އިލަސްޓްރޭޝަން: މޫސާ މަމްދޫހު

ވާހަކަ

ރަސްގަތުލު - ތިންވަނަ ބައި

އުށްބައްތިއެއް ރޯކޮށްލުމަށް ފަހު ސަންޕާ ގޮސް ހުޅުވާލީ އޭނާގެ ކުޑަކުޑަ ގަހަނާ ފޮއްޓެވެ. ހުދު ހައިވަކަރުގައި ލައިނޫފަރު މަލުގެ ކުރެހުން އެޅި އެ ފޮށި ފުރާލާފައި ވަނީ އާމިރުއައްޔޫބީގެ ހަދިޔާތަކުންނެވެ. ފަންސަވީސް ފަށުގެ ރަން ފައްޓަރުބަޔަކާއި ރަން އުޅާބާއި ރަން ތަކަހޮޅި އެވެ. ޖަވާހިރުން ވިދައި ބަބުޅާ އަނގޮޓިތަކާއި ކަންފަތުލާ މުދި އާއި ލޯބީގެ ސިޓީތަކެވެ.   

އެއީ ރަސްމަތިފުށަށް ނިސްބަތްވާ ފަންމިންޏަކަށް ނޫން އެހެން އަންހެނަކަށް ހައްގު ގަހަނާ އާއި މިންވަރާއި ފެންވަރެއް ނޫނެވެ.

ދޯދިތައް ވަށައިގެން ނުކުމެފައިވާ އިރެއްގެ ސިފައިގައި އޮތް ކުޑަ މޫނުބަލާ ލޯގަނޑެއް ނަގައި އަތަށް ހެޔޮވަރުކޮށް ސަންޕާ އެއަށް ފަރިވެލި އެވެ. ކަންފަތުގައިލީ މުދި ރަހަލީ ބިއްލޫރީގެ އެ ތަސްވީރުގައި ވިދައި ބަބުޅައިގަތެވެ. ނަމަވެސް ސަންޕާ އަކީ ރަސްމަތިފުށަށް ނިސްބަތްވާ އަންހެނެއް ނޫނެވެ. ދަރަޖަ މަތިވެރިވެގެންވީ ރަނިކަނބާއެއް ނޫނެވެ. އަމުދަކުން ފަންމިންޏެއް ވެސް ނޫނެވެ. އަދި ކުޑަމިނުން ރީތި އަންހެނެއް ވެސް ނޫނެވެ.

އެކަމަކު އާމިރުއައްޔޫބީގެ ސިޓީތަކުގައި އޭނާ އަކީ ހަތްރީތި ހުސްކުރި ހަހަރު ހަންހާރަ އެވެ. އަދި ރަހަލީ ބިއްލޫރީގެ އެ ލޯގަނޑު ވެސް ސަންޕާ އަށް ދައްކަމުން ގެންދިޔައީ އެ ޖާދުވީ ހުރިހާ ސިފައެކެވެ. ކުރަނގީގެ ދެ ލޮލާއި އިހިކަނދުރާ އެވެ. ހިތިފަތުބުމަ އާއި ގިއުޅު އަތުކުރީގެ ފުރިހަމަކަމެވެ. އަދި ޝިކާރަމަތީ ކުއްތާގެ ބަނޑުހެން ހީވާހާ އަރާމު ޖިސްމެކެވެ.

ނަމަވެސް ހަގީގަތަކީ މުޅިން ކަމީނާވެފައިވާ މަންޒަރެކެވެ. އަދި ސަންޕާގެ ހިތް އާސްމާނަށް އަރައި ސިދުރަތުލް މުންތަހާގައި ނިދާފައި އޮތަސް އޭނާ އަކީ ގިރާވަރުގެ އަންހެން ކުއްޖެކެވެ. ސިފަ އާއި ކުލައިން ހުތުރު އަދި ނަސްލާއި އަސްލުގައި އެންމެ ދެރަނިކަމެތި ނަފުސެކެވެ. މާލޭގެ ބޮޑުން އަބަދުވެސް އެ ބަޔަކަށް ބޮކާއި ލެއިން މަރުހަބާކީ މުޑުދާރުކަމެކެވެ. މާލޭގެ ވެރިން ހަނޑޫ ފޮޅާލީމާ މޫހަނޑުލާއި ނީހަނޑުލާ ދެމެދުން ބާކީވި ބުރިހަނޑޫ ކައިގެން ބޮޑުވެ ފަސްކުޅަނދު ހަމަނުވާ އިންސިންނެވެ. ދެ ފައި ޖަހާފައި ހިނގިޔަސް ހަތަރެސްފައި ޖެހި ސޫފާސޫތްޕެވެ. މަދޮށީގެ ބަރުދަން ވެސް ނެތް އައުލާދުންނެވެ. އަޅު، ކަޅު ނޯކަރުންނެވެ.

މާލޭގެ ރަސްގަނޑުވަރުގެ އުސްގެކޮޅުގެ ކިޑިކީ އިން ބޯދިއްކޮށް ބަލައިލީމާ ގިރާވަރު މީހުން އަބަދުވެސް ފެނުނީ އެހައި ވެސް ދަށު ދަރަޖައިގަ އެވެ. ނަމަވެސް އާމިރުއައްޔޫބީގެ ސިއްކަކޮޅު ޖެހި ލޯބީގެ ސިޓީތަކުގައި ސަންޕާގެ ދުނިޔެ އަކީ ލޯބީގެ އެންމެ ފުރިހަމަ އާލަމެވެ. އެ ސިޓީ ކިޔައި ނިމުމުން ސަންޕާގެ ތުންފަތްމަތިން އޭނާގެ މޫނުމައްޗަށް އަނެއްކާވެސް ފެތުރިގަތީ ލަދުރަކި ހިނިތުންވުމެކެވެ. އަދި ލޯގަނޑުން މޫނު ބަލައިލުމުން އޭނާ އަށް ދެން ވެސް ފެނުނީ ރަސްގަނޑުވަރަކަށް ނިސްބަތްވާ ރަސްގޮމާފުޅެކެވެ.

އަނެއްކާވެސް ސަންޕާ ފަރިވެގަތެވެ. އަނެއްކާވެސް ކަންފަތުމުދިތައް ވިދައި ބަބުޅައިގަތެވެ.

އެ ވަގުތު މީހަކު ކުއްލިއަކަށް ދޮރުގައި ތަޅައިގަތެވެ. ސަންޕާ ވެސް ތެޅިގަތެވެ. ކަންފަތުލީ މުދިތައް ނަގައި ގަހަނާ ފޮށީގެ ތެރޭގައި ފޮރުވުމަށް ފަހު އޭގެ މަތި ލައްޕައި ނިދާ އަށީގެ ތަންދޮށަށް ލައި ފޮރުވައިފި އެވެ. އަދި ފުންމައިގެން ދިޔަ ގޮތަށް ގޮސް އުށްބައްތިއަށް ފުމެލުމާ އެކު މުޅި އެތަން ކުއްލިއަކަށް ކަނު އަނދިރިކަމެއްގެ ތެރެއަށް ޖަހައިގެން ގޮސް ގެއްލިއްޖެ އެވެ.

ވަގުތުގެ ބުރު ހަމަވީ އެވެ. ފަން ޖިފުޓިން ބޭރަށް ނުކުތްއިރު ސާދަވިލޭރޭގެ ބުރު ހަމަކުރި ހަނދުގެ ކިބުރުވެރިކަމުން މުޅިތަން އޮތީ ދިއްލާލައިފަ އެވެ. ރަން ފަނޑު އަލިކަމެއްގެ ނިވަލުގައި ފަރިވަމުން ދިޔަ ސަންޕާގެ މޫނާއި ބުރުސޫރައިގައިވީ ހުރިހާ އައިބަކާއި ސިއްރެއް ބޭޒާރުކޮށްލަން އެ ހަނދު ޖެއްސުންކުރާ ކަހަލަ އެވެ. ދަޅައިން ދެބައޮޑުވާ ކަހަލަ އެވެ.

ސަންޕާއާ ދިމާލަށް ބަލަހައްޓައިގެން ދުރުގައި މަޑުކޮށްލައިގެން ހުރީ ތާރަތަކުރެވެ. ކަލްކީ ބިޑިއެއް ރޯކޮށްލައިގެން ދުން އަރުވަމުން ގެންދިޔަ ބައްޕަ ލަކިބުރުއްސަން ނުފަށަނީސް ސަންޕާ ބެލީ ވީހާ ވެސް އަވަހަކަށް އެތަން ދޫކޮށް ރަށު ތުނޑިއަށް ދެވޭތޯ އެވެ.

އޭނާ ހިނގައިގަތީ ހިތާ ދެކޮޅަށެވެ. އެކަމަކު ބައްޕަ ކޮށައިދީފައި އޮތް މަގުންނެވެ. ހިނގަން މަޖުބޫރުކޮށްފައި އޮތް މަގުންނެވެ. އެއީ ދައްތަ ސަކީނާ ވެސް ހިނގަމުން ދިޔަ މަގެވެ. ހިނގަމުން ގޮސް ވީނުވީއެއް ނޭނގި ގެއްލުނު މަގެވެ.

ސަކީނާ އާއި ސަންޕާގެ އުމުރުގައި ފަސް އަހަރުގެ ތަފާތެއް ހުއްޓަސް ފެންނައިރު ހީވަނީ އެއްމާބަނޑު ދެބެއިން ހެންނެވެ. އެއީ ދޮލަނގާމަރިޔަނބު ނަމަކަށް ކިޔާ ފަގީރު އަންހެނަކާ ކައިވެނިކޮށްގެން ތާރަތަކުރަށް ލިބުނު ނިބޫހެން ހީވާ ދެ އަންހެން ދަރިންނެވެ. އެ ދަރިންގެ އަމާ ދުނިޔެއަޅައި ދިޔައީ ހަގު ދަރި ބަނޑުއަޅައިވިހޭ ދުވަހުގެ ދަންވަރެވެ. މަންމަގެ މޫނުމަތީގައިވީ އަލިކަމާއި ދެ ލޮލުގައިވީ ފުންކަން ސަންޕާ އަށް އަބަދުވެސް ކިޔައިދިނީ ދައްތަ ސަކީނާ އެވެ. އެކަމަކު ސަކީނާ އޭނާގެ ކޮއްކޮ އަށް ކިޔައިދިން ވަރަށް ގިނަ ވާހަކަތަކަކީ ހަދަހަދައިގެން ކިޔައިދީފައި ހުރި ވާހަކަ އެވެ. އަދި އަމިއްލަ ހަޔާތުގެ ވާހަކަ ފޮތް ސަންޕާ އަށް ފެންނަ ހިސާބުގައި ނުވެސް ހުޅުވަ އެވެ.

އެކުގައި އުޅެފައި އަދި އެންމެ ގާތުގައި އުޅެފައި ވަކިވެދިޔައިރު ވެސް ސަކީނާގެ ދިރިއުޅުމާ ބެހޭ މާ ގިނަ ކަންކަމެއް ސަންޕާ އަށް ދަސްނުވެ އޮތީ އެހެންވެގެންނެވެ. އަމުދުން އެ ޒުވާން ހަޔާތުގައި އޭނާ އެވަރަށް ފޮރުވައިގެން އުޅުނު ސިއްރަކީ ކޮބައިކަން ހިޔާލަށް ގެންނަން ވެސް ސަންޕާ އަށް އުނދަގުލެވެ. ދޮންރުއް ވަލުން ތުނޑިއަށް ހިނގަމުން ދިޔައިރު ސަންޕާގެ ބޮލުން ހިތަށް ފައިބަމުން ދިޔައީ ސަކީނާގެ އޮލަ ހަނދާންތަކެވެ. އެކަމަކު މި ދޮންރުއްފަލުގެ ކޮކާހަނދުވަރުގެ ތެރޭގައި މިނިވަން ކޮކާލެއްހެން އުދުހެމުން ދިޔަ ސަކީނާ އަށް ވީގޮތް އެނގޭ މީހަކު މި އުޑުދަށަކު ނުވެ އެވެ.

އެ ސިއްރު ކިޔައިދޭން ބޭނުންނުވާ ރުއްތަކާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ގޮސް ސަންޕާ މަޑުކޮށްލީ ތިރިތިރިކޮށް ހެދި ފޯދިފައިވީ ދޮންރުކެއްގެ ބުޑު ކައިރީގަ އެވެ. އެއީ ސަކީނާގެ ކަރުގައި އޮތް ފައްޓަރުފަށް ފެނުނުތަނެވެ. ފަހަރުގައި އޭނާގެ އެންމެ ފަހު ނޭވާ ވެސް ދޫކޮށްލި ތަނެވެ. ފައްޓަރު ފަށް ފެނުނުއިރު އޮތީ ބުރިވެފަ އެވެ. ނޫކުލައިގެ މަޝްހޫރު ކުމާރީރަނުން ގަތައި ފަރިކޮށްފައިވާ އެ ފަށް މިހާރު އެ އޮތީ ސަންޕާގެ ކަރުގަ އެވެ.

ދެ މީހުންނަށް އެކަކު އަނެކަކުގެ ސިއްރުތައް ނޭނގުނަސް އެ ދެ ހިތް ވެސް މިސްރާބު ޖަހާފައި އޮތީ އެއް ދިމާލަކަށެވެ. ތެޅެމުން ދިޔައީ މިނިވަން ބެރެއްގެ ހަރުބީއަށެވެ. ބޭނުންވީ ތާރައިގެ ވަޖިދު އެރުވި ދުނިޔެއިން ނުކުމެގެންދާށެވެ. ބުރިހަނޑުލާއި ވަޅޯމަހާއި ގަބުޅިކާށީގެ ހުނިހަކުރު ނޫން މިންވަރެއް ހޯދާށެވެ. އަމިއްލަ އަށް އިހުތިޔާރުކުރި ބައިވެރިޔަކާ އެކުގައި ގޮސް ހަންހާރަ ރިވެތި ލޯބީގެ މައުނަވީ އާލަމަކަށް ގެނބި ގެއްލޭށެވެ. ކުމާރީންގެ ސުވަރުގެ ހޯދާށެވެ.

އެކަމަކު މިނިވަންކަމަށް ދަހިވެތިވާ ހިތަކަށް ދުވަހަކުވެސް އިހުސާސުނުވަނީ އެ ހިތަކަށް ރައްކާތެރިކަން މުހިންމުވާ ސަބަބެވެ. މިނިވަންކަމުގެ ދަހިވެތިކަމުގައި އަމިއްލަ ރައްކާތެރިކަން ދުވަހަކުވެސް ނުރައްކަލަށް ހުށަހަޅައިގެން ނުވާނެ ކަމެވެ. ތާރަތަކުރާ އަޅާބަލާއިރު އޭނާގެ ދެ އަންހެން ދަރިންގެ އުޅުމާއި ވިސްނުމުގައިވީ ތަފާތަކީ މި އެވެ.

ސަކީނާ އަށް ގޮސް މަގު އޮޅުނީ އެވެ. ސަންޕާ އަށް މަގު އެ އޮޅެނީ އެވެ. އެކަމަކު ދުވެފައި ގޮސް އޭނާ ދެން ނުކުތީ ތުނޑިއަށެވެ. ބައްޕަ ފޮނުވި މަންޒިލަށެވެ.

މުޅި ހިސާބުގަނޑު އޮތީ ބޮކަރުއަތަރުން އެއްވަސްކޮށްލައިފަ އެވެ. އެއީ ވަލީއަހުދެއްގެ ވަސް ނޫންކަން ސަންޕާ އަށް ޔަގީނެވެ. އަމުދުން އާމިރުއައްޔޫބީގެ ވަހެއް ނޫނެވެ. އެ ވަލީއަހުދުގެ ހަތަރެސްފައިގައިވަނީ ހިތެއް ފުރިގެން އުތުރިއަރާ ގޮމަކަސްތޫރީގެ މީރު ވަހެވެ.

ސަންޕާގެ އިންތިޒާރުގައި ތުނޑީގައި މަޑުކޮށްލައިގެން އެ ހުރީ ކަޅުސޮރެވެ. އަރައިހަމަވުމުން އޭނާ ދިއްކޮށްލީ މަޑު ރީނދޫކުލައިގެ ބޮކަރު މަލެކެވެ. ގަތައި އަމުނަން ފެށީ ސާދަވިލޭރޭގެ މި ބައްދަލުވުމަށް ލިޔުނު ޅެމެކެވެ.

"ލިޔަންވި ބައްދަލު، ފުރަތަމަ މަންޒަރު"

"ލިޔެވުނު ބައްދަލު، ކަރުބޮ މަލުގެ މަންޒިލު"

"ތީރީތި ނަރަކަ، ސުވަރުގެ މާ ފޫހި"

"ތީކީރިތި ދަރަކަ، ސަންޕާ މާ ރީތި"

ކަޅުސޮރު އެ އައީ ވަރަށް ތައްޔާރުވެގެންނެވެ. އޭނާ އެހެރީ ވަރަށް ފަރިވެގެންނެވެ. ދުވަހަކުވެސް ފިރިހެނަކު ނަލަ ހެދި ރީތިނުވާ މިންވަރަށެވެ. އެކަމަކުވެސް ސަންޕާގެ ހިތަށް ހަމަ އެއްވެސް އަސަރެއް ނުކުރި އެވެ.

"ވަޒަން ހަމަނުވާ ޅެމަކުން ލޯބި ހުށަހަޅަނީ ހެއްޔެވެ؟"

"ބަލަން ކަމުނުދާއިރު ވެސް ބޮކަރު މަލުގެ ތައުރީފު އެއްލަނީ ހެއްޔެވެ؟"

ސަންޕާކޮށްލީ ސަމާސާއެކެވެ. ކަޅުސޮރުގެ ހިތުގައި ޖައްސައި އޭނާ ދެރަކޮށްލާކަށް ނުކެރުނެވެ. ނުވަތަ ބައްޕަ ކޮށައިދީފައި އޮތް މަގު މިވަގުތަށް ހިޔާރުކުރުމުން ލިބޭނޭ މަންފާތައް ހިތަށްއަރައި ވަގުތާއި ހާލަތުގެ ބޭނުންހިފާލަނީ އެވެ.

"ސަންޕާ ބޭނުމީ އެކުވެރިޔަކަށް ވާށެވެ. ލޯބީގެ ވާހަކަތައް ދައްކާނީ އޭގެ ފަހުންނެވެ."

ލަދުން ގޮސް ހަލާކުވެފައި ހުރި ކަޅުސޮރުގެ އަތުގައި ހިފައި ސަންޕާ ބާރުކޮށްގަތީ ހަމަ ކުއްލިއަކަށެވެ. އަދި ކަޅުސޮރަށް ހީވީ އޭނާ ބަލަމުން ދިޔަ ހުވަފެން ސާދަވިލޭރޭގެ މި ރިހި ރޭގަނޑުގައި ލޯ ކުރިމައްޗަށް ފައުޅުވެ ފެތުރިގަތް ހެންނެވެ.

އެއަށް ފަހު ދެން އައީ ސޯޅަފޮ އެވެ. ހަނދުމަހުގެ ފަހު ފަނަރަ އެވެ. ބައެއް މީހުންގެ ސިއްރުތައް ބޭޒާރުވާނީ ކަނު އަނދިރީގަ އެވެ. ސާދަވިލޭރެއެއްގެ ހަނދުވަރު ކިތަންމެ ސަމާސާއެއް ކުރިޔަސް ސަންޕާ ކަހަލަ އަންހެނެއްގެ އެއްވެސް ފަށަލައެއް ރަކިވެ އާތްވެ ނިއުޅި ބޭޒާރުވެގެނެއް ނުދާނެ އެވެ.

މީހަކު އެންމެ ފަސޭހައިން ފަޟީހަތްކޮށް ބަދުނާމުކޮށްލެވޭނީ އެމީހެއްގެ އެންމެ ގާތް އެކުވެރިޔަކަށެވެ. ސަންޕާ ބޭނުންވި ގޮތަށް ކަޅުސޮރު ބޭންދީ އެކުވެރިޔަކަށް ހަދައި ނުވަތަ ހައްދައި ވަރަށް ގާތުގަ އެވެ. އެކަމަކު އެއްވެސް އިރަކު ކަޅުސޮރު އައީ އެ މަގާމު ހޫނުކުރާކަށް ނޫނެވެ. އަދި ޝިކާރަކުރަން ނޭނގުނަސް ތީރު އުކަން ދަސްކޮށްގެންނެވެ.

ނަމަވެސް ގަނޑުވަރުގެ ވެރިން މުނިފޫހިފިލުވައިދޭ އަޅެއްގެ ދަރަޖައިގައިވީ ކަޅުސޮރަކަށް ކުރެވޭނީ ވެސް ވަކި ކީއް ހެއްޔެވެ؟ ސަންޕާ ގޮސް އޮތީ ތަހުތާ ފިޔަވަޅެއް ގާތުގައިވީ އަމީރެއްގެ އުނގު ތެރޭގަ އެވެ. ނުވަތަ އެ ވަލީއަހުދުގެ ހިތް އެ އޮތީ ޝިކާރަކޮށް ސަންޕާގެ އުނގު ތެރޭގަ އެވެ.

ފަހު ފަނަރައިގެ ފަހު ހަފުތާ އެވެ. ހަފުތާބަންދުގެ ކުޅިވަރުތައް ގިރާވަރުގައި ނިންމާލައި ވެރިންތައް އެނބުރި އަންނަން ފަށައިފި އެވެ. އުށްބައްތިތައް ދިއްލައި ގަނޑުވަރުގެ ކޮޓަރިތަކާއި މަގުތައް އޮތީ ދިއްލައި ރަން ކުލައިން ޖަރީކޮށްލައިފަ އެވެ. ކަޅުސޮރަށް މިއީ ބަންދު ރެއެކެވެ. ނަމަވެސް އޭނާ އިނީ ގަނޑުވަރުގެ ކުތުބުހާނާގައި ޅެން ފޮތެއް ކިޔާށެވެ. ސިލްވަރުގެ ތައްޓަކުން ޝަރާބުގެ ފޮދުވަރު ބޮމުން ފާރިސީ ކަރައިގެ މަޝްހޫރު ޅެންވެރިޔާ ފިރުދައުސީގެ 'ޝާހުނާމީ' އިން ގަނޑުތައް އުކާށެވެ.

ކުތުބުހާނާގެ ކުރިމަތީގައި އޮތް ސަރައްކާލިން ހަރުކޮށް ހެލެމުން ދިޔަ މީހަކު އޭނާގެ ލޮލުގައި އަޅައިގަތީ އެހެން އިންދަ އެވެ. އަދި ފާރިސީ ކަރައިގެ ރަން ޒަމާނަށް ވަދެ ގެއްލިފައިވީ ޝައުގުވެރިކަން ހޮރުން ދެމިގަތް ވެނެއް ފަދައިން ވަގުޖަހަމުން ގޮސް އެ ކުތުބުހާނާއިން ނުކުތީ ކުރިކަނޑާލާފައި ދިޔަ އެ މީހަކީ ސަންޕާހެން ހީވެގެންނެވެ. ނަމަވެސް ބޯދިއްކޮށް ބަލައިލިއިރު އެއްވެސް މީހެއްގެ ހިލަމެއް އެތަނުގައި ނުވެ އެވެ. ފަހަރުގައި އެއީ ޝަރާބުގައި އަމަލުވެފައިވާ ކަޅުސޮރުގެ އެކަނިވެރި ހިތަށް ހީވި ހީވުމެކެވެ.

އެކަމަކު ވެސް އުށްބައްތިއެއް ރޯކޮށްލައިގެން އޭނާ ހިނގައިގަތީ ގަނޑުވަރުގެ އެތެރެ ގޯތީގައި އޮތް ފިނިފެންމަލުގެ ބަގީޗާއާ ދިމާލަށެވެ. މާތައް ވަނީ ފޮޅިފަ އެވެ. ބަޅިނދުތައް މާމަލުން ފޮނި ބޮނީ އެވެ. އަންހެނެއްގެ ރުއިމާއި ހޭރުމުގެ އަޑު ގަސްތަކު ތެރެއިން ކުއްލިއަކަށް އިވިގަތީ ބަގީޗާ ތެރެއަށް ވަން ތަނުންނެވެ. އެއާއެކު ކަޅުސޮރު ވަގުތުން އުށްބައްތި އަށް ފުމެ ނިއްވާލި އެވެ. އެކަމަކު އެތަނުގައި ހުރި ސަންގުމަރުމަރު ހިލައިގެ އަށިމަތީގައި ޖޯޑުވަމުން ދިޔަ ސަންޕާ އާއި އާމިރުއައްޔޫބީގެ ހެޔެއް އޭރަކު ނެތެވެ.

ކަޅުސޮރުގެ ދެ ފައި ވަގުތުން ހިރުވައިގަތެވެ. އެކަމަކު އެއަށް ވުރެ ފުންކޮށް ޒަހަމުވެ ތަދުވީ އޭނާގެ ހިތަށެވެ. ސަންޕާ ދެކެވީ ތެދުވެރި ލޯބީގައި އެ އަންހެނާ ކޮޅުފައިޖެހި ހުތުރު ގޮތުންނެވެ.  

ޖެހިގެން އައި ހަތް ދުވަސް އޭނާ ހޭދަކުރީ އެކަންޏެވެ. ކުދިކުދިވި އެ ހިތަށް ހަދާނެ ގޮތަކާ މެދު ވިސްނުމުގަ އެވެ. ފިކުރު ހުސްވުމުން އެ ހަބަރު ގޮސް ދިނީ ތާރަތަކުރަށެވެ. އެކަމަކު ތާރަތަކުރަށް ވެސް ދެން ކުރެވޭނީ ވަކި ކީއް ހެއްޔެވެ؟

އާމިރުއައްޔޫބީގެ ހޮވުން ބާތިލުކުރުމުގެ ހަމަ އެއްވެސް ބާރެއް އަދި އިހުތިޔާރެއް ތާރަތަކުރަކަށް ލިބިގެން ނުވެ އެވެ. ތާރަތަކުރަށް އެނގެނީ އޭނާގެ އަންހެން ދަރި ސަންޕާ އިހުތިޔާރުކުރެވުނު ސަބަބެވެ. އަދި ނުވިސްނޭ އެ މޮޔަ އަންހެންކުއްޖާ އަށް އާމިރުއައްޔޫބީ ހަދާލާނެ ގޮތެވެ.

ސަކީނާ ވެސް ގެއްލި، ނެތި ނިމިގެން ދިޔަ ގޮތް ތާރަތަކުރަށް ވަރަށް ރަނގަޅަށް އެނގޭތީ އެވެ.


އެޑިޓަރުގެ ނޯޓް:

ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.

ކޮމެންޓް (6)

މީހާ

17 މާރިޗު 2024
ކަޅުސޮރުގެ ޅެމެކޭ ކިޔައިފައި މީގައި މި އޮތް ޅެމަކީ މުސްލިމަކަށް ލިޔުން ހެޔޮވާނެ ޅެމެއް ނޫން. ކުފުރުގެ ބަހެއް
4 0

ޕަރސަން

17 މާރިޗު 2024
ދެން ވާނީ ކިހިނެތްބާ. ހާދަހީވެޔޭ ސަކީނާވެސް ގެއްލުނީ ހަމަ ގަނޑުވަރުތެރޭ މީހެއްގެ ލޯބީގައި ޖެހިގެން އުޅެނިކޮށްހެން
1 0

ނައިސް

15 މާރިޗު 2024
ވާވް....4 ވަނަ ބަޔަށް އިންތިޒާރު މި ކުރަނީ....ސަކީނާ މަރާލީ ތ؟ ދެން ވާނެ ގޮތެއް ބަލަން ކެތްމަދުވެފަ....
4 0

ސަކީނާ

15 މާރިޗު 2024
ވައޮ. ވަރަށް ޝައުގުވެރިވެއްޖެ. އެހެންވީމަ ސަކީނާ މަރާލީތަ؟ އޭނާ މަރާލީ އާމިރުއައްޔޫބީތަ؟
6 0

ވާވް

15 މާރިޗު 2024
ވޯ. ވަޓް އަ ސްޓޯރީ...ނޭވާ ހިފަހައްޓާލައިގެން މިހިރީ
8 0

ހުނަރުކުޑަބެ

25 މާރިޗު 2024
@ވާވް ދެންދުވަހު ފުޅި އަޅާއިގެން ވާހަކަކިޔަން ވަޑައިގެންދެއްވުން އެދެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް