ހަމަލާގައި ބައިވެރިވި ތަހުމީން (ކ) އާއި މުޖާޒް (ވ). މުޖާޒުގެ މައްޗަށް ދެ ދައުވާއެއް އުފުލުއިރު، ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައި. ދެމީހުން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މޭ 6ގެ ހަމަލާ

މޭ 6ގެ ހަމަލާ: މުޖާޒާއި ތަހުމީނު އިންކާރު ކުރުމުން ދައުލަތުން 200 އެއްހާ ހެކި ހުށަހަޅައިފި

މުޖާޒާއި ތަހުމީނު ވެސް ބުނީ އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަންކަން ނޭނގޭ ކަމަށާއި، އެކަންކަން ނުކުރާ ކަމަށް
21 ސެޕްޓެމްބަރު 2021

މެއި 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލާގައި ދައުލަތުން އުފުލި ދައުވާތަކަށް، އެ މައްސަލައިގައި ތުހުމަތުވާ މުޖާޒް އަހުމަދާއި ތަހުމީނު އަހްމަދު އިންކާރުކުރުމުން، ދައުލަތުން ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ. އެ އެންމެންގެ އަޑުއެހުންތައް ވެސް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މުޖާޒް އަހްމަދުގެ މައްޗަށް ކުރި ދައުވާ ތަކަކީ:

1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން

އަދަބު: 17-20 އަހަރުގެ ޖަލު ހުކުމް  

2. ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުން

އަދަބު: 7-9 މަހުގެ ޖަލު ހުކުމް 

ސަބަބު: ބޮން ގޮއްވާލުމަށް ފަހު އަދުހަމް އަހްމަދު ކުށުގެ ވެށިން ދުވެފައި ގޮސް އަމީނީމަގު، ބުރު ޕާކުގައި ހުއްޓައި، އޭނާ ފިލުވުމަށް މުޖާޒް އަހްމަދު އަންނައުނު ގެނެސްދީފައިވާތީ އާއި ގެސްޓްހައުސްއަކަށް ދިއުމަށްޓަކައި ޓެކްސީއެއް ހޯދައި، އެރޭގެ 9:30 އެހާކަންހާއިރު އޭނާ ގޮވައިގެން ޓެކްސީއެއްގައި އޭޖޭއީ އެމްޕޯރިއަމް ކައިރީގައި ހުންނަ ގެސްޓްހައުސްއަކަށް ގެންގޮސް، އޭނާ ފިލުވައި، މެއި 7 ވަނަ ދުވަހު ހެނދުނު އަދުހަމް އަހްމަދަށް ޓްރިމަރެއް ގެންގޮސްދީ، އޭނާގެ ސިފަ ބަދަލުކުރުމަށް އެހީތެރިވެދީ، އޭނާ މާލެއިން ހުޅުމާލެއަށް ފޮނުވުމަށް ޓަކައި، އޭނާއާ އެކު އޭނާ ބަލައި އައި މީހާ ކައިރިއަށް ގެންގޮސްދީފައިވާތީ.

ހަމަލާގައި ބައިވެރިވި މުޖާޒް ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދަނީ، 21 ސެޕްޓެމްބަރު 2021 (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަހުމީން އަހުމަދުގެ މައްޗަށް ކުރި ދައުވާތަކަކީ:

1. ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުން

ސަބަބު: ތަހުމީނު އަޙްމަދު، މެއި 3ގައި ހުޅުމާލެ 106 ނަންބަރު ފްލެޓް ކައިރީގައި، ސައިކަލުގައި އައިއީޑީއެއް ހަރުކޮށްފައިވާތީ އަދި އެ އައިއީޑީ ގޮއްވާލައިގެން ނަޝީދާއި އިތުރު ބައެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކޮށްފައިވާތީ 

އަދަބު: 17-20 އަހަރުގެ ޖަލު ހުކުމް

2. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން

ސަބަބު: ތަހުމީނު އަހްމަދު، އިތުރުބަޔަކާ އެކު، 2021 އަހަރުގެ ކުރީކޮޅުން ފެށިގެން، ހުޅުމާލެ، ރަބަރުގަސްމަގު 04ގައި ހުންނަ ކިއޮސްކް ކެފޭ އާއި ރަބަރުގަސްމަގު 09ގައި ހުންނަ ހުވޭ ނާސްތާ ހޮޓަލުގައި މިމީހުން ބައްދަލުކޮށް، ނަޝީދުގެ ލޭ ހުއްދަކޮށް، އޭނާގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ ސައިކަލުގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލާފައިވާތީ

އަދަބު: 17-20 އަހަރުގެ ޖަލު ހުކުމް

3. ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުން

ސަބަބު: އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލު ހުޅުމާލެއިން މާލެއަށް ގެންގޮސް ނީލޯފަރުހިނގުމާއި މަޖީދީމަގާ ގުޅުނު ކަންމަތީގައި ޕާކްކޮށް ގޮއްވާލާފައިވާތީ

އަދަބު: 12-15 އަހަރުގެ ޖަލު ހުކުމް

4. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން

ސަބަބު: ތަހުމީން އަހްމަދު، 2019 ފަހުކޮޅުން ފެށިގެން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓަށް ތާއިދުކޮށް އެޖަމާއަތުން ކުރާކަންކަމަށް ހިތްވަރު ލިބިދޭ ގޮތަށް ވާހަކަ ދައްކައި، އެޖަމާއަތުގެ ފިކުރު ކުރިއަރުވަން މަސައްކަތްކޮށްފައިވާތީ

އަދަބު: 1-3 އަހަރުގެ ޖަލު ހުކުމް  

ތަހުމީނު ކޯޓުން ނެރެގެން ފުލުހުންގެ ވެހިކަލަށް އަރުވަނީ، 21 ސެޕްޓެމްބަރު 2021 (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިއަދުގެ އަޑުއެހުމުގައި ވީގޮތް 

މުޖާޒާއި ތަހުމީނު ވެސް ވަނީ އެ ދެމީހުންގެ މައްޗަށް ދައުލަތުން އުފުލި ހުރިހާ ދައުވާތަކަށް ވެސް އިންކާރުކޮށްފަ އެވެ.

ބުނީ ކީކޭ؟ - ދައުވާތަކަށް އިންކާރުކުރާ ސަބަބެއް ކަމަށް ތަހުމީނު ބުނީ އޭނާ ނުކުރާ ކަމަކަށް ދައުވާ ކުރުމުންނެވެ.

"ނުކުރާ ކަމަކަށް ދައުވާ ކުރީމަ އިންކާރު ކުރަނީ،" ތަހުމީނު ބުންޏެވެ.

ދައުވާއަށް އިންކާރު ކުރަމުން މުޖާޒު ބުނީ، ދައުވާކުރާ ކަންކަން އޭނާއަށް ނޭނގޭ ކަމަށެވެ.

"ދައުވާއަށް އިންކާރު ކުރަނީ ނޭނގޭ ކަންތައްތަކެއް ވީމަ ދޯ،" މުޖާޒް ބުންޏެވެ.

ދައުލަތުން 200 އެއްހާ ހެކި

މުޖާޒާއި ތަހުމީނު ދައުވާތަކަށް އިންކާރު ކުރުމުން، ދައުލަތުން ވަނީ ދައުވާތައް ސާބިތުކުރަން ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިފައިންނާއި، ފުލުހުންނާއި، އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިހުންނާއި، އޭޑީކޭގެ އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި އާންމުން ވެސް ހިމެނެ އެވެ. ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި 24 ސިއްރު ހެކިން ހިމެނެ އެވެ.

ހެކީގެ ތަފްސީލް -

  • ތަހުމީނާ ދެކޮޅަށް 113 ޝަފަހީ ހެއްކާއި 86 ކިތާބީ ހެކި

  • މުޖާޒާ ދެކޮޅަށް 103 ޝަފަހީ ހެއްކާއި 80 ކިތާބީ ހެކި

ދައުލަތުން ހެކި ހުށަހެޅުމުން، މުޖާޒާއި ތަހުމީނުގެ ދިފާއީ ވަކީލުން ވިދާޅުވީ، ދިފާއުގައި ލިޔުމުން ހެކި ހުށަހަޅާނެ ކަމަށެވެ. މައްސަލަ ބަލާ ބެންޗުން ވަނީ ދިފާއީ ހެކި ހުށަހެޅުމަށް 10 ދުވަހު މުއްދަތެއް ދެމީހުންނަށް ވެސް ދީފަ އެވެ.

ދައުލަތުން ގިނަ އަދަދެއްގެ ހެކި ހުށަހެޅުމުން، ބެންޗުން ވަނީ ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު، ހެކި މަދުކުރެވޭނަމަ އެކަން ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

މިއަދުގެ އަޑުއެހުމަށް، މައްސަލައިގައި ދައުވާ ލިބޭ އަލީ ހައިޝަމް ވެސް ހާޒިރުކުރި އެވެ. ނަމަވެސް އޭނާ ބުނީ މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. ވަކީލަކު ހަމަޖައްސަން މީގެ ކުރިން ވެސް އޭނާއަށް ވަނީ ފުރުސަތު ދީފަ އެވެ. އެކަން ބެންޗުން ވެސް ފާހަގަ ކުރި އެވެ.

ނަމަވެސް ހައިޝަމް ބުނީ، މައްސަލައަކީ ބޮޑު މައްސަލައަކަށް ވުމުން، ވަރަށް ގިނަ ވަކީލުންގެ "ރިޒަވޭޝަންސް" ހުރި ކަމަށެވެ. އަދި މިހާރު ބައެއް ވަކީލުން ޝޯޓްލިސްޓް ކޮށްފައިވާނެ ކަމަށާއި ވަކީލަކު ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބެންޗުން ވަނީ ހައިޝަމަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ އިތުރު ފުރުސަތެއް ދީފަ އެވެ.

ދައުވާ ލިބޭ އަލީ ހައިޝަމް ކޯޓުން ނެރެގެން ގެންދަނީ. އޭނާއަށް ވަކީލަކު އައްޔަންކުރަން އިތުރު ފުރުސަތެއް ވަނީ ދީފައި، 21 ސެޕްޓެމްބަރު 2021 (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަލީ ހައިޝަމްގެ މައްޗަށް:

1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން

ސަބަބު: އަލީ ހައިޝަމް އިތުރުބަޔަކާ އެކު، 2021 އަހަރުގެ ކުރީކޮޅުން ފެށިގެން، ހުޅުމާލެ، ރަބަރުގަސްމަގު 04ގައި ހުންނަ ކިއޮސްކް ކެފޭއާއި، ރަބަރުގަސްމަގު 09ގައި ހުންނަ ހުވޭ ނާސްތާ ހޮޓަލުގައި މިމީހުން ބައްދަލުކޮށް، ނަޝީދުގެ ލޭ ހުއްދަކޮށް، އޭނާގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ ސައިކަލުގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލާފައިވާތީ

އަދަބު: 17-20 އަހަރުގެ ޖަލު ހުކުމް   

2. ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުން

ސަބަބު: އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލު ހުޅުމާލެއިން މާލެއަށް ގެންގޮސް ނީލޯފަރުހިނގުމާއި މަޖީދީމަގާ ގުޅުނު ކަންމަތީގައި ޕާކްކޮށް ގޮއްވާލާފައިވާތީ

އަދަބު: 12-15 އަހަރުގެ ޖަލު ހުކުމް  

3. ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން

ސަބަބު: ގޮއްވާލި ސައިކަލުގައި އައިއީޑީއެއް ހަރުކުރުމުގައި އަލީ ހައިޝަމް އަމަލީގޮތުން ބައިވެރިވެފައިވާތީ

އަދަބު: 17-20 އަހަރުގެ ޖަލު ހުކުމް

އެނގުން މުހިންމު - މި ތިން މީހުންނަކީ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނެވެ. އެމީހުންގެ ބަންދު މުރާޖައާކުރުމަށްފަހު، އެމީހުން ދޫކޮށްލައިފި ނަމަ އަދިވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ، ބަންދަށް ބަދަލުގެންނަން ނުފެންނަ ކަމަށް ބެންޗުން ނިންމި އެވެ. އަދި އެމީހުން ރިމާންޑު ޖަލަށް ބަދަލުނުކޮށް ލަސްވާ ސަބަބު ބަލައި، ވީ އެންމެ އަވަހަށް ރިމާންޑު ޖަލަކަށް ބަދަލުކުރަން ވެސް އެންގި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް