Majlis 2024

އައްޑޫގައި ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން.

ޒަޔާންގެ މަރު

ޒަޔާންގެ މަރު: ކުރިން ރޭވިގެން ހިންގި ލޭއޮހޮރުވުމެއް

އޭނާއަށް ހަމަލާދިނީ ގޯތިތެރޭގައި ފިލާ ތިބި ބަޔަކު، ބޭރުގައި ފާރަޔަށް ވެސް ބަޔަކު ތިބި
22 ޖޫން 2022
7

މުހިންމު ނުކުތާތައް

އެ ދުވަހު ފޭދޫ ފިހާރައަކުން ހަތަރު ވަޅި ގަތް

ވަޅި ހެރުމަށް ފަހު ގާތިލުން ގޮސް އެރީ ދުރުގައި ޕާކްކޮށްފައި އޮތް ކާރަކަށް

އާއިލާއަށް އަދިވެސް އެ ބިރުވެރިކަމުން ސަލާމަތެއް ނުވެވޭ

މުހައްމަދު ޒަޔާންގެ އާއިލާ މީހުންނަށް ހޭލުވުނީ އޭނާ ވަރަށް ބާރަށް 'މަންމާ'އޭ ކިޔައި ގޮވަމުން ދިޔަ އަޑަށެވެ. ދޮރު ހުޅުވައި ބަލައިލި އިރު ޒަޔާން އޮތީ ސިޑިމަތީގައި ބަނޑުވަތަށް ވެއްޓިފަ އެވެ. ވަށައިގެން ލެ އެވެ. އޭނާ ސިޑިން މައްޗަށް އަރަން މަސައްކަތް ކުރަމުން ދިޔައީ ދެ އަތް ބޭނުންކޮށްގެން ދެމެމުން ކަހަލަ ގޮތަކަށެވެ.

"މޫނު ނިވާކޮށްގެން ތިބި ހަތަރު މީހުން...." ސިޑި މަތީގައި އޮވެ ޒަޔާނަށް ބުނެވުނީ އެ ވަރަށެވެ.

ސ. ފޭދޫގައި މި މަހު 2 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ޒަޔާން މޫސާ، ސ. ފޭދޫ، ސޮލިޑް، ދިރިއުޅޭ ގެއަށް ބަޔަކު ވަދެ އޭނާއަށް ދިން ހަމަލާއަށް ފަހު މަރުވީ އެ ދުވަހުގެ ހެނދުނު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެ ދުވަހު އެވެ.

ޒަޔާންގެ މަރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު، އޭނާ މަރާލި ހާދިސާގެ މާ ބޮޑު ތަފްސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެ އެވެ.

'ދައުރު'ން ވާހަކަ ދެއްކި މީހުންގެ ވާހަކަތަކަށް ބަލާއިރު އެނގެނީ އެއީ ފޭދޫގައި ހަރަކާތްތެރިވާ ދެ ގްރޫޕެއްގެ ދެމެދުގައި އޮތް ވާދަވެރިކަމެއްގައި ދުރާލައި ރާވައިގެން ހިންގި ކަމެއް ކަމެވެ. 

ޒަޔާން މަރާލަން ތައްޔާރުވުން

ޒަޔާން މަރާލީ ފޭދޫގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގަމުން އަންނަ ސިލްސިލާ  މާރާމާރީތަކެއްގައި އެންމެ ފަހުން ދިން ހަމަލާގަ އެވެ. އެއީ ފޭދޫގެ ދެ އަވަށުގެ ގޮތުގައި ކުރިން ބަލާ މާދެލަ އާއި މަގުއްދޫގައި އޮންނަ ދެ ގުރޫޕެއްގެ ދެމެދުގައި އޮންނަ ދުވަސްވީ ރުޅިވެރިކަމެކެވެ.

ޒަޔާން މަރައިލި ކަމަށް ރަށުގެ ރައްޔިތުން ތުހުމަތުކުރަނީ މަގުއްދޫގައި އޮންނަ ގުރޫޕަށް ނިސްބަތްވާ ބަޔަކަށެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންނަކީ ވެސް އެ ގުރޫޕަށް ނިސްބަތްވާ މީހުންނެވެ.

ސ. ފޭދޫގައި ދެ ގުރޫޕު ހަރަކާތްތެރިވާ ސަރަހައްދުތައް.

ނަން ނުޖެހުމަށް ޝަރުތުކޮށް އެ ރަށުން 'ދައުރު'އާ ވާހަކަދެއްކި މީހަކު ކިޔައިދިން ގޮތުގައި، ޒަޔާން މަރާލުމުގެ ގާތްގަނޑަކަށް ފަސް ގަޑިއިރު ކުރިން، ބުދަ ދުވަހުގެ ރޭ 9:30 އާއި 10އާ ދެމެދު މަގުއްދޫ ގުރޫޕަށް ނިސްބަތްވާ މީހަކު ސ. ފޭދޫ ގްލޫޓެން ނަމަކަށް ކިޔާ ފިހާރައަކަށް ގޮސް، ހަތަރު ވަޅި ގަނެފައިވެ އެވެ.

އޭނާ ކިޔައިދިން ގޮތުގައި ފިހާރައަށް ވަދެ އޭނާ އުޅުނީ ވަރަށް އަވަސްއަރުވާލައިފަ އެވެ. ފިހާރައަށް ވަނީ ސައިކަލު ވެސް ނިއްވާ ނުލަ އެވެ.

"އޭނާ ފިހާރައަށް އައީ އެކަނި، ޖީއެން ސައިކަލެއްގައި. ސައިކަލު ނިއްވާ ވެސް ނުލައި ފިހާރައަށް ވަނީ،" މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.

"ފިހާރައަށް ވަދެފައި ކައުންޓަރުގައި ހުރި މީހާ ގާތުގައި ބުނަނީ ހަތަރު ވަޅި ދޭށޭ. ބުނީމަ ކައުންޓަރުގައި ހުރި މީހާ ބުނި ވަޅި ހުރިތޯ ސިސްޓަމުން އެބަ ބަލާލަމޭ. ބުނީމަ ބަ.....ހޭ އަވަސް ކުރާށޭ ބުނީމަ ފިހާރައިގައި މަސައްކަތް ކުރާ މީހަކު ވަޅި ހުރި ތަން ދެއްކީ. އެ ތަނުން ހަތަރު ވަޅި ނަގައިގެން ޕޭ ކޮށްފައި އޭނަ ދިޔައީ."

ވަޅި ގަނެގެން އޭނާ ދިޔައީ ސީދާ ކޮން ތަނަކަށް ކަމެއް ނޭނގެ އެވެ. ނަމަވެސް އެރޭ ގާތްގަނޑަކަށް 11:30 އާއި 12އާ ދެމެދު ވަޅި ގަތް މީހާ ދިރިއުޅޭ ގެ ކައިރިން އޭނާ އާއި މަގުއްދޫ ގުރޫޕަށް ނިސްބަތްވާ އިތުރު ބަޔަކު ތިބި ކަމަށްވެ އެވެ.

ޒަޔާންއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހަކު، ނަން ނުޖަހަން ޝަރުތުރުކޮށް،'ދައުރު'އަށް ކިޔައިދިން ގޮތުގައި އެ ގުރޫޕުގެ މީހުން އެ ތަނުގައި ތިއްބާ އެ ރަށު ބައެއް މީހުންނަށް ފެނިފައިވެ އެވެ.

"އެގޭގައި [ވަޅި ގަތް މީހާގެ ގޭގައި] ހުންނާނެ އެ މީހުން މަސްތުވާތަކެތި ވިއްކާ އައްޑާއެއްގެ ގޮތުގައި ބޭނުންކުރާ، ކުރީގެ ދަރު ބަދިގެ. އެ ތަނުގައި އެ މީހުން ތިބީ،" މަންޒަރު ދުށް މީހާއާ ހަވާލާދީ، އާއިލާގެ މީހަކު ބުންޏެވެ.

އެއީ ފޭދޫ މެޑިސިޓީއިން އެ ރަށު ބޮޑު މަގާ ދިމާލަށް ދެވެން އޮންނަ ގޯޅިގަނޑެވެ. މާ ފުޅާ ގޯޅިގަނޑަކަށް ނުވާތީ، ގޯޅިގަނޑުގައި ހުންނައިރު އެ ބުނާ ދަރު ބަދިގެ ވަރަށް ރީތިކޮށް ފެނެ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެ މީހުން އެ ތަނުގައި ތިބީ ލައިގެން ހުރި އަންނައުނު ބަދަލުކުރާށެވެ.  

އެ ވަގުތު އެ ތަނުން އެކަކު ފޯނުން ވާހަކަ ދެއްކި އަޑު ވެސް ބައެއް މީހުންނަށް އިވިފަ އެވެ.

ޒަޔާން މަރާލަން އުޅޭކަމުގެ މައުލޫމާތު ލިބުނު

ޒަޔާންގެ އާއިލީ ގުޅުން އޮންނަ ނާހިދު (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި ހާދިސާ ހިނގި ރޭ ޒަޔާން ދިރިއުޅޭ ސޮލިޑް ގޭ ތެރޭގައި ބަޔަކު ފިލައި ތިބި ކަމުގެ މައުލޫމާތު އޮތީ ކުރިން ލިބިފަ އެވެ.

"އަހަރެމެންނާ އެއްކޮށް އުޅޭ މީހެއްގެ ކައިރީގައި އެ މީހުންގެ [މަގުއްދޫ ގުރޫޕުގެ] ތެރެއިން މައުލޫމާތު ދޭ މީހަކު ބުނި ޒަޔާންގެ ގޭ ވަލުގައި ބަޔަކު ފިލައި ތިބި ވާހަކަ،" އޭނާ ބުންޏެވެ.

އެކަން ހިއްސާކުރި މެސެޖު ވެސް ނާހިދު ދެއްކި އެވެ. ޒަޔާން އަތުގައި ދެ ފޯނު އޮންނައިރު، ސްމާޓްފޯނު އޮތީ ނިއްވާލައިފަ އެވެ. އަދި މެސެޖު ލިބުނު މީހާ، ޒަޔާންގެ ނޮކިއާ 'ބައްތި' ފޯނަށް ގުޅޭތޯ މަސައްކަތް ކުރި ނަމަވެސް ފޯނު ނުނަގާތީ އެ ވާހަކަ ޓެކްސްޓް މެސެޖެއް މެދުވެރިކޮށް ޒަޔާންއާ ހިއްސާކުރި އެވެ. އެއީ އެ ރޭ ގާތްގަނޑަކަށް 1:43 ހާއިރު އެވެ. ޒަޔާންގެ ފަރާތުން އެ މެސެޖަށް އެއްވެސް ރިޕްލައިއެއް ނާންނާތީ، އޭނާއަށް އެ މެސެޖު ކިޔުނު ކަމެއް ނުކިޔުނު ކަމެއް ނޭނގެ އެވެ.

ޒަޔާން ދިރިއުޅުނު ގޭގެ މައި ދޮރޯށި ހުންނަނީ ފޭދޫ ލިންކު ރޯޑަށް ވާ ގޮތަށެވެ. ޖެހިގެން ހުންނަނީ އެއް ފަންގިފިލާއަށް ނަގާފައި ހުންނަ ކެފޭއެކެވެ. އެ ބްލޮކުގައި ޒަޔާން ދިރިއުޅޭ ގޭގެ ފަހަތަށް އިތުރު ގެއެއް ހުންނަ އިރު، ދެ ގޭގެ ދެމެދުގައި ކުޑަ ވަލެއް ވެސް އޮވެ އެވެ. ތިރިކޮށް ރާނާފައި ހުންނަ ފާރެއް ވެސް ހުރެ އެވެ. އައްޑޫގެ ގިނަ ގެތައް ހުންނަނީ މިކަހަލަ ގޮތަކަށެވެ.

ގެތައް ހަދާފައި ހުންނަ ގޮތުން، އެ ގޭގެ ފަހަތުގައި އޮންނަ ވަލު ތެރެއަށް ބްލޮކުގެ އަނެއް ފަޅިން ވަނުމަކީ އުނދަގޫ ކަމެއް ނޫނެވެ. ޒަޔާން ދިރިއުޅޭ ގޯތިތެރެއަށް އެގޮތަށް ވަދެވެން އޮންނަނީ ދެ ގޮތަކަށެވެ. މަގުއްދޫ ގޭންގުގެ ބަޔަކު އެ ގޯތިތެރެއަށް ވަދެ ފިލައި ތިބީ އޭގެ ތެރެއިން އެއް 'މަގުން' ގޮހެވެ.

ޒަޔާން ދިރިއުޅޭ ސޮލިޑް ގޭގެ ބިއްދޮށަށް އޮންނަ ގެ އާއި ދެ ގޭގެ ދެމެދަށް އޮންނަ ވަލަށްވާ ބަޔަށް ވަދެވެން އޮންނަ މަގު (ދައުރު ފޮޓޯ)
ސޮލިޑްގެ ހުންނަ ބްލޮކުގެ ހުޅަނގަށް ވީ ފަޅިން (ކުރީގެ އެމްޑީޕީ އޮފީސް ހުންނަ ގޯޅިގަނޑުން) ވަދެވެން އޮންނަ ރޫޓު. މި ރޫޓުން ދިޔަ ކަމަށް ލަފާކުރަނީ ދާގަނޑު ޖަހާފައި ހުރި ގޯޅިގަނޑުން ވަދެގެން އެލީ ބިސްޓްރޯ ކެފޭގެ ބިއްދޮށުން ލާފައި. (ދައުރު ފޮޓޯ)

ޒަޔާން ދިރިއުޅޭ ގެއަށް ވަންނައިރު ކަނާތް ފަރާތުގައި ހުންނަނީ ގަރާޖެކެވެ. އެ ގަރާޖު ހުންނަނީ ގޭގެ ތެރެއިން ވެސް ވަދެވޭ ގޮތަށެވެ. ކުރިމައްޗަށް ހުންނަނީ މައި ގެ އާއި ސިޓިން ރޫމް އެވެ. ވައަތް ފަރާތަށް ހުންނަނީ އެއް ފަންގިފިލާއަށް ހުންނަ، މީހުން ދިރިއުޅޭ ކޮޓަރިތައް ހުންނަ އިމާރާތެކެވެ. ޒަޔާން ދިރިއުޅޭ ކޮޓަރި ހުންނަނީ އެ އިމާރާތުގެ އެއް ވަނަ ފަންގިފިލާގައި، ލިންކު ރޯޑާ ވީ ފަޅިއަށެވެ. އެ ކޮޓަރީގެ ތިރީގައި ހުންނަނީ ކުރީގެ ޔޫރޯ ސްޓޯރު ފިހާރަ އެވެ. އޭނާ ދިރިއުޅޭ ކޮޓަރިއަށް އެރެނީ ގޯތީގެ އެތެރޭގައި ހުންނަ ސިޑިއަކުން އެކަންޏެވެ.

ޒަޔާން ދިރިއުޅޭ ސޮލިޑް ގޭގެ މައިގެއަށް ވަންނައިރު ތަޅުން އަޅާފައި އޮންނަ ބައިގެ މަތީގައި އުނދޯއްޔެއް ހުރެ އެވެ. އެ އުނދޯލީގައި އިށީނދެ އިންނަ އިރު ޒަޔާން ދިރިއުޅޭ ބަޔަށް އަރާ ސިޑި ހުންނަނީ ކުރިމައްޗަށްވާ ގޮތަށެވެ. ގަރާޖާއި ވަލަށް ވާ ބައި ފަހަތުގަ އެވެ. އުނދޯއްޔާއި ވަލާ ދެމެދު ހުންނަނީ ގަސް އިންދާފައި ހުންނަ ޕޮޓުތަކެކެވެ.

ސ. ފޭދޫ، ސޮލިޑް ގެ ހުންނަ ގޮތާ ގާތްކުރާ ކުރެހުމެއް.

ޒަޔާންއަށް ހަމަލާ ދިނުމުގެ ކުރިން އާއިލާ މީހުންނާ އޭނާއާ އެންމެ ފަހުން ބައްދަލުވީ އޭގެ ގާތްގަނޑަކަށް ގަޑިއެއްހާއިރު ކުރިންނެވެ. ޒަޔާންގެ އެދުމަކަށް އޭނާއަށް ކާން ހަދައިދިނުމަށް ފަހު ގޭގައި އޭރު ހޭލާ ތިބި މީހުންނަށް ނިދުނީ އެވެ. އެ މީހުން މައްޗަށް އެރިއިރު ޒަޔާން ކާން އިނީ ސިޓިން ރޫމުގަ އެވެ. ޒަޔާންއަށް ހަމަލާ ދިނީ އޭނާ ކައި ނިންމައިގެން ބޭރަށް ނުކުތް ފަހުންނެވެ. އެރޭ 2:30 އާއި 3އާ ދެމެދު ޒަޔާން އުނދޯލީގައި އިށީނދެ އިންދާ ފިލާ ތިބި މީހުންގެ ފުރަތަމަ ހަމަލާ އަމާޒުވީ ޒަޔާންގެ ބުރަކައްޓަށެވެ. ވަޅި ޖެހީ ކިތައް ފަހަރު ކަމެއް ނޭނގެ އެވެ. ލެއިން ތަތްތެޅިފައި އޮއްވާ ޒަޔާން ފެނުނު މީހުން ބުނީ:

  • ކަންފަތުގައި ޖަހާފައި ހުރި ހެޑްފޯން އޮތީ ބުރިވެފައި، އުނދޯލި މައްޗަށް ވެއްޓިފައި

  • ޒަޔާންގެ ގަޔަށް ހެރުމުން ތިލަ ބިނދުނު ވަޅީގެ މުއްގަނޑު ގޯތި ތެރެއަށް ވެއްޓިފައި. އެއީ ކަޅު މުއްގަނޑު ލީ ކިވީ ބްރޭންޑުގެ ވަޅިއެއް

  • އުނދޯލީގެ ފުރަގަހުގައި ހުރި ބައެއް ގަސް ޕޮޓުތައް ވެއްޓިފައި

  • އުނދޯލިން ގޭގެ މައި ދޮރާއްޓާ ހަމައަށް ލޭގެ ކޯރެއް އޮތް. އެކަމަކު ގޭގެ ބޭރުގައި ނެތް

  • މައި ދޮރާށި ކައިރީގައި ގޭގެ މައި ފާރަށް ލޭ ބުރާފައި ހުރި

  • ދޮރާއްޓާ ހަމައިން ޒަޔާން ދިރިއުޅޭ ބަޔަށް އަރާ ސިޑިއާ ހަމައަށް ލޭގެ ކޯރެއް

ޒަޔާން ދިރިއުޅޭ ސޮލިޑްގެ އާއި ހަމަލާއަށް ފަހު އޭނާގެ މޫވްމަންޓު ހުރި ކަމަށް ލަފާ ކުރެވޭ ގޮތް.

ޒަޔާންގެ ހަށިގަނޑަށް ދީފައި ހުރި ހަމަލާތަކުގެ ތަފްސީލު:

  • މޭމަތީގެ ކަނާތް ފަރާތުން 3.5 އިންޗި ފުނަށް ވަޅި ޖަހާފައި؛ ފުއްޕާމެއަށް ވަދެފައި، ފުއްޕާމޭ ފޫ އަޅާފައި

  • މޭމަތީގެ ވައަތް ފަރާތަށް ދެ އިންޗި ފުނަށް ވަޅި ޖަހާފައި

  • ބުރަކަށީގައި މަތިން ތިރިއަށް ވާ ގޮތަށް ހަތަރު ދިމާލަކުން ވަޅި އަޅާފައި. މިއީ 1.5 އިންޗި އާއި 2 އިންޗި ފުންމިނުގެ ޒަހަމްތަކެއް

  • ބުރަކަށީގެ މެދުން ހުރި ތަނަކީ ވަޅީގެ ތިލަ ބިންދައިގެން ގޮސްފައި ހުރި ތަން

  • ވައަތުގެ ކުޑަ ހުޅު ވަށައިގެން ވަޅި އަޅާފައި

  • ވައަތުގެ މުލައްދަނޑިން ފޮއްޗެއް ބުރިކޮށްލާފައި

ޒަޔާންއަށް ދީފައި ހުރި ހަމަލާތައް ދައްކުވައިދޭ ކުރެހުމެއް

ޒަޔާން ހަޅޭއްލަވާ އަޑަށް އެ ގެއިން ފުރަތަމަ ނުކުމެވެނީ އޭނާގެ ބޭބެއަކަށެވެ. އެ ގޭގެ މައި ދޮރާށި ހުންނަނީ އޭނާ ދިރިއުޅޭ ބައިގެ ސީދާ ކުރިމައްޗަށް ވާ ގޮތަށެވެ. އެ ބައިގެ ދޮރު ހުޅުވާލުމާ އެކު އޭނާއަށް ފެންނަނީ ޒަޔާންއަށް ހަމަލާ ދިނުމަށް ފަހު ހަތަރު މީހުން އެ ގޭގެ މައި ދޮރާށިން ނުކުންނަ ތަނެވެ. އެ މީހުން ތިބީ މޫނު ނިވާކޮށްގެން، ކަޅު ޓީޝާޓު ނުވަތަ ގަމީސް ލައިގެންނެވެ. އޭރު ޒަޔާން ސިޑި މަތީގައި ބަންޑުން އޮވެ، ދެމެމުން މައްޗަށް އެރޭތޯ މަސައްކަތް ކުރި ކަމަށް ވެއެވެ. ޒަޔާންގެ މައިންބަފައިންނާއި އޭނާގެ ކާފައަށް ވެސް ނުކުމެވުނީ އެ ގަޑީގަ އެވެ. އެ މީހުން ދިރިއުޅެނީ ޒަޔާން ދިރިއުޅޭ ބައިގައި، އެހެން ކޮޓަރިއެއްގަ އެވެ.

"ޒަޔާން އިޝާރާތުން [ކަނާތުގެ އިނގިލިތަކުން] ބުނީ ހަތަރެކޭ. އަނގައިން ވެސް ބުނި 'ހަތަރަވެރިން، ހަތަރަވެރިން' [އައްޑޫ ބަހުން ހަތަރު މީހުން]، މޫނު ނިވާކޮށްގެންނޭ ތިބީ،" ނާހިދު ކިޔައިދިނެވެ.

މި ހާދިސާ ހިނގި ވަގުތު ހަތަރު މީހަކު ޒަޔާންގެ ގޭ ދޮރުމަތީގައި ފާރައަށް ތިބި ކަމަށް ވެސް އޭނާ ބުންޏެވެ. އެ ތަން ފެނުނީ ޒަޔާން ދިރިއުޅޭ ގެ ކައިރީގައި ލިންކް ރޯޑަށް ވާ ގޮތަށް ހުންނަ ގެއަކުން އެ ގަޑީގައި ނުކުތް މީހަކަށެވެ.

"އޭނާ ބުނީ ގޭގައި ހުރެފައި މަގަށް ނުކުތް ގަޑީގައި ތިމަންނައަށް ފެނެޔޯ އެގޭ [ޒަޔާން ދިރިއުޅޭ ގެ] ކުރިމަތީގައި ދެ ސައިކަލު ހުއްޓާ. އަނދިރިވީމަ ކޮން ކަހަލަ ސައިކަލުތަކެއް ކަމެއް ނޭނގެޔޭ އެކަމަކު ޔަގީނުން ވެސް ދެ ސައިކަލެއްގެ މަތީގައި ހަތަރު މީހުން ތިބިތަން ފެނުނޭ،" އޭނާ ބުންޏެވެ.

ޒަޔާން މަރާލުމަށް ފަހު ބުނީ 'ތިއީ ކަލޭމެންގެ ފެންވަރޭ'

ޒަޔާންއަށް ހަމަލާ ދިނުމަށް ފަހު ގާތިލުން ފިލަން ނުކުތީ ޒަޔާން ދިރިއުޅޭ ގޭގެ މައި ދޮރާށިންނެވެ.

"ދޮރާށި ތަޅުލާފައި ހުއްޓަސް އެތެރެއިން ތަޅު ހުޅުވޭ ގޮތަށް ހުންނާނީ. ނުކުމެފައި އެ މީހުން ދަނީ ބަނދަރާ ދިމާލުން އޮންނަ ފަސްގަނޑަށް [ވެލިފުނިތަކުގެ ފަހަތަށް]،" ނާހިދު ކިޔައިދިނެވެ.

ބަނދަރު ފަޅިން ގޮސް، އެ ފަޅީގައި ހުރި ހިލަވެލި ފުނިތަކުގެ ތެރެއިން ނުވަތަ ފަހަތުން ދިއުމަކީ، އެ ސަރަހައްދުގައި ހުންނަ އަމިއްލަ މީސްމީހުންގެ ގެތަކާއި ފިހާރަތަކުގައި ހުންނަ ކެމެރާތަކަށް ނާރާ ދެވެން އޮންނަ ހަމައެކަނި ގޮތެވެ. އެ ވެލި ފުނިތަކުގެ ނިވަލުގައި އެ މީހުން ގޮސް އަރަނީ، ނާހިދު ބުނި ގޮތުގައި، ކަޅު ކުލައިގެ ކާރަކަށެވެ.

ޓައިމްލައިންއަށް ބަލާއިރު، ޒަޔާން މަރާލުމުގެ 20 ވަރަކަށް މިނެޓު ކުރިން މި ބުނާ ކާރު ފޭދޫގެ މަރަދުއާ ވީ ކޮޅުން ލިންކް ރޯޑުން ދުއްވާފައި ގޮސް ޔޫޓާންއެއް ނަގާތަން ކެމެރާއަކުން ފެންނަ ކަމަށް، އިތުބާރު ހިފޭ މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެ ކާރު ޕާކު ކުރަނީ ބޮޑު ގަހެއްގެ ނިވަލުގަ އެވެ.

ގާތިލުން ދުވެފައި ދިޔަ މަންޒަރު އެއްވެސް ކެމެރާއަކަށް ނޭރި ނަމަވެސް، ވެލިފުނިތައް ހުންނަ ފަޅިން ހަތަރު މީހަކު ލިންކް ރޯޑު ހުރަސްކޮށް، ކާރު ޕާކުކޮށްފައި އޮތް ކަމަށް ބުނާ ދިމާލަށް ދުވެފައި އަންނަ ތަން ވަނީ ފެނިފަ އެވެ. ކާރު އެ ތަނުގައި އޮތްކަން ކަށަވަރު ވަނީ ކާރު ސްޓާޓް ކޮށްލާ ވަގުތު، ކާރުގެ ޓެއިލް ލައިޓް ދިއްލުމުންނެވެ. އަދި ދުވެފައި އައި މީހުން ކާރުގެ ތިން ދޮރުފަތް (ފަހަތު ދެ ދޮރުފަތް އަދި ކުރީގައި ހުންނަ ޕެސެންޖާ ސީޓުގެ ދޮރުފަތް) ހުޅުވުމަށް ފަހު އެރުމުން ކާރު ނައްޓާލަނީ އަނެއްކާވެސް މަރަދޫއާ ވީ ކޮޅަށެވެ.

ކާރާ ބެހޭ ގޮތުން އެނގެން ހުރި މައުލޫމާތު:

  • ކަޅު ކުލައިގެ ބީއެމްޑަބްލިއު ވަން ސީރީޒްގެ ކުރީގެ މޮޑެލްގެ ކާރެއް

  • މަގުއްދޫ ގުރޫޕުގެ މީހަކު އެ ކާރު ގަތީ މީގެ ދެ މަހެއްހާ ދުވަސް ކުރިން

  • ގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާރު ހަލާކުވެ، މަރާމާތު ކުރަން ލީ ފަހުން މަގުމަތިން ކާރު ނުފެނޭ

ޒަޔާން މަރައިލި ރޭގެ ފަހުން އަދިއަދަށް ދާން ދެން ވެސް އައްޑޫގެ އެއްވެސް އަވަށަކުން ނުވަތަ މަގަކުން ވެސް އެ ކާރު ދުއްވާތަން ފެނިފައިނުވާ ކަމަށް، ބައެއް މީހުން ބުންޏެވެ.

މަރާލުމަށް ފަހު ފޮނުވި މެސެޖު: 'ތީ [ކަލޭގެ] ފެންވަރު'

ހަމަލާއަށްފަހު ޒަޔާން މަރުވީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ހަމަ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ހަމަ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަގުއްދޫ ގުރޫޕަށް ނިސްބަތްވާ މީހަކު، ޒަޔާންގެ ރަހުމަތްތެރިއެއްގެ ފޯނަށް ފޮނުވި މެސެޖުގެ ސްކްރީންޝޮޓެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އައްޑޫ ބަހުން (ހަޑިހުތުރު ބަސް ވެސް ބޭނުންކޮށްގެން) ކޮށްފައިވާ އެ މެސެޖު އާންމު ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބުނާ ނަމަ، ބުނެފައި އޮތީ "ތިއީ [ކަލޭގެ] ފެންވަރު" ކަމަށެވެ. އެ މެސެޖު ފޮނުވާފައިވަނީ ޒަޔާން މަރާލި ދުވަހުގެ (ޖޫން 2 ވީ ބުރާސްފަތި ދުވަހުގެ) ހެނދުނު 8:50 ގަ އެވެ. މެސެޖުގެ ސްކްރީން ޝޮޓު ނަގާފައިވަނީ ވެސް ހަމަ އެ ދުވަހު އެވެ.

މި މެސެޖު ކުރި މީހާ އަކީ މި މާރާމާރީއަށް ފަހު ރަށުގެ އަމަން ނަގާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ. އޭނާ މި މެސެޖު ފޮނުވި ނަންބަރު މިހާރު ވަނީ ޑީއެކްޓިވޭޓް ކޮށްލައިފަ އެވެ.

ޒަޔާންއަށް ހަމަލާދިން ދުވަހުގެ ހެނދުނު 8:50 ގައި އޭނާގެ ރަހުމަތްތެރިއަކަށް މަގުއްދޫ ގުރޫޕަށް ނިސްބަތްވާ މީހަކު ފޮނުވި މެސެޖު. މިއީ ހަމަ އެ ދުވަހު ނަގާފައިވާ ސްކްރީންޝޮޓެއް.

ޒަޔާންގެ މަރާ ގުޅިގެން، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ޖުމުލަ އަށް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 16 އަހަރުގެ ކުޑަކުއްޖެއް (5 ޖޫން)

  • 15 އަހަރުގެ ކުޑަކުއްޖެއް (6 ޖޫން)

  • 18 އަހަރުގެ ދެ މީހުން (18 ޖޫން)

  • 22 އަހަރުގެ މީހެއް (18 ޖޫން)

  • 24 އަހަރުގެ ދެ މީހުން (އެކަކު 18 ޖޫންގައި، އަނެއް މީހާ 20 ޖޫންގައި)

  • 28 އަހަރުގެ މީހެއް (20 ޖޫންގައި)

ހައްޔަރު ކުރި މީހުންގެ ތެރޭގައި ވަޅި ގަންނަން ދިޔަ ކަމަށް ބުނާ މީހާ އާއި ފިލަން ބޭނުންކުރި ކާރުގެ ވެރިފަރާތުގެ އިތުރުން ޒަޔާންއަށް ހަމަލާ ދޭން އޭނާ ދިރިއުޅޭ ގެއަށް ވަތް ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މީހަކު ހިމެނޭކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ޒަޔާންގެ މަރަށް ފަހު ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ރަށުތެރެއިން މަގުއްދޫ ގުރޫޕަށް ނިސްބަތްވާ އެއްވެސް މީހަކު ނުފެނުނު ނަމަވެސް، އޭގެ ފަހުން މަދުމަދުން ރަށު ތެރެއިން އެ ގުރޫޕުގެ މީހުން ވަނީ އަލުން ފެންނަން ފަށައިފަ އެވެ.

އާއިލާއިން ބޭނުންވަނީ އިންސާފު، އަދިވެސް ބިރެއް ނުފިލާ

ޒަޔާން މަރުވި ގޮތް ބަލަން އާއިލާއަށް ކުޅަދާނެއް ނުވި އެވެ. އޭނާއަށް ކާން ހަދައިދިނުމަށް ފަހު ނިދުނު ފަހުން "މަންމާ"އޭ ކިޔާފައި ގޮވާ އަޑަށް ހޭލެވިގެން ނުކުތް އިރު ފެނުނީ ސިޑިމަތީގައި އޭނާ މަރަށް ތެޅޭ މަންޒަރެވެ. ފަހު ވަގުތުކޮޅުގައި އޭނާ ބުނި ކަމަށް ވަނީ އޭނާއަށް ހަމަލާ ދިނީ މޫނު ނިވާކޮށްގެން ތިބި ހަތަރު މީހުން ކަމާއި ގައިގެ އެތަން މިތަނަށް ވަރަށް ތަދުވާ ކަމަށެވެ.

ފެންފޮދަކަށް އެދުމުން އާއިލާއިން އޭނާއަށް ފެން ވެސް ދިނެވެ. ބުރަކަށީގައި ހުރި ޒަހަމްތަކުގެ ސަބަބުން ޒަޔާން ބާއްވާފައި އޮތީ އެއް ފަރާތަށް ވާ ގޮތަށެވެ. ގަން ޕޮލިސްއަށް އެ ކަން ރިޕޯޓު ކުރުމުން ބުނީ ވެހިކަލްގައި ތެޔޮ ނެތް ކަމަށާއި ނަމަވެސް ސީންއަށް ފުލުހުންތަކެއް ފޮނުވާނެ ކަމަށެވެ.

އެމްބިއުލާންސަށް ލައިގެން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއިރު ވެސް ލޭ މަނައެއްނުވެ އެވެ. އެނގިފައިވާ ގޮތުގައި ޒަޔާންގެ ސާޖަރީ ހެދިއިރު ވެސް 'ޗެސްޓް ކެވިޓީ'އަށް ހުރީ ގާތްގަނޑަކަށް އެއް ލީޓަރުގެ ލޭ ޖަމާވެފަ އެވެ. މަރުވުމާ ހަމައަށް ވެސް ދިޔައީ ލޭ އަޅަމުންނެވެ.

މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތާއި ބައެއް މީހުން ހައްޔަރުކުރުމަށް ފަހު ވެސް ދޫކޮށްލާފައި ވުމުން އާއިލާގެ އޮތް އެންމެ ބޮޑު ސުވާލަކީ ޒަޔާންގެ މަރަށް އިންސާފު ލިބޭނެ ބާ އެވެ؟ ތުހުމަތުކުރެވޭ ބައެއް މީހުން މިނިވަންކަމާ އެކު އުޅެމުން ދާއިރު، މީގެ ކުރިން ވެސް ޒަޔާންގެ އާއިލާ މެމްބަރުންނަށް މަރުގެ އިންޒާރު ދީފައިވާތީ، އެ މީހުން ތިބީ ވެސް ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

ކޮމެންޓް (7)

ޟއޒްަަ

26 ޖޫން 2022
ޑުރަގް މައްސަލައެއް
1 1

ލަޔަން

26 ޖޫން 2022
@ޟއޒްަަ އެހެންވީރު މާލޭގަ ކޮންމެ ދުވަހަކު މީހަކު މަރުވާނެއްނު މިހެން. ކަންމަތީ ޝޮޕުތަކަާވުރެ ޑުރަގު ވިއްކާ މިހުން ގިނަވިއްޔަ
0 0

ޖެން..

26 ޖޫން 2022
ޒަޔާން މަރާލަން ޖެހުނު ސަބަބު ކަމަށް ބެލެވޭ ސަބަބުތައް ދައުރަށް ފެންނަ ގޮތްވެސް ލިޔެލި ނަމަ.. ގޭގޭ ގޯތި ތެރެއަށް ވަދެ މީހުން މަރާ ހިސާބަށް ރާއްޖެ ދިޔައީ ކީއްވެ؟ މީހުން މަރާ ވިސްނުން ރާއްޖޭގެ ޒުވާނުންނަށް މި އަންނަނީ ކީއްވެ؟ ރާއްޖެ މިހާރު މިދަނީ ކޮލްންބިޔާ ، މެކްސިކޯ ދަރަޖައަށް.
6 0

ީނުއިސާފު

22 ޖޫން 2022
މި ކުއްޖާ ގޭންގެއްގަ އުޅުނީތީތަ މި މަރަށް މާބޮޑު ބޮޑު ސަމާލުކަމެއް ނުލިބެނީ؟؟ އެއީ ވެސް ހަމަ ދިވެހި ދަރިއެކޭ
20 9

ސާފުނުއި

23 ޖޫން 2022
@ީނުއިސާފު މިއަށް ޑައުން ވޯޓު ކުރި މީހުން ހިތަށް އަރަނީ ކީކޭ ބާއޭ ހަމަ ވިސްނެނީ...
3 4

ކީކޭ

22 ޖޫން 2022
މިފަދަ ބޮޑެތި މައްސަލަތައް ބަހައްޓާފަ އަދިވެސް ޔޯގާ ޔޯގާ!! އަހަރުމެންގެ ދަރިން ގަތުލުކުރަނީއޭ!
19 2

ހހހބވގފޗ

22 ޖޫން 2022
މޫނު އެޅި ކަމަށް ވަނީ ޒަޔާން މެންގޭ ގެ ފަހަތަށް ވާ ގޮތަށް ހުންނަ ގެއިން ކަމަށް ވަނީ! އެއީ ކޮން ބައެއް ކަންވެސް އިނގޭނެ ޕޮލިހުންނަށް. އެހެނަސް އިންސާފު އެއީ ނުލިބޭނެ އެއްޗެއް!
32 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް