ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުގެ އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އަދުހަމް އަހުމަދު ރަޝީދުގެ ކޯޓަށް ހާޒިރު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޓައިމްލައިން

ޓައިމްލައިން: މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު ހިނގައިދިޔަ މުހިންމު ކަންތައްތައް

6 މެއި 2021 ވީ ބުރާސްފަތި ދުވަހު ރޭގަނޑު 8:27ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު ހިނގައިދިޔަ މުހިންމު ކަންތައްތަކުގެ ޓައިމްލައިން
20 އޮކްޓޯބަރު 2021
  • 19 ނޮވެމްބަރު 2021 - މިދިޔަ މޭ 6ގައި  ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް އެމަނިކުފާނު ބަޔާން ދެއްވި. ފުލުހުންގެ ތަހުގީގަށް ނަޝީދުގެ ފަރާތުން ބަޔާނުގެ ޑްރާފްޓެއް ދިނީ މިއަދު.

  • 20 އޮކްޓޫބަރު 2021 - ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ދެ މީހަކަށް ދައުވާ ކުރަން ފޮނުވައިފި. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނިގޮތުގައި އެ މީހުންގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދު. އެ ދެ މީހުންނަކީ: އަބްދުﷲ އަލީ މަނިކު، ބަހާރުގެ، ހއ. މޮޅަދޫ؛ މުހައްމަދު ތަސްލީމް، އަލަނާސިގެ، ހއ. ހޯރަފުށި.

  • 25 ސެޕްޓެމްބަރު 2021 -  ނަޝީދަށް އަމާޒުކޮށް މެއި 6 ގައި ޓެރަރިސްޓު ހަމަލާއެއް ދިން އަދުހަމް އަހުމަދު ރަޝީދުގެ އިއުތިރާފު އެއްބަސްވުން ކަށަވަރުކުރުމަށް ދެން ބާއްވާ އަޑުއެހުން ވެސް ސިއްރުކުރަން ނިންމި.  ޕްރޮސެކިއުޓާ ޖެނެރަލް  އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު 'ދައުރު' ނޫހަށް ވިދާޅުވީ ދެން އޮންނާނީ އިއުތިރާފު އެއްބަސްވުން ކަށަވަރުކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށާއި އެ އަޑުއެހުމުގައި، އިއުތިރާފު އެއްބަސްވުމުގައި ހުރި ކަންތައްތަކާ ގުޅިގެން ފަނޑިޔާރުން ކަންކަން ސާފުކުރާނެ ކަމަށް.

  • 21 ސެޕްޓެމްބަރު 2021 - ބޮން ގޮއްވާލަން ރިމޯޓަށް ފިތާލި އަދުހަމް އަހުމަދު ރަޝީދު، ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން، ކުރިމިނަލް ކޯޓުގައި ދައުވާތަކަށް އިއުތިރާފުވި.

  • 13 ސެޕްޓެމްބަރު 2021 - ޓެރަރިސްޓް ހަމަލާގައި ތުހުމަތުކުރެވޭ އިތުރު ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި. އެއީ ފަހުމީ އަލީ، ގއ. ވިލިނގިލި، ހުދުރުވާގެ، މުހައްމަދު ނާޒިމް، އއ. މާޅޮސް، އަސަރީގެ، އަދި އިސްހާގު، މ. ކުދެހިގެ. ފަހުމީ އަލީއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ. މުހައްމަދު ނާޒިމަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ. އިސްހާގުގެ މައްޗަށް އުފުލީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ.

  • 18 އޯގަސްޓް 2021 -  ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ހިނގާ ގޮތް ބަލައި އަދި އެމަނިކުފާނު ތަމްސީލުކުރެއްވުމަށް ވަކީލެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ކްރިސްޓީ ބްރައިމްލޯ ހަމަޖެއްސި.

  • 11 އޯގަސްޓް 2021 -   ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް ނޫސް ކޮންފަރެންސެއްގައި ވިދާޅުވި.

  • 10 އޯގަސްޓް 2021 -  ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމުގެ ތަހުގީގު ފުޅާކޮށް އަދި އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ސޯލިހު އެ ތަހުގީގަށް އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ޓްވީޓެއްގައި ވިދާޅުވި.

  • 3 އޯގަސްޓް 2021 - ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް 13 ދައުވާއެއް އުފުލައި މައްސަލަ ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވި. ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު، 25،  މއ. ފޭރުގޭ މުޖާޒް އަހުމަދު، 21،  ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު، 32، އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، 27،ގެ މައްޗަށް.

  • 3 އޯގަސްޓް 2021 -  ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ހަމީދު ޓްވީޓެއްގައި ވިދާޅުވި.

  • 29 ޖުލައި 2021 - ހަމަލާ ރޭވުމުގައި އިސްކޮށް މަސައްކަތް ކުރި އަލީ ހައިޝަމްގެ މަށްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވި.

  • 4 ޖުލައި 2021 - ފުލުހުންގެ ތަހުގީގަށް ނަޝީދުގެ ބަހެއް އަދި ލިބިފައި ނުވާ ކަމަށް ފުލުހުން ބުނި.

  • 24 ޖުލައި 2021 -  ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް ތިބި މީހުން ހައްޔަރުކޮށްފައިވާ ކަމަށް  ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި. ހައްޔަރުކޮށްފައިވާ މީހުންނަށް، އެ ހަމަލާދޭން ވިސްނައިދީ ނަސޭހަތްދިން ކަމަށް ތަހުގީގަށް ފާހަގަކުރެވުނު އެންމެ އިސް އެކަކީ އައްޑޫން ހައްޔަރުކުރި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން ކަމަށް ހަމީދު ވިދާޅުވި. 

  • 24 ޖުލައި 2021 - ނަޝީދަށް ހަމަލާ ދިނީ ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްގެން ކަމަށް ނޫސް ކޮންފަރެންސެއްގައި ފުލުހުން ބުނި.

  • 21 ޖުލައި 2021 - ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރި. އެ ތިން މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު ރަޝީދު، 25، މއ. ފޭރުގޭ މުޖާޒް އަހުމަދު، 21 އަދި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު، 32.

  • 21 ޖުލައި 2021 -  ނަަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތުގައި ހަތަރު މީހަކަށް ދައުވާކޮށްދޭން އެދި  ފުލުހުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ހުށަހެޅި.

  • 11 ޖުލައި 2021 - މަޖިލީހުން އެކުލަވާލި ރިޕޯޓުގައި އަޅަން ލަފާ ދީފައިވާ ފިޔަވަޅުތައް އަޅަން ނަޝީދު އެދިވަޑައިގަތް.

  • 11 ޖުލައި 2021 - އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އަށާއި މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރަށް އެރުވި.

  • 9 ޖުލައި 2021 - އިންކުއަރީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި. ފާސްކުރަން 58 މެމްބަރުން ވޯޓް ދިން.

  • 9 ޖުލައި 2021 - އިންކުއަރީގެ ރިޕޯޓަކީ ވަރަށް ފުރިހަމަ ރިޕޯޓެއް ކަމަށް ނަޝީދު ޓްވީޓެެއްގައި ވިދާޅުވި.

  • 8 ޖުލައި 2021 -  241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ރިޕޯޓް އެ ކޮމެޓީގެ 13 މެމްބަރުންގެ އިއްތިފާގުން ފާސްކުރި.

  • 5 ޖުލައި 2021 - ލަންޑަނުގައި ހުންނަވައި ރައްޔިތުންގެ މަޖިލީހުގެ "އާސްކް ސްޕީކާ" ޕްރޮގްރާމް ނަޝީދު ކުރިއަށް ގެންދެވި. ބޮން ގޮއްވާލުމާ ގުޅިގެން ކުރަންވީ އެންމެ މުހިންމު ކަމަކީ އެކަން ރާވައި ހިންގި މީހުންނާއި ހަރަދުކުރި މީހުން ހޯދައި ހައްޔަރުކުރުން ކަމަށް ވިދާޅުވި.

  • 29 ޖޫން 2021 - ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި އަށް މީހެއް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ރައީސް ސޯލިހް ނޫސް ކޮންފަރެންސެއްގައި ވިދާޅުވި.

  • 28  ޖޫން 2021 - ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން އުފައްދާފައިވާ 'މޭ 6 ކޮމިޓީ' އިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ  ޑިފެންސް މިނިސްޓްރީގައި ބައްދަލުކުރި.

  • 26 ޖޫން 2021 - އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ބައްދަލުވުމެއްގައި ނަޝީދު  ވާހަކަފުޅުދެއްކެވި. ހާލުކޮޅު ޖުމުލަކޮށް ރަނގަޅު ކަމަށާއި  ނަމަވެސް ބައެއް އިނގިލިތަކާއި ފައި އަދި ކަންފަތް ފަދަ ތަންތަނުގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވި. އަދި ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑު ކަމަށާއި އަމިއްލައަށް މަރުވެގެން ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑު ކަމަށް ވެސް، އެމްޑީޕީގެ "ކްލަބް ހައުސް ހަރުގެ"ގައި ވާހަކަ ދައްކަވަމުން، ނަޝީދު ވިދާޅުވި.

  • 26 ޖޫން 2021 - ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އިންކުއަރީއަށް ހާޒިރުކުރި. 

  • 26 ޖޫން 2021 - އޭޑީކޭ ހޮސްޕިޓަލުގައި ނަޝީދަށް ފަރުވާ ދިން ޓީމުގެ އިސް ޑޮކްޓަރުންތަކެއް މަޖިލީހުގެ އިންކުއަރީ އަށް ހާޒިރުކުރި. އޭގެ ތެރޭގައި ޑރ. އަބްދުﷲ ނިޔާފް އާއި ޑރ. އަހުމަދު ނިޝާން ހިމެނޭ. 

  • 24 ޖޫން 2021 - ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ވުއަލްފްގަންގް ޝުއައިބުލައާ   ނަޝީދު ބައްދަލު ކުރެއްވި. މިއީ ހަމަލާއަށް ފަހު ނަޝީދުގެ ފުރަތަމަ ރަސްމީ ފެނިލުން.

  • 21 ޖޫން 2021 - 241 ކޮމިޓީގެ އިންކުއަރީ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރުކުރި.

  • 20 ޖޫން 2021 - މަޖިލީހުގެ އިންކުއަރީ އަށް މައުލޫމާތު ހޯދުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ދެވަނަ ފަހަރަށް ހާޒިރު ކުރި. 

  • 12 ޖޫން 2021 - ހަމަލާ ދިން ވަގުތު ނަޝީދުގެ އަރިހުގައި ތިބި ސިފައިންގެ ބޮޑީގާޑުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ އަށް ހާޒިރުކުރި. ހަމަލާ ދިން އިރު ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ ތިން އޮފިސަރަކު ތިބި.

  • 11 ޖޫން 2021 - ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިންނާއި ކަރެކްޝަންސް ގުޅިގެން އޮޕަރޭޝަނެއް ފެށި. 

  • 26 މޭ 2021 - ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ރައީސް ސޯލިހް ނޫސް ކޮންފަރެންސެއްގައި ވިދާޅުވި. 

  • 21 މޭ 2021  - ޓެރަރިޒަމް ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް ފަހު ނަޝީދު ހޮސްޕިޓަލުން ދޫކޮށްލި. ނަމަވެސް މަހެއްހާ ދުވަސްވަންދެން ހަފުތާއަކު ދެ ފަހަރު ޗެކަޕް ހަދަން ޖެހޭ.

  • 20 މޭ 2021 - ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔައިރު އެ ތަނުގެ ފާހާނާގެ ތެރޭގައި ފިސްތޯލައެއް ބޭއްވި ސިފައިންގެ މީހަކު ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އަދި މިލިޓަރީ ޕޮލިހުން މި މައްސަލަ ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނި. ހޮސްޕިޓަލްގެ މުވައްޒަފަކަށް ފިސްތޯލަ ފެނިގެން ފުލުހުންނަށް އެކަން އެންގުމުން ފިސްތޯލަ އެމްއެންޑީއެފާ ހަވާލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށްވޭ.

  • 19 މޭ 2021 - ޓެރަރިޒަމްގެ ތުހުމަތުގައި ބ. ދަރަވަންދޫން މީހަކު ހައްޔަރުކުރި. އެއީ  ލ. ގަމު އަހްމަދު ފާތިހު.

  • 18 މޭ 2021 - މަޖިލިސް އިދާރާގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނި. އެއީ މަޖިލިސް އިދާރާއަށް ނުރައްކަލެއް އޮތް ކަމަށް މައުލޫމާތު ލިބުމާ ގުޅިގެން. 

  • 18 މޭ 2021 - ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ އަބްދުﷲ އަލިމަނިކު، 49، މާލޭން ހައްޔަރުކުރި. ކޯޓު އަމުރުގައި ވާ ގޮތުން އޭނާ ހައްޔަރުކުރީ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމަށް ތުހުމަތުކުރެވޭތީ. އަބްދުﷲ އަލިމަނިކަކީ އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މައްސަލާގައި 2007 ވަނަ އަހަރު ހައްޔަރުކޮށް 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި މީހެއް.

  • 15 މޭ 2021 - ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި ކުރިއަށް ގެންދިޔަ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކުރި. 

  • 15 މޭ 2021 - ނަޝީދަށް ލިބުނު ޒަހަމްތަކުގެ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާއިލާ އިން އާއްމުކުރި.

  • 14 މޭ 2021 - ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ރިޕޯޓް ކުރެއްވި ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވި. ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމަށް އާންމު މީހެއްގެ ފަރާތުން ލިބުނު މައުލޫމާތު އިލްޔާސް ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް.

  • 13 މޭ 2021 - ލިބިވަޑައިގަތް ޒަހަމްތަކަށް އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންނެވި. ފުރާވަޑައިގަތީ ޖަރުމަނު ސަރުކާރުން ހަމަޖައްސައިދިން ޖެޓެއްގައި.

  • 11 މޭ 2021 - ބޮމުގެ ހަމަލާގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ ކަމަށް ފުލުހުން ބުނި.

  • 11 މޭ 2021 - އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހަތަރު މެންބަރުންގެ ކޮމިޓީއެއް  އުފެއްދެވި. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން. 

  • 11 މޭ 2021 - ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނި.

  • 11 މޭ 2021 - ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުން އަންނަ ސެކިއުރިޓީ އިތުރަށް ވަރުުގަދަ ކުރަން ގާނޫނުތަކަށް ބަދަލު ގެނައުމަށް އެޓާނީ ޖެނެރަލަށް ރައީސް ސޯލިހް އެންގެވި.

  • 11 މޭ 2021 - ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދަން އެ މަނިކުފާނުގެ އާއިލާ އިން ނިންމާފައިވާ ކަމަށް އާއިލާއިން ބުނި.

  • 11 މޭ 2021 - އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ތަހުގީގު ޓީމުގެ ބޭފުޅުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާ  ބައްދަލުކުރެއްވި.  

  • 11 މޭ 2021 - ބޮމުގެ ހަމަލާގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ ކަމަށް ފުލުހުން ބުނި.

  • 10 މޭ 2021 - މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނި.

  • 9 މޭ 2021 - ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނުމުގައި އަމަލީގޮތުން އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކުރެވޭ  ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު، 25،  ހެނދުނު ހުޅުމާލެ އިން ހައްޔަރުކުރި. އަދުހަމް ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓް (95-ޖީ-02) އިން. އަދުހަމް ވަނީ ސިފަ ބަދަލުކުރަން މަސައްކަތްކޮށްފައި. މިގޮތުން ބޯ ކޮށައި، ތުނބުޅި ވަނީ ބާލައިފައި. އަދުހަމަކީ 2013 ގައި އެފްއޭއެމުން އެކުލަވައިލި އުމުރުން 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެއް.

  • 9 މޭ 2021 - ހައްޔަރުކުރި އެއްވެސް މީހަކު ޓެރަރިސްޓް ގުރޫޕަކާ ގުޅުން އޮތް ކަމެެއް ނުވަތަ ނިސްބަތްވާ ކަމެއް ނޭނގޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި.

  • 9 މޭ 2021 - ޓެރަރިސްޓް ހަމަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަމިއްލަފުޅަށް ކޯޓުގައި ވަކާލާތު ކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވި.

  • 8 މޭ 2021 - ހަމަލާއާ ގުޅިގެން ދެ މީހަކު މެންދުރު ހައްޔަރުކުރި. އެއީ މއ. ފޭރުގެ، މުޖާޒް އަހުމަދު، 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީނު އަހުމަދު، 32. 

  • 8 މޭ 2021 - ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ވަރާ ދޭތެރޭގައި ޑޮކްޓަރުން ހިތްހަމަޖެހޭ ކަމަށާއި އެ މަނިކުފާނު މިހާރު ވަނީ ލައިފް ސަޕޯޓިން މެޝިނުން ނަގާފައި ކަމަށް އާއިލާއިން ބުނި.

  • 6 މޭ 2021 (ބުރާސްފަތި) 8:27 ރޭގަނޑު - ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވައިލި. ނަޝީދަށް ބޮމުގެ ހަމަލާ ދިނީ ނުރަސްމީ ބައްދަލުވުމަކަށް ކުރުނބާ ރިސޯޓަށް ވަޑައިގަތުމަށްޓަކައި ގެއިން ނުކުމެވަޑައިގެން ބޮޑީގާޑުންނާ އެކު ހިންގަވާފައި ވަޑައިގެން، މަޖީދީމަގުގައި ޕާކްކޮށްފައި އޮތް  އެމަނިކުފާނުގެ ރަސްމީ ކާރަށް އަރައިވަޑައިގަންނަވަނިކޮށް. ނަޝީދު އޭޑީކޭއަށް ގެންދިޔަތާ 10 ވަރަކަށް މިނެޓްގެ ތެރޭގައި ތިއޭޓަރަށް ގެންގޮސް ފަރުވާ ދޭން ފެށި.

އިތުރު އާޓިކަލް

އިތުރު އާޓިކަލް