އަދުހަމް އަހްމަދު ރަޝީދު

މޭ 6ގެ ހަމަލާ

ބޮން ގޮއްވާލި އަދުހަމް 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އޭނާ ދައުލަތާ އެކު އިއުތިރާފު އެއްބަސްވުން ހެދީ، 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ދެ ދައުވާ އެއް ކުރުމަށް
14 ޑިސެމްބަރު 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ގައި ޓެރަރިސްޓު ހަމަލާއެއް ދިން އަދުހަމް އަހުމަދު ރަޝީދު ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން، އޭނާ 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން، މިދިޔަ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުގައި އަދުހަމް ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިއުތިރާފުވެފަ އެވެ. އިއުތިރާފު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަތަކެއް ހުރުމުން ކަމަށް ބުނެ، އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ނޫސްވެރިން ނުވައްދައި ސިއްރުކޮށްގެންނެވެ.

އަދުހަމްގެ މައްޗަށް އުފުލި ދައުވާތަކުގެ ތަފްސީލް:

ޓެރަރިޒަމްގެ އަމަލެއް ކުރުން

  • ސަބަބު: ބޮން ގޮއްވާލި ދުވަހުގެ ރޭ 8:32 ނީލޯފަރުހިނގުމާއި މަޖީދީމަގާ ގުޅުނު ކަންމަތިން، ސައިކަލުގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ)އެއް ހަރުކޮށްގެން ނަޝީދު އަވަހާރަކޮށްލުމުގެ މަގުސަދުގައި، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލުމުގެ ސަބަބުން ނަޝީދުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ އާއި އެ ވަގުތު އެސަރަހައްދުގައި ތިބި އިތުރު ބައެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކޮށްފައިވާތީ.  

ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން

  • ސަބަބު: އޭނާ 2020ގެ ފަހުކޮޅުން ފެށިގެން މެއި 6އާ ހަމައަށް މ. ޔާގޫތުގެއާއި، ގ. ކެނެރީގެ ކައިރިން ނަޝީދަށް ފާރަލައި، ސައިކަލުގައި އައިއީޑީ އެއް ގޮއްވާލައިގެން ނަޝީދުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާތީ.

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން

  • ސަބަބު: ބޮން ގޮއްވި މައްސަލައިގެ ތަހުގީގުގައި އޭނާއާ ސުވާލުކުރުމުން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ތާއިދުކުރާމީހެއްކަމަށް ބުނެ، އިއުތިރާފްވެފައިވާތީ.

ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުން

  • ސަބަބު: ބޮން ގޮއްވާލުމުގެ ސަބަބުން ނަޝީދުގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިފައިވާތީ އާއި އެވަގުތު އެސަރަހައްދުގައި ތިބި އިތުރު ބައެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކޮށްފައިވާތީ.

އިއުތިރާފު އެއްބަސްވުން - އަދުހަމް ވަނީ ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައި 23 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެފަ އެވެ. ޕީޖީ ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވެފައި ވަނީ:

  • އިއުތިރާފް އެއްބަސްވުން ހަދަން އެދުނީ އަދުހަމް ކަމަށް

  • އެހެންވެ، ގާނޫނުގައިވާ ގޮތުގެ މަތިން އެ ފުރުސަތު ދިނީ ކަމަށް

  • އެއްބަސްވުން ހެދިއިރު ތަހުގީގުގައި އަދުހަމް އޮތީ ބޮން ގޮއްވާލި ކަމަށް އެއްބަސްވެފައި

އިއުތިރާފު އެއްބަސްވުން ހެދީ، 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ދެ ދައުވާ އެއް ކުރުމަށެވެ. އެއީ:

  • 20 އަހަރުގެ އަދަބެއް އަންނަ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ 

  • 3 އަހަރުގެ އަދަބެއް އަންނަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ

ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އިއުތިރާފުން ރުޖޫއަވުމުގެ ފުރުސަތު އަދުހަމަށް އޮތްކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް އަދުހަމް ބުނީ "އެއްބަސްވުން ދަމަހައްޓަން ބޭނުން" ކަމަށެވެ. އެހެންކަމުން، އަދުހަމްގެ ސައްހަ، ފުރިހަމަ އިއުތިރާފުން އޭނާގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާކަމަށް، މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ތިން ގާޒީންގެ އިއްތިފާގުން ކަނޑައެޅި އެވެ.

އެނގުން މުހިންމު - އަދުހަމް ބަންދުގައި ހުންނަތާ މިހާރު ހަ މަހާއި ނުވަ ދުވަސް ވެފައިވާތީ، އެ މުއްދަތު އޭނާގެ ހުކުމް އުނިކުރުމަށް ދައުލަތާއި އަދުހަމްގެ ފަރާތުން ވެސް އެދުނެވެ. އެހެންކަމުން، އޭނާ ދެން ބަންދުގައި ހުންނާނީ 22 އަހަރާއި ހަ މަހާއި 21 ދުވަހު އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް