އިލަސްޓްރޭޝަން: މޫސާ މަމްދޫހު
އެ ރަން ފޮށިގަނޑު ހުޅުވި ފަހުން ބަކުރީ މިހާރު ހުންނަނީ ހަމަޔަކު ނޫނެވެ. އެންމެފަހުން ބޭއްވި ސިއްރު ބައްދަލުވުމަށް ގޮސް ވެސް އޭނާ ހުރީ ބިތްޖެހިފަ އެވެ. ކިޔާނުކިޔާ ފަހުމެއް ނުވެ އެވެ. ބަނާޓުގަލާ އަކާއި ރާދައަސްދޫނީގެ ވާހަކަ ދައްކާހެން ވެސް ހީވެ އެވެ. އެކަމަކު އެއީ ކޮކެއިންގެ އަސަރެއް ނޫނެވެ. އޭނާގެ ސިކުނޑިއެއް އެގޮތަކަށް ކޮކެއިންއަކަށް ނުގުޑާނެ އެވެ. އެއީ ބަކުރީގެ ސިފައިގައިވިޔަސް މިހާރު އެހެން ޝަހުސެކެވެ. ވަށް މޭޒުދޮށުގައި އެ މަންޒަރު ބަލަން އެ ދުވަހު ތިބި އެންމެން ވެސް ބުނަމުން ގެންދިޔައީ އެހެންނެވެ. އެކަން ޚުދު ބަކުރީގެ އެ ނިކަމެތި ނަފުސާއި ޖިސްމަށް ވެސް މިހާރު އިހުސާސުވާ ކަހަލަ އެވެ.
ނަމަވެސް އެ ރަން ފޮއްޓާ ބެހޭ ހަމަ އެއްވެސް ސުވާލެއް އޭނާއާ ކުރާކަށް އެއްވެސް މީހަކަށް ނުކެރުނެވެ. އެ ރަން ފޮށީގައި ބަގުޑިބެއްދި ފަހުން އޭނާގެ މިޒާޖަށް ކުއްލިއަކަށް އައިސްފައިވާ ބަދަލުތަކާ ހެދި އެވެ. އޭނާ ކޮށްފައި ނުކުރާނެ ކަމެއް މިހާރު ހަމަ އެކަކަށް ވެސް ނޭނގޭތީ އެވެ. އެކަމަކު ޒުވާން ބަކުރީ އަކީ އޭނާގެ ވިސްނުންތޫނުކަމާއި ހުސިޔާރުކަމާއި ރޭވުންތެރިކަމުގެ ހުނަރުގައި ހުނިޖަހާލާފައި ނަގާލެވޭ ސިކުނޑިއެކެވެ. އަދި ހުރިހާ ވާހަކަތަކެއް މަޝްވަރާގެ މަތިން ދުރާލައި ރާވައި އެންމެނަށް ބަރާބަރަށް ވާނުވާ އަންގަމުން ގެންދިޔަ އެ އެންމެންގެ އިސް އާރުކާޓީ ވެސް މެ އެވެ.
އެކަމަކު މިހާރު، ހަމަ އެއްވެސް ވާހަކައެއް ބަކުރީ އެކަކަށް ވެސް ކިޔައިދޭން ބޭނުމެއް ނުވެ އެވެ. އަމުދުން އެ ރަން ފޮއްޓެއް ހުޅުވައިގެން އޭގެ ތެރެއިން ފެނުނު ތަކެތީގެ ވާހަކަ ދައްކަން ވެސް އޭނާ ބޭނުންނުވާ ކަހަލަ އެވެ. ރަން ފޮށި ހުޅުވައިދިން ތިލޭރުކަލޭގެއަށް ވީނުވީއެއް ވެސް އެނގޭ މީހަކު ނެތެވެ. އެހެންކަމުން ބަކުރީއާ ގާތްވާން ކެރުނު ހަމަ އެކަކު ވެސް ނެތެވެ. އަނެއްކޮޅުން އޭނާގެ ބޭބެ މިހާރު އުޅެނީ ދުބާއީގައި ފިލައިގެންނެވެ.
ބޮޑުކަންނެލި އެންޓަޕްރައިޒް އެ އޮތީ ހަމަ ރަނގަޅަށް ވެސް ފަރަށް އަރައިފަ އެވެ.
ބަކުރީގެ ހަތަރެސްފައި ހިރުވާތާ ވެސް މިހާރު އެތައް ދުވަހެކެވެ. ހީވަނީ ކުދި ފަނިފަކުސާތައް ދެ ހަން ދޭތެރޭގައި ދުވާ ހެންނެވެ. އެތެރެއިން ކަށިޖަހާހެންނެވެ. ބޮނބިފަޅީކެއްސުމާ އެކު ދެ ބޮނބިފަޅީގައި ވެސް ރިއްސާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ބުރަކަށި ވަނީ ކަހައި ވަކި އެޅި ފާރުވެފަ އެވެ. ދެ ބޮނބިފަޅީގައި ރިއްސައިގަންނައިރު ހީވަނީ ތުނޑު ތޫނު ކަށިތައް ހަންގަނޑު ތެރެއިން ބޭރަށް ފޫއަޅުވަމުންދާހެންނެވެ.
ބޯ ހިރުވަނީ އެވެ. ބޮލުން އިސްތަށި ފައިބަނީ އެވެ. ނިޔަފަތިތައް ނެއްޓި އިނގިލިތައް ފާރުވަނީ އެވެ. މިއީ ޔަގީނަށް ވެސް އެ ރަން ފޮށީގެ ތެރެއިން ބަކުރީގެ ގަޔަށް އަރައިގެން އުޅޭ ވަބާއީ ބަލިމަޑުކަމެއްގެ އަސަރެވެ. އެކަމަކު އެ ފޮއްޓާ ދުރަށް ދާހިތެއް ވެސް އޭނާ ނުވެ އެވެ.
ބޮޑުކަންނެލި އެންޓަޕްރައިޒްގެ ސިއްރު ބައްދަލުވުމަށް ނުގޮސް މިއަދު ވެސް އޭނާ އެ ފޮށި ހުޅުވާލައިގެން އެހެރީ އަމިއްލަ ބާރުގައެއް ނޫނެވެ. ހީވަނީ ލޮލަށް ނުފެންނަ ރޫހާނީ ބާރަކުން އޭނާ ޖަހައިގެން ގެންގޮސް އެތަނުގައި ބައިންދާފައި ހުރިހެންނެވެ. އެއް އިރެއްގައި މިނިވަންކަމުގައި އުދުހުނު އެ ހަތަރެސްފައިގައި އޮބިއަޅައި މައިތިރިކޮށްފައިވާހެންނެވެ. އަމިއްލަ އެއްވެސް ބާރެއް އިހުތިޔާރެއް ބަކުރީގެ ނެތެވެ.
މަތިގަނޑު ހުޅުވާފައި ހުރި ފޮށިގަނޑު ތެރެއަށް އޭނާ ބަލައިލި އެވެ. އޭގެ ތެރޭގައި ވަނީ ރަން ފައިސާ ފޮއްޗާއި ޖަވާހިރެއް ނޫނެވެ. އެއީ މީހަކު ފޮރުވައިގެން ގެންގުޅުނު އޭނާގެ ހަޒާނާއެއް ނޫނެވެ. އެކަމަކު ވަކި ތަރުތީބަކުން ވަކި ކަމެއް ހާސިލުކުރުމަށް މީހަކު އެއްކޮށްފައިވާ އަގުބޮޑު އަދި ގޮތް ނޭނގޭ ރައުސްމާލެކެވެ.
އޭގެ ތެރޭގައި ވަނީ ރާދައަސްދޫނީގެ ކަޅާއި ހުދު ފަތެވެ. ރަނާއި ރިހިން އަދި އެހުން ޖަރީކޮށްފައިވާ އެކި ވަރުވަރުގެ އެކި ވައްތަރުގެ ކުރަފަތެވެ. ކުރަފަތް ހަނުލާ ހަނާއި ނޫކުލައިގެ ކުދި ބަރިތަކެއްހެން ހީވާ ބޮޅުތަކުން ގަތާފައިވާ ފައްޓަރުބަ އެވެ. ފަށުއީގެ ރޮދި ކަންވާރެވެ. ގަލަމުފަތުގެ ރިވެތި އަތުލިޔުމާއި ކުރެހުންތަކުން ފުރާލާފައި އޮތް ޕަޕައިރަސް ކަރުދާހުގެ ބޯ ފޮތެކެވެ. އެއީ ވާތުން ކަނާތަށް ލިޔެފައިވާ ދިވެސް އަކުރެވެ. ފޮތުގައި ކުރަހާފައި ވަނީ ޒުވާންފުރައިގެ އަންހެން ކުދިންނެވެ. އެންމެން ވެސް އުނުއޮރިޔާމުންނެވެ. ކޮންމެވެސް ކަހަލަ ގޮނޑިއެއްގައި އިށީނދެލައިގެން ތިބޭ ތަނެވެ. ނުވަތަ އަށްޓެއްގެ މައްޗަށް އަރުވައި ބަނޑު ފަޅާލައި ގޮހޮރުގަނޑު ބޭރަށް ނެރެފައިވާ ތަނެވެ. ބޮކާއި ނަންނުގަތީގެ ކުރެހުންތަކެވެ. ބަނަފުސާ މަލުގެ އެކި ސިފަތަކެވެ. ވަކި ފިޔަތަކެވެ.
އުކަމުން ދިޔަ ޕަޕައިރަސް ގަނޑުތައް ހުސްވުމުން ބަކުރީ އެ ފޮތް އެއް ފަރާތެއްގައި މަޑުމަޑުން ބާއްވާލި އެވެ. ފޮށި ތެރޭގައި ހުރި އެއްޗެހިތައް ނަގައި ގުދަނުގެ ހުދު އަލީގައި ތަރުތީބުކޮށް ބިންމަތީގައި އަތުރައިލި އެވެ. އެއަށް ފަހު ފޮއްޓާ ކުރިއަށް ވުރެ ގާތަށް ޖެހިލުމުން ލޮލުގައި އަޅައިގަތީ އެތެރޭގައި ފޮރުވާފައި އޮތް އިތުރު އެހެން ތަންކޮޅެއް ކުޑަ ރަން ފޮއްޓެކެވެ. ފުޅާމިނުގައި ހުރީ ބަރާބަރު ކައިވަތެކެވެ. ދިގުމިނުގައި ބަކުރީގެ އުޅަނބޮށީގެ ދިގު މިނެވެ. އޭގައި ތަޅެއް ނެތެވެ. މަތިގަނޑުގައި ހިފާލުމާ އެކު ފަސޭހައިން ހުޅުވިއްޖެ އެވެ.
ރަންކުލައިގެ މަހުމާފޮތީގައި ފޮރުވާފައި އޮތީ ބިއްލޫރީގެ ކުޑަ ފަސް ފުޅި އެވެ. ބަކުރީގެ ހެއެއް ނެތެވެ. އެކަމަކު އޭނާގެ ހެއެއް އޭގެ ކުރިން ވެސް ނެތެވެ. އަދި މިހާރު ވެސް ނެތީ އެވެ. ފުޅިއަކަށް ފަހު ފުޅިއެއްގައި ތުނބުޖަހައި ދަމައި ހުސްކޮށްލީ ފަޅި ސިކުންތެއްގެ ތެރޭގަ އެވެ.
އެކަމަކު އެއީ ޝަރާބުގެ މަސްތީ ބުއިމެއް ނޫނެވެ. އެއީ ނުބައިވެގެންވީ އާދަޔާހިލާފު ބާރަކަށް ނިސްބަތްވާ އާދަޔާހިލާފު ފަސް ހިއްސެވެ. ގުދަން ތެރޭގައި މިހާރު އެހެރީ ބަކުރީއެއް ނޫނެވެ. އޭނާގެ ސިފައިގައިވީ އެހެން ބާރެކެވެ.
ކުއްލިއަކަށް ހަތަރެސްފައި މައްޗަށް އޭނާ ވެއްޓިގަތެވެ. ލައިގެން ހުރި ގަމީސްގަނޑު ދެ އަތުން ވީދައި ކުދިކުދިކޮށް ހޫރާލައިފި އެވެ. މުޅި ގަޔަށް ވަރުގަނޑުތައް އަރައި ތުރުތުރުއަޅައިގަތެވެ. ބުރަކަށީގެ ބަދަތައް ހީވަނީ މުގުރެމުން ހިމުންވަމުންދާހެންނެވެ. ނުވަތަ ހަރުފައެއްގެ ސިފައިގައި ރާޅުތައް އުފައްދަމުން ބުރަކަށި ފަޅާލާފައި ނުކުންނަން އުޅޭހެންނެވެ. އޭނާގެ ދެ ބޮނބިފަޅީގައި ހެދިފައިވީ ފާރުތަކުގެ ތެރެއިން ކުދި ފަތްތަކެއް، ކޮޅުތޫނު ކަށިތަކާ އެކުގައި ނުކުމެ މުޅި ބުރަކައްޓަށް ފެތުރެމުންދާތަން ހުދު އަލީގައި އޭރު ފެންނަނީ ވަރަށް ސާފުކޮށެވެ.
** ** **
'ދޯނި' އަލްބަމްގެ ލަވަތައް ނިމުނުއިރު ވެސް ބަނާޓުގަލާ އަކަށް ނުދެވެ އެވެ. ހީވަނީ ރަށާ ގާތަށް ޑިންގީގައި ދަތުރުކުރަމުންދާ ވަރަކަށް އެ ރަށް އެމީހުންނާ ދުރަށް ދާހެންނެވެ. އެއީ ހީއެއް ނޫންކަން މަލީޝާއަށް ޔަގީންކޮށްދިނީ ޗަމަރާ އެވެ.
"އެއީ މި ފަޅުގައިވާ އާދަޔާހިލާފު ސިފައެއް،" ޑިންގީ މަސްވެރިކަމުގައި ނުކުމެ ޑްރަދީވާ ފަޅު އަލިފުން ޔާއަށް ހިތު ދަސްކޮށްފައިވާ ޒުވާނާ ބުނެލީ ހަމައެކަނި އެވަރަށެވެ.
ޑްރަދީވާ ފަޅާ ބެހޭ ގޮތުން ކިޔައިދޭން ވެއްޖެ ނަމަ އަދި ވަރަށް ބައިވަރު ވާހަކަ އެބަހުއްޓެވެ. އެކަމަކު ޗަމަރާގެ ޝައުގުވެރިކަން ވެސް މިއަދު އެއްކޮށް ހުސްކޮށްފައި އެ ވަނީ ފަޅުރަށުން އޭނާއަށް ފެންނަ ދެ މީހުން ހޯދައިގެން ހޭއަރުވާލުމަށެވެ.
އަނެއްކާވެސް އޭނާ ދުރުމި އަޅައި ބަލައިލީ ބަނާޓުގަލާ ފެނޭތޯ އެވެ. އޭގެ ބައިގަޑިއިރު ފަހުން ގޮސް ޑިންގީގަނޑު ބީއްސާލީ އެ ރަށުގެ ބޮޑު ތުނޑިއަށެވެ. އެ ތުނޑި އޮތީ ކިރުކަކުނިތަކުން ފުރާލައިފަ އެވެ. ބޮކާއި ކިރުކަކުންޏެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް މަލީޝާ ލޯދެކެފައިނުވާ އަޖާއިބުކުރުވަނިވި މަންޒަރެކެވެ. އެއްގަމުން ބޮކުގެ ބިޔަ ލަޝްކަރެއް ގޮނޑުދޮށަށް ފުންމާލައިގެން އައިސް ތުނޑީގައި ކިރުކަކުނި ޝިކާރަކުރަނީ އެވެ. އެކަމަކު ކިރުކަކުނިތައް ވެސް އެންމެ ތަންފުކެއް ވެސް ދޫނުދެ އެވެ. ޝިކާރަކޮށް ވައްޓާލައިގެން ބޮއްތަކުގެ ދެ ފައިގައި ހިފައި ދަމަމުން ގޮސް ކަކުނީގެ ހޮރުތަކަށް ވައްދާތަން ވެސް ފެނެ އެވެ.
މަލީޝާ ތުނޑިއަށް ފޭބުމާ އެކު ބޮކާއި ކިރުކަކުނީގެ މި ހަނގުރާމަ ވަގުތުން ނިމުމަކަށް އަތުވެއްޖެ އެވެ. ކަކުނިތައް ހޮރުހޮރުތަކަށް ވަދެ ފިލައިފި އެވެ. އަދި ބޮއްތައް ފުމެމުން ގޮސް ގޮނޑުދޮށާ ދިމާލުން އެއްގަމަށް އަރައި މަގޫ ގަސްތަކާއި ކުރެދި ގަސްތަކުގެ ތެރެއަށް ވަދެ ގެއްލިއްޖެ އެވެ.
ޑިންގީން ފައިބައިގެން ގޮސް ޗަމަރާ އާއި މަލީޝާ ރަށަށް އެރިއިރު ރަތްދަކައަވީގެ އަސަރު ކެނޑެނީ އެވެ. ހަވީރުގެ ފިނި ރޯޅިތައް އެނބުރެން ފަށައިފި އެވެ. އެކަމަކު ރަށު ތެރެއިން ހަމަ އެއްވެސް މީހެއްގެ ހިލަމެއް ނުވެ އެވެ. އަނެއްކޮޅުން މި ބޮޑު ފަޅު ރަށް އެއްކޮށް ހޯދައިބަލާނެ ވަގުތެއް މެންދުރުފަހަކު ދެން ނެތެވެ. އެކަމަކު ހީވަނީ ޗަމަރާ އައިސް އެހެރީ މި ހުރިހާ ކަމަކަށް ފުރިހަމައަށް ތައްޔާރުވެގެންހެނެވެ.
ކަތިވަޅިއެއް ނަގައި ގަސްތަކުގެ ގޮފިތައް ކޮށައި ތިރިއަރުވަމުން ޗަމަރާ ވަދެގެން ދިޔައީ ބޯކޮށް ހެދިފައި އޮތް ޖަންގައްޔަށެވެ. މުޅި އެ ހިސާބުގަނޑު އޮތީ ދޮންމޫސަގަހުގައި ދޮންވެ ފައްކާވަމުން ދިޔަ މޭވާތަކާ އެކު ފެއްސާއި ރަތާއި ރީނދޫ ކުލަތަކުން ޖަރީކޮށްލައިފަ އެވެ. އެކަމަކު އެންމެ ފުރަތަމަ ވެސް ޗަމަރާ ދިން އިންޒާރަކީ މި އެވެ؛ ރަށުގެ އެއްވެސް ހިސާބަކުން ފެންނަ އެއްވެސް ގަހަކުން އެއްވެސް އެއްޗެއް ނުބިންނައްޗެވެ. އެއްވެސް ކަހަލަ މޭވާއެއް އެއްވެސް ގަހަކުން ނުބިންނައްޗެވެ. އޭގެ އަމިއްލަ ޒާތުގައި ބިން މައްޗަށް ވެއްޓިފައި އޮތަސް، އެއްވެސް އެއްޗެއް ނަގައިގެން ވެސް ނުކައްޗެވެ.
ޗަމަރާ އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ. އޭނާ ދިޔައީ ހަރުކޮށް ހެލެމުން ކުރިއަށެވެ. ގަސްތައް ކޮށައި ތިރިއަރުވަމުން މަގު އަމާންކޮށް އޮމާންކުރަމުންނެވެ. ހީވަނީ އޭނާއަށް އޭނާގެ މަންޒިލު ވަރަށް ރަނގަޅަށް އެނގޭ ހެންނެވެ. ނުވަތަ މި ރަށަށް އައިސް މި ރަށުގެ މާހައުލަށް ފަރިތަވެފައިވާހެންނެވެ.
އެންމެ ފުރަތަމަ ގޮސް ވަދެވުނީ މަދޮށިވަލަށެވެ. އެއީ މަދޮށީގެ ގަސްތަކުން ހިޔައު ލިބިފައި އޮތް ހިތްގައިމުކަމެކެވެ. ރަށުގައި އާދަޔާހިލާފަށް ރުއް މަދުވެފައި އެކި ބާވަތްތަކުގެ ގަސްތައް ގިނަކަން މަލީޝާއަށް ފާހަގަވި އެވެ. ވަކިން ހާއްސަކޮށް މޭވާ އާއި ފަލަމަޑީގެ ބާވާތްތައް ރަށުގެ މި ބޯ ޖަންގަލީގެ ތެރެއިން ދިޔައީ ފާހަގަވަމުންނެވެ.
މަދޮށީގެ ހިޔަލުން ގޮސް ބަނބުކެޔޮ ގަސްތައް ފަހަނަޅައި ދެވުނުއިރު ވިލާތުއަތަ އާއި ބިލަމަގާއި ކާމަރަނގަ ގަސްތައް ލޮލުގައި އަޅައިގަތެވެ. ރަންފަޅޮލާއި ރަނައުރާއި ނާރިނގު ގަސްތަކެވެ. މޭވާތައް ދޮންވެ ފައްކާވެގެން ގަސްދޮށަށް ވެއްޓި ޗިސްވެފަ އެވެ. ބޮކާއި ކަކުނިތައް އެ މޭވާގެ ފައު ސުވަރުގޭގައި ނަށައި ވަޖިދުއަރުވަނީ އެވެ. އެކަމަކު މި ރަށު ތެރެއިން ވާލެއް، ކާޅެއް އަދި ކޮވެއްޔެއްގެ ހިލަމެއް ވެސް ނުވެ އެވެ.
އެންމެފަހުން ގޮސް ފުނަ ވަލަށް ވަދެވިއްޖެ އެވެ. މަލީޝާ ގޮވައިގެން ވަގުޖަހަމުން ގޮސް ޗަމަރާ ދެން ފޭބީ ކުރިމަތިން ފެންނަން އޮތް ކުޅިއަށެވެ. މި އާދެވުނީ ރަށުގެ މެދަށެވެ. މި ފެންމީރު ކުޅި އަކީ ރަށުގެ މެދުން ހަތަރު ފަރާތަށް ފެތުރިފައިވާ ކޯރުތައް ދެމިގެން ގޮސް މޫދާ ގުޅިފައިވާ ކުޅިއެކެވެ.
މިއީ މަލީޝާ ހީކުރި ވަރަށް ވުރެ ބޮޑު 'މިޝަން' އެކެވެ. އެކަމަކު އޭނާ އައީ ޗަމަރާ ބުނި ގޮތަށް ތައްޔާރުވެގެންނެވެ. ދެ މީހުން ގެނައީ ކުޅި ބޯކިބަލާއި ބަޖިޔާ އާއި ފުށް ގުޅަ އެވެ. ބިސްކޯދާއި ރެޑްބުލް އެވެ. ހެދިކާ އާއި އެނާޖީ ޑްރިންކް ބޮއެގެން ހަތަރެސްފައިގައި ވަރުޖައްސައިގެން ޗަމަރާ ފަހަތުން މަލީޝާ ވެސް ގޮސް ފޭބީ މީރު ފެނުގެ ކުޅިއަށެވެ.
ރާދައަސްދޫނީގެ ބައިގަނޑެއް އައިސް އޭރު ކުޅިއަށް ތިރިކުރަނީ އެވެ. އޮއްސެމުން ދިޔަ އިރާއި އެ މަންޒަރުގެ ދަޅައަށް މަލީޝާ ގެއްލިފައި ހުއްޓައި މެދުހަށިކާ ހިސާބުން ފަތާފައި ގޮސް ޗަމަރާ ކުޅީގެ ދެމޭ ފެންގަނޑު ހުރަސްކޮށް އަނެއް ބިތަށް އަރައިފި އެވެ. މަލީޝާއަށް އެ ފަޅިއަށް ދެވުނުއިރު އިރުއޮއްސެނީ އެވެ. ނަމަވެސް އެ ހިސާބުގަނޑުގައި ވިނަހެން ތިރިތިރިކޮށް ހެދިފައިވީ ބަނަފުސާ ގަސްތަކުގެ ދަނބުކުލައިގެ މާތައް އަދިވެސް ފަރިވަނީ އެވެ. އެކަމަކު މިއީ ހޫނު މަރުހަބާއެއް ނޫންކަން ޔަގީނެވެ.
މި ރަށުގައި ދިރިއުޅޭ ދެމަފިރިންގެ ޖިފުޓިގަނޑު ދެން މާ ގިނައިރެއް ނުވެ ފެނިއްޖެ އެވެ. އެކަމަކު އޭރު އިރު ވެސް އޮއްސިއްޖެ އެވެ. ފައި ދަށުން ނަންނުގަތި ދުވަން ފަށައިފި އެވެ. ބޮކާއި ސޫފާސޫފިތަކުގެ ހުތުރު އަޑުފަށްގަނޑަކުން މުޅި ރަށުތެރެ އެއްކޮށް ނާމާންކޮށްލައިފި އެވެ.
މަލީޝާ އުއްމީދުނުކުރި ހާލަތު އައިސް އޭނާ ވަށާލީ ކުއްލިއަކަށެވެ. ނޭވާ ހާސްވެ ބިރުން ތުރުތުރުއަޅައިގަތެވެ. އެންމެ ގާތުގައި ހުރި ޗަމަރާ ވެސް މިހާރު ފެންނާކަށް ނެތެވެ. ދުރުން ފެންނަން ހުރި ޖިފުޓީގެ ބޭރުގައި އޭރު ފުޅިބައްތިއެއް ރޯކޮށްލައިގެން ހުރީ ވާތަށް ހުޅި ޖެހި އަންހެނެކެވެ.
އެޑިޓަރުގެ ނޯޓް:
ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.
ކޮމެންޓް (7)
ާައ އިޝާ
ީިއިވަކް
ސަނައްޓޭ
ނަޒީހު
އެސް
ޕަރސަން
ކުރިނބީ ޢަލީ