އައްޑޫގައި ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން، 21.

ޒަޔާންގެ މަރު

ޒަޔާންގެ މަރުގެ މައްސަލައިގައި ހިމެނޭ ކުޑަކުދިންނަށް ދައުވާކުރަން ފޮނުވައިފި

މި މައްސަލައިގައި ދެ ކުޑަކުއްޖަކު ކުށަށް އިއުތިރާފުވެފައި ވާއިރު، 18 އަހަރުން މަތީގެ މީހުންގެ ބައި އަދިވެސް ގެންދަނީ ތަހުގީގުކުރަމުން
9 އޮކްޓޯބަރު 2022

އައްޑޫ ފޭދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކަކަށް ފަހު މިދިޔަ ޖޫން މަހު މުހައްމަދު ޒަޔާން މަރާލި މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންނަށް ދައުވާކުރަން ކޯޓަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގަށް ނުވަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 18 އަހަރުން މަތީގެ ފަސް މީހުން

  • 18 އަހަރުން ދަށުގެ ހަތަރު ކުޑަކުދިން

ތަފްސީލު - ހައްޔަރުގައި ތިބި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންނަށް ދައުވާކުރަން ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި:

  • ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކަށް ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

  • އަނެއް ތިން ކުދިންނަށް ކޮށްފައިވަނީ ހަމަ އެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ؛ އޭގެ ތެރެއިން ދެ ކުއްޖަކު ކުށަށް އިއުތިރާފުވެ، ޑައިވާޝަންގެ ފުރުސަތަށް އެދުމުން ޑައިވާޝަން އެގްރިމަންޓު ވަނީ ހަދާފައި

  • މި މައްސަލައިގައި ތުހުމަތު ކުރެވޭ 18 އަހަރުން މަތީގެ ފަސް މީހުންގެ ބައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން؛ ކުރަން ހުރި މަސައްކަތަށް ބެލުމަށްފަހު ތަހުގީގުގެ މުއްދަތު ޕީޖީ އޮފީހުން އަންނަނީ އިތުރުކޮށްދެމުން

އެނގުން މުހިންމު - ޑައިވާޝަން އަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުދިންނަށް ޝަރުއީ ނިޒާމުގެ ބޭރުން ފުރުސަތު ހޯދައިދިނުމަށް ދެވޭ ފުރުސަތެކެވެ. ޑައިވާޝަން ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމުމުގައި ބަލަންވީ ކަންކަމާއި ތަހުގީގީ މަރުހާލާ އާއި ދައުވާކުރުމުގެ މަރުހާލާގައި ޑައިވާޝަން ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމުމުގައި ކަމާ ބެހޭ ތަހުގީގީ އިދާރާއަށް ނުވަތަ ޕީޖީ އޮފީހަށް ލަފާދޭނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖީޖޭ) އިންނެވެ.

މައްސަލައިގެ ފެށުން - ފޭދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކަކަށް ފަހު މިދިޔަ ޖޫން 2 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން، ސ. ފޭދޫ/ސޮލިޑް މަރާލީ ގޭންގަކުން އޭނާ ދިރިއުޅޭ ގެއަށް ވަދެގެންނެވެ.

ތަފްސީލު - ޒަޔާން މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ:

  • އައްޑޫގެ 'މަގުއްދޫ ގްރޫޕް'އަށް ނިސްބަތްވާ ބައެއް

  •  އެ މީހުން ހައްޔަރުކުރި އިރު، އައްޑޫގައި ހަރަކާތްތެރިވާ ފުލުުހުން ރިޝްވަތު ނަގާ ކަމަށް ބުނެ ވަކިވަކި ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ވެސް ކުރި

  • އައްޑޫގެ ބައެއް އާންމުން ވެސް އެ ވާހަކަތަކަށް އެއްބަސްވެ، އެފަަދަ ތުހުމަތުތައް އައްޑޫގައި ހަރަކާތްތެރިވާ ފުލުހުންނަށް ކުރޭ

'ދައުރު'ން އެ ތުހުމަތުތައް ރިޕޯޓް ކުރުމާ ގުޅިގެން އެތެރޭގެ ތަހުގީގެއް ފަށައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކުނު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް ވަނީ މީގެ ކުރިން މި ނޫހަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެ ތަހުގީގު ގޮސްފައިވާ ހިސާބެއް އަދި ނޭނގެ އެވެ.

އޭގެ އިތުރުން، މި މައްސަލައިގެ ތަހުގީގުގެ ކުރީކޮޅު، ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ވެސް މީހަކު ހައްޔަރުކުރި އެވެ.

ޒަޔާންގެ މަރާ ގުޅޭ ހާއްސަ ކަވަރޭޖު - 

އިތުރު އާޓިކަލް

އިތުރު އާޓިކަލް