ބަރެސްދޫ މަޝްރޫއު ނިމުމުން އޮންނާނެ ގޮތް ދައްކުވައިދިނުމަށް އެމްއައިޓީޑީސީއިން މީގެ ކުރިން އާންމުކުރި ނަމޫނާއެއް.
ބަރެސްދުއަށް ދެއްކި ފައިސާ ހޯދަން ކޯޓަށް ދާން އެމްއައިޓީޑިސީން އެދިއްޖެ
ލ. ބަރެސްދޫގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ކުރިއަށްގެންދިޔަ އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއުއިން ބިން ގަތުމަށް ދެއްކި ފައިސާ އަނބުރާ ހޯދަން ކޯޓަށް ދިއުމަށް އެ ކުންފުނިން އިންވެސްޓަރުންގެ ފަރާތުން އެދިއްޖެ އެވެ.
މައްސަލައިގެ ފެށުން - ބަރެސްދޫގައި އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއެއް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ފުރަތަމަ އެ މަޝްރޫއު ހިންގީ އެމްއެމްޕީއާރުސީން ނަމަވެސް އެމްއައިޓީޑީސީ އުފައްދައި އެ ކުންފުނީގެ ދަށަށް އެ މަޝްރޫއު ފަހުން ވަނީ ބަދަލުކޮށްފަ އެވެ.
އެކި ސަބަަބުތަކާ ހުރެ އެ މަޝްރޫއު ކުރިއަށް ނުގެންދެވި ދިގުލައިގެން ގޮސްފައި އޮތްއިރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެ މަޝްރޫއުގެ ޑިޒައިނަށް ބަދަލުތަކެއް ވެސް ގެނަ އެވެ. މިދިޔަ ސަރުކާރުގައި އެ މަޝްރޫއު ނުފެށުނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބިގެން ކަމަށް އެމްއައިޓީޑީސީގެ ވެރިންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ތަފްސީލު - ބަރެސްދުއަށް އިންވެސްޓަރުކުރި މީހުންނަށް، އުވާލަން ނިންމާފައިވާ ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއައިޓީޑީސީއިން ފޮނުވި އީމެއިލްއެއްގައި ބުނެފައިވާ ގޮތުގައި، އެ ރަށުން ބިން ހޯދަން ދެއްކި ފައިސާ އިންވެސްޓަރުންނަށް ރައްދުކުރަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމާފަ އެވެ.
ފައިސާ އަނބުރާ ހޯދަން ބޭނުންވާ އިންވެސްޓަރުން އަމަލުކުރަން ޖެހޭ ގޮތަކީ، އެމްއައިޓީސީގެ އީމެއިލްގައިވާ ގޮތުން:
-
1-
ފައިސާ އަނބުރާ ހޯދަން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުން
-
2-
އެ ފައިސާ ރައްދުކުރަން ސިވިލް ކޯޓުން ހުކުމްކުރާނެ
-
3-
ސިވިލް ކޯޓުގެ ހުކުމް، އެމްއައިޓީޑީސީއިން ފިނޭންސް މިނިސްޓްރީއާ ހިއްސާކޮށް، އެ ފައިސާ ދެއްކުމަށް އެދޭނެ
-
4-
ކޯޓުގެ ހުކުމާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން އެ ފައިސާ އެމްއައިޓީޑީސީއަށް ދޫކުރާނެ
-
5-
އެމްއައިޓީޑީސީއިން އެ ފައިސާ ސިވިލް ކޯޓަށް ދައްކާނެ