްސުބުން ފުރިފައިވީ މުޑުދާރުކަމުން ގިރާވަރުގެ ފަސްބައި ސާފުކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށެވެ. އަދި އެ މުޑުދާރުކަމުގެ ތެރޭގައި ފުމެމުން ދިޔަ އަމިއްލަ އައުލާދުގެ ހަތަރެސްފައި މައިތިރިކުރަން ތާރަތަކުރަށް ނޭނގުމުން ނުކުތް ނަތީޖާގެ އަދަބާއި ކައްފާރަ އޭނާ އަދާކުރަންޖެހޭ ގޮތް ކަނޑައެޅުމަށެވެ.
ސަންޕާގެ އަމިއްލަ އެދުމުގެ ހުރިހާ ތުރާލަކާއި ލަދެއް އުފުލަން މި ޖެހުނީ ތާރަތަކުރަށެވެ. ގަނޑުވަރުގެ ވެރިންނާ ކިތަންމެ ބަދަހި ގުޅުމެއް އޭނާ ފައްކާކޮށްފައި އޮތަސް ފޫޅުމައިންގެ މަޖިލީހުން އޭނާ ސަލާމަތްކޮށް ހިމާޔަތްކޮށްދޭނެ ހަމައެކަކު ވެސް ނުވި އެވެ. ނުވަތަ ގިރާވަރުގެ އެތެރޭގެ ޒުވާބެއްގެ ތެރެއަށް ދުވަހަކުވެސް ބޯނުކޮއްޕަން ތަހުތުން ވެފައި އޮތް ވައުދަށް އިހުތިރާމުކުރާ ހާލުގައި ހައްޕު ކިޔައިގެން ތިބީ އެވެ.
ތާރަތަކުރު ސަލާމަތްކުރުމުގެ ފަޅި ފުރުސަތެއް ވެސް ލިބިފައި ވަނީ ސަންޕާއަށް އެކަންޏެވެ. އެކަމަކު އޭނާ ސަލާމަތްކޮށް ހިމާޔަތްކުރުން ކީއްތޯ އެވެ؟ ބޭކެނބީންގެ މަޖިލީހުން އިއްވި ހުކުމުގައި ކަނޑައަޅާފައި އޮތް އަދަބު އެންމެ ކުޑަމިނުން އެ ބައްޕަގެ މައްޗަށް ލުއިކޮށްދިނުމަށް ވެސް އެ އަންހެން ދަރި ނޭދުނެވެ.
ސަންޕާގެ ހިތް އޮތީ ކަޅު ދެލިގަނޑަކަށް ބަދަލުވެފަ އެވެ. ސާފު ތެދުވެރި ލޯބީގެ އަޅަކަށް ބަދަލުވީ ހެއްޔެވެ؟ ނުވަތަ އާމިރުއައްޔޫބީގެ ނުބައިވެގެންވީ ސިހުރު ހާހޫރުގެ ކުޅިގަނޑަކުން އޭނާގެ ހިތާއި ހަށްޓާއި ހަތަރެސްފައި ބަނދެ ވާންކޮށްފައި ވަނީ ހެއްޔެވެ؟
އާމިރުއައްޔޫބީގެ ހަގީގަތް އެނގެނީ ތާރަތަކުރަށް އެކަންޏެވެ. ސަންޕާގެ ހިތް އޭނާ ހިޔާރުކުރި ސަބަބު ވެސް އެނގެނީ ތާރަތަކުރަށް އެކަންޏެވެ. އަދި އޭގެ އެއްވެސް ސިއްރެއް ދެވަނަ ނަފުސަކަށް ކިޔައިދޭން އޭނާ ބޭނުންނުވާއިރު ބޮލާއި ހިތަށް ތުރާކުރުވަމުންދާ އެ ހިޔާލުތަކުން ދަފަރާވުމެއް ނެތި އޭނާ ވެސް އެ އިނީ އެކަންޏެވެ. ބޭކެނބީންގެ އަދަބުން އޭނާ ސަލާމަތްކޮށްދޭނެ މީހަކު ނެތި އެކަނިމާ އެކަންޏެވެ.
ދޮލަނގާމަރިޔަނބު ދުނިޔެއަޅައި ނުދިޔަ ނަމަ ތާރަތަކުރު މިގޮތަށް އެކަނިވެރިނުވީހެވެ. އެކަމަކު ދޮލަނގާމަރިޔަނބުގެ ލެޔަށް މި ދުނިޔޭގައި ލިބުނީ ވެސް ވަކި ކޮން މޮޅެއް ހެއްޔެވެ؟ ލޮލުގެ ކޮއިހެން ލޯބިވީ ދެ އަންހެން ދަރިން ވެސް މުށުން ބީވެގެން އެ ދިޔައީ އެވެ.
ރަސްގަނޑުވަރެއްގެ ތެރެއިން އެކުވެރިން ހޯދިޔަސް މި ދުނިޔޭގައި ލިބުނީ ވަކި ކޮން މޮޅެއް ހެއްޔެވެ؟ ތާރަތަކުގެ ހުނަރުވެރިކަމާ ނުލައި ރަސްރަސްކަލުންގެ ލެޔާއި ގަލަންކޮޅު ނުހިނގިޔަސް އޭނާގެ ދިފާއުގައި ކަނޑިކޮޅުގެ ބާރު ހިންގާލަން ބޭނުންވި ވެރިޔަކު ވެސް މިއަދަކު ނެތެވެ.
ދެ އަތްދަނޑި މައްޗަށް ތާރަތަކުރު ލައިގެން ގޮސް އޭނާ ބޮއްކުރާއަށް އެރުވީ ކަޅުސޮރެވެ. ވަޅޯމަހާއި ހުނިހަކުރުގެ މުޅޯށި ވެސް ބޮއްކުރާއަށް އެރުވީ ޒުވާން ކަޅުސޮރެވެ. އެ ނިރޮޅު ބޮއްކުރާގައި މިއަދު ފަލިޖަހަން އެ އިނީ ވެސް ކަޅުސޮރު އެކަންޏެވެ. ހަތަރު ފަލި އޭގައި އޮތަސް ތާރަތަކުގެ އަތެއް މިއަދަކު ނެތެވެ. އޭނާގެ ދެ އަތް ކޮނޑުހުޅާ ހަމައިން ބުރިކޮށްލީ ބޭކެނބީންގެ މަޖިލީހުގައި މަރުތުވަޗީބީފާނުގެ އަމުރަށެވެ.
އެއަށް ފަހު މިހާރު އޭނާ އެ ގެންދެވެނީ އުމުރުގެ ބާކީ އޮތް ބައި ހޭދަކުރަން އޭނާ އަމިއްލައަށް އިހުތިޔާރުކޮށްފައިވާ މަންޒިލަށެވެ. ދެ އަތް ބުރިކޮށް، މަރުވަންދެން ފަޅުރަށެއްގައި ބަންދުކުރުމުގެ އަމުރު އިއްވުމުން އެ ފަޅުރަށަކަށް ހަދައިދޭން ތާރަތަކުރު އެދި އާދޭސް ކުރި ނަކަޗާފުއްޓަށެވެ.
ނަކަޗާފުއްޓަކީ ހަމައެކަނި އޭނާގެ ހުނަރުވެރި މަސައްކަތާ ގުޅިފައިވީ ރާދައަސްދޫނީގެ ސުވަރުގެއެއް ނޫނެވެ. އެއީ ދޮލަނގާމަރިޔަނބާއި ތާރަތަކުރުގެ ލޯބީގެ ދަތުރު ވެސް އެ ދެ މީހުން ފެށި ސުވަރުގެ އެވެ. ތާރަތަކުރަށް ދޮލަނގާމަރިޔަނބު އެންމެ ފުރަތަމަ ފެނުނީ ވެސް އެ ރަށުންނެވެ. އަދި އެންމެފަހުން ފުރާނަ ދެ އަތްމައްޗަށް ލައިގެން އޭނާ އެ ރަށަށް އެނބުރި އެ ދަނީ ލޯބީގެ އެ ދުނިޔޭގައިވީ އެތައް ސިއްރެއް ވެސް ހިތުގެ އެންމެ ފުނުގައި ފޮރުވައިގެންނެވެ. އެ ހަނދާންތަކުގެ ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލުމަށެވެ. ނުވަތަ އާމިރުއައްޔޫބީގެ ނުބައިވެގެންވީ ރޭވުންތައް ހަރާބުކޮށްލާނެ ގޮތްތައް ބޮލުތެރޭގައި ރާވަމުންނެވެ. ކަޅުސޮރަށް އެ ސިއްރުތައް އެންމެފަހުން ކިޔައިދެމުންނެވެ.
ރާދައަސްދޫނިތަކާ އެކު ނަކަޗާފުށީގެ ކުޅި އޮތީ ފުރާލައިފަ އެވެ. އިރުއޮއްސެނީ އެވެ. މޫދާ ގުޅިފައި އޮތް ކޯރު ތެރެއަށް ވަދެގެން ގޮސް ބޮއްކުރާ ބީއްސާލީ ކަނޑޫފަލުގެ ޗަސްބިމަށެވެ. ކަޅުސޮރު ދެން ރޯކޮށްލީ އަސޭ ކަރައިގެ އެންމެ މޮޅު ދުންފަތުން އަނބުރާފައި އޮތް ކަލްކީ ބިޑިއެކެވެ. ދުން ބޮއެ ދުން އަރުވަމުން ކުރިއަށް ޖެހެމުން ގޮސް އެ ކަލްކީ ބިޑި ނަގައި ލެއްވީ ތާރަތަކުރުގެ ތުނބަށެވެ. ވަގުތުން އޭނާ ދުން އަރުވަން ފަށައިގަތެވެ.
އެނބުރިގެން ގޮސް އަނެއްކާވެސް ބޮއްކުރާގެ އަނެއްކޮޅުގައި ކަޅުސޮރު ޖައްސާލި އެވެ. މުޅޯށިގަނޑު ނަގައި އުނގަށް ލައިގެން އިނދެ ވަޅޯމަހާއި ހުނިހަކުރު ހަފަން ފަށައިގަތެވެ. ތާރަތަކުރު ބަލަހައްޓައިގެން ހުރީ ދުރުގައި އޮތް މީރު ފެންގަނޑުން އެއްގަމަށް އަރަމުން އަޑު ލައްވަމުން ދިޔަ ބޮޑު އަސްދޫނީގެ ބައިގަނޑަށެވެ. އެކަމަކު މިރެއަކީ ރާދައަސްދޫނި ހިފާ ރެއެއް ނޫނެވެ. އަދި ފަހުނޭވާއާ އެހާ އަވަހަށް ބައްދަލުކުރުމުގެ ވިސްނުމެއް ވެސް ތާރަތަކުރުގެ ނެތެވެ.
ތަގުދީރު ލިޔެ ނިމިފައިވާހެން ހީވިޔަސް އެ ތަގުދީރާ އެކުގައި އެއް އޮޑިއަކަށް އަރަން އޭނާ އަދި ބޭނުމެއް ނޫނެވެ. މިރޭ ވެސް ކަޅުސޮރު ގޮވައިގެން އައިސް އެހެރީ އެހެންވެގެންނެވެ.
މުޅޯށިގަނޑު އެއްފަރާތްކޮށްލުމަށް ފަހު ކަޅުސޮރު ނަގައި ހުޅުވާލީ ޕަޕައިރަސް ކަރުދާހުގައި ކުރަހާފައި އޮތް ޗާޓެކެވެ. އެއީ ތާރަތަކުރަށް ދޮލަނގާމަރިޔަނބު ކުރަހައިދިން ޗާޓެކެވެ. ކުމާރީންގެ ސުވަރުގެ ވީތަން ބުނެދޭ ޗާޓެކެވެ. ސަކީނާ ވީ ތަނެއް ވެސް ބުނެދޭނެ ޗާޓެވެ. އަދި އާމިރުއައްޔޫބީގެ ކިބައިން ސަންޕާ ސަލާމަތްކުރެވޭނެ ހަމައެކަނި ގޮތް ވެސް މެ އެވެ.
** ** **
މަންދީލަ ބައްތީގެ ރަން އަލިން ދިއްލައި ވިދައި ބަބުޅަމުން ދިޔަ ގަނޑުވަރުގެ ބޮޑު ފެންޑާ އޮތީ އާމިރުއައްޔޫބީގެ އެންމެ ގާތް އެކުވެރިންނާއި މެހުމާނުންނާއި ތަހުތަށް ވަފާތެރި ބޮޑުންނާ އެކު ފުރާލައިފަ އެވެ. އެމީހުންގެ ތެރޭގައި ސަންޕާ، ޝަރާބުގެ ސިލްވަރު ތައްޓެއް ހިފައިގެން ހުރިއިރު އޭނާގެ ކިބައިގައި ގިރާވަރުގެ ހަމަ އެއްވެސް ސިފައެއް ނެތެވެ.
ފިތްޖެހި ރަން އުޅާބައާއި ރަން ތަކަހޮޅި އާއި އެހުން ޖަރީކުރި ފައިވާންކޮޅެކެވެ. ފަންސަވީސް ފަށުގެ ރަން ފައްޓަރުބައެކެވެ. އިސްތަށިފުޅުގައި ކަންހުދުކުރި ފަސްރޮނގު ރުމާފަޅިއެއް އަޅައި ޖަވާހިރާއި ރަން މުދިން ޖަރީކޮށްފައިވީ ވޮށި މުދިބައެއް ކަންފަތުގައި އަޅުވައި ފަރިވެގެންނެވެ. ރަތްވިލާ ސާޓަނު ފޮތީގައި ކަސީދާކޮށް، ވައްބަގިޔާ އިން ބޯވަޅުއެޅި ލިބާހެއްގައި ކަނާތަށް ހުޅި ޖަހައިގެންނެވެ. އޭގެ ރަން ކަސަބުގައިވީ ފުރިހަމަކަމުގައި ސަންޕާގެ ބުރުސޫރައިން ފިލިކޯޅި ހަމަކޮށްދެމުން ދިޔައިރު އޭނާ ހީވަނީ ހަމަ އަސްލަށް ވެސް ހަތްރީތި ހުސްކުރި ރަސްރަނިގޮމާފުޅެއް ހެންނެވެ.
އެކަމަކު ގަނޑުވަރުގެ އެ ކުލަގަދަ މެހުމާންސަރާގައި ތިބި އިއްޒަތްތެރިންނަށް އަދިވެސް އެއީ ގިރާވަރުގެ ސަންޕާ އެވެ. އަދި އެވެރިން އައިސް އެ ތިބީ މިރޭ ވެސް ބާލިދީތައް ބޮކުން ފުރާލައިގެންނެވެ. އެކަމަކު މިރޭގެ މި ހާއްސަ ރޭގަނޑާ އެމީހުން ކުޅޭނީ ސަންޕާގެ ޝަރަފުގަ އެވެ. ބޮކުން ތަޅައި ލޭއޮހޮރުވާނީ ސަންޕާއަށްޓަކަ އެވެ. ސަބަބަކީ މިއީ ސަންޕާ އާއި އާމިރުއައްޔޫބީގެ ހާއްސަ ރެ އެވެ. ދެ މީހުންގެ ކައިވެނީގެ ކުލަގަދަ ހަފުލާ އެވެ.
އެކަމަކު ގަނޑުވަރުތެރޭ ބޭފުޅުން ކުޅުއްވާ ކުޅިވަރާއި އުޅުއްވާ ގޮތާއި ވިސްނަވާ ގޮތާއި ދައްކަވާ ވާހަކައިގައި ފޮރުވާފައިވާ މާނަ ސަންޕާ ކަހަލަ މޮޔަމޮޔަ އަންހެންކުއްޖަކަށް އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ސަންޕާ ކަހަލަ އަންހެނެއްގެ ޝަރަފުގައި ރަސްމަތިފުށުގެ ތަހުތުން މަންދީލަ ބައްތީގެ އަލިގަދަ ޕާޓީއެއް އިންތިޒާމުކުރާނެތޯ އެވެ؟
ސަންޕާއަށް ހަމަ އެކައްޗެއް ވެސް ނުވިސްނެ އެވެ. އަމިއްލަ ގެދޮރާއި ރަށާއި ބިމާއި ސަގާފަތް ދޫކޮށްލާފައި އައިސް މި ވަދެވުނީ ކޮން ފަދަ ނުބައި ނަރަކަގެއަކަށްތޯ އެވެ؟ އެކަމަކު ސަންޕާއަށް ހަމަ އެކައްޗެއް ވެސް ނުވިސްނެ އެވެ.
ބޮކުގެ ކުޅިވަރު އޮތީ ބޮޑުގަނޑުވަރުގެ ގުޅަކުޅޭފަސްގަނޑުގަ އެވެ. އިއްޒަތްތެރިންނާއި ވެރިންނާއި ޝާހީ ހާންދާނުގެ ވަފާތެރިން އަނގަތަޅަމުން، ރާފޮދުވަރު ބޮމުން، ރައިވަރު ގަތަމުން ގޮސް އެމީހުންގެ އުސްގެތަކަށް އަރައި މަގާމުތަކުގައި ހަމަޖެހިގަތެވެ. ގުޅަކުޅޭފަސްގަނޑު ވަށައިގެން އޮތީ ދަންމަރުތަކުގައި ރޯކޮށް ދިއްލާލައިފަ އެވެ. ވާން އުޅޭ ގޮތް ނޭނގެނީ ސަންޕާއަށް އެކަންޏެވެ.
އޭނާ ގޮސް އިށީނީ އާމިރުއައްޔޫބީގެ އަރިހުގަ އެވެ. އެކަމަކު ފަހަތުގައި ހުރި ގޮނޑިކޮޅެއްގަ އެވެ. އޭރު ގުޅަކުޅޭފަސްގަނޑުގެ ހަ ފަރާތުގައިވީ ދޮރާށިތައް ހުޅުވައި ހަވަރު ބޭކަލުން އަންހެންކުދިންތަކެއް ދަމަމުން ކޮއްޕަމުން އަންނަތަން ފެނެ އެވެ. އެއީ ހަތަރެސްފައިގައި ޗެންޗޭނުޖަހައި އޮރިޔާންކޮށްފައި ތިބި ފުރާވަރުގެ ކުދިންނެވެ. ގިރާވަރުގެ ބިރުވެރި އަންހެން ކުދިންނެވެ.
ޗެންޗޭނުތަކުން އެ ކުދިންތައް ދޫކޮށްލުމާ އެކު އެ މަންޒަރު ބަލަން އެއްވެ ތިބި ރޭގަނޑުގެ މެހުމާނުން ޗަކަޗަކަލާފައި ނިކަން ހުތުރު ޒާތްޒާތަށް ހޭން ފަށައިގަތެވެ. އެމީހުންގެ ރިހި ބާލިދީތަކުން ބޮއްތައް ނަގައި އެ އަންހެންކުދިންނާ ދިމާލަށް އުކަން ފަށައިގަތެވެ. ބިރުން ތުރުތުރުލަމުން ދިޔަ އެ ކުދިންތައް މިހާރު އެ ތިބީ ފަސްގަނޑުގެ މެދަށް ޖަމާވެ ހަދާނެ ގޮތް ހުސްވެފަ އެވެ. ދެން އިވުނީ މުޅި ތަން ހިމޭންކޮށްލި ތޫލި އަޑުފަށްގަނޑެކެވެ. ކަންފަތްތަކުގައި އެންމެންތައް ދެ އަތް އަޅައިގަތެވެ.
ބޮކުގެ ކުޅިވަރު ފެށުނީ އެވެ. އެކަމަކު މިއީ ހަފުތާބަންދުގައި ގިރާވަރުން ސަންޕާއަށް ފެންނަ ޒާތުގެ ކުޅިވަރެއް ނޫނެވެ. އަދި ދުވަހަކުވެސް އޭނާ ލޯދެކެފައިނެތް ކުޅިވަރެކެވެ.
އިވެމުން ދިޔަ ތޫލި އަޑުފަށްގަނޑު ކުއްލިއަކަށް ކެނޑިއްޖެ އެވެ. އެއާއެކު އަނެއްކާވެސް މެހުމާނުންނާއި ޝާހީ ހާންދާނުގެ ވެރިންތައް ގުޅަކުޅޭފަސްގަނޑާ ދިމާލަށް ބޯދިއްކޮށް ބަލަން ފަށައިފި އެވެ. އެހެން ތިއްބައި އެ އެންމެން ސިއްސުވާލައި ފަސްގަނޑުގެ މެދުގައި ތިބި އަންހެންކުދިންނާ ދިމާލަށް ފުންމައިގެން ދިޔަތަން ދެން ފެނުނީ ހަތަރެސްފައި ޖެހި ބިޔަ ހައިވާނެކެވެ. ނޫނެކެވެ. އެއީ ނީލަގެރިއެތެއް ވަރުގެ ބޮޑު ބޮކެކެވެ.
ފުންމައިގެ ދިޔަ ގޮތަށް ގޮސް އޭތި ދިރުވާލީ އެތަނަށް ވެއްޓި އޮތް ގިރާވަރުގެ އަންހެންކުއްޖެކެވެ. އެ މަންޒަރު ފެނި ސަންޕާ ވަގުތުން ހޮޑުލަވައިގަތެވެ. ހީވީ މޭގަނޑު އަނގަޔަށް އައި ހެންނެވެ.
ސަންޕާ ގޮނޑިން ތެދުވެ އެ މައިދާން ދޫކޮށް ގަނޑުވަރު ތެރެއަށް ދުއްވައިގަތެވެ. އާމިރުއައްޔޫބީ އާއި އޭނާގެ އެކުވެރިން ތިބީ ބޮކުގެ ކުޅިއަށް ހެއްލި ގެއްލިފަ އެވެ. އެއީ ބަބުރުކަރައިގެ ކަމަރޫނޭ ކިޔުނު ރަށަކުން ކިލަގެފާނު ބައްލަވައިގެން އާމިރުއައްޔޫބީ ވަރަށް ކުޑައިރު އޭނާއަށް އެރުވި ހަދިޔާއެކެވެ. މިހާރު އެ އޮތީ އޮޅުކޮށް ބޮޑުކޮށް ސިންގާއަކަށް ވުރެން ބޮޑު ވަލުޖަނަވާރެއްގެ ސިފަ ޖެހިފަ އެވެ.
ދުވެފައި ގޮސް ސަންޕާ ވަނީ އޭނާގެ ކޮޓަރިކޮޅަށެވެ. އެއީ އާމިރުއައްޔޫބީ އާއި އޭނާއަށް ހާއްސަކޮށްފައިވާ ހިރިގަލުގެ ކޮޓަރިކޮޅެކެވެ. މޫނު ދޮވެލައިގެން ސަންޕާ ނުކުތީ އަނެއްކާވެސް ބޭރަށެވެ. އޭރު ވެސް ގުޅަކުޅޭ ފަސްގަނޑުގައި ބޮކުގެ ކުޅިވަރު ކުރިއަށް ދަނީ އެވެ. ނަމަވެސް އެތަނަށް ނުގޮސް ސަންޕާ ބޭނުންވީ ގަނޑުވަރު ތެރޭގައި ހިނގާލައި، ހިތަށާއި ބޮލަށް ފިނިކަމެއް ހޯދާށެވެ.
އާމިރުއައްޔޫބީގެ ސިއްރު ކޮޓަރިކޮޅަކަށް އޭނާއަށް ގޮސް ވަދެވުނީ އެހެން ދަނިކޮށެވެ. ބޭއިހުތިޔާރުގައި، ގަނޑުވަރު ތެރޭގައި މަގުއޮޅިގެންނެވެ. އެންމެ ފުރަތަމަ އެތަން ހީވީ ކުރެހުންތެރިއެއްގެ ހާއްސަ ކޮޓަރިކޮޅެއް ހެންނެވެ. ކުރަހަން ބޭނުންކުރާ އާލާތްތަކާއި ކުލަތަކާއި ލިޔަން ބޭނުންކުރާ ޒާތްޒާތުގެ އާލާތްތަކާއި އަސްދޫނިފަތުގެ ގަލަންތަކެވެ.
ކޮޓަރީގެ މެދުގައި ހުރީ އުނަގަނޑާ ހަމައަށް އަރާވަރުގެ އުސް އަށްޓެކެވެ. އޭގެ މަތީގައި ތުނޑުކުނަލެއް ފަތުރާލާފައި އޮތެވެ. ކޮޓަރި ތެރޭގައި ދިއްލާފައިވާ ސަމޭދާން އުށްބައްތީގެ އަލީގައި ހީވަނީ އެ ތުނޑުކުނަލުގެ ކުރެހުންތައް ދިރިގެން އަންނަހެންނެވެ. އެއިން ފެންނަނީ ނަންނުގަތީގެ ފަސް ވައްތަރެކެވެ. އެކަތި އަނެކައްޗާ ޖޯޑުވެ އޮޅުލައި ފިތެމުން ވާންވަމުންދާ ތަނެވެ.
ކޮޓަރި ތެރޭގައި އިރުކޮޅެއްވީތަނުން ސަންޕާގެ ދެ ފައިން ވާގިދޫވާން ފަށައިފި އެވެ. ނަމަވެސް އެތަން ދޫކޮށް ދާ ހިތެއް ނުވި އެވެ. އޭނާގެ ލޮލުގައި ދެން އަޅައިގަތީ ކަރުދާހުގައި ކުރަހާފައިވާ ކުރެހުންތަކެކެވެ. އުނުއޮރިޔާމާ ތިބި އަންހެން ކުދިންނެވެ. އެއީ ހުސް، ގިރާވަރުގެ އަންހެން ކުދިންނެވެ. އެކަމަކު އެތަނުގައި ސަކީނާގެ ތަސްވީރެއް ނެތެވެ. އެ ކަރުދާސްތައް ހާވައި ބަލަމުން ދިޔައިރު ސަންޕާގެ ހިތް އެވަރަށް ބާރަށް ތެޅުނީ ސަކީނާގެ ހަނދާންތަކެއް ކުއްލިއަކަށް ސިކުނޑި ތޮރުފައިގަތުމުންނެވެ.
އެންމެފަހުން ސަންޕާގެ ލޮލުގައި އަޅައިގަތީ އަށީގެ ދަށުގައި ފޮރުވާފައި ހުރި ބިއްލޫރީގެ ފުޅިތަކެކެވެ. އެ ފުޅިތައް ފުރާލާފައި ވަނީ ނޫކުލައިގެ ކުމާރީ ރަނުން ގަތާފައިވާ ފައްޓަރުބައިންނެވެ. އެއީ ގިރާވަރުގެ އަންހެނުންގެ ކަރުގައި އަޅާ ފައްޓަރުބައެކެވެ. އެ ފުޅިތައް ކުމާރީ ރަން ފައްޓަރުބައިން ފުރާލާފައި އޮތްތަން ފެނުމުން ސަންޕާއަށް ހިފާލެވުނީ އޭނާގެ ކަރުގައި އޮތް ރަން ފައްޓަރުބައިގަ އެވެ. އަދި އޭނާގެ ދައްތަ ސަކީނާގެ ކަރުގައި އޮތް ފައްޓަރުބައި ވަލުން ހޮވި ހަނދާންތައް އާވެގަތެވެ.
ސަކީނާގެ ކަރުގައި އޭގެ ދެ ފަށް އޮތެވެ. ކުމާރީ ރަނުގެ ނޫކުލައިގެ ފަށް ދޮންރުއްވަލުން ހޮވި ގޮތަށް އަދިވެސް ސަންޕާގެ އަތުގައި ފޮރުވާފައި އެބައޮތެވެ. އަނެއް ފަށްވީ ތަނެއް ނޭނގެ އެވެ. އެއީ ރަންރީނދޫ ކުލައިގެ ފަށެކެވެ.
އާމިރުއައްޔޫބީގެ މި ސިއްރު ކޮޓަރިކޮޅުގެ އަށި ދަށުގައި ފޮރުވާފައި ހުރި ފުޅިތައް ބަލައި ހާވަމުން ދިޔައިރު ސަންޕާގެ ލޮލުގައި އަޅައިގަތީ ރަންރީނދޫކުލައިގެ އެންމެ ފަށެކެވެ. ރަންރީނދޫ ކުލައިގެ ފަށެއް އަޅައިގެން އުޅުނު ގިރާވަރުގެ ހަމައެކަނި އަންހެންކުއްޖަކީ ސަކީނާ އެވެ. އެއީ އޭނާގެ އަމާ، ދޮލަނގާމަރިޔަނބުގެ ކަރުގައި އޮތް ފަށެވެ.
ބިއްލޫރި ފުޅީގެ ތެރެއިން އެ ފަށް ނަގައި ސަންޕާ ހިންދިރުވާލި އެވެ. އޭރު ހަރުކޮށް ހެލެމުން އަންނަ މީހެއްގެ ފިޔަވަޅުގެ އަޑު ބޭރުން އިވެން ފަށައިފި އެވެ.
އެޑިޓަރުގެ ނޯޓް:
ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.
ކޮމެންޓް (4)
ސަންފަ
ޕަރސަން
ައިވަކް
ޕަރސަން