އިލަސްޓްރޭޝަން: މޫސާ މަމްދޫހު

ވާހަކަ

ރަސްގަތުލު – ފުރަތަމަ ބައި

ރާދައަސްދޫނީގެ މޫސުމް އަނެއްކާވެސް ފެށުނީއެވެ. ކަރު އަދި ވަރަ އެންމެ ބޮޑު އަސްދޫނި އާއިލާގެ ކަޅާއި ހުދުގެ ބައިގަނޑުތައް އައިސް ނަކަޗާފުށީގެ މީރު ފެންގަނޑު ފުރާލާ ނަކަތް ފެށުނީއެވެ. ގަނޑުވަރު ބޮޑުންގެ ނާޗަރަންގީ ވެސް ފެށުނީއެވެ. ތާރައިގެ އަޑާ އެކު އުތުރުހަޅަ ނިމި ހުވަން ފެށުނީ އެވެ. އަދި ކަޅުސޮރު ފަރިވަމުން ބެލި ހުވަފެނަށް އެންމެ ފަހުން އުޑުމަތި ސާފުވީއެވެ.

މުންޑުގަނޑު ކޮށިކުރަމުން ގޮސް ބޮއްކުރާއަށް އަރައި ކަޅުސޮރު ދެ އަތުން ފަލިޖަހައިގަތެވެ. ގޮޅިޖެހި ނަލަ ހަށިގަނޑެއްގެ ޖާދޫގައި ނުޖެހެން ނޫއުޑާއި ނޫކަނޑު އޮތީ ނުވެސް ދަންނަ ކަމަށް ހެދިގެންނެވެ. ހަތަރު ފަލީގެ އެ ބޮއްކުރާގައި ދެން އެ އިނީ ތާރަތަކުރެވެ. އޭނާ އަކީ ސައުދާގަރެއް ނޫނެވެ. އެކަމަކު މީގެ ނިރޮޅު ދެ ބޮއްކުރާ އޭނާގެ އަތުގައި އޮތުމުން އޭނާ ވަނީ ރަށުގެ ނިސްބަތުން އަތްމަތި ތަނަވަސް މުދައުވެރިޔަކަށެވެ. އަދި އަތްމަތި އެވަރަށް ތަނަވަސް ނުވަތަ ގަނޑުވަރުގެ ބޮޑުންނާ އެވަރަށް އެކުވެރި މީހެއްގެ ބޮއްކުރާގެ ފަލި ކަޅުސޮރުގެ ދެ އަތަށް އެރުމަކީ އޭނާއަށް ވަޒަންކޮށްލަން ވެސް ނޭނގޭނޭ ހިސާބަކަށް އޭނާ ގެންގޮސްދީފާނެ ދަތުރެއްގެ ފެށުމެވެ.

ކަޅުސޮރު ބެލި ހުވަފެނަށް އުޑުވިލާތައް ހުޅުވި އުޖާލާވެގެން ދިޔަ އެއް ސަބަބަކީ ވެސް މި އެވެ. ތާރަތަކުރުގެ ބޮއްކުރާގައި، ތާރަތަކުރާ އެއްހަމައެއްގައި ފަލިޖެހުމުގެ ފުރުސަތު އެންމެ ފަހުން ފަހިވުމެވެ.

އެކަމަކު ކަޅުސޮރުގެ އެ ހުވަފެނަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ހިތް ނުފުރިގެން އުޅެނީ ކޮން ކަމެއް ހާސިލުނުވެގެން ހެއްޔެވެ؟ އޭނާގެ ހިތް މޭގައި އޮބިނޯވެގެން އެ އުޅެނީ ކޮން ކަހަލަ އެދުންވެރިކަމެއް އެ އަރުތެރެއިން ބޭރުނުކުރެވިގެން ހެއްޔެވެ؟

ބޮއްކުރާއިން ފުރުސަތު ދިނުމުގެ ކުރިން ވެސް، ތާރަތަކުރުގެ ނުފޫޒާއި އެކުވެރިކަމުގެ ބާރުގައި މިހާރު ވެސް ކަޅުސޮރަށް އެތައް މޮޅެއް ހޯދައިދީފިއެވެ. ޒުވާން ކަޅުސޮރަކީ މިހާރު ވެސް ބޮޑު ގަނޑުވަރުގައި ރަސްރަނިންނަށް ޅެން ޝަރަހަކޮށްދޭ ވަޒަން ބަހުރުވައިގެ ތަޖުރިބާކާރެވެ. ވެރިންނަށް ރާފޮދު އަރުވާ އިސްކަލޭގެ ވެސް މެއެވެ. ހައްތަހާ ވެސް ތާރަތަކުރު އޭނާއަށް ހޯދައިދިން ފުރުސަތެވެ.

"ކަލޭ އާވާރާވެގެން ތިޔަ އުރެނީ މިއަދު ކޮން ކަމަކާ ހެއްޔެވެ؟"

"ކަލޭ ތިޔަ އުރެނީ އަބަދުވެސް ކޮން ފިކުރެއްގައި ހެއްޔެވެ؟"

ފަލިޖަހަން އިން ކަޅުސޮރުގެ ހަރަކާތްތަކަށް ފާރަލަމުން ދިޔަ ތާރަތަކުރުގެ މި ސުވާލުތަކާ އެކު އޭނާ އަނެއްކާވެސް ދެ އަތަށް ލެވުނު ބާރެއް ލައި ފަލި ޖަހައިގަތެވެ. އަދި ފަލިވަޅަށް ބަލަން އިނދެފައި ހަރުއަޑުން ގަތައި އަމުނަން ފެށީ އޭނާ އެންމެ ފަހުން ލިޔެ ނިންމި އޮޑިތާން ރައިވަރެވެ.

ކަޅުސޮރަށް ތާރަތަކުރު ލޯބިން ކިޔައި އުޅެނީ އޮޑިތާން ފުރޭތައެވެ. އެއީ އޭނާގެ ކިބައިގައިވީ ޅެންވެރިކަމުގެ އަޖާއިބުކުރުވަނިވި މި ހުނަރަށް ތައުރީފު އެއްލަމުން ދީފައިވާ ވަނަމެކެވެ. ބައެއް ފަހަރަށް އޮޑިތާން ދެޔޯއޭ ވެސް ކިޔައި އުޅެއެވެ.

ކަޅުސޮރަކީ ޔަގީނަށް ވެސް މުޅި ރަށުން ތާރަތަކުރަށް އެންމެ ކަމުދާ ޒުވާނާއެވެ. އޭގައި އެއްވެސް ޝައްކެއް އަދި އޮޅުމެއް ވެސް ނުވެއެވެ. ނަމަވެސް ހިތް އޮތް ގޮތުގެ ވާހަކަ ކިޔައިދީފި ނަމަ ތާރަތަކުރު އެކަމާ ނުރުހިދާނެ ކަމަށް ލަފާކޮށް ކަޅުސޮރު ނިންމީ އެ ހިތް އޮތް ގޮތަށް އޮތް ހިސާބުގައި ފޮރުވާށެވެ. އެކަމަކު ސަންޕާ ނޫން އެހެން އެއްވެސް ޖިސްމެއްގެ ހޫނަކަށް އޭނާގެ ހިތް ދެން ކިޔަމަނެއް ނުވާނެއެވެ.

އޮޑިތާން ރައިވަރު ނިމުނުއިރު ނަކަޗާފުށީގެ ފަޅުތެރެއިން ގޮސް ފެންމީރު ކޯރަށް މަޑު ދުވެއްޔެއްގައި ބޮއްކުރާ ވަންނަނީއެވެ. ރަތްވިލާގެ ދަޅަތަކާއި ކަޅާއި ހުދުކުލައިގެ ރާދައަސްދޫނިތަކާ އެކު ފެންމީރު ކުޅި އޮތީ ކަޅާއި ހުދުން ވިދައި ބަބުޅަމުން ދިޔަ ސުވަރުގެއަކަށް ބަދަލުވެފައެވެ.

އެ ދޫނިތައް ހިފަން ދެ މީހުން ކުޅިއަށް ފައިބާނީ އިރުއޮއްސި އަނދިރިވުމުންނެވެ. އެއީ މި އަސްދޫނީގެ ވަރައިގައިވީ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ފަތްތައް ޖަހައިގަތުމުގެ ބޭނުމުގައެވެ. ތާރަތަކުރަކީ އެ ފަތުން ގަލަން ތައްޔާރުކުރާ މީހެކެވެ. އޭނާ ތައްޔާރުކުރާ 'ގަލަމުފަތް' ނޫން ފަތެއް ގަނޑުވަރުގެ ވެރިންނާއި މާލޭގެ ބޭބޭފުޅުންނަކަށް ކަމު ވެސް ނުދެއެވެ. ތާރަތަކުރު ތޫނުކޮށްފައިވާ ގަލަމުފަތަކުން ނޫން ގޮތަކަށް ރަސްގަނޑުވަރުގެ އެތެރެ ކޮއިލުގައި ދެލި ވެސް ނުހިނގާ ކަހަލައެވެ.

ސައުދާގަރަކަށް ނުވިޔަސް ރަށު ނެތް ވަރުގެ އަތްމަތި ތަނަވަސް މީހަކަށް ތާރަތަކުރު ބަދަލުކޮށްލީ ވެސް މި ވިޔަފާރި އާއި ގަނޑުވަރުގެ ގުޅުމެވެ. ނިސްބަތުން ނިކަމެތި އާބާދީއެއްގެ ތެރޭގައި އޭނާ 'މުއްސަނދިތަކުރު' ގެ ގޮތުގައި އެއް ބަޔަކު ދަންނަނީ ވެސް މި ސަބަބުތަކާއި ގުޅުންތަކާ ހެދިއެވެ.

ގަލަމުފަތުގެ ބަދަލުގައި ބޮޑުން އޭނާއަށް ގެނެސް ދެނީ އެންމެ މޮޅު ބަކަރިހަމެވެ. ތާރައިގެ އޮނިގަނޑުގައި އަޅާނެ މޮޅު ބަކަރިހަމެވެ. ތާރައިގެ އާލާތްތައް ތައްޔާރުކުރުމާއި ތާރައިގެ ވަޖިދުއެރުވުމުގައި ވެސް އެފަދަ ދެ ވަނައެއް ނެތް ވަރުގެ ތަޖުރިބާކާރަކަށް ތާރަތަކުރު ބަދަލުކޮށްލީ އޭނާގެ ރާދައަސްދޫނި ގަލަމުފަތުގެ ރަސް ވިޔަފާރިއެވެ. ވަޖިދު ތާރައިގެ ކުޅިވަރު ބޮޑުންނަށް ދެއްކުމަށް ހަފުތާ ބަންދުގައި އޭނާ އިންތިޒާމުކުރާ ނާޗަރަންގީގެ ފޯރިއަކީ ވެސް ރަށުގެ އާބާދީއަށް ނިސްބަތްވާ އެންމެ މުހިންމު މީހާއަށް އޭނާ ބަދަލުކޮށްދިން ސަބަބެވެ.

އޭނާ އަކީ ރަސްގަނޑުވަރަށް ނުހަނު ވަފާތެރި، ރަސްކޮއިލުގެ ވެރިން އުފާކޮށްދޭން ކުރަން ޖެހުނު ކޮންމެ ކަމަކަށް އަބަދުވެސް ތައްޔާރަށް ހުރި އެމީހުންގެ އެންމެ ބޮޑު، އެންމެ އަގުބޮޑު ޚާދިމެވެ. މި ބީދައިން ބަލާއިރު ޒުވާން ކަޅުސޮރަކީ ހަގީގަތުގައި އޭނާގެ އަމިއްލަ ނޯކަރެކެވެ.

މުޅޯށި ތެރެއިން ނެގި ވަޅޯމަހާއި ހުނިހަކުރާއި ގަބުޅިކާށިގަނޑެއް ކަޅުސޮރަށް ދިއްކޮށްލުމަށް ފަހު ތާރަތަކުރު ރޯކޮށްލީ ކަލްކީ ބިޑިއެކެވެ. ކުޅިއަށް ފޭބުމުގެ ކުރިން އޭނާ އަބަދުވެސް އަނބުރައިގެން ރޯކޮށް ހުސްކުރާ މި ބިޑިއަކީ ހަމައެކަނި އާދައިގެ ރަށު ބިޑިއެއް ނޫނެވެ. ތާރަތަކުރުގެ ތަނަވަސްކަމާއި ނަސީބާ ގުޅިފައިވާ ކަމަށް އޭނާ ގަބޫލުކުރާ އާދަކާދައިގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ވެސް ކުޅިއަށް ފޭބުމުގެ ކުރިން މި ބިޑި ބޮއެ ހުސްކުރުމެވެ. އޭނާ އަށް ލިބިފައިވާ އުމުރާ ނުބައްދަލު ޒުވާންކަމުގެ ސިއްރަކީ ވެސް މި އާދަކާދަ ކަމަށް ބުނެވެއެވެ.

ކޮންމެއަކަސް، ތާރަތަކުރަކީ އޭނާގެ މަގާމާއި ހައިސިއްޔަތާއި ފެންވަރު އަދި ނަސަބުގެ ދަރަޖަ ވަރަށް ރަނގަޅަށް ދަނެގެން ދިރިއުޅުމުގެ މި ދަތުރުގައި ކުރިއަށްދާ މުސާފިރެކެވެ. ނަމަވެސް އޭނާގެ އަންހެން ދަރި ސަންޕާ އަކީ އޭގެ ދިމާ އިދިކޮޅެވެ. ހިތް ނުހަނު މޮޅުވެފައި ކިބުރުވެރިކަމާއި ބޮޑާކަމާއި އިދިކީލިކަމާ ދޯޅު ފައްކާ ހަރާމުޖާދާ އެކެވެ.

އެވަރުގެ އަންހެނަކަށް ކަޅުސޮރުގެ ހިތް ބަންޑުންވީ އަޅެ ކިހިނެތް ވެގެން ހެއްޔެވެ؟ އެ ސަބަބެއް ޚުދު ކަޅުސޮރަކަށް ވެސް ނޭނގެއެވެ. ނަމަވެސް މިއީ ދުނިޔަވީ ގާނޫނެވެ. މި އުޑުދަށުގައި އަބަދުވެސް އެއްތަންކޮށް އެއްދާން ވަނީ އެއްގަލަކަށް ނާރަން އެންމެ ބޭނުންވާ ދެ ހިތެވެ. ފަހަރުގައި ކަޅުސޮރަކީ މި މައުނަވީ ދުނިޔޭގެ މި ޝާއިރީ ގަބޫލުކުރުމުގައި ވިޔާނުވާ ގޮތެއްގެ މަތިން ވީއްލި ވިއްސި ވިހާލިވެގެން ދިއުމަށް ތަރިތަކުގައި ލިޔެ ނިމިފައިވާ ނަފުސެކެވެ. ފައިލަސޫފެއް ނޫނެވެ.

ސަންޕާއަށްޓަކައި އުފެދި ހިތުގައި ރޯވަމުންދާ އެ އަލިފާންގަނޑު އަބަދަކަށް ނުފޮރުވޭނެކަން ކަޅުސޮރަށް ޔަގީންވެއެވެ. ނަމަވެސް އެ ލޯބީގެ ހޫނުގައި ސަންޕާ ޖައްސާނެ ގޮތެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެ ހުރިހާ ޖަޒުބާތެއް ހިތަށް ލައި ފޮރުވައިގެން އިނދެ ވަޅޯމަހާއި ހުނިހަކުރު ކައި ހުސްކޮށްލުމަށް ފަހު ތާރަތަކުރާ އެކު ކަޅުސޮރު ވެސް ފޭބީ މީރުފެނުގެ ކުޅިއަށެވެ.

** ** **

ސަންޕާގެ ހަތަރެސްފައި ފިނިވެގަތެވެ. ހީވީ ގަނޑުފެނުގެ ކޯރަކަށް ގެނބިގަތް ހެނެވެ. އެ މަންޒަރު ބަލަން އޮވެފައި އާމިރުއައްޔޫބީ ކުރިއަށް ވުރެ ގާތަށް ޖެހި، އަނެއްކާވެސް އޭނާގެ އިނގިލިތަކުގެ ބަނޑުފުށް ސަންޕާގެ ކަނދުރާގައި ގެންގޮސް ބީއްސާލިއެވެ. މަޑުމަޑުން ތިރިއަށް ގެންގޮސް ކަޝްފުކޮށްފައިވީ ދެ ކޮނޑުހުޅުގައި ލޯބީގެ ނިޝާންތަކެއް ކުރަހައި ހުޅުގަނޑެއް ރޯކޮށް ރަސްފޭލިގެކޮޅު ލޯބީގެ އެންމެ ފުން ޖަޒުބާތުތަކުން ދިއްލައި އަލިކޮށްލައިފިއެވެ.

ސަންޕާ އަކީ ކަސްބީއެއް ނޫނެވެ. އޭނާ އަކީ އާމިރުއައްޔޫބީގެ ލޯބީގައި ދީވާނާވެފައިވާ ދޮންބިބީއެކެވެ. ލޯބީގެ ކޮކާ ހަނދުވަރަށް މޮޔަވެފައިވާ ބަޅިނދެކެވެ. އެކަމަކު އެ ނިކަމެތިކަން އޭނާއަށް އިހުސާސެއް ވެސް ނުކުރެވެއެވެ. ނުވަތަ އަބަދުވެސް ފެންވަރަށް ވުރެ މަތިން ކަންކަން ބޭނުންވި ހިތަކަށްވީމަ އޭނާ އަށް ފެންނަ މަންޒަރާއި ވިސްނޭ ގޮތް ތަފާތީއެވެ.

އާމިރުއައްޔޫބީ އަކީ އަމީރެވެ. ކިލަގެފާނެއްގެ ހުރި ހަމައެކަނި އައުލާދެވެ. ނޫކަށިފުރައިގައި ވިޔަސް ތަހުތުގެ ޝާނާއި ޝައުކަތަށް ފަރިވެ ފައްކާވަމުން މަހާރާޖާއެއްގެ ޝަރުތާއި ސިފަތައް ނުހަނު ހަލުވިކަމާ އެކު ފުރިހަމަވަމުން އަންނަ ވަލީއަހުދެކެވެ. އެވަރުގެ އުނގަކަށް ފަތަހަވެ ނުވެއްޓޭނީ ކާކު ހެއްޔެވެ؟ އެވަރުގެ އަޅުވެތިކަމަކަށް ދާން ބޭނުންނުވާނީ ފަހެ ކާކު ހެއްޔެވެ؟

އަނެއްކޮޅުން އުނގުގައި ބޯއަޅައިގެން އޮތް އާމިރުއައްޔޫބީގެ ހިތް އޮތްގޮތް ކިތަންމެހާ ވެސް ސާފެވެ. ހަނދުވަރުގެ ރިހިއަލީގައި އެ ދެ ހިތް އޮތީ ލޯބިން ގަތައި ޖަރީކޮށް ނިމިފައެވެ. އެކަމަކު ލޯބީގެ މި ވާހަކަ އަކީ ނުފެށެނީސް ނިމެން ޖެހޭ ވާހަކައެއްކަން އޭރު އަދި ސަންޕާ އަށް ރޭކާވެސް ނުލައެވެ.

ފޭލިގޭގައި މައްލަވަކުރަން ތިބެފައި ސަންޕާ އާއި އާމިރުއައްޔޫބީ ގޮސް ދެން ވަނީ ތަންތާރަ މައިދާނަށެވެ. މިއީ ކޮންމެ ހަފުތާބަންދަކު ރަށަށް ޒިޔާރަތްކުރާ މާލޭގެ ރަސްމަތިފުށުގެ ބޭފުޅުން މުނިފޫހިފިލުވުމަށް ހާއްސަކޮށްފައިވާ މައިދާނެކެވެ. އެތަނުގައި އޮންނަނީ ޝަރާބުން މަޖާކުރުމާއި ތާރަޖަހައި ވަޖިދުއެރުވުމުގެ އަޖާއިބުކުރުވަނިވި ހަރަކާތްތަކެވެ.

މި ކުޅިވަރުތައް ބަލަން ރަސްގަނޑުވަރުގެ ބޭބޭފުޅުން ވަޑައިގަންނަވާނީ ރިހި ބާލިދީތައް ބޮކުން ފުރާލައިގެންނެވެ. ބޮކަކީ މި ރަށުގެ އަހުލުވެރިން އެންމެ ބިރުގަންނަ ސޫތްޕެވެ. އެކަމަކު ވެރިންނާއި ބޮޑުންގެ އަގުބޮޑެތި ހަދިޔާތައް ލިބެން އޮންނަނީ ބޮކުގެ ވާރެއާއި ކުޅިވަރަށް ފަހުއެވެ. ބޮކުގެ ވާރެ އަކީ ތާރައިގެ ވަޖިދުގަނޑު އަރައި ހޭބުރާންތިކޮށްލާއިރު ރިހި ބާލިދީތައް ބޯމައްޗަށް އުކާލައިގެން ބޮޑުންގެ އުފަލަށްޓަކައި ރަށުގެ ނިކަމެތިން ބޮއްތަކާ އެކުގައި ގުރުބާންކޮށް ބިންމައްޗަށް ވައްޓާލާ މި ހަފުތާބަންދުގެ ކުންނެވެ. އެއީ ގަނޑުވަރުތެރޭ ބޭފުޅުން މުނިފޫހިފިއްލެވުމަށް ނިކަމެތިންގެ ލޭ އޮހޮރުވާލާ މުޑުދާރު ކުޅިވަރެކެވެ.

މި ކުޅިވަރާއި މުނިފޫހިފިލުވުމުގެ މައިދާނުގައި ސަންޕާއަކީ ހަގީގަތުގައި ވެސް ބޮކެއްގެ ދަރަޖައެވެ. އެކަމަކު ހަނދުވަރުގެ ރިހިއަލީގައި އެ ކުޅިވަރު ބަލައި އަމިއްލަ ނަސްލު ކުޑައިމީސްކޮށް ޝަރާބުގެ ކޯވަރު ބޮއެ ހޭން އޭނާ އެ ހުރީ ރަސްގޮމައެއްގެ ދަރަޖައިގައި އަމީރަކާ އަތާއަތް ޖޯޑުކޮށްލައިގެންނެވެ. ނަމަވެސް ބޮލުގެ ވާތްފަރާތަށް ޖަހާފައި ހުރި ހުޅި އެގޮތަށް އިންހާ ދުވަހަކު ސަންޕާ އާއި އާމިރުއައްޔޫބީގެ ނަސްލާއި ދަރަޖަ އެއްވަރުނުވާނެކަން ޚުދު އޭނާ އަށް ވެސް އެނގެއެވެ.

ލޯބީގެ މި ގުޅުން އަދިވެސް ސިއްރެއްގެ ގޮތުގައި އޮތީ އެހެންވެގެންނެވެ. ތާރަތަކުރުގެ ހިތާއި ނަފުސު ތަހުތުގެ ވެރިންނަށް ގުރުބާންކުރިޔަސް މި ލޯތްބަށް އޭނާ ދުވަހަކު ވެސް ފުރުސަތެއް ނުދޭނެތީއެވެ. އަނެއްކޮޅުން ނަސްލީ ގޮތުން ދެރަ ނިކަމެތި ނޯކަރެއްގެ ދަރިއަކަށް ރަސްގަނޑުވަރެއްގެ ވެރިން ލޯބީގެ މަރުހަބާއެއް ކިޔާނެ ކަމަށް އުއްމީދުކުރުން ވެސް ވާނީ ބޮޑުވެގެންވީ ކުށަކަށް ނޫން ހެއްޔެވެ؟

އެހެންނޫނަސް ވައަތަށް ހުޅިޖެހި އަންހެނަކު އިންނަން ޖެހޭނީ ވައަތަށް ހުޅިޖެހި އަންހެނެއްގެ ފިރިހެން ދަރިއަކާއެވެ. އެއީ ނަސްލީ ގާނޫނާއި ރަށްފުށު ބޮޑު ތަރުތީބުގައި ވެސް ލިޔެ ސިއްކަޖަހާފައި އޮތް ގޮތެވެ. އެހެންކަމުން ސަންޕާގެ އެ ކައިވެންޏަށް ތާރަތަކުރު އަބަދުވެސް ފަރިކުރަމުން ގެންދިޔަ ޒުވާނަކީ ސައްކެޔޮ މަރިޔަނބުގޭ ކަޅުސޮރެވެ.

ބޮއްކުރާ އިން އެންމެ ފަހުން އޭނާއަށް ފުރުސަތު ދިނީ ވެސް އެ އުފާވެރި ޚަބަރު ހާއްސަ ގޮތަކަށް އޭނާ އަށް ދޭންވެގެންނެވެ. ކަޅުސޮރުގެ ހިތް އޮތްގޮތް ސަންޕާއަށް ނޭނގުނަސް އެ ހިތް އޮތްގޮތް ތާރަތަކުރަށް އަބަދުވެސް، އެންމެ ކުރިން ވެސް އެނގޭތީއެވެ.

ރާދައަސްދޫނި ހިފަން ކުރި ދަތުރު ނިމުނުއިރު ކަޅުސޮރަށް އޮތީ ހަމަ އަސްލަށް ވެސް ލޯބީގެ މޫސުމް ރަސްމީކޮށް ފެށިފައެވެ. އެކަމަކު ސަންޕާގެ އެ ދެ ފިޔަގަނޑު އޭނާއަށް މައިތިރިކުރެވޭނެ ހެއްޔެވެ؟ އެ ހިތް، ރާދައަސްދޫންޏެއްހާ ފަސޭހައިން ފަތަހަކުރެވިދާނެ ހެއްޔެވެ؟

ކަޅުސޮރަކީ އެއްވެސް ޒަމާނެއްގައި ޝިކާރަވެރިއެއް ނޫނެވެ. ޝިކާރަވެރިޔަކީ އަބަދުވެސް ސަންޕާއެވެ.

(ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.)

ކޮމެންޓް (11)

ހާ ޒަވިޔަނި

15 މާރިޗު 2024
އިލަސްޓްރޭޝަން ރީތިކަމުން ވާހަކަ ކިޔާލީ.. ވަރަށް ހިތްގައިމު، ސިފަކުރުންތައް ވަރަށް ފުރިހަމަ ރީތި ވާހަކައެއް
2 0

ހުސާމް

14 މާރިޗު 2024
މާ މޮޅު ލިޔުންތެރި ކަމަކާއި ބަސްކޮށާރެއް ދައްކަން މަސައްކަތް ކުރާ އިރު ނުގުޅޭ އިބާރާތްތައް ގިނަ، މި ލިޔުނު ލިޔުންތެރިޔާ އަމީންދީދީގެ ވާހަކަ ކޮޅެއް ކިޔާލުން ރަނގަޅު ކަމަށްފެނޭ.
3 7

ޟހހޖޖޖ

14 މާރިޗު 2024
@ހުސާމް ބުނަންތަ ވާހަކައެއް ތިބާއަށް މިވާހަކަ ކަމުނުދަންޔާ ނުކިޔާ ހައްޕު ކިޔައިގެން ހުރޭ… ހުރިހާ ވާހަކައެއް އެތްގޮތްވާކަށް ނުޖެހޭ… ތިބާ ލިޔުމަށް މޮޅިއްޔާ ތިބާވެސް ނިކަން މޮޅު ވާހަކައެއް ލިޔެބަލަ މަ ހުންނާނަން ކިޔަން
5 1

މީހެއް

13 މާރިޗު 2024
ނަދީމްގެ ވާހަކަތައް ކޮންމެ ރޯދަމަހަކު ކިޔަން. ވަރަށް ޝައުގުވެރި. ދެރައީ ވާހަކަ ނިންމާލަން ނުލިބޭތީ. މި ވާހަކަ ނިމެންދެން ގެނެސްދޭނެ ކަމަށް އުންމީދު ކުރަން
4 0

ޒަމްޒަން

12 މާރިޗު 2024
މި ވާހަކަ ހަދަ ސަޅިޔޭ ލިޔެލާފައި އޮތްގޮތް. އަޅެ ޕްލީޒް ވާހަކަ އެއްކޮށް ނިންމާތި ދިސް ޓައިމް. ބިކޯޒް ޔޫއާރ ސޯ ޓެލެންޓެޑް.
4 2

މަކހހ

12 މާރިޗު 2024
ނަދީމްގެ ވާހަކަތައް ވަރަށް ކޮލިޓީ ވެފަ ރީތިވާނެ، އެކަމަކު ގިނަފަހަރު ވާހަކަ ނިމެންދެން ގެނެސް ނުދޭނެ. މިފަހަރު އެހެން ނަހަދާނެ ކަމަށް ހީކުރަން
8 0

ޕަރސަން

12 މާރިޗު 2024
މިވާހަކަ ހީވޭ ވަރަށް ސަޅިވާނެހެން، ސިފަކުރުންތަކާއި، ބަސްތައް އަތުރާލާފައި ހުރިގޮތް ވަރަށް ހިތްގައިމު
5 0

ނީޒާ

11 މާރިޗު 2024
ވަރަށް މޮޅު ވަރަށް ފުރިހަމަ
6 0

ފާތުން

11 މާރިޗު 2024
ހާދަ ބަސް ކޮށާރަ މޮޅު ވާހަކައެކޭ.
6 0

ރާދަފަތި

11 މާރިޗު 2024
ސިފަކޮށްދިނުމާ ބަސްއެތުރުން ހާދަމޮޅެ ނަދީމުގެ. މާޝާﷲ. ވަރަށް އުފާވެއްޖެ އަނެއްކާވެސް ނަދީމުގެ އާ ވާހަކައެއް ކިޔާލަންލިބުމުން. ވާހަކަ ވަރަށް ރީތި.
9 0

މުސާފިރު

11 މާރިޗު 2024
މިހާ ރީތި ވާހަކައެއް ދައުރުން ރޯދަމަހު ގެނެސްދޭތީ ވަރަށް އުފާވެއްޖެ. ނަދީމަކީ މުޅިން އެހެންލެވެލެއްގެ ވާހަކަ ލިޔުންތެރިއެއްކަން އޭނާ މި ދަނީ ސާބިތުކޮށްދެމުން. ދެރައީ ވާހަކަތައް ލިޔެ ނުނިމޭކަން. މިފަހަރު އެހެން ނުވާނެ ކަމަށް އުއްމީދުކުރަން. މިއީ ހަމަ އެއްވަނައިގެ ވާހަކައެއް.
10 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް