ބަރެސްދޫ ހަދަން ޖައުސާއާ އެކު ސޮއިކުރުމަށް ފަހު އޭރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އެއްބަސްވުން ޖައުސާގެ ވެރިޔާ ޖައުފަރާ ހަވާލުކުރައްވަނީ

އެމްއައިޓީޑީސީ

އެމްއައިޓީޑީސީ އުވާލުން ބަރެސްދޫ މަޝްރޫއާ ގުޅޭ ގާނޫނީ މައްސަލަތަކުގައި ތާށިވެއްޖެ

ބަރެސްދޫ މަޝްރޫއަކީ 22 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ކުރި މަސައްކަތެއް ނަމަވެސް އެކަން ހުއްޓި، ވަނީ ގާނޫނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި
12 މާރިޗު 2025

ޓޫރިޒަމް ސިންދަފާތު ކުރަން ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލަން ސަރުކާރުން ކުރަމުން ދާ މަސައްކަތް މަޑުޖެހިފައި ވަނީ ލ. ބަރެސްދޫ މަޝްރޫއާ ގުޅޭ ގޮތުން ނިންމަން ޖެހޭ ގާނޫނީ ކަންތައްތަކަކާ ވިދިގެން ކަމަށް ފިނޭންސް މިނިސްޓްެރީން ބުނެފި އެވެ. 

ވީ ކިހިނެއް؟ - އެމްއައިޓީޑީސީ އުވާލުމާ ގުޅޭ މައުލޫމާތު ހޯދުމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ، އެސްއޯއީ ކޮމިޓީން އެދުމުން ފިނޭންސުން އެ ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނީ: 

  • އެމްއައިޓީޑީސީ އުވާލުމުގެ ކުރިން ލ. ބަރެސްދޫ މަޝްރޫއާ ގުޅޭ ގާނޫނީ ކަންކަން ނިންމަން ޖެހޭ ކަމަށް؛ އަދި އެ މަޝްރޫއުގެ ކަންކަން ދެން ބަލަހައްޓާނެ ބަޔަކު ކަނޑައަޅަން ޖެހޭ ކަމަށް 

  • އެމްއައިޓީޑިސީ އުވާލިޔަސް މުވައްޒަފުންނަށް ލިބިދޭނޭ ގެއްލުމެއް ކުޑަކުރަން މަސައްކަތްތަކެއް އެބަކުރަން 

"އެމްއައިޓީޑީސީ އުވާލުމުގެ ކުރިން ހައްލުކުރަން ޖެހޭ ކަންކަން ދަނީ ކުރަމުން. އެގޮތުން އެ ކުންފުނިން ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާ ބަރެސްދޫއާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ހުރުމުން އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރެވެމުން ދޭ،" ފިނޭންސްގެ ސިޓީގައިވެ އެވެ. 

ބަރެސްދޫ މަޝްރޫއުގެ ހުލާސާއެއް:

  • އެ ރަށް ތަރައްގީ ކުރަން ނިންމީ ޓޫރިޒަމްގެ އެކި ފަންތީގެ ޕްރޮޕޮޓީތައް ހިމެނޭ ގޮތަށް އިންޓަގްރޭޓެޑް ޓޫރިޒަމް ރަށެއްގެ ގޮތުގައި 

  • އެ ރަށުގައި ގެސްޓްހައުސްތަކާއި ހޮޓާތައް އަދި ރެސްޓޯރަންޓާއި އެހެން ވެސް ތަންތަން ހެދުމަށް އެ މަސައްކަތް ހަވާލުކުރީ 22.8 މިލިއަން ޑޮލަރަށް ޖައުސާ ކޮންސްޓްރަކްޝަނާ 24 އެޕްރީލް 2017ގައި 

  • އެމްއައިޓީޑީސީން ޖައުސާއަށް އެޑްވާންސުގެ ގޮތުގައި 975،000 ޑޮލަރު (15 މިލިއަން ރުފިޔާ) ދިން ނަމަވެސް އެއްވެސް މަސައްކަތެއް ބަރެސްދޫގައި ނުކުރޭ އަދި ފައިސާ ވެސް އަނބުރާ ނުލިބޭ

  • ބަރެސްދޫގައި ޓޫރިޒަމް ފެސިލިޓީތައް ހެދުމަށް ބިން ކުއްޔަށް ހިފި ފަރާތްތަކުގެ އަތުން ކުންފުންޏަށް ނަގާފައިވާ ފައިސާގެ ތެރެއިން އަނބުރާ އެ ފަރާތްތަކަށް ދޭން ޖެހިފައިވާ ފައިސާގެ އަދަދު 36.1 މިލިއަން ރުފިޔާއަށް އަރާ 

ބަރެސްދޫ ތަރައްގީ ކުރަން ނިންމި ގޮތާއި ބަރެސްދޫގައިކޮށްފައި ހުރި ހަމައެކަނި މަސައްކަތް

ތަފްސީލް - ފިނޭންސްގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި އެމްއައިޓީޑީސީއަކީ އެ ކުންފުނި އުފެއްދި މަގުސަދުތައް ހާސިލްކުރެވޭ ގޮތަށް ހިންގަމުން އައި ކުންފުންޏެއް ނޫނެވެ. އެ ކުންފުނި ބަޖެޓުން ބޮޑު ހަރަދެއްކޮށްގެން ހިންގަން ޖެހޭކަން ފާހަގަކޮށް ފިނޭންސުން ބުނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ވެސް އެ ކުންފުންޏަކީ އުވާލަން ޖެހޭ ކުންފުންޏެއް ކަމަށެވެ. 

އެ ސިޓީއާ މެދު ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު ކޮމިޓީން ނިންމީ އެމްއައިޓީޑީސީ އުވާލެވެންދެން އެ މަސައްކަތް ކުރިއަށް ދާގޮތް ކޮމިޓީން ބަލަމުން ގެންދިޔުމަށެވެ. އަދި އެކަމުގެ އަދާހަމަ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަށް ފިނޭންސަށް އެންގުމަށް ފާސްކުރި އެވެ. 

ފާހަގަކޮށްލެވޭ - ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކުންފުނިތަކަށް ގެންނަ ބަދަލުތަކުގެ ދަށުން އެމްއައިޓީޑީސީ އުވާލަން ކެބިނެޓުން ނިންމީ މިދިޔަ ސެޕްޓެމްބަރު 1 ވަނަ ދުވަހު އެވެ. އެ ދުވަހު ކެބިނެޓުން ނިންމީ މިދިޔަ ޑިސެމްބަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމުމަށެވެ. 

އެމްއައިޓީޑީސީ 2016 ވަނަ އަހަރު އުފެއްދި ފަހުން މިދިޔަ އަހަރުގެ ނިޔަލަށް 64.4 މިލިއަން ރުފިޔާ އެ ކުންފުންޏަށް ބަޖެޓުން ދީފައިވެ އެވެ. އަދި އެ ކުންފުންޏަށް 164.2 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިވެފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް