އެމްއޭސީއެލް

އެމްޔޫ މަނިކާއި އިބްރާހިމް ނޫރައްދީން ވަކިކޮށް އެމްއޭސީއެލް ފުނޑާލި ގޮތް

އެބޭފުޅުން ބޯޑުން ވަކިކޮށް ސަރުކާރުން ބޭނުންވާ ގޮތަށް އެމްއޭސީއެލްއިން ހިފެހެއްޓުމެއް ނެތި ސިޔާސީ ވަޒީފާ ދިނުމާއި ގުޅުމެއް ނެތް ސަރުކާރުގެ މަޝްރޫއުތައް ހިންގައިދިނުން ވަނީ ހައްދުން ނައްޓާފައި
13 އޭޕްރީލު 2026
6

ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑުން އިބްރާހިމް ނޫރައްދީން 2024ގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކުއްލިއަކަށް ވަކިކުރި އެވެ. ސަބަބެއް އޭރު ސަރުކާރުން ނުބުނެ އެވެ. ރަށު ތެރޭ އޭރު އަޑުތައް ހުރީ ސަރުކާރުގެ އެންގުންތަކަށް އޭނާ އާ ބަސް ވިދާޅުނުވުމެވެ. ސުވާލުކުރުމުން ވެސް އިބްރާހިމް އޭރު އެކަމާ އެއްޗެއް ވިދާޅެއް ނުވެ އެވެ. 

އިބްރާހިމް ބޯޑުން ބޭރުކޮށްލުމުގެ ކުރިން އެމްއޭސީއެލްގެ ޗެއާމަންކަން ގިނަ ދުވަހު އަދާކުރެއްވި ޓޫރިޒަމްގެ އެއް ބާނީ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ޗެއާމަންކަމުން އިސްތިއުފާ ދެއްވި އެވެ. އެވެސް މަތިން އެންގި މަޖުބޫރު އިސްތިއުފާއެއްކަން ފަހުން ކަށަވަރުކުރެވުނެވެ. އެއަށް ފަހު އެމްއޭސީއެލްގެ ޗެއާއަކަށް ހަމަޖެއްސީ ރައީސްގެ އިގްތިސާދީ އެޑްވައިޒަރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ)ގެ ދަރިކަނބަލުން ނޫރައިން ޖަނާހު އެވެ. 

އެމްއޭސީއެލްގެ ޗެއާޕާސަން ނޫރައިން ޖަނާހު އާއި މެނޭޖިން ޑިރެކްޓާ، ޝަރީފް އެ ކުންފުނީގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްއޭސީއެލް)

ދެން ފެނުނީ ސިޔާސީ ވަޒީފާތަކުން އެމްއޭސީއެލް ފުރާލި ތަނެވެ. ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް، ބިން ހިއްކުމާއި ޒުވާނުންގެ މަރުކަޒުތައް ރަށްރަށުގައި ހެދުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރަން ފެށި އެވެ. ހިފެހެއްޓުމެއް ނެތި ސަރުކާރުގެ ހަރަދުތަކަށް ލޯން ނަގައިދޭން ފެށި އެވެ. ކުރުކޮށް ބުނާ ނަމަ ކިރިޔާ ވެސް ރަނގަޅޭ ބުނެވެން އޮތް ސަރުކާރުގެ ކުންުފުނި ފުޑާލި އެވެ. އިނދަޖައްސާލި އެވެ. 

އާބަސް ނުބުނި އެންމެން ބޭރުކުރީ 

އެމްއޭސީއެލްގެ ހާލަތު އެކި ފަރާތްތަކުން އިއްޔެ އާއި މިއަދު އެކްސްގައި ކިޔައިދޭން ފެށުމާ އެކު އިބްރާހިމް ނޫރައްދީން ވަނީ އޭނާ ބޯޑުން ވަކިކުރި ގޮތް ފުރަތަމަ ފަހަރަށް ވިދާޅުވެ ދެއްވައިފަ އެވެ. އެމްއޭސީއެލްއަށް ވަމުންދާ ގޮތާ މެދު އޭޭނާ ހުންނެވީކަންބޮޑު ވަޑައިގެންނެވެ. 

"އެމްއޭސީއެލްއަށް މިހާރު ވަމުން އެދާގޮތް ފެނިފައި ދެރަވޭ." އިބްރާހިމް ނޫރައްދީން އެކްސްގައި ލިޔުއްވި އެވެ. އެއަށް ފަހު ދެން ވިދާޅުވެދެއްވީ އޭނާ އެމްއޭސީއެލްގެ ބޯޑުން ވަކިކުރި ސަބަބެވެ. 

ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަން އިންތިހާއަށް މައްޗަށް ގޮސްފި. އޭސީސީ އަދި ޕީސީބީ މި ވަނީ ފެއިލްވެފައި

އިބްރާހިމް ނޫރައްދީން 

ގާބިލްކަމާއި ތަޖުރިބާ ނެތް ނަމަވެސް އެއްވެސް ބީލަމަކަށް ނުގޮސް އާރުޑީސީއަށް 93 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކުރަން "މަތީ ފަރާތުން އެންގި އެންގުމާ" އޭނާ ބޯޑުގައި ދެކޮޅު ހެއްދެވީ އެވެ. އޭނާއަށް އެކަމަކަށް އެއްބަސްވެ ވަޑައެއް ނުގެންނެވުނެވެ.

"ގެއަށް ނުވަދެވޭ ބޯޑުން ވަކިކުރިކަމުގެ އީމެއިލް ލިބިއްޖެ،" ބޯޑުން ވަކިކުރި ދުވަހު ކަން ހިނގި ގޮތް އިބްރާހިމް ނޫރައްދީން ލިޔުއްވި އެވެ. 

އިބްރާހިމް ނޫރައްދީން އެކްސްގައި ކުރެއްވި ޕޯސްޓް

އޭނާ ވަނީ ވީއައިއޭގެ ސީއައިޕީ/ވީއައިޕީ ޓާމިނަލް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ 'ޖެޓެކްސް' ކިޔާ ކުންފުންޏަކާ ހަވާލުކުރަން އެމްއޭސީއެލްއިން ހިންގި ކަންތައްގަނޑާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ލިޔުއްވި ގޮތުގައި ރައީސްގެ އެޑްވައިޒަރު ވެސް ބޭނުންވީ، ޖެޓެކްސްއަށް 25 އަހަރަށް އެ ޓާމިނަލް ދޭށެވެ. އެކަން ކުރަން އެމްއޭސީއެލްއިން އުޅުނީ ވާދަވެރި ހުޅުވާލެވިފައިވާ ބީލަމެއްގެ ތެރެއަކުން ނޫނެވެ. އަދި ވިދާޅުވީ އެކަން ކުރަން އުޅުނީ ދިވެހި ކުދި ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް ކަމަށެވެ. 

"[ޖެޓްތަކަށް ހިދުމަތް ދިނުން] މިއީ ދިވެހި ކުދި ކުންފުނިތަކުން ތަރައްގީކޮށްފައި އޮތް ކަމެއް. އޭގެ ބައެއް ބޭފުޅުން ބޯޑުގައި ވެސް ތިއްބެވި. އެކަމަކު [ޖެޓް ޓާމިނަލް ދޭން އުޅުނުއިރު] ޕީސީޕީން އޮތީ ހިމޭނުން،" އިބްރާހިމް ނޫރައްދީން ލިޔުއްވި އެވެ. 

އިބްރާހިމް ނޫރައްދީން ކުރެއްވި ޓްވީޓް

އެމްޔޫ މަނިކު އެމްއޭސީއެލްގެ ބޯޑުން އިސްތިއުފާދޭން 'އެންގި' މައިގަނޑު ސަބަބަކީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މުޖުތަބާ ލަތީފް އައްޔަންކުރަން ރައީސް އޮފީހުން އެންގުމުން އެކަމާ އޭނާ ދެކޮޅު ހެއްދެވުމެވެ. މަނިކު އެކަމަށް ދެކޮޅު ހެއްދެވީ މުޖުތަބާއަކީ ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމުގެ ތުހުމަތުގައި މީގެ ކުރިން ވަކިކޮށްފައިވާ ފަރާތަކަށް ވުމުން އެފަދަ މީހަކަށް ކުންފުނީގެ މަގާމެއް އަލުން ދޭން ބޭނުން ނުވާތީ އެވެ. 

"އެ ހިޔާލު ތަފާތުވުން ހޫނުވެ މަނިކަށް އެންގީ އިސްތިއުފާ ދޭން،" ކަން ހިނގި ގޮތް އެނގޭ ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ. 

ދެން އެއަށް ފަހު މުޖުތަބާ ޑީއެމްޑީ ކަމަށް އައްޔަންކުރި އެވެ. އަދިވެސް އޭނާ ހުރީ އެ މަގާމުގަ އެވެ. 

އެމްއޭސީއެލްގެ މާލީ ހާލަތު ހަނދާން އާކޮށްލަން

އެންމެ ފަހުން އާންމުކޮށްފައި ހުރި އެމްއޭސީއެލްގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް 2024 ވަނަ އަހަރު ލިބުނު ސާފު ފައިދާ ކަމަށްވާ 1.1 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް އެ ކުންފުނިން ވަނީ ސަރުކާރުގެ ހަރަދުތަކަށް އެ އަހަރު އެކަނި ލޯނު ނަގައިދީފަ އެވެ. އެގޮތުން: 

  • ސަރުކާރުގެ ޓީބިލް ގަންނަން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ލޯން ނަގާފައިވޭ 

  • އެމްއޭސީއެލްގެ ދަރަނި 13 ބިލިއަން ރުފިޔާއަށް އަރާއިރު އޭގެ %9އަކީ ސަރުކާރުގެ ހަރަދުތަކަށް ޓީބިލާއި ބޮންޑް ގަންނަން ނަގައިދިން ލޯން

މީގެ އިތުރަށް ސަރުކާރަށް ދޭން ޖެހޭ ޑިވިޑެންޑަށް ވުރެ ބޮޑު އަދަދެއް ލޯނުގެ ގޮތުގައި އެމްއޭސީއެލްއިން ވަނީ ސަރުކާރަށް ނަގައިދީފަ އެވެ. 

'ކުންފުނިތައް ބޮއްސުންލައިފި' 

ޓޫރިޒަމް ވިޔާފީގެ އެއް ތަޖުރިބާކާރު އިބްރާހިމް ނޫރައްދީން ވަނީ ކުންފުނިތައް ހަމައިން ނެއްޓިފައިވާކަމަށް ވެސް ވިދާޅުވެފަ އެެވެ. އެކްސްގައި އޭނާ ލިޔުއްވި ގޮތުގައި އެސްއޯއީތައް ހިންގުމުގައި ހިފަހައްޓަން ޖެހޭ ދެ ފުށްފެންނަ ސިޔާސަތު ނުވަތަ ގުޑް ގަވަނަންސް ވަނީ އެކީހެން މިހާރު ނެތިގޮސްފަ އެވެ. އެގޮތުން އޭނާ މިސާލަކަށް ނެންެގެވީ ބައެއް ސަރުކާރު ކުންފުނިތަކުގައި އެއް ޑީއެމްޑީއަށް ވުރެ ގިނައިން ޑީއެމްޑީން ތިބުމެވެ. އަދި އެބޭފުޅުން ޑިރެކްޓަރުންގެ ބޯޑްގައި ވެސް ތިއްބެވުމެވެ. 

"ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަން އިންތިހާއަށް މައްޗަށް ގޮސްފި. އޭސީސީ އަދި ޕީސީބީ މި ވަނީ ފެއިލްވެފައި." އިބްރާހިމް ނޫރައްދީން ލިޔުއްވާފައިވެ އެވެ. 

އެއްބަސްވެ ދެބަސްވަމާ | ސަރުކާރު ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަން

ކޮމެންޓް (6)

ތައުފީގް

14 އޭޕްރީލު 2026
އެއްޗެއް ފުޑާލައިފިނަމަ އެ ނެތި ދިޔައީ. އެކަމަކު އެ ކުންފުނީގެ ފައިދާ ވަނީ އިތުރު. ވީމާ ކިޔަން ވާނީ ހެދި ފޯދެނީއޭ
0 0

ޒައީމް

14 އޭޕްރީލު 2026
ނޫރައިން ފަދަ ޒުވާނުންގެ އަގު ވެއްޓުން ނޫން ކަމެއް ނުވޭ މި ސަރުކާރުގައި. އަމިއްލަ އިޚްތިޔާރެއް ނެތް. މަތިން އަންގާ ގޮތަކަށް ހުރިހާ ކަމެއް. އެތަނުގެ ވަޒީފާއަށްވެސް މަތިން އަންގައިގެން. އެހެންވީމާ މަތިން ބޭނުންވާ މިންވަރަށް ވަޒީފާ ދީ ހުސްކޮށްފި. ކުންފުންޏަށް ބޭނުންވަނީ ކޮންކަމެއްތޯވެސް ބަލާނުލާ. ނޫރައިން އަށް ހަމްދަރުދީ ވަން.
4 0

ރަދުން

13 އޭޕްރީލު 2026
ނޫރުއްދީން މެން ތިބެގެން އާ ޓާރމިނަލް ޕްރޮޖެކްޓުން ފެލާލިގޮތްވެސް ކިޔާލިނަމަ. މީ މާ ކްލީން މީހެއް ނޫން މިޒާތު ވާހަކަ ދައްކާކައް.
7 7

ތެފައަސާ.

13 އޭޕްރީލު 2026
މި ހުރިހާ ޖަރީމާއެއް ހިންގާފައި އިންތިޚާބު ޖެހުނީމާ ހެސްކިޔާފައި ވަޒީފާއާއި ފައިސާ ބަހައިގެންވެސް އިންތިޚާބުން ބޮޑުތަނުން ބަލިވީމާ އޭގެ ޒިންމާ ނަގަން މި ޖެހުނީ ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީންނާއި މިކަހަލަ މިކަހަލަ މީހުން. ރައީސްގެ އެއްވެސް މައްސަލައެއް ނެތް. ހަމަ ސީދާ ތެދު އޮނެއް.
7 1

ޒައީމް

13 އޭޕްރީލު 2026
މަރުހޫމް މަނިކު އާއި އިބްރާހީމް ނޫރައްދީން ބޯޑުގައި ތިއްބަވައިގެން އެމް.އޭ.ސީ.އެލް އިން އެޅި ސީ ޕްލޭން ޓާރމިނަލް ޓީ.އެމް.އޭ އަށް ދިން ވާހަކަ އާއި، ފައިނޭންސް ޑިޕާޓްމަންޓް ތިބެން ޕޯޓާ ކެބިން އެއް ހަދަން ބޮޑު އަގުގަ ބިމެއް މޯހަން މުއްޓާ އަށް ދިން ވާހަކައާއި، ދެންވެސް ހުރި ލައްކަ ވާހަކަތައްވެސް ބުނެލި ނަމަ ސަޅިވާނެ.
10 5

ބޮއުހަލާކު

13 އޭޕްރީލު 2026
@ޒައީމް ކަލޯ މީ ދިވެހި ފޮޅި މީޑިއާ އަޅައިފި އަތަށް މަރެއް. ރުހިއްޖެ މީހެއްގެ އައިބެއް ނޯންނާނެ. ނުރިހިއްޖެ މީހެއްގެ ރަނގަޅެއް ނޯންނާނެ. ރައްޔިތުން ލާހިކެއް ނޫން އެއްނޫސް ކިއައިގެން ވާނުވާ އޮޅުން ފިލުވާކަށް. މިޖެހެނީ އެޕާޓީ ނޫހާ މިޕާޓީ ނޫސް ކިޔަން. ފުރަތަމަ އިނުންވެސް އެެއޮތީ ފޭލްވެފައި. އަހަރެމެންނަށް މީ ޕާޓީ ނޫހެއްހެއް ހީވުން. އެހިސާބުން އެއީ މީޑިއާއަކަށްނ ުވޭ< އެވަނީ ޕާޓީ ނޫނީ ކޮންމެވެސް ގަބީލާއެއްގެ މައުތުޕީސްއަށް. ރާއްޖޭގައި އަދި އެހެންވީމާ ނޫސްވެރިކަމެއް ނެތް. އޮތީ ފޮޅި ވެރިކަން. އެވެސް ޕާޓީ ފޮޅި. މިވެސް.
13 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް