ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ބަޖެޓް26

އާމްދަނީ އިތުރު ކުރުމަށް އިތުރު އާ ކަމެއް އަންނަ އަހަރުގެ ބަޖެޓުގައި ނުހިމަނާ

އަންނަ އަހަރަށް ލަފާކޮށް މިއަދު 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފައި؛ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 40 ބިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އިތުރު އާ ކަމެއް ހިމަނާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު މިއަދު ވިދާޅުވީ މި އަހަރު އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު އަންނަ އަހަރު ފެނިގެންދާނެ ކަމަށެވެ.

ތަފްސީލް - ފާއިތުވި އަހަރުތަކުގައި ގިނަ ޓެކްސްތަކާއި ފީގެ ރޭޓްތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާ އެކު ހުށަހަޅާފައިނުވާނެ ކަމަށެވެ.

"އެއީ ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ހީނަރުކަމެއް އަޔަ ނުދީ، އާރޯކަން ގެނައުމަށް. ނަމަވެސް ޓެކުހުގެ ގާނޫނުތައް ތަންފީޒުކުރުމުގެ ފުރިހަމަ ބާރުތައް ތަންފީޒީ އިދާރާތަކަށް ލިއްބައިދިނުމާ އެކު، މިހާރު އެ ފަރާތްތަކަށް ދިމާވެފައިވާ ގާނޫނީ ގޮންޖެހުންތަކަށް އެކަށޭނަ ހައްލު ހޯދައިދެވުމުން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ:

  • އަންނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 31.3 ބިލިއަން ރުފިޔާ

  • ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ

  • ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 373.6 މިލިއަން ރުފިޔާ

  • ޖުމްލަ އާމްދަނީގެ ގޮތުގައި 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ

"2026 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށްޓަކައި އާމްދަނީގެ ސިޔާސަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައެއް ނުވޭ. އެހެން ނަމަވެސް ޓެކްސް ތަންފީޒުކުރުމާއި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ޓެކުހާ ބެހޭ ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް މި ބަޖެޓާ އެކު ފާސްވުމަކީ، އޭގެ ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް