ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، 2026 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)
އަންނަ އަހަރު ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފި
އަންނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ރަސްމީ ރިޒާވް ހުރީ 673.9 މިލިއަން ޑޮލަރުގައި ކަމަށެވެ.
ތަފްސީލް - ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއި އިގްތިސޯދީ ކުރިއެރުމާ އެކު މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 848.6 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު ސުކޫކާއި ބޮންޑު ދެއްކުމަށް ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެގޮތުން:
-
ބަޖެޓުގެ %62 ކަނޑައަޅާފައި ވަނީ ރިކަރަންޓް ހަރަދަށް
-
ޒަމާންތަކަކަށް ފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުމަށް ބަޖެޓުކޮށްފައިވޭ
އަންނަ އަހަރު ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، 26.3 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން:
-
ދަރަނި އަދާކުރުމަށް 12.9 ބިލިއަން ރުފިޔާ ދައްކަންޖެހޭ
-
ބަޖެޓު ޑެފިސިޓް ފައިނޭންސްކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވޭ
ބަޖެޓު ފައިނޭންސް ކުރުމަށް ފައިސާ ހޯދާފައިވާ ގޮތްތައް:
-
ބޭރުގެ ލޯނާއި ބޮންޑު/ސުކޫކު އަދި މަލްޓިލެޓްރަލް ފައިނޭންސިންގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ހޯދުމަށް
ފިނޭންސް މިނިސްޓަރު ވިދާޅުވީ އިތުރަށް ދަރަނިވެރިނުވެ، ވިސްނުންތެރިކަމާ އެކު ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަ މަގަށް އަޅުވާ ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"އެ ފަންޑުގައި މިއަދު ވެސް 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ދަރަނި އަނބުރާ ދެއްކުމުގެ މުހިންމު ބޭނުމަށްޓަކައި ރައްކާކޮށްފައިވޭ. އަދި ރިފައިނޭންސްކުރެވޭ ދަރަނި އަނބުރާ ދެއްކުމަށް ރާވާފައިވާނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާއިން ކަނޑައަޅާ ވަކި މިންވަރެއް،" މިނިސްޓަރު ޒަމީދު މިއަދު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން ހޯދާ 450 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާގެ އިތުރުން، އެކުވެރި ގައުމުތަކަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުތަކުން ބަޖެޓު ސަޕޯޓަށް 300 މިލިއަން ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވާ ކަމަށެވެ.
މީގެ އިތުރުން:
-
ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ހޯދޭނެ ކަމަށް ލަފާކުރެވޭ
-
ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައަޅާ، 4.2 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރުމަށް ވަނީ ރާވާފައި