ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި އެތަނުގެ މުވައްޒަފުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްއޭސީއެލް

އެމްއޭސީއެލްއަށް 1 ބިލިއަން ރުފިޔާގެ ފައިދާ؛ ސަރުކާރަށް 1 ބިލިއަން ރުފިޔާގެ ލޯން

އެމްއޭސީއެލްގެ ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ ނެގި 80 މިލިއަން ޑޮލަރުގެ ލޯން ނަގާފައި ވަނީ ބީއެމްއެލް މެދުވެރިކޮށް؛ އެ ލޯންތަކުގެ އިންޓަރެސްޓް ބޮޑު

މުހިންމު ނުކުތާތައް

މިދިޔަ އަހަރު ލިބުނު 1.1 ބިލިއަން ރުފިޔާގެ ފައިދާއަކީ %21 އިތުރު އަދަދެއް

އެމްއޭސީއެލްގެ ދަރަނި 13 ބިލިއަން ރުފިޔާއަށް އަރާއިރު އޭގެ %9އަކީ ސަރުކާރު ހިންގަން ނަގައިދިން ލޯން

ސަރުކާރަށް ދޭން ޖެހޭ ޑިވިޑެންޑަށް ވުރެ ބޮޑު އަދަދެއް ލޯނުގެ ގޮތުގައި ސަރުކާރަށް ނަގައިދީފައިވޭ

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) ހިންގާ އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު އިރު ސަރުކާރު ހިންގަން އެ ކުންފުނި މެދުވެރިކޮށް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ލޯން ނަގާފައިވާކަން ހާމަވެއްޖެ އެވެ. 

ވީ ކިހިނެއް؟ - އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު: 

  • އާމްދަނީއަށް 8.6 ބިލިއަން ރުފިޔާ ލިބުނު

  • ވިޔަފާރި ހިންގުމުގެ ހަރަދަށް 4.6 ބިލިއަން ރުފިޔާ

  • ޖުމްލަ ފައިދާގެ ގޮތުގައި، 4 ބިލިއަން ރުފިޔާ ލިބުނު

އިދާރީ ހަރަދުތަކާއި ޓެކްސްއަށް ކެނޑުމަށް ފަހު، ސާފު ފައިދާއަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓުން ދައްކަ އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރިސޯޓް މުވައްޒަފުންތަކެއް ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތަފްސީލް - އެމްއޭސީއެލްއަށް މިދިޔަ އަހަރު ލިބުނު 1.1 ބިލިއަން ރުފިޔާގެ ފައިދާއަކީ 2023 ވަނަ އަހަރާ އަޅާބަލާއިރު 192.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެގޮތުން: 

  • މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %21 އިތުރު އަދަދެއް 

  • 2023ގެ ސާފު ފައިދާއަކީ 902.8 މިލިއަން ރުފިޔާ 

ފައިދާގެ ތެރެއިން ޑިވިޑެންޑުގެ ގޮތުގައި މިދިޔަ އަހަރު ސަރުކާރަށް އެމްއޭސީއެލްއިން ވަނީ 150 މިލިއަން ރުފިޔާ ދައްކާފަ އެވެ. 

ދަރަނި 13 ބިލިއަން ރުފިޔާ؛ މި ސަރުކާރުގައި 1 ބިލިއަން 

އޮޑިޓުން ދައްކާ ގޮތުގައި އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުތަކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތަކާ އެކު އެމްއޭސީއެލްގެ ދަރަނި 13.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓްގެ ރަންވޭގައި އެތާގެ މުއައްޒަފުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޮޑިޓުން ފާހަގަވި އަނެއް ކަމަކީ މި ސަރުކާރު ހަވާލުވި ފަހުން، އެމްއޭސީއެލްއިން ވަނީ ޖުމްލަ 80 މިލިއަން ޑޮލަރު ދެ ލޯނަކަށް ބަހާލައިގެން ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ ނަގައިފަ އެވެ. އެއީ ޖުމްލަ ދަރަނީގެ %8.96 އެވެ. އެ ލޯންތަކުގެ ތަފްސީލަކީ: 

  • 26 ޑިސެމްބަރު 2023ގައި 50 މިލިއަން ޑޮލަރު: 

މިއީ ވަކި ހާއްސަ މަޝްރޫއެއް ނެތި ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ އެމްއޭސީއެލްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނެއް ކަމަށް އޮޑިޓްގައި ފާހަގަކުރި އެވެ. އެ ލޯނަކީ އަހަރަކަށް %8.5ގެ އިންޓްރެސްޓުގައި ފަސް އަހަރުން ދައްކާ ގޮތަށް ނަގާފައިވާ ލޯނެކެވެ. 

އެ ލޯނަށް ނުދައްކާ 40 މިލިއަން ޑޮލަރު އަދިވެސް އެބައޮތެވެ. 

  • 24 ޖޫން 2024ގައި 30 މިލިއަން ޑޮލަރު: 

މިއީ ވަކި ބޭނުމެއް ފާހަގަނުކޮށް ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ އެމްއޭސީއެލްއިން ބީއެމްއެލްއިން ނަގާފައިވާ ލޯނެކެވެ. އެ ލޯނަކީ %8.5ގެ އިންޓަރެސްޓެއްގައި ފަސް އަހަރުން ދައްކާ ގޮތަށް ނަގާފައިވާ ލޯނެކެވެ. 

މި ލޯނަށް 26.5 މިލިއަން ޑޮލަރު ނުދައްކާ ބާކީ އެބަހުއްޓެވެ. 

ވެލާނާ އެއާޕޯޓުގައި ފްލައިޓުތައް ޕާކްްކޮށްފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފާހަގަކޮށްލެވޭ - ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ ނަގާފައިވާ މި ލޯންތަކަކީ ސަަރުކާރުގެ ހަރަދުތައް ހަމަޖައްސަން ވިއްކާ ޓީބިލާއި ބޮންޑް ގަންނަން ނަގާފައިވާ ލޯނުތަކެއް ކަމަށް ބެލެވެ އެވެ. އެެހެން ކަމުން އެމްއޭސީއެލްގެ ޖުމްލަ ދަރަނީގެ %9 ވަރު މި ވަނީ ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ހަމަޖައްސަން އެމްއޭސީއެލް މެދުވެރިކޮށް ލޯނުގެ ގޮތުގައި ނަގައިފަ އެވެ. 

ސަރުކާރުގެ ޑިވިޑެންޑަށް ވުރެ ބޮޑު އަދަދެއް

އޮޑިޓުން ހާމަވާ ގޮތުގައި މިދިޔަ އަހަރުގެ ފައިދާއިން ޑިވިޑެންޑުގެ ގޮތުގައި އެމްއޭސީއެލްއިން ސަރުކާރަށް ދޭން ކަނޑައަޅާފައި އޮތީ 75 މިލިއަން ރުފިޔާ އެވެ. އަދި ކުރީ އަހަރުތަކުގައި ނުދައްކާހުރި ފައިސާއާ އެކު ޑިވިޑެންޑަށް ސަރުކާރަށް ނުދެއްކި މިދިޔަ އަހަރު ނިމުނުއިރު އެމްއޭސީއެލްގައި އޮތީ 268.2 މިލިއަން ރުފިޔާ އެވެ. 

އެމްއޭސީއެލްގެ އިސްވެރިން އެ އެއާޕޯޓްގައި ބޭއްވި ހަފްލާއެއްގައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސަރުކާރުގެ ޓީބިލަށް އިންވެސްޓްކުރި އަދަދު މައްޗަށް

އެމްއޭސީއެލްގެ އޮޑިޓުން ދެން ފާހަގަވި ކަމަކީ މިދިޔަ އަހަރުން ފެށިގެން ސަރުކާރުގެ ޓީބިލަށް އެމްއޭސީއެލްއިން އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވެފައިވުމެވެ. އެގޮތުން:

  • މިދިޔަ އަހަރު އެކަނި 371.6 މިލިއަން ރުފިޔާ ޓީބިލަށް އިންވެސްޓްކޮށްފައިވޭ

  • ސަރުކާރުގެ ޓީބިލަށް އިންވެސްޓްކުރި ޖުމްލަ އަދަދު 531.6 މިލިއަން ރުފިޔާއަށް މިހާރު ވަނީ އަރާފައި؛ 2023ގައި ޖުމްލަ ޓީބިލަށް އިންވެސްޓްކޮށްފައިވާ އަދަދު ހުރީ 160 މިލިއަން ރުފިޔާގައި

  • ސަރުކާރުގެ ދިގު މުއްދަތުގެ ބޮންޑްތަކަށް މިދިޔަ އަހަރު 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) އެމްއޭސީލްއިން އިންވެސްޓްކޮށްފައިވޭ 

ބެލެވޭ ގޮތުގައި ކޯޕަރޭޓް ލޯނުތައް ނަގައިގެން އިންވެސްޓްކޮށްފައިވަނީ ސަރުކާރުގެ ޓީބިލާއި ބޮންޑަށެވެ. 

ހިސާބުތަކުން ދައްކާ ގޮތުން އެމްއޭސީއެލްގައި ނަގުދު ފައިސާ އާއި ބޭންކުގައި ހުރި އަދަދާ އެކު މިދިޔަ އަހަރު ނިމުނު އިރު ކުންފުނީގައި ޖުމްލަ ފައިސާގެ ގޮތުގައި 936 މިލިއަން ރުފިޔާ ހުއްޓެވެ. 

ކޮމެންޓް (5)

ސިކުނޑި

3 ޖޫން 2025
އެއާޕޯޓްް ތަރައްގީކުރަން ލޯނު ނެގުން މައްސަލައެއްނޫން! އެކަމަކު ބަޖެޓް ސަޕޯޓަށް މިގޮތަށް ނެގުމަކީ، ވަރަށްބޮޑު ގޯހެއް! ހުރިހާ ޓެކްސްއެއް ބޮޑުކޮށްފަ ކުންފުނިތައް މެދުވެރިކޮށް ލޯނު ނެގުމަކީ ބަލައިގަނެވޭނެކަމެއްނޫން!! މިވަރަށް ލާރި ނަގައިގެން ސަރުކާރުން މިކުރާ ކަމެއްވެސް ހާމަކުރަންޖެހޭނެ!
6 1

ބުރޯ

3 ޖޫން 2025
ރަންވޭމަތީގައިއެއްނޫން، އެތިބީ "އޭޕްރަން" ނުވަތަ "ރޭމްޕު" ގައޭ ބުނާނީ.
4 0

ނޫސްތައްބަލާ

3 ޖޫން 2025
ކުރީސަރުކާރުން ނަގާފަހުރި ލޯނުތައް ދައްކައިދިނީ ޑިސެމްބަރު 50މ. ޖޫންގަ 30މ
3 0

މަބުނީ

3 ޖޫން 2025
ހާދަވަރަކަށް ކައިފައޭ ބަނޑުދައްކާލަނީ. ފެންފޮދަކާނުލާ ދިރުވާވަރު ދަންނަމީހަކު މިއުޑުދަށުގަ އުޅޭހެން ހިއެއްނުވޭ.
3 1

ހުސެން މޭސްތިރި

3 ޖޫން 2025
35ރ ވިއްކާ މާސްކް ފޮށި 180ރ ގަންނަ ތަނެއް، ތިތަނަށް އަސްލު ފައިދާ ތީގެ 2 ގުނަ ލިބޭނެ ކަމަށް ލަފާ ކުރެވޭ ސަރުކާރުގެ ނުފޫޒު އަދި ކޮރަޕްސަން ނޯންނަ ނަމަ، ތިތަން ދިވެހި ކުންފުނިތަކުގެ ކޮންސޯޓިއަމް އަކުން ހިނގަން ދޫކޮއްލަން ފެނޭ. ސަރުކާރުން ކުރީމަ އަހަރަކުން އަހަރަކު އާންމުން ދައްކަން ޖެހޭ ޓެކްސް އިތުރު ވަނީ، އެ ވަރިހަމަ ހުރިހާ ކުންފުނިތަށް ފަައިދާ ވިޔަސް
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް