މުހައްމަދު ޒަޔާން: އޭނާ މަރާލީ ހަތަރު މީހަކު އޭނާގެ ގެއަށް ވަދެ ދިން ހަމަލާތަކުގައި

ޒަޔާންގެ މަރު

ޒަޔާންގެ މަރު: އޯޑަރު އައީ މާލެއިން، ކޮންމެވެސް އެކަކު މަރާލަން

މީހަކު މަރާލާނެކަމަށް ބުނެ ދިނީ 48 ގަޑިއިރުގެ މުހުލަތެއް
28 ޖޫން 2022

މުހިންމު ނުކުތާތައް

ޒަޔާންގެ ގޭގެ ދޮރުގައި އިންޒާރުގެ ނޯޓެއް ހުރި ކަމަށް ބުންޏަސް ފުލުހުން އެކަން ދޮގުކުރޭ

ފުލުހުން ބުނަނީ އެއްވެސް ބަޔަކު ދެކެ ޖެހިލުންނުވާނެ ކަމަށް

ޒަޔާން މަރާލި ގްރޫޕްގެ ލޯގޯ ގެއެއްގެ ފާރުގައި އަދިވެސް އެބަ ހުރި

ސ. ފޭދޫ - މި ރަށު ރައްޔިތުންނަށް 2 ޖޫންގައި ހޭލެވުނީ އަނިޔާވެރި ގޮތަކަށް ޒުވާނަކު މަރައިލި ހަބަރާ އެކު އެވެ. އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މަރާލީ އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރޭގަ އެވެ. ފޭދޫގައި އޮޕަރޭޓު ކުރާ ގޭންގަކަށް ނިސްބަތްވާ ބަޔަކު ދިން ރަހުމު ކުޑަ ހަމަލާއަށް ފަހު އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދޭން ފެށިޔަސް، ފުރާނަ ސަލާމަތްކުރެވޭ ވަރެއް ނުވި އެވެ. 

ހަށިގަނޑުގެ އެ ތަން މިތަނަށް ވަޅިން ހަމަލާދިނެވެ. ބައެއް އަނިޔާތަކުން އެނގެނީ މަރާލި މީހުން އުޅުނީ އޭނާގެ އެއް އަތް، ކުޑަ ހުޅުން ބުރި ވެސް ކޮށްލަންކަމެވެ.

އިތުރަށް ކިޔާލަން -

އާދައިގެ ކަމަކުން ފެށި މާރާމާރީތައް ބޮޑުވެ، ނުރައްކާވެފައި

ޒަޔާން މަރާލީ ފޭދޫގެ ދެ ގުރޫޕަކަށް (މަގުއްދޫގައި އޮންނަ ގުރޫޕާއި މާދެލަ ސަރަހައްދުގައި އޮންނަ ގުރޫޕަށް) ނިސްބަތްވާ ބައެއްގެ މެދުގައި ހިނގި ސިލްސިލާ މަރާމާރީތަކަކަށް ފަހު އެވެ.

ސ. ފޭދޫގައި އޮންނަ މާދެލަ ގުރޫޕާއި މަގުއްދޫ ގުރޫޕު އޮޕަރޭޓު ކުރާ ސަރަހައްދުތައް.

މި ފަހުން ހިނގި ސިލްސިލާ މާރާމާރީތައް ފެށެނީ މި އަހަރުގެ ކުޑަ އީދު ދުވަހު އެވެ. އެ ދުވަހު އެއް ގުރޫޕުން އަނެއް ގުރޫޕު މީހުންގެ ގަޔަށް ފެން ޖެހުމާއި އެއަށް ފަހު ދެ ގުރޫޕުގެ ދެމެދުގައި މާރާމާރީތަކެއް ހިނގި އެވެ. މަގުއްދޫ ގުރޫޕަށް ނިސްބަތްވާ މީހުން މާދެލަ އަވަށަށް އަރައި މީހުން ފަހަތުން ދުވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުތަކެއް ވެސް ފޭސްބުކްގައި މި ފަހުން ވަނީ އާންމުވެފަ އެވެ.

ފޭދޫގައި އޮންނަ މަގުއްދޫ ގުރޫޕަށް ނިސްބަތްވާ ބަޔަކު ރަށުގެ އެހެން އަވަށަކަށް އަރައި މީހެއްގެ ފަހަތުން ވަޅި ހިފައިގެން ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ.

މާރާމާރީތަކުގެ ވަކި ހިސާބަކުން ފާޅުގައި މަރުގެ އިންޒާރު ދޭން ފެށި އެވެ. ފެން ޖެހި ދުވަހު މާރާމާރީ ހިންގި ތަނުގައި ޒަޔާން ނެތް ކަމަށް އެ ދުވަހު މަންޒަރު ދުށް މީހުން 'ދައުރު'އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް މި ކަންތައްގަނޑުގެ ތެރޭގައި ޒަޔާން އާއި އޭނާގެ މަންމަ އާއި ބައްޕައަށް ވެސް އޮތީ މަރުގެ އިންޒާރު ދީފަ އެވެ.

ޒަޔާން މަރާލުމުގެ ދެ ދުވަސް ކުރިން، މެއި 31 ވަނަ ދުވަހު ވެސް ބޮޑު މާރާމާރީއެއް ފޭދޫގައި ހިންގި އެވެ. މަގުއްދޫ ގުރޫޕުން މާދެލަ ގުރޫޕުގެ މީހަކު އަތުޖެހޭތޯ އެ ހިސާބަށް އަރައި އުޅެނިކޮށް ހިންގި މާރާމާރީގައި މަގުއްދޫ ގުރޫޕަށް ނިސްބަތްވާ 19 އަހަރުގެ މީހެއްގެ ސިކުނޑިއަށް ލޭ އެޅި، އިތުރު ފަރުވާއަށް މާލެ ގެނަ އެވެ.

"ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ބޮއެގެން ތިބެ މި ހިސާބުގަނޑަށް އައިސް، ވަޅި ހޫރުވާ، ސައިކަލުން އަޑުގަދަކުރޭ. އެގޮތަށް އައި ފަހަރެއް އެއީ ވެސް،" މާދެލަ އަވަށުގައި ދިރިއުޅޭ އާންމުންގެ މީހަކު، ނަން ނުޖަހަން ޝަރުތުކޮށް، ކިޔައިދިނެވެ.

މި ރަށު އުމުރުން ދުވަސްވީ މީހަކު ވެސް ކިޔައިދިނީ ހަމަ އެފަދަ ވާހަކަތަކެކެވެ. އެ ގުރޫޕުގެ މިފަދަ އަމަލުތައް އޭނާ ސިފަކުރީ އާންމު އުނދަގުލެއްގެ ގޮތުގަ އެވެ.

"އެ މީހުން ތިބޭ ތަނަކުން ނުކެރޭ ދަރިޔަކު ގޮވައިގެން ހިނގަން ވެސް. ކޮންމެ ފަދަ ހަޑިހުތުރު އެއްޗެކޭ ވެސް ކިޔާފާނެ،" ފޭދޫގެ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

މަގުއްދޫ ގުރޫޕުން އެކި މީހުންނަށް މަރުގެ އިންޒާރު ދޭން ފެށީ މި މާރާމާރީ ހިނގި ރެއިން ފެށިގެންނެވެ.

ގޭންގު މާރާމާރީއެއްގައި ފޭދޫގެ ފުރަތަމަ މަރު: އޯޑަރު މާލެއިން

ރަށު ތެރެއިން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި މީގެ ކުރިން މާރާމާރީ ހިންގިޔަސް ދުވަހަކު ވެސް އެ ރަށުގައި މިގޮތަށް ގޭންގު ހަމަލާއެއްގައި މީހަކު މަރާލާފައެއް ނުވެ އެވެ. އެކަން ކުރަން އޯޑަރު ދިނީ، އެ މީހުން ބުނާ ގޮތުގައި، މަގުއްދޫ ގުރޫޕާ މާލެއިން ގުޅިފައި އޮންނަ ގޭންގަކަށް ނިސްބަތްވާ މީހެކެވެ.

"މިހާރު ދެން މާ ކަންތައް މައްޗަށް ދަނީ. އެ ތަނުން [މާދެލަ ގުރޫޕުން] ކޮންމެވެސް އެކަކު 'ދުއްވާލާ'،" ޒަޔާންއާ ގާތް ގުޅުމެއް އޮންނަ ޖައިލަމް (އަސްލު ނަމެއް ނޫން) 'ދައުރު'އަށް ކިޔައިދިނެވެ.

އޭނާއަށް އެ މައުލޫމާތު ލިބެނީ ސީދާ މަގުއްދޫ ގުރޫޕުގެ ތެރެއިން ކަމަށްވެ އެވެ. އޭނާ ބުނާ ގޮތުގައި މަގުއްދޫ ގުރޫޕުން ރާވާ މިފަދަ ކަންކަމުގެ 'ހިންޓު' ވަރަށް ގިނައިން އޭނާއަށް ލިބެ އެވެ. އޯޑަރު ދިން ކަމަށް ބުނާ މީހާގެ ވަނަވަރު 'ދައުރު'އިން ބެލިއިރު، އެއީ އައްޑުއަށް ނިސްބަތްވާ އެކަމަކު މާލޭގައި އޮަޕަރޭޓު ކުރާ ނުރައްކާތެރި ގޭންގެއްގެ އިސް މީހެކެވެ. މިއީ މަގުއްދޫ ގުރޫޕު ފޭދޫގައި ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގެ ފަހަތުގައި ތިބި 'ސްޕޮންސަރުން'ގެ ތެރެއިން މައި މީހުން ކަމަށްވެ އެވެ.

ޒަޔާން މަރާލަން މާލޭގައި ތިބެ ރޭވި މީހުންގެ ތެރޭގައި މާލޭގައި ދިރިއުޅޭ، މަގުއްދޫ ގުރޫޕުގެ އިސް މީހަކު ވެސް ހިމެނެ އެވެ. 'ދައުރު'އިން ބެލިބެލުމުގައި ޒަޔާންގެ މަރާ ގުޅިގެން އާއިލާއިން ފޭސްބުކްގައި ހިންގާ ޕޭޖުން ހިއްސާކުރާ ޕޯސްޓުތަކަށް އެ މީހާ މަލާމަތްކޮށްފައި ހުރެ އެވެ. 

ޒަޔާން މަރާލި ރޭ އެމީހާ އާއި އެ ގުރޫޕަށް މާލެއިން ވާގިވެރިވާ ގޭންގުގެ އިސް މީހުން، މާލޭގެ އެހެން ގޭންގުތަކަށް ގުޅި ކަމުގެ މައުލޫމާތު ވެސް ޖައިލަމްއަށް ވަނީ ލިބިފަ އެވެ. މިހާރު ވެސް އެހެން ގޭންގުތަކާ މައްސަލަ ޖެހިފައި އޮތް މި ބުނާ ގޭންގުން ބޭނުންވީ، ޒަޔާންއަށް ހަމަލާ ދިނުމުން އެއްވެސް ބަޔަކު ބަދަލު ހިފާނެތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށެވެ. ޒަޔާންއަކީ އެތަނުން ގޭންގަކަށް ނިސްބަތްވާ މީހެއްތޯ ބެލުމަށެވެ. ހަމަލާ ދިނީ އެކަން ޔަގީން ކުރުމަށް ފަހު ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ.

ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް:

  • މާލެއިން ދިން ކަމަށް ބުނާ އޯޑަރު އައީ ކޮންމެހެން ވަކި މީހަކު މަރާލާކަށް ނޫން

  • އޯޑަރު ދިން ކަމަށް ބުނަނީ މާދެލަ ހިސާބުގަނޑުގައި އުޅޭ ކޮންމެވެސް އެކަކު މަރާލަން

  • ޒަޔާންގެ އިތުރުން މާދެލަ އަވަށުގައި އުޅޭ އިތުރު މީހުންނާއި އެ މީހުންގެ އާއިލާތަކަށް ވެސް މަރުގެ އިންޒާރު ދިން

  • މަރުގެ އިންޒާރު ލިބުނު މީހުންގެ ތެރެއިން އެންމެ ފަސޭހައިން އަތުޖެހެން އޮތީ ވެސް އޭނާ

  • ޒަޔާން މަރާލުމުގެ ކުރިން ގޭންގަކުން ބަދަލުހިފަން މަސައްކަތް ކުރާނެތޯ ބެލި

މާލެއިން އައި ކަމަށް ބުނާ އެ އޯޑަރާ އެކު ޒަޔާން ދިރިއުޅޭ ގޭގެ ބޭރު ދޮރާއްޓަށް މަރުގެ އިންޒާރު ދީފައި އޮތް ނޯޓަކާ އެކު ކަތިވަޅިއެއް ޖެހީ މެއި 31 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ ނޯޓުގައި ޖަހާފައި އޮތް ކަމަށް، ބައެއް މީހުން ބުނަނީ، އެ ގޭގެ ތެރެއަށް ވަދެގެން ވިޔަސް 48 ގަޑިއިރުގެ ތެރޭގައި ޒަޔާން މަރާލާނެ ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ފައިން ނުވަތަ އަތުން ދޮރުގައި ޖެހުން ފަދަ ކަމެއް ހިނގި ނަމަވެސް، ފުލުހުން ބުނީ ކަތިވަޅިއެއް ޖަހާފައި ހުރި ކަމުގެ މައުލޫމާތު ނުލިބޭ ކަމަށާއި އެކަން ރިޕޯޓު ކުރުމުން އެ ތަނަށް ގޮސް ފޮޓޯ ނެގި ކަމަށެވެ.

ޖައިލަމްއަށް ވެސް އޮތީ މެސެޖަކުން ހަމަ އެފަދަ އިންޒާރެއް އައިސްފަ އެވެ. މެއި 31 ވަނަ ދުވަހުގެ ރޭ ދަންވަރު 2:56 ގައި އައްޑޫ ބަހުން ކޮށްފައިވާ އެ މެސެޖުގައި ވެސް އޮތީ 48 ގަޑިއިރުގެ ތެރޭގައި ގެއަށް ވެސް ވަންނާނެ ކަމަށެވެ. ދިރާގު ޑައިރެކްޓްރީ ސާވިސަސް މެދުވެރިކޮށް އެ ނަންބަރުގެ މައުލޫމާތު ބެލިއިރު، އެ ނަންބަރުގެ ވެރިފަރާތަކީ މަގުއްދޫ ގުރޫޕަށް ނިސްބަތްވާ މީހެކެވެ. އެއީ ޒަޔާން މަރާލަން ބޭނުންކުރި ވަޅިތައް ގަންނަން ދިޔަ ކަމަށް ބައެއް މީހުން ތުހުމަތުކުރާ މީހާ އެވެ. އާންމުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު، މިއީ ޒަޔާން އާއި ޒަޔާންގެ އާއިލާއަށް މަރުގެ އިންޒާރު ދިން މީހުންގެ ތެރެއިން އެކެކެވެ.

ޒަޔާންގެ ރަހުމަތްތެރިއެއްގެ ފޯނަށް މަގުއްދޫ ގުރޫޕަށް ނިސްބަތްވާ އަދި ޒަޔާން މަރާލަން ވަޅި ގަންނަން ދިޔަ ކަމަށް ބުނާ މީހާ މަރުގެ އިންޒާރު ދޭން ފޮނުވި މެސެޖުގެ ސްކްރީންޝޮޓެއް.

ޒަޔާންގެ މަރާ ގުޅިގެން މިހާރު ހައްޔަރުކޮށްފައި ތިބީ ހަތް މީހެކެވެ. އޭގެ ތެރޭގައި ޒަޔާން މަރާލަން އެ ގެއަށް ވަން މީހުންގެ ތެރޭގައި ހިމެނޭ މީހަކާއި ހަމަލާ ދިނުމަށް ފަހު ފިލަން ބޭނުންކުރި ކާރުގެ ވެރިފަރާތް ކަމަށް ބެލެވޭ މީހާ އާއި ވަޅި ގަންނަން ދިޔަ ކަމަށް ތުހުމަތުކުރާ މީހާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ވެސް ހައްޔަރުކޮށްފައި އެބަ ތިއްބެވެ.

އަހަރުތަކަކަށް ދެމިގެންދިޔަ ސިލްސިލާ މާރާމާރީތައް

ފޭދޫގައި ހިނގައިގެން އުޅޭ މާރާމާރީތައް ފެށިގެން އަންނަނީ މާދެލަ ގުރޫޕާއި މަގުއްދޫ ގުރޫޕުގެ ދެމެދުގައި އޮތް ދުވަސްވީ ރުޅިވެރިކަމަކުންނެވެ. މިތަނުން މަގުއްދޫ ގުރޫޕުގެ މޫލާފައިވަނީ ގިނަ އަދަދެއްގެ ގޭންގު އޮޕަރޭޓު ކުރަމުންގެންދާ މާލެއަށެވެ. މާދެލަ ގުރޫޕަކީ ގޭންގަކަށް ވުރެ ބޮޑަށް ރަށުގައި ފުޓުބޯޅަ ކުރިއަރުވަން މަސައްކަތް ކުރާ ބައެކެވެ. ނަމަވެސް ކަން ދިމާކުރާ ގޮތުން އެ އަވަށުގައި ވެސް އެކި ކަހަލަ މީހުން އުޅެ އެވެ.

މަގުއްދޫ ގުރޫޕާއި އެ ގުރޫޕާ މާލެއިން ގުޅިފައި އޮންނަ ގޭންގާ މައްސަލަ ޖެހޭ މީހުން ވެސް އާންމުކޮށް ގޮސް އުޅެނީ މާދެލަ ގުރޫޕާ އެކީގައި ނުވަތަ އެ ސަރަހައްދުގަ އެވެ. ޒަޔާން ކިޔެވިއިރު އެއްކޮށް އުޅުނު ރަހުމަތްތެރިން ވެސް އުޅުނީ އެ އަވަށުގައި ކަމަށް ވާތީ އާއި އޭގެ ކުރިން މަގުއްދޫ ގުރޫޕުގެ މީހަކާ ޖެހިފައި އޮތް މައްސަލައެއްގެ ސަބަބުން އޭނާ ވެސް ބޭރަށް ނުކުމެ އުޅެނީ އާންމުކޮށް މާދެލަ ހިސާބުގަނޑުގަ އެވެ.

އައްޑޫ ފޭދޫ މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އައްޑޫ ސިޓީ،ފޭސްބުކް ޕޭޖް)

މީގެ 23 ވަރަކަށް އަހަރު ކުރިން އެ ދެ ގުރޫޕުގެ ދެމެދުގައި ހަމަނުޖެހުން ހިނގަން ފެށި އަސްލު ސަބަބަކީ، އެ ރަށު މީހުން ބުނާ ގޮތުގައި، ފުޓުބޯޅައިގެ ވާދަވެރިކަމުން އުފެދުނު ހިތްހަމަނުޖެހުންތަކެވެ. އޭރު މަގުއްދޫ ގުރޫޕު އޮޕަރޭޓު ކުރަމުން ދިޔައީ މިހާރު ކިޔާ ނަމުގައެއް ވެސް ނޫނެވެ. މިހާރު ބޭނުންކުރާ ނަމަށް ބަދަލުކުރީ މީގެ ހަތް އަހަރު ވަރު ކުރިންނެވެ. ފުޓުބޯޅައިގެ ވާދަވެރިކަން ބޮޑު މިންވަރަކީ، ބައެއް ފަހަރަށް، މެޗަކުން ބަލިވިޔަސް، މުބާރާތަކުން ކެޓިޔަސް، އެ ބަދަލުވަނީ މާރާމާރީއަކަށެވެ.

މި މާރާމާރީތަކުގެ ފަހަތުގައި އޮތް އަނެއް ސަބަބަކީ ފޭދޫގައި ކުރާ މަސްތުވާތަކެތީގެ ވިޔަފާރި އެވެ. ރަށު މީހުން ބުނާ ގޮތުގައި އެންމެ ފުޅާ ދާއިރާއެއްގައި ފޭދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަނީ މަގުއްދޫ ގުރޫޕުންނެވެ. އެ ގުރޫޕުގައި ގިނައީ 25 އަހަރަށް ވުރެ ހަގު މީހުންނެވެ. ގިނަ މީހުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް އުޅެނީ އަގުބޮޑު ސައިކަލުތަކާއި ކާރުތަކުގަ އެވެ. ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރު ގައުމުތަކަށް ދަތުރު ކުރެ އެވެ. އެ ގުރޫޕަށް ނިސްބަތްނުވާ މީހަކު ރަށުގައި މަސްތުވާތަކެތި ވިއްކައިފި ނަމަ މާރާމާރީ ހިންގަ އެވެ. އަދި އެ ގުރޫޕުގެ މީހަކަށް ވިޔަސް، އެ ގުރޫޕުގެ ވެރިން ވިއްކަން ހަވާލުކުރާ މަސްތުވާތަކެތި ނޫން، އަމިއްލައަށް އެހެން ގޮތްގޮތުން ހޯދާ އެއްޗެއް ވިއްކައިފި ނަމަ، އެ މީހަކަށް ވެސް އަނިޔާކުރެ އެވެ.

މި ގުރޫޕަށް ނިސްބަތްވާ ބަޔަކު 30 އޭޕްރީލް 2022 ގައި ހުޅުމާލޭ ހިޔާ ފްލެޓަކުން މަސްތުވާތަކެއްޗާއި އެތަކެތި ބަންދުކުރަން ބޭނުންކުރާ ތަކެއްޗާއި ބައި ލައްކަ ރުފިޔާއާ އެކު ވެސް ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ޒަޔާން މަރާލުމުގެ ކުރިން އެ މީހުން ދޫކޮށްލި އެވެ. އަދި އޭނާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޔަގީނުން ވެސް އޭގެ ތެރެއިން އެކަކު ހިމެނެ އެވެ.

ޑުރަގު ފައިސާއިން ކުޑަކުދިންނާއި ފުލުހުން ވެސް 'ޖީބަށް ލައިގެން'

މަގުއްދޫ ގުރޫޕުން ފޭދޫގައި އިސްކޮށް ހަރަކާތްތެރިވަނީ ވަރަށް ޒުވާން އުމުރުގެ މީހުންނެވެ. އަދި އެމީހުންގެ ކުށުގެ ރެކޯޑްތައް ގިނަކަމުން ފޭދޫންނާއި ޖެހިގެން އޮންނަ މަރަދޫފޭދޫގެ ކިޔަވާ ކުދިން އެ ގުރޫޕަށް ރެކްރޫޓުކުރެ އެވެ. މިކަމަށް ބޭނުންކުރަނީ މަސްތުވާތަކެތި ވިއްކައިގެން ހޯދާ ފައިސާ އެވެ. އުމުރުން 15-16 އަހަރުގެ ކުދިން ވާވައްދަނީ އަގުބޮޑު ސްމާޓްފޯނު ފަދަ ތަކެތި އެ ކުދިންނަށް ގަނެދީގެންނެވެ. ފަހުން އެ ކުދިން އަޅުވެތިކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރަން މަގުމައްޗަށް ވެސް ނެރެ އެވެ.

"ފޭދޫ ސްކޫލުން ގުރޭޑް 10 ނިންމާ ކުދިން ޖެހޭނީ އަހަރެމެންނާ ގުޅެން. އެހެން ނޫނީ މި ރަށުގައި އުޅެން ވަރަށް އުނދަގޫ ވާނެ އެ ބަޔަކަށް،" މީގެ ދެ އަހަރު ކުރިން މަގުއްދޫ ގުރޫޕުގެ އިސް މީހަކު އެ ރަށު ކެފޭއެއްގެ ތެރޭގައި ހުރެ އާންމުކޮށް އަންގައި އިއުލާންކުރި އެވެ. އެ އަޑު އެހި މީހުން ބައިވަރެވެ. އެކަމަކު ހުއްޓުވަން ކުރެވުނު ކަމެއް ނެތެވެ. އޭގެ ހެއްކަކީ ޒަޔާންގެ މަރާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 ނުފުރޭ ކުޑަ ދެ ކުދިން ތިބުމެވެ.

ޒަޔާންގެ މަރާ ގުޅިގެން މަގުއްދޫ ގުރޫޕުގެ ބަޔަކު ހައްޔަރުކުރި ދުވަހު ވެސް އެ މީހުން މަސައްކަތް ކުރީ ފުލުހުންނަށް ބިރު ދައްކައިގެން ކޯޓަށް ނުގެންގޮސް ދޫކޮށްލާތޯ އެވެ. ފުލުހުންގެ ތެރޭގައި އެ މީހުން ހަރަދުކުރާ ބަޔަކު ތިބި ކަމަށާއި ދޫނުކޮށްފި ނަމަ ރިޝްވަތު ހިފި ފުލުހުން ހާމަކުރާނެ ކަމަށް ބުނަމުންދިޔަ އެވެ.

އިތުރަށް ކިޔާލަން -

ނަމަވެސް ފުލުހުންގެ ސައުތު ރީޖަންގެ ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް 'ދައުރު'އަށް ވިދާޅުވީ އެފަދަ އިންޒާރުތަކަށް ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"ސައުތު ޕޮލިސް ރީޖަން އަދި އައްޑޫ ޕޮލިސްގެ ފަރާތުން ޖެހިލުންވާ އެއްވެސް ބަޔަކު ނުތިބޭނެ، އެއްވެސް ބައެއްގެ ދަށުވެފައެއް ނުތިބޭނެ،" ޝަމީމް ވިދާޅުވި އެވެ.

"ގާނޫނަށް ވުރެ އެކަކަށް ވެސް މަތީގައެއް ނޫޅެވޭނެ. އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅެއް ކޮންމެ މީހަކާ ދޭތެރޭ ވެސް އަޅާނަން."

އޭނާ ވިދާޅުވީ ގާނޫނު ތަންފީޒު ކުރަން އެއްވެސް ހުރަހެއް އޮތް ނަމަ އެ ހުރަހެއް ވެސް ނައްތާލާނެ ކަމަށެވެ.

މަގުއްދޫ ގުރޫޕު ހިންގާ ގިނަ ޖަރީމާތައް ހިންގަނީ އާންމުންގެ ލޯ ކުރިމަތީގަ އެވެ. އެ މީހުން އެންމެ ގަދައަށް ހަރަކާތްތެރިވަނީ އަދި ތިބެނީ ވެސް ސީދާ ފޭދޫގެ ބޮޑުނމަގުގަ އެވެ. ޒަޔާންގެ މަރުގެ ކުރިން އެއީ ހަލަބޮލި ތަނެކެވެ. އެ މީހުން ތިބޭ ސަރަހައްދުން މީހުންނަށް ހިނގަން ދަތިވާނެ އެވެ. ސައިކަލާއި ބައިސްކަލުގައި އެ ގުރޫޕަށް ނިސްބަތްވާ އެކި ފުރައިގެ މީހުން ޕޭމަންޓުން މަތީގައި އެކި ކޮޅުކޮޅަށް ތިބެނީ ދުއްވާލަ ދުއްވާލަ އެވެ. އެ މީހުން އިށީންނަ ޖޯލިތައް ބަހައްޓާފައި ހުންނަނީ ވެސް މީހުން ހިނގާ ޕޭވްމަންޓު މަތީގަ އެވެ.

ޒަޔާންގެ މަރަށް ފަހު ހައްޔަރު ނުކޮށް ތިބި މީހުން ފިލައިގެން އުޅޭތީ އެ ތަން މިހާރު ވަނީ ފަޅުވެފަ އެވެ. އެ މީހުންގެ ފެންނަން ހުރި ހަމައެކަނި ނިޝާނަކީ އެ ގުރޫޕުގެ ނަން، ގެއެއްގެ މުޅި ފާރު ކަވަރުވާ ވަރަށް ކުރަހާފައިވާ ކުރެހުމެވެ. ރާއްޖޭގެ ގިނަ ގޭންގުތަކުގެ ނަމުގެ ފަހަތަށް ސްޕޯޓްސް ކުލަބު އަންނަ ގޮތަށް މި އެ ކުރެހުމުގައި ވެސް ގުރޫޕުގެ ނަމުގެ ފަހަތަށް ސްޕޯޓްސް ޖަހާފައި އޮވެ އެވެ.

ތިރީގައި އޮތީ އިނގިރޭސި ބަހުން ލިޔެފައި އޮންނަ އެ މީހުންގެ މޮޓޯ އެވެ. ދިވެހި ބަހަށް ތަރުޖަމާ ކޮށްލާއިރު އެ މޮޓޯއިން ދޭހަވަނީ އެ ގުރޫޕުން ކުރާ ކަންކަން 'ކޮންމެ ގޮތަކަށް، ކޮންމެ ހާލެއްގައި ވިޔަސް ހާސިލު ކުރާނެ' ކަމަށެވެ. މިފަދަ ގުރޫޕުތަކުން ފާރުތަކުގައި ލިޔާ ގްރެފިޓީތަކުން އާންމުންގެ ހިތްތަކަށް ވެރިވަނީ ބިރުވެރިކަމެވެ. މިފަދަ މެސެޖުތަކުން ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަމަށް މީގެ ކުރިން ފުލުހުންގެ ހަބަރުތަކުގައި ވެސް ބުނެފައިވެ އެވެ.

މިފަދަ ގްރެފިޓީތަކުގެ މަތީގައި ކުލަ ލައި، ފޮހެން މާލެ އާއި ރަށްރަށުގައި ސިލްސިލާ ޕްރޮގްރާމްތައް މީގެ ކުރިން ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކާއި އާންމުންގެ ބައިވެރިވުމާ އެކު ކުރިއަށް ގެންގޮސްފައި އެބަ ހުއްޓެވެ. އެކަމަކު ފޭދޫގެ ބޮޑު މަގުގައި ހުރި މި ގްރެފިޓީއަށް، އެ ގުރޫޕުގެ މީހުން ފިލިއިރު ވެސް އަދި ފަނޑުކަމެއް ނާދެ އެވެ. އެއްވެސް ބަޔަކު ދެކެ ފުލުހުން ޖެހިލުންނުވާ ކަމަށް ބުނާ އިރު އެކަން ސާބިތުކޮށްދޭން ފުރަތަމަ ފަށަންވީ އެ ލޯގާ ފޮހެލުމުގެ މަސައްކަތް ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް