އެމްއައިޓީޑީސީން ބަރެސްދޫ ތަރައްގީކުރަން ރާވަފައިވާ ގޮތް: އެ މަޝްރޫއު ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައި
ރައްޔިތުންގެ 64 މިލިއަން ރުފިޔާ ދުއްވާލީ ފެނަށް؛ މިހެން ހަދަން ހެޔޮނުވާނެ
ރާއްޖޭގެ ޓޫރިޒަމް ސިންދަފާތުކުރަން ސަރުކާރުން އުފެއްދި އެމްއައިޓީޑީސީ އުވާލަން ނިންމާފައި ވާއިރު، އެ ކުންފުންޏާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލައި މިދިޔަ ހަފްތާ އާންމުކުރެއްވި ހާއްސަ އޮޑިޓް ރިޕޯޓުން ބޮޑެތި ކަންތައްތަކެއް ފެންމަތިވެ އެވެ. އެމްއައިޓީޑީސީން ހިންގަން ފެށި އެންމެ މަޝްރޫއެއް ނިންމާ ނުލެވޭއިރު، އެ ކުންފުންޏަށް ސަރުކާރުން ދިން އެތައް މިލިއަން ރުފިޔާއެއް ވަނީ އިސްރާފުގެ ގޮތުގައި ހަރަދުވެގެން ގޮސްފަ އެވެ.
ސަރުކާރުން 64 މިލިއަން ރުފިޔާ ދިން
ދައުލަތުގެ ބަޖެޓުން އެމްއައިޓީޑީސީ ހިންގުމަށާއި އެހެން ވެސް ހަރަދުތައް ކުރުމަށް ކުންުފުނި އުފެއްދި 2016 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 64.4 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެ އެވެ. އޭގެ ތެރޭގައި ސަރުކާރުން އެ ކުންފުންޏަށް ދޫކުރީ 1 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ހިމެނެ އެވެ.
ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، އެ ލޯނު ދޫކުރީ %8 އިންޓަރެސްޓުގައި އެއް އަހަރު ފަހުން ދައްކާ ގޮތަށް ނަމަވެސް އޭގެއިން އެއްވެސް ފައިސާއެއް އެ ކުންފުނިން އަނބުރާ ފިނޭންސް މިނިސްޓްރީއަށް ދައްކާފައެއް ނެތެވެ. އަދި ދެއްކޭނޭ ގޮތެއް ވެސް ނެތެވެ.
އެވަރުގެ ބޮޑެތި ހަރަދުތަކެއް އެމްއައިޓީޑީސީއަށް ކޮށްފައިވީ ނަމަވެސް އެ ކުންފުންޏަށް 164.2 މިލިއަން ރުފިޔާގެ ގެއްލުމެއް މިދިޔަ 7 އަހަރު ތެރޭ ވެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.
ބޮޑު ތިން މަޝްރޫއެއް ފަށައި ހުއްޓާލައިފި
ރިޕޯޓްގައި ހުރި ހިސާބުތަކަށް ބަލާއިރު އެމްއައިޓީޑީސީން ވަނީ ތިން މަޝްރޫއަކަށް 52.4 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ:
-
ލ. ބަރެސްދޫ އިންޓަގްރޭޓެޑް ރިސޯޓް އައިލެންޑް - 22 މިލިއަން ރުފިޔާ
-
ކ. ކާށިދޫ ޓޫރިސްޓް ވިލެޖް - 26.7 މިލިއަން ރުފިޔާ
-
ކ. ގެ ތިން ފަޅެއް ހިއްކަން ފެށި 'ޕްރޮޖެކްޓް ޕާމް' - 3.6 މިލިއަން ރުފިޔާ
އެ މަޝްރޫއުތަކަށް ހަރަދުތައްކޮށްފައި ވިޔަސް އެ ހުރިހާ މަޝްރޫއެއް ހުރީ ވަކި ވަރަކަށް މަސައްކަތް ކުރުމަށް ފަހު ހުުއްޓާލައިފަ އެވެ. އަދި ބައެއް މަޝްރޫއުތައް ހިންގަން އެކި ކުންފުނިތަކަށް އެޑްވާންސުން ބޮޑެތި އަދަދުތަކުން ފައިސާ ދިން ނަމަވެސް އެ ފައިސާތައް ވަނީ ހޯދޭނޭ ގޮތް ނުވެ ގެއްލިފަ އެވެ.
ބަރެސްދޫ ހަދަން ޖައުސާއަށް 15 މިލިއަން ރުފިޔާ
ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ބަރެސްދޫގައި ޓޫރިޒަމް ފަށަން ހަދަން ޖެހޭ ގެސްޓްހައުސްތަކާއި ހޮޓާތައް އަދި ރެސްޓޯރަންޓާއި އެހެން ވެސް ތަންތަން ހެދުމަށް އެ މަސައްކަތް ހަވާލުކުރީ 22.8 މިލިއަން ޑޮލަރަށް ޖައުސާ ކޮންސްޓްރަކްޝަންއާ އެވެ. އެއީ 24 އެޕްރީލް 2017ގަ އެވެ.
އެ އެއްބަސްވުމުގެ ދަށުން އެމްއައިޓީޑީސީން ވަނީ ޖައުސާއަށް އެޑްވާންސުގެ ގޮތުގައި 975،000 ޑޮލަރު (15 މިލިއަން ރުފިޔާ) ދީފަ އެވެ. އެހެން ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން ބަރެސްދޫގައި ހަދަން ޖެހޭ އެއްވެސް އިމާރާތެއް ހަދާފައި ނެތް އިރު އެ ކުންފުންޏަށް ދިން އެޑްވާސް ފައިސާ އަނބުރާ ހޯދިފައި ނުވާކަން ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:
-
އެޑްވާންސް ފައިސާ ޖައުސާއަށް ދޫކޮށްފައި ވަނީ، އެއްބަަސްވުމުގައި ބުނާ 910،000 ޑޮލަރުގެ ޕާފޯމަންސް ގެރެންޓީއެއް ނުނަގާ
-
އެހެންވުމުގެ ސަބަބުން، އެމްއައިޓީޑީސީއަށް ލިބުނު ގެއްލުން ފޫބެއްދިފައެއް ނުވޭ އަދި ފައިސާ ހޯދޭނޭ ގޮތެއް މިހާރު ނެތް
މީގެ އިތުރަށް، ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ބަރެސްދޫގައި ޓޫރިޒަމް މަޝްރޫއުތައް ހިންގުމަށް އެކި ފަރާތްތަކަށް އެ ރަށުން ބިން ކުއްޔަށް ދިނީ އެއީ އެފަދަ ކަމެއް ކުރެވޭނެ ގާބިލް ފަރާތްތަކެއްކަން ބެލުމެއް ނެތި އެވެ. އެގޮތުން އެ ރަށުން ބިން ކުއްޔަށް ނަގަން 39 ހުށަހެޅުމެއް ހުށަހެޅިއިރު އޭގެ ތެރެއިން 2 ފަރާތަކުން ފިޔަވާ އެއްވެސް ފަރާތަކުން މާލީ ގާބިލްކަމާއި ފަންނީ ގާބިލްކަން ސާބިތުކޮށްދޭނޭ ލިޔެކިޔުންތައް އެމްއައިޓީޑީސީއަށް ހުށަހަޅާފައި ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އެ ލިޔުންތައް ހުށަހެޅުމަކީ ޝަރުތެއް ނަމަވެސް އެ ފަރާތްތަކަށް ބިން ކުއްޔަށް ދޭން ނިންމީ އެ ލިޔުންތައް ނުހޯދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން ދެން ފާހަގަކުރި މައްސަލައަކީ ބިން ކުއްޔަށް ހިފި ފަރާތްތަކާ އެކު އެމްއައިޓީޑީސީން އެގްރިމަންޓުތައް ހަދާފައި ނެތުމެވެ. އެހެންވުމުގެ ސަބަބުން، ކުންފުންޏާއި އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރެވިފައި ނުވާ ކަމަށް އޮޑިޓުގައި ފާހަގަކުރި އެވެ.
ކާށިދޫ މަޝްރޫއުން ނިމުނީ %33؛ %52 ފައިސާ ދޫކުރި
ރިޕޯޓުގައި ފާހަގަކުރި ގޮތުގައި، 54 އެނދުގެ ޓޫރިސްޓް ފެސިލިޓީއަކާއި އެތަނަށް ބޭނުންވާ އެހެން އިމާރާތްތައް އެޅުމަށް ކާށިދޫގައި ފެށި މަޝްރޫއު ހަވާލުކުރީ ނިންގްބޯ ޑީޕްބުލޫ ސްމާޓްހައުސް ކޯޕަރޭޝަން ކިޔާ ކުންފުންޏަކާ އެވެ. އެ މަޝްރޫއު އެ ކުންފުނިން ނިންމަން ޖެހެނީ 2018 ނޮވެމްބަރުގައި ނަމަވެސް، އޮޑިޓަށް ފާހަގަވެފައި ވަނީ އެ މަޝްރޫއު ހުއްޓުނުއިރު ނިމިފައި ވަނީ %33 މަސައްކަތް ކަމެވެ. އެހެން ނަމަވެސް:
-
ފުރަތަމަ ފިޔަވައްސަށް ކަނޑައެޅި ބަޖެޓުގެ %52 ވަނީ މަޝްރޫއު ހަވާލުކުރި ކުންފުންޏަށް ދޫކޮށްފައި
-
އެ ފައިސާއާ އެކު މުޅި މަޝްރޫއަށް 26.7 މިލިއަން ރުފިޔާ އެމްއައިޓީޑީސީން ހަރަދުކުރި
-
އެ މަޝްރޫއު ހިންގުމަށް އަމިއްލަ ކުންފުންޏެއް ހިޔާރުކުރީ އެ ފަރާތުގެ ގާބިލްކަން ނުބަލައި އަދި އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް؛ އަދި އިވެލުއޭޝަން ކަރުދާސްތައް ކުންފުނީގައި ފެންނާކަށް ނެތް
އެ މަޝްރޫއު ހުއްޓެން ޖެހުނު ސަބަބެއްގެ ގޮތުގައި ރިޕޯޓްގައި ފާހަގަކުރަނީ އެ މަޝްރޫއަށް ކާށިދޫއިން އެ ކުންފުންޏަށް ހަމަޖެއްސި 200,000 އަކަ ފޫޓުގެ ބިމަށް ދައްކަން ޖެހޭ ފައިސާ އެ ކުންފުންޏަށް ހަމަނުޖެއްސުމެވެ. އަދި މަޝްރޫއު ހިންގަން އިތުރަށް ހަމަޖައްސަން ޖެހޭ ފައިސާ އެ ކުންފުންޏަށް ހޯދިފައި ނުވާތީ އެވެ.
އޮޑިޓުގައި ބުނީ އެ ކުންފުނިން މަޝްރޫއު ފެށީ ބިމުގެ އެއްބަސްވުން ވެސް ނަހަދައި އަދި މަޝްރޫއަށް ބޭނުންވާ ފައިސާ ވެސް ލިބޭނޭކަން ޔަގީންނުކޮށް ކަމަށެވެ. އެހެންވުމުގެ ސަބަބުން ބިމު ކުއްޔަށް ދައްކަން ޖެހޭ ފައިސާ ވެސް ބޮޑުވެ މަޝްރޫއު ހިންގުމަށް ވެސް އިތުރު ފައިސާ ނުލިބި މަސައްކަތް ހުއްޓުނީ އެވެ.
ފީސިބިލިޓީއަށް 3 މިލިއަން ހަރަދުކޮށް މަޝްރޫއެއް ހުއްޓާލި
މާލެ އަތޮޅުން ތިން ފަޅެއް ހިއްކައިގެން ކުރިއަށް ގެންދަން ނިންމި ޕްރޮޖެކްޓް ޕާމް މަޝްރޫއާ މެދު އޮޑިޓުގައި ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މަޝްރޫއަކީ ދެކޮޅު ޖެހޭނޭ ކަމެއްތޯ ބެލުމަށް ފިސިބިލިޓީ ސްޑަޑީއެއް ހެދުމަށް ބޮޑު ހަރަދެއް ކުރުމަށް ފަހު މަޝްރޫއު ހުއްޓާލި މައްސަލަ އެވެ. އެގޮތުން ރިޕޯޓްގައި ފާހަގަކުރި ގޮތުގައި:
-
1-
ފީސިބިލިޓީ ހެދުމަށް ސިންގަޕޫރު ކުންފުންޏަކަށް 3.6 މިލިއަން ރުފިޔާ ހަރަދުކުރި
-
2-
ނަމަވެސް ފަޅުތަކަށް އެކުއިޒިޝަން ފީ ދެއްކެން ނެތް ކަމަށް ބުނެ އެ މަޝްރޫއު ކުރިއަށް ނުގެންދަން ފަހުން ނިންމި
ރިޕޯޓްގައި ސުވާލު އުފެއްދީ އެ މަޝްރޫއު ހިންގަން ފަށާއިރު ވެސް އެކުއިޒިޝަން ކޮސްޓް ދައްކަން ޖެހޭނޭކަން އެނގޭއިރު އެކަމަށް ބޭނުންވާ ފައިސާ އަކީ ކިހާ އަދަދެއްކަން ލަފާނުކޮށް އަދި އެ ފައިސާ ހޯދޭނޭ މަގެއް ނެތި މަޝްރޫއު ފަށަން ނިންމި ސަބަބާ މެދު އެވެ. އެއީ ޒިންމާދާރު ނިންމުމެއް ނޫންކަމަށް ވެސް އޮޑިޓުގައި ފާހަގަކުރި އެވެ.
ދަރަނި 100 މިލިއަނުން މަތި؛ ދެއްކޭނެ ގޮތެއް ނެތް
ރިޕޯޓްގައި ހުރި ހިސާބުތަކަށް ބަލާއިރު ކުންފުނީގެ ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި 137.9 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކަން ޖެހިފައި އެބަ ހުއްޓެވެ. އެހެން ނަމަވެސް ކުންފުނީގައި ޖުމްލަ ރައުސްމާލުގެ ގޮތުގައި ހުރީ 3.1 މިލިއަން ރުފިޔާ އެވެ.
ކުންފުނީގެ ރައުސްމާލު ހުރީ ދަރަނި ދެއްކޭނޭ މިންވަރެއްގައެއް ނޫނެވެ.
އެމްއައިޓީޑީސީން އެންމެ ބޮޑު އެއް ދަރަންޏަކީ ބަރެސްދޫ މަޝްރޫއު ހުއްޓާލުމުން އެތަނުން ބިން ކުއްޔަށް ނެގި ފަރާތްތަކަށް އަނބުރާ ދައްކަން ޖެހޭ ފައިސާ އެވެ. އެގޮތުން:
-
ބަރެސްދޫ މަޝްރޫއަށް މީހުން ދެއްކި ފައިސާ - 55.3 މިލިއަން ރުފިޔާ
-
2024ގެ އޮކްޓޯބަރުގެ ނިޔަލަށް އަނބުރާ ރައްދުކުރީ - 18.1 މިލިއަން ރުފިޔާ
-
އަނބުރާ ދޭން ޖެހޭ - 36.1 މިލިއަން ރުފިޔާ
އޮޑިޓުގައި ފާހަގަކުރި ގޮތުގައި، އެ ފައިސާ އަނބުރާ ދެވޭނޭ ގޮތެއް އެމްއައިޓީޑީސީއަކަށް ނެތެވެ. އެކަން ކުރެވޭނީ ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދީގެން ކަމަށް ރިޕޯޓްގައިވެ އެވެ.
ކުންފުނީގެ މާލީ ހާލަތު އެގޮތަށް ގޯސްފައިވުމުން އޮޑިޓާ ޖެނެރަލްގެ ލަފަޔަކީ އެމްއައިޓީޑީސީއަކީ ކައިރި މުސްތަގުބަލެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނޭ ކުންފުންޏެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ލަފާދެއްވާފައިވެ އެވެ.
"އެމްއައިޓީޑީސީން ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރި އެއްވެސް ޕްރޮޖެކްޓެއް ނިމުމަކަށް އައިސްފައި ނުވުމުންނާއި އެމްއައިޓީޑީސީން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓަކުން އަވަސް މުސްތަގުބަލެއްގައި، ކުންފުންޏަށް އާމްދަނީ ލިބޭނޭ ކަމަށް ނުފެންނާތީ އެމްއައިޓީޑީސީއަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގިދާނޭ ކުންފުންޏެއް ކަމަށް ވެސް ނުބެލެވެ އެވެ،" އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓް (3)
އަލީ ޒާހިރު
ބެއްޔާ
ޢަބްދުﷲ