އިލަސްޓްރޭޝަން: މޫސާ މަމްދޫހު

ވާހަކަ

ރަސްގަތުލު – ދެވަނަ ބައި

ގިރާވަރު ފަޅު ހިއްކުމާ ގުޅޭ ސާވޭއެއް އެ ސަރަހައްދުގައި ފަށަން އުޅޭ ހަބަރު ލިބުމާ އެކު ބަކުރީ ތެޅިގަތެވެ. އޭނާ އަކީ 'ބޮޑުކަންނެލި އެންޓަޕްރައިޒް'ގެ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އާރުކާޓީ އެވެ. ގިރާވަރު ފަޅުން އެ މީހުންނަށް ކުއްޔަށް ދޫކޮށްފައި އޮތް ތަރަހައްދުގެ އެއްބަސްވުން ކުއްލި ގޮތަކަށް އުވާލަން އައު ސަރުކާރުން ނިންމުމަކީ ބޮޑުކަންނެލި އެންޓަޕްރައިޒްގެ ހުރިހާ ހަރަކާތަކަށް ސުނާމީއެއްގެ ލޮޅުމާއި ބިރުވެރިކަން އަރައިގެން އުޅޭ ސަބަބެވެ. އެންމެފަހުން ގިރާވަރު ފަޅު ހިއްކައި އެތަނުގައި ފްލެޓު އެޅުމުގެ ބިޔަ މަޝްރޫއެއް އައު ސަރުކާރުން އިއުލާނުކުރުމާ އެކު ކުރިއަށް އޮތް ސަތޭކަ ދުވަސް ތެރޭގައި އެ ތަރަހައްދުގެ ތިމާވެށީގެ ސާވޭތައް ފަށާނެ އެވެ.

މިއީ ރަސްމީ އެއްވެސް ބާރަކަށް ނުވަދެވޭ ގޮތަށް އެތަނުގައި އަތްގަދަކޮށްގެން މިދިޔަ ދިހަ އަހަރު އުޅުނު ބަކުރީގެ ދެބެއިންގެ މަސް ކުންފުންޏަށް ކުރިމަތިވާން އުޅޭ ފޫނުބެދޭ ވަރުގެ ގެއްލުމެއްގެ ފެށުމެވެ.

ބޮޑުކަންނެލި އެންޓަޕްރައިޒް އަކީ ބޮޑުކަންނެލީގެ ވިޔަފާރިކުރާ ކުންފުންޏެއް ނޫނެވެ. އަދި ބަކުރީގެ ދެބެއިންނަކީ މަސްވެރިކަމުން ނަފާ ހޯދާ ޒުވާން ދެ ވިޔަފާރިވެރިންނެއް ވެސް ނޫނެވެ. އެމީހުންނަކީ ގްރޭޓާ މާލޭގައި ދައުރުވާ ކޮކެއިންގެ ވިޔަފާރީގެ މުގުލުގައި ތިބި ދެ ބޮޑުންނެވެ.

ގިރާވަރު ފަޅުން ބައެއް ހިއްކައިގެން ބަކުރީމެން ހިންގަމުން ދިޔަ ފެކްޓަރީތައް ބަންދުކުރުމުގެ ނޯޓިސް ނެރުމުން އެ ދެބެއިން މަރަށް ތެޅެން ފެށި ސަބަބު ވަރަށް ވެސް ސާފެވެ. އަދި ދެބެއިންގެ ވިޔަފާރީގެ ހަރަކާތްތަކަށް އަބަދުވެސް ރައްކާތެރިކަން ފޯރުކޮށްދިން ޒަމާންވީ ވެރިކަން ވެއްޓި ސިޔާސީ މިތުރުން ހަތުރުންނަށް ބަދަލުވެފައިވާއިރު އައު ސަރުކާރެއްގެ ފެށުން އައިސްގެން މި އުޅެނީ މަސްތުވާތަކެތީގެ ބޮޑުން ހިފައި ހައްޔަރުކުރާނެ ކަމުގެ ހަރުކަށި އިންޒާރުތަކާ އެކުގަ އެވެ.

އޭގެ ސުންގަޑި ހަމަވުމުގެ ކުރިން ކުރަން ޖެހޭ ހުރިހާ ކަމަކަށް ބަކުރީ އެ ވަނީ އޭނާގެ 'ސިފައިން' ނެރެފަ އެވެ. އެ މީހުންގެ އެންމެ ބޮޑު 'މިޝަން' އަކީ ޕާކިސްތާނުގެ ޖަމާއަތްތަކާ ގުޅިގެން އިރުމަތީ އޭޝިއާގެ ރަށްތަކަށް ފޯރުކޮށްދޭން ޖެހޭ މަސްތުވާތަކެތީގެ ޝިޕްމަންޓަށް އެއްވެސް ބުރުލެއެއް ނާރުވައި އަމާންއޮމާންކަމާ އެކުގައި އެ ހުރިހާ ހަރަކާތެއް ގެންގޮސް ނިންމާލުމެވެ.

ގިރާވަރު ފަޅުތެރޭގައި ފޮރުވާފައިވަނީ އޭގެ ދެ ޓަނު ކޮކެއިން އެވެ.

އެ ހުރިހާ އެއްޗެއް އެތަނުން ނަގައި ބަޔަކަށް ހިލަން ވެސް ނުވާނޭ ގޮތަށް ރާއްޖެއިން ބޭރުކޮށް ގިރާވަރު ފަޅުގެ ފެކްޓަރީތައް ބަންދުކޮށް އެތަނުގައި ބަކުރީ ބޮޑު ތަޅު އެޅުވީ ބަރާބަރު 100 ދުވަސް ތެރޭގަ އެވެ. ސާވޭ ޓީމުތައް ގިރާވަރަށް ގޮސް ސާވޭތައް ފެށިއިރު އެންމެ ގާތުގައި އެ މަންޒަރު ބަލަން އިން އެކަކަކީ 'ދައުރު' ނޫހުގެ ތަހުގީގީ ނޫސްވެރިޔާ މަލީޝާ މަންސޫރެވެ. އޭނާގެ މުޅި ނޫސްވެރިކަމުގެ ހަޔާތުގައި ފާރަލަމުން ގެންދިޔަ 'ބަކުރީ ބްރަދާސް'ގެ އެންމެ ބޮޑު ސިއްރު ބޭޒާރުކޮށް އެމީހުން ބަނގުރޫޓުކޮށްލާނެ ކަމުގެ ޔަގީންކަން ނުފޫޒުގަދަ ވަޒީރުންނާއި މުޖައްރިބު އިންޓެލްތަކުން އެކި ގޮތްގޮތަށް ދީފައި އޮތުމުންނެވެ. ނަމަވެސް ރަތްދަކަ އަވިން ވާތާވެގެން ދިޔަ ދުވަސް ނިންމާލާފައި މަލީޝާ އެނބުރި އޮފީހަށް ދިޔައީ ހުސް އަތާ އެވެ. ވަޒީރުން ވައުދުވި އެއްވެސް ހަބަރެއް ނުލިބުނެވެ. އަދި ރައީސްގެ ވައުދެއް ފުދުނަސް އެކަން އޭނާ ހަބަރަކަށް ވެސް ނެހެދި އެވެ.

ނަމަވެސް އެ ދުވަހަކީ ބަކުރީއަށް ބޮޑު ދުވަހެކެވެ. އޭނާގެ އޮޕަރޭޝަންތައް ރަސްމީކޮށް ނިމުމަކަށް އައިސް ރައްކާތެރިކަމުގެ ކަމަރު އަމިއްލަ ދެ އަތުން ބަން ދުވަހެވެ. އަދި އެއަށް ވުރެ ބޮޑު އުފަލަކަށްވީ ބޯނަހެއްގެ ގޮތުގައި އޭނާއަށް އެ ދުވަހު ރަން ފޮއްޓެއް ލެއްގުމުންނެވެ.

އެއީ ގިރާވަރު ފަޅުގެ ކުމާރީދޮންގަނޑޭ ކިޔުނު ހިސާބެވެ. އެ ރަން ފޮށި ފެނުނީ ބޮޑުކަންނެލި އެންޓަޕްރައިޒްގެ ޑައިވަރުންނަށެވެ. ފެން ނުވަންނަ ބަސްތާތަކުގައި ބަންދުކޮށް ތިރީސް މީޓަރު އަޑީގައި ފޮރުވާފައި ހުރި ކޮކެއިންގެ ހެޔަށް ވުރެ ވެސް މާ އަޑިންނެވެ. އޭރު ބަސްތާތައް ނަގައި އުޅަނދުތަކަށް ބަރުކޮށް ނިމިއްޖެ އެވެ. ނަމަވެސް ފަންސާހަކަށް ފޫޓު އަޑިން އަރުވަން ފެށި ރަން ދޯދިތަކެއްގެ ދަޅައަށް ހެއްލި ނުވަތަ އޭގެ އަވާގައި ޖެހުނު ގޮތަށް ބަކުރީގެ ދެ ޑައިވަރުން އަޑިއަށް ދަމައިގަތީ އެވެ.

އޭގެ ތެރެއިން ސަލާމަތްވީ އެކަކެވެ. ތިން ފޫޓު ތިން ފޫޓުގެ އެ ރަން ފޮށި މައްޗަށް އެރުވީ ސަލާމަތްވި ޑައިވަރު މައްޗަށް ގޮސް އޭނާގެ ޓީމުގެ އިތުރު މީހުން ގޮވައިގެން ގޮސް އެތައް އިރެއްވީ ފަހުންނެވެ. އެނބުރި ދިޔައިރު ވެސް ގެއްލުނު ޑައިވަރުގެ ހަބަރެއް ނުވެ އެވެ. ރަން ފޮށީގައި ހިފާލި ވަގުތު އަޑިން އައި ނުބައި ބާރަކުން ހީވީ އޭނާގެ ދެ ފައިގައި ހިފައި ކުރުކުއްލި ޖަހައި އަޑިއަށް ދަމައިގަތް ހެންނެވެ. އެއަށް ފަހު އޭނާއަށް ވީގޮތެއް، އޭނާއާ އެންމެ ގާތުގައިވީ ޑައިވަރަކަށް ވެސް ނޭނގެ އެވެ.

އެ ރަން ފޮށީގެ ބަރުދަނުގައި ގާތްގަނޑަކަށް ފައްސަތޭކައެއްހާ ކިލޯ ހުއްޓެވެ. ނަމަވެސް އެތަކެއް ޓަނުގެ އޭތިމީތި މީހަކަށް އިހުސާސުވެސް ނުވާހާ ސިއްރުން އެހާ ފަސޭހައިން ކޮންމެ ދުވަހަކު އެއް ތަނުން އަނެއް ތަނަށް ގެންދާ ބަޔަކަށް އެ ބަރުދަންވީ ހަމަ ފެންމެޓައަށެވެ. ޝާހީ ހާންދާނެއްގެ ކުރެހުންތައްހެން ހީވާ ކުރެހުންތަކުން ކަނޑައި ނަގައި ކުލަކުލައިގެ އެސްތަކުން ޖަރީކޮށް ތަޅުލައި ބަންދުކޮށްފައި އޮތް ފޮށި އެމީހުން ގެންގޮސް އެރުވީ ސީދާ އެމީހުންގެ އާރުކާޓީ ބަކުރީ އަށެވެ.

ބަކުރީގެ ޒުވާން ހަޔާތުގައި އޭނާއަށް ވަނީ ރަނާއި ރިއްސާއި ޖަވާހިރާއި ދުނިޔެ ވެސް ފެނި ފޫހިވެފަ އެވެ. އެކަމަކު އެ ރަން ފޮށި އޭނާގެ ހިތާއި ބޮލަށް ސަވާރުވެގަތީ ފަޅި ސިކުންތަކަށް ވެސް އޭނާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. އަދި މި ފޮށި ވީ ޒުވާން ބަކުރީ ދުވަހަކުވެސް ލޯ ދެކެފައިނުވާ ވަރުގެ އަޖާއިބުން އަޖާއިބަކަށެވެ. އަދި ހީކުރިހާ ފަސޭހައިން ހުޅުވޭ ވަރުގެ ފޮއްޓަކަށް ވެސް ނޫނެވެ.

ބަކުރަށް ވަފާތެރި ތިލޭރަށް، ތިން ހަފުތާވީއިރު ވެސް އެ ފޮށި ހުޅުވޭ ގޮތެއް ނުވި އެވެ. ރިނބުދޫން ގެނައި ތިލޭރުކަލޭގެ ނިންމީ ފޮށީގައި ލާފައި އޮތް ތަޅު އެންމެފަހުން ވިރުވާލާށެވެ. ނަމަވެސް އެ މަސައްކަތް ފެށިއިރު ބަކުރުގެ ޝައުގުވެރިކަން ދަމައިގަތީ މީސްމީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއެކެވެ. އެއީ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވި ތާރީހީ ހަފުލާގެ ވީޑިއޯއެކެވެ. ނަމަވެސް އެ ވީޑިއޯ ވައިރަލްވެފައި އެ އޮތީ ރައީސްގެ ވައުދު ފުދި ފުރިހަމަވެގެނެއް ނޫނެވެ. ހިއްކަން ފެށި ހިސާބުން މުރަކައިގެ ރަން ވަޅެއް ފެނުނީ އެވެ. އަނެއްކާވެސް ހަމަ ކުމާރީދޮންގަނޑުންނެވެ.

ދައުރުވަމުން ދިޔަ ވީޑިއޯ ބަލަން އިނދެފައި ޗޮސްކަނޑައިލުމާ އެކު މަލީޝާ އޭނާގެ އައިފޯނުލީ ޖީބަށެވެ. އެއީ ބޮޑު ހަބަރެއް އަނެއްކާވެސް އަތުން ބީވުމުގެ ތުރާލެވެ. އެހެންކަމުން އެ ވާހަކައިގެ އަސްލާއި އިތުރު މައުލޫމާތު ހޯދާކަށް ވެސް އޭނާ ޝައުގުވެރިއެއްނުވި އެވެ.

މަލީޝާ އައިސް އެހެރީ އެއާޕޯޓުގަ އެވެ. ކުރިއަށް އޮތް ރޯދަމަހަށް އުފައްދަން ޖެހޭ ހާއްސަ ކޮންޓެންޓާ ހަވާލުވެގެން އޭނާ އެ ދަނީ ހުވަދު އަށެވެ. އެއް ގަޑިއިރުގެ ފްލައިޓަކަށް ފަހު ކާޑެއްދުއަށް ފައިބައިގެން ގޮސް ސްޕީޑް ލޯންޗެއްގައި ގޮސް ވަނީ ތިނަދޫ ފަޅަށެވެ. އެ ރަށުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އަންހެންކުއްޖާގެ ގޮތްނޭނގޭ މަރާ ބެހޭ ތަހުގީގީ ސިލްސިލާ ރިޕޯޓްތަކެއް އުފެއްދުމުގެ ރޭވުންތައް ބޮލުތެރޭގައި ރާވަމުންނެވެ.

އެއީ މުޅި ރާއްޖެ ސިއްސުވާލި ނަބީލާ ނަފީސްގެ މަރެވެ. އުމުރުން ބާވީސް އަހަރުގެ އެ އަންހެންކުއްޖާ ފެނުނީ ތިނަދޫގެ އަސްދޫނި ފެންގަނޑު ތެރެއިންނެވެ. ފެން ވަދެ ފޯވެ ކުނިވަމުން ދިޔަ އެ ހަށިގަނޑު ބޭނގުމަހުގެ ޝިކާރައަކަށް ވެފައި ވަނިކޮށެވެ. އޮރިޔާންކޮށްފައި އޮތް ހަށިގަނޑުގެ ބަނޑާ ދިމާލުން ފުންކޮށް ހެދިފައި ހުރި ޒަހަމްތަކުގެ ތެރެއިން ނަންނުގައްޗާއި ބޮކާއި ދިރޭ އެކި ޒާތްޒާތުގެ ސޫފިތައް ވަދެ ނުކުމެ ހަދަނިކޮށެވެ.

އެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓްތަކުގައިވާ ގޮތުން ނަމަ އިސްމައްޗާ ދިމާލުން ފަށައިގެން ގޮސް ކުރިމަތިފަރާތުގެ ދޮރާ އެކުގައި އޮތީ ކަންވާރު ރޮދިން ފަހައިފަ އެވެ. އެ ރޮދިތައް ކޮށާލުމުން އެތެރެއިން ނުކުމެގެން އައީ ކުނިވެ ފުޅައަޅާފައި އޮތް ފަލަ ހަރުފައެއްހެން ހީވާ ޒާތުގެ ކޯވެނެކެވެ. މި ރަހުމުކުޑަ ޖިންސީ އަނިޔާތަކުގެ ވާހަކަތައް އޭރު ނޫސްތަކަށް ތިލަ ވެސް ނުވެ އެވެ. މަލީޝާއަށް ވެސް ޕޯސްޓްމޯޓަމް ރިޕޯޓާއި ނަބީލާގެ މަރުގެ އިތުރު ތަފްސީލު ލިބުނީ އެ މަރަށް އަހަރު ފުރެން އުޅެނިކޮށެވެ.

ބޯ އޮތީ ބާލައި އޮމާންކޮށްފަ އެވެ. ނިތްކުރިއާ ދިމާލު މަތިން ވަށައިގެން ގޮސް ބޮލުގެ އެތަންމިތަނަށް ހަރައި ހަރުކޮށްފައިވަނީ އަސްދޫނީގެ އެންމެ ވަރުގަދަ ފަތްތަކެވެ. ހީވަނީ ކަޅާއި ހުދުގެ ފިޔަލީ ތާޖެއް އޭގެ ފިޔަގަނޑު ހުޅުވަން ތައްޔާރުވަމުންދާހެންނެވެ.

ނަބީލާގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ އެއްވެސް ކުރިއެރުމެއްގެ ކުރިއެއް ނޫސްވެރިންނާ ހިއްސާކުރަން ފުލުހުން ބޭނުމެއް ނުވެ އެވެ. އަދި މަލީޝާ މި ރަށަށް އައިއިރު އެ މަރުގެ ބިރުވެރިކަން ފިލައި އެ އަންހެންކުއްޖާ މަތިން ބަޔަކު ހަނދާނެއް ވެސް ނެތް ކަހަލަ އެވެ. އަނެއް ބަޔަކު އެ ވާހަކަ ދައްކަން ވެސް ބޭނުމެއް ނުވި އެވެ.

ނަމަވެސް ރަށުތެރޭގައި ހިނގައި ވާތާވެގެން ގޮސް ކެފޭއަކަށް ވަދެ ކަރާފަނި ތައްޓަކަށް އޯޑަރުކޮށްލައިގެން އިންދައި މަލީޝާގެ ގާތަށް އައިސް ކުރިމަތީގައި ހުރި ގޮނޑީގައި ޖައްސާލީ ނަބީލާގެ މަރާ ގުޅޭ އެތައް ވާހަކައެއް ހިފައިގެން އައި ޒުވާނެކެވެ. އޭނާގެ ނަމަކީ ޗަމަރާ އެވެ. މި ރަށު އެންމެން ވެސް އޭނާ ދަންނަ މަޝްހޫރު ވަނަމެވެ.

ޗަމަރާ އަކީ ވިހި ފަންސަވީހުގެ ޒުވާނެކެވެ. މީހުންނާ ގުޅުންކުޑަ އެކަހެރި ދިރިއުޅުމެއްގެ އެކަނިވެރިއެކެވެ. އަފިހުން ކައިގެން އަބަދުވެސް ކޮންމެވެސް ވަރަކަށް އަމަލުވެފައި ހުންނަ މީހެކެވެ. ބައެއް މީހުން އޭނާއަށް ޗަމަރާޕާޓޭއޭ ކިޔައި އުޅެނީ އެހެންވެގެންނެވެ. ނަމަވެސް އަމަލުވާ ޒާތުގެ އެއްވެސް އެއްޗެއް ބޭނުންނުކުރާ ކަމަށް ޗަމަރާ ބުނެ އެވެ.

އޭނާ އަކީ މަތީ ތައުލީމާއި ތަރިތަކާ ހަމަޔަށް ކިޔަވައި އިލްމުގެ ދުނިޔެއަކަށް ގެއްލިފައިވީ ސިކުނޑިއެކެވެ.

"ޗަމަރާޕާޓޭ ކިޔައިދޭ އެއްވެސް ވާހަކައެއް ކަލޭ ނޫހުގައި ލިޔެގެން ނުވާނެ،" ކަރާގެ ފޮންޏާއި ފަންޏާއި ފިނިން ކަރުތެރެ ތެންމާލައިގެން ގޮސް ޗަމަރާއާ ބެހޭ ގޮތުން މީހެއް ގާތު އަހާލުމުން މަލީޝާއަށް ލިބުނު އިންޒާރަކީ މި އެވެ.

"އޭބޫ ހަމަޖެހެނެ ސިކުޑި އެކެ ނުން."

އެކަމަކު ޗަމަރާ ކިޔައިދިނީ ހަމަޖެހޭ ވާހަކަ އެވެ. ވަކިން ހާއްސަކޮށް ނަބީލާގެ މަރާ ގުޅޭ ގޮތުން އޭނާ ކިޔައިދިން ގިނަ ވާހަކަތަކަކީ އެ މަރުގެ ތަހުގީގުގެ އަޑީގައި މަސައްކަތްކުރާ ފުލުހެއްގެ އަތުން މަލީޝާއަށް އެނގި ކަށަވަރުވެފައިވާ ގަރީނާ އެވެ. އަދި ނަބީލާގެ އެ ހަށިގަނޑު ވަރަށް ގާތުން ބަލައި ތަހުގީގުކުރުމުގެ ފުރުސަތު ލިބިފައިވާ މީހަކަށް ނޫނީ ކިޔައިދޭން ނޭނގޭ ކަހަލަ ބައެއް ވާހަކަތަކެވެ. މިސާލަކަށް، އެ އަންހެންކުއްޖާގެ ހަށިގަނޑަށް ވަޅިން ހަމަލާދީ ކޮށާލާފައިވާ ސާފު އަދަދެވެ. ޗަމަރާ ދިން އަދަދުތައް ސީދާ ޕޯސްޓްމޯޓަމްގެ އަދަދުތަކާ ދިމާވެ އެވެ. އެކަމަކު އެއީ މަލީޝާގެ އަތަށް އެރިޔަސް އަދިވެސް ސިއްރު ރިޕޯޓެކެވެ.

މަލީޝާގެ ޝައުގުވެރިކަން ދަމައިގަތް އަނެއް ވާހަކައަކަށް ޗަމަރާ ކިޔައިދިނީ ނަބީލާގެ އަނގަ ތެރެއިން ފެނުނު ކަމަށް ބުނާ ބަނަފުސާގެ ކުދި މާތަކެވެ. ދަނބުކުލައިގެ ކުދިކުދި މާތަކުން އަނގަތެރެ އޮތީ ފުރާލައިފަ އެވެ. އަދި އަސްދޫނީގެ ފެންގަނޑުން ހަށިގަނޑު ފެނުނުއިރު އަނގަ ވެސް އޮތީ ކަންވާރު ރޮދިން ފަހައިފަ އެވެ. އެ ރޮދިތައް ކޮށާލުމުން އަނގަ ތެރެއިން ނުކުމެގެން އައީ ބަނަފުސާ މާތަކުގެ ތެރޭގައި ފިލައި އޮތް ތިން ފޫޓުގެ ދިގު ނަންނުގައްޗެކެވެ.

މިއީ މަލީޝާގެ އެކުވެރި ތަހުގީގީ ފުލުސް އޮފިސަރު ފޯރުކޮށްދިން ޕޯސްޓްމޯޓަމް ރިޕޯޓުގައި ވެސް ނެތް މައުލޫމާތެކެވެ. އަދި އެ ވާހަކައާ ގުޅުވައިގެން ސުވާލުތައް ކުރަން ފެށުމުން އޭނާ އިތުރަށް ސާފުކޮށްދޭން ބޭނުންނުވި މައުލޫމާތެކެވެ.

އެހެންކަމުން ޗަމަރާގެ ޝައުގުވެރި ވާހަކަތަކުގެ ދުނިޔެއަކަށް މަލީޝާ ގޮސް ވެއްޓުނީ ބޭއިހުތިޔާރުގައެއް ނޫނެވެ. މަލީޝާ ބޭނުންވީ ނަބީލާގެ މަރާ ބެހޭ ގޮތުން ޗަމަރާއަށް އެނގޭ ކަމަށް އޭނާ ބުނާ ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ހޯދައި ހާވައި ބަލާށެވެ.

އެކަމަކު ބަނަފުސާ މަލުގެ ދަނބުކުލައިގެ ކުދި މަލަކީ ތިނަދޫގައި ހެދޭ ފަތްޕިލާވެލީގެ ބާވަތެއް ނޫނެވެ. މުޅި ހުވަދޫ އަތޮޅުގައި ވެސް ބަނަފުސާގެ ދަނބުކުލައިގެ މާތައް ފޮޅެނީ ހަމަ އެންމެ ރަށެއްގަ އެވެ. އެއީ ހުވަދޫ އަތޮޅުގެ މެދުގައި އޮންނަ ޑްރަދީވާ ނަމަކަށް ކިޔާ ފަޅެއްގެ މެދުގައި އުފެދިފައިވާ ބަނާޓުގަލާ އެވެ. އެއީ ބިންގަނޑު މޮޅުވެފައި މީރު ފެނުގެ ކޯރުތައް ރަށުގެ މެދުން ދެމިގެން ގޮސް މާކަނޑާ ގުޅިފައިވާ ބޮޑު ރަށެކެވެ. މުޅި އަތޮޅުގައި ވެސް އޮތް އެންމެ ބޮޑު ފަޅުރަށެވެ.

ނަމަވެސް ޗަމަރާ ކިޔައިދިން ގޮތުން ނަމަ އެ ރަށަކީ ގޮތްނޭނގޭ ދެމަފިރިއަކު ދިރިއުޅޭ ރަށެކެވެ. އެ ދެ މީހުން އާދައިގެ ދިވެހިންނަށް ވުރެން އިސްކޮޅުން ދިގެވެ. ހަމުގެ ކުލަ އަކީ އެންމެ ގަދަ މުށިކުލަ އެވެ. ހަށިގަނޑު ކަމީނާވެފައިވިޔަސް ހަކަތަ އާއި ބުންވަރުގައި ގަދަފަދަ އެވެ. އަދި ފެނުމާއި ހިނގުމާއި އުޅޭ އުޅުމުގައި ހީވަނީ ޒުވާން އުމުރަށް ފައްކާވެފައިވާހެންނެވެ. އަދި އެ ރަށުން ފެންނަ އަންހެންމީހާގެ ބޮލުގެ ހުޅި ޖަހާފައި ހުންނަނީ އަބަދުވެސް ވާތަށެވެ.

ޗަމަރާގެ މި ވާހަކަތައް ރަށު މީހުން ދޮގުކުރެ އެވެ. އެމީހުން ބުނާ ގޮތުން ނަމަ ބަނާޓުގަލާ އަކީ އަބަދުވެސް ފަޅުރަށެކެވެ. ދަނޑުވެރިކަމަށް ވެސް ކަމުނުދާ، ބަޔަކު އުޅެން ވެސް ވިޔާނުދާ ފަސްގަނޑެއް އޮތް ރަށެކެވެ.

އެކަމަކު ޗަމަރާގެ ބަހަށް ހެއްލި މަލީޝާ ގޮސް އެ އިނީ އޭނާގެ ފަރުމަސް ޑިންގީއަށް އަރަ އެވެ. ރަތްދަކަ އަވީގައި އެމީހުން ދަތުރުކުރަމުން އެ ދަނީ ބަނާޓުގަލާ އަށެވެ. އެ ރަށުން ފެންނަ ކަމަށް ބުނާ ދެމަފިރިންނާ ބައްދަލުކުރުމަށެވެ.

ފޯނު ހުޅުވައިގެން މަލީޝާ ޕްލޭކޮށްލީ ޒީރޯ ޑިގްރީގެ ދޯނި އަލްބަމެވެ. ފްލޫ ނާޝިދުގެ މުރަނަ އަޑާއެކު 'ހުސް ފުލޯކު'ގެ ދުނިޔެއަށް ވަދެ ގެއްލުނުއިރު ޗަމަރާ ދުރުމި އަޅަމުން ގެންދިޔައީ ބަނާޓުގަލާ އަށެވެ. އޭނާ މިފަހަރު އައިސް އެ އިނީ ވަޅިތައް ވަރަށް ރަނގަޅަށް ހަނުލައި ތޫނުކޮށްލައިގެންނެވެ.


އެޑިޓަރުގެ ނޯޓް:

ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.

ކޮމެންޓް (3)

ޑެޑުމޭން

14 މާރިޗު 2024
ހަމައޮބިނޯވޭ. ވަރަށް ސަޅި. ތަފާތު ވާހަކައެއް.
4 0

ޖީލާ

13 މާރިޗު 2024
ވައޮ. އިތުރަށް ކިޔާހިތްވެއްޖެ. ވަރަށް ތަފާތު ރީތި ވާހަކައެއް
6 0

ނައިސް

13 މާރިޗު 2024
އާ! ދެވަނަ ބައި ނިކުންނާނެ އިރެއްބަލަން މި އިންނަނީ! ވެރީ ނައިސް!
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް