ހަމަލާ ދިނުމުގައި ބައިވެރިވި ތަހުމީން (ކ) އާއި މުޖާޒް (ވ): މުޖާޒުގެ މައްޗަށް ދެ ދައުވާއެއް އަދި ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާ އިރު ދެ މީހުން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މޭ 6ގެ ހަމަލާ

ހަމަލާގެ ޝަރީއަތްތައް ލަސްވާތީ ހާއްސަ މަންދޫބު ކަންބޮޑުވުން ފާޅުކުރައްވައިފި

ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރެއިން ޝަރީއަތް ކުރިއަށް ގޮސް ހުކުމް ކުރީ އެންމެ މީހަކަށް
7 ފެބްރުއަރީ 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6ގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތްތައް ކުރިއަށް ނުދާތީ، އެ ހަމަލާގެ ތަހުގީގު ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ހާއްސަ މަންދޫބު، އައްބާސް ފާއިޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ބޮމުގެ ހަމަލާއާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ. ނަމަވެސް އޭގެ ތެރެއިން ކްރިމިނަލް ކޯޓުގައި ކުރިއަށް ގޮސް ނިމިފައި ވަނީ، ދައުވާއަށް އިއުތިރާފުވި އަދުހަމް އަހުމަދު ރަޝީދުގެ ޝަރީއަތް އެކަންޏެވެ. ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި އަދުހަމް ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުވާތަކަށް އިއުތިރާފުވުމުން، އޭނާއަށް 23 އަހަރުގެ ޖަލު ހުކުމެއް ޑިސެމްބަރު 14ގައި ވަނީ އިއްވައިފަ އެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުގެ އަމަލީ ގޮތުން ބައިވެރިވި އަދުހަމް ކޯޓަށް ހާޒިރު ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލް - ހަމަލާއާ ގުޅިގެން ދެން ދައުވާ އުފުލި މީހުންގެ ޝަރީއަތްތައް ކުރިއަށް ނުދާތީ ފާއިޒު ކަންބޮޑުވުން ފާޅުކުރެއްވީ ޓުވީޓެއްގަ އެވެ. ރައީސްގެ ހާއްސަ މަންދޫބަކަށް 19 މެއި 2021 ގައި އައްޔަންކުރެއްވި ފާއިޒު ވަނީ އެ މީހުންގެ މައްޗަށް ދައުވާ އުފުލިތާ އެތައް މަހެއް ވެގެން ދިޔަ އިރު އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގައިކަން ފާހަގަކުރައްވައިފަ އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވެވަޑައިގަންނަވާ ފާއިޒު ވިދާޅުވީ، ޝަރީއަތްތައް އަވަސްކުރުމަށް، އެ މައްސަލައިގައި ދައުވާ ލިބޭ އެންމެންގެ ޝަރީއަތްތައް އެއްކޮށް ކުރިއަށް ގެންދާނެކަން ނުވަތަ ނޫންކަން ވެސް ސާފު ނުވާ ކަމަށެވެ.

ބުނީ ކީކޭ؟ - "މެއި 6 ހަމަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ.

މޭ 6 ހަމަލާގެ ތަހުގީގު ގާތުން ބެއްލެވުމަށް ރައީސް ސޯލިހު (ކ) އައްޔަން ކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒާ ރައީސް ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

އެނގުން މުހިއްމު - އަދުހަމްގެ އިތުރުން ދެން ދައުވާ އުފުލާފައިވަނީ ހަމަލާ ދިނުމަށް ރާވައި، އެކަމުގައި އެކި ގޮތްގޮތުން ބައިވެރިވި މީހުންނެވެ. އެމީހުންގެ ޝަަރީއަތްތަކުގެ އަޑުއެހުންތަކެއް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި އިރު، އެ އެންމެން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ މީހުންނަކީ:

1- މުޖާޒް އަހްމަދު (މއ. ފޭރުގެ، މާލެ)

2- ތަހުމީން އަހްމަދު (ގއ. ކޮނޑޭ، ފޮޅޭމާގެ)

3- އަލީ ހައިޝަމް (ނ. މަނަދޫ، ނޫރީގެ)

4- ފަހުމީ އަލީ (ގއ. ވިލިނގިލި، ހުދުރުވާގެ)

5- މުހައްމަދު ނާޒިމް (އއ. މާޅޮސް، އަސަރީގެ)

6- އިސްހާގު (މ. ކުދެހިގެ، މާލެ)

ބޮން ގޮއްވި މައްސަލައިގެ ތުހުމަތުގައި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން، އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމައި، އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ހަމަލާ ދިނުމުގެ ތުހުމަތުގައި އެ ހަ މީހުންނާ އެކު، ހއ. މޮޅަދޫ، ބަހާރުގޭ އަލިމަނިކު އާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް، ސީދާ އެ ހަމަލާއާ ގުޅޭ ދައުވާއެއް އެ ދެ މީހުންގެ މައްޗަކަށް ނުކުރެ އެވެ. އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް