އައްޑޫ ފޭދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް: ގޭންގްތަކުގެ މެދުގައި ހަމަނުޖެހުން ވަނީ ހިނގާފައި (ފޮޓޯ/އައްޑޫލައިވް)

ޒަޔާންގެ މަރު

ފޭދޫ ގޭންގަކުން ފުލުހުންނަށް: ތިއީ އަހަރެމެން ހަރަދުކުރާ މީހުން

ހައްޔަރުކުރި މީހުން ގޮވަމުން ދިޔައީ ފުލުހުންނަށް ރިޝްވަތު ދީފައި ހުންނާނެ ކަމަށް
26 ޖޫން 2022
6

މުހިންމު ނުކުތާތައް

ތަކުރާރުކޮށް ޒަޔާން އާއި އާއިލާއަށް އިންޒާރު ދެމުން ދިޔަ

އެއިން އެއްވެސް ފަހަރަކު ފުލުހުން ގޮސް ބަޔާން ނަގާފައެއް ނުވޭ

ބައެއް ފުލުހުން ގޭންގްގެ ބޮޑުންނާ މުހާތަބުކުރަނީ 'ސާ'އޭ ކިޔައިގެން ކަމަށް ވޭ

"ކަލޭމެންނަށް ހަރަދު ކުރަނީ އަހަރެމެން. އެހެންވީމަ ކަލޭމެން ޖެހޭނީ އަހަރެމެން ދޫކޮށްލަން،" ސ. ފޭދޫގައި ވަޅިން ހަމަލާދީ މަރާލި މުހައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އެ ރަށު މަގުއްދޫ ހިސާބުގައި އޮންނަ ގުރޫޕަކުން ބަޔަކު ހައްޔަރުކުރުމާ ހަމައިން ކޯޓަށް މުއްދަތު ޖަހަން ވެއްދުމާ ދެމެދު ގޮވަމުން ދިޔައީ މިހެންނެވެ.

ފޭދޫ އެތައް ބަޔަކަށް އެ އަޑު އިވުނެވެ. ނަމަވެސް މިއީ އެންމެންނަށް އެނގޭ، ބޮޑު ސިއްރެއްގެ ގޮތުގައި އޮތް ކަމެކެވެ. މިހާ ފާޅުގައި، ފުލުހުންނަށް ރިޝްވަތު ދޭ ވާހަކަ މި ގޮވީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރުމުންނެވެ. ޒަޔާންގެ މަރުގެ ތުހުމަތުކުރަނީ، އަދި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފޭދޫ މަގުއްދޫ ސަރަހައްދުގައި އޮޕަރޭޓު ކުރާ ގޭންގަކަށް ނިސްބަތްވާ ބައެކެވެ.

ސ. ފޭދޫގައި ދެ ގުރޫޕު ހަރަކާތްތެރިވާ ސަރަހައްދުތައް.

ޒަޔާންއަށް ވަޅިން ހަމަލާ ދީ އަނިޔާވެރި ގޮތަކަށް މަރާލީ 2 ޖޫން ވީ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭތެރެއަށް ބަޔަކު ވަދެގެންނެވެ. މިހާތަނަށް ބެލިބެލުމުން އެނގެނީ ހަމަލާ ދޭން އެ ގެއަށް ވަނީ ހަތަރު މީހުން ކަމެވެ. ނަމަވެސް އެ މީހުން ފިލުމުގައި އެހީތެރިވި މީހުންނާ އެކު އެ އަދަދު އެއަށް ވުރެ މާ ގިނަވާނެ ކަމަށް ލަފާކުރެވެ އެވެ.

ޒަޔާން މަރާލީ ފޭދޫގެ ދެ ގުރޫޕަކަށް (މަގުއްދޫގައި އޮންނަ ގުރޫޕާއި މާދެލަ ސަރަހައްދުގައި އޮންނަ ގުރޫޕަށް) ނިސްބަތްވާ ބައެއްގެ މެދުގައި މި އަހަރުގެ ކުޑަ އީދު ދުވަހުން ފެށިގެން ސިލްސިލާ މަރާމާރީތަކެއް ހިންގުމަށް ފަހު އެވެ. ޒަޔާން އާއި އިތުރު މީހުންނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދިންކަން ރަށުން ވާހަކަ ދެއްކި މީހުންގެ ފަރާތުން 'ދައުރު'އަށް ވަނީ އެނގިފަ އެވެ. ބައެއް މީހުންނަށް އިންޒާރު އައީ ޓެކްސްޓް މެސެޖުތަކުންނެވެ. ޒަޔާންއަށް ވެސް އެކި ފަހަރުމަތިން އިންޒާރު ދީފައި އެބަ ހުއްޓެވެ. އައްޑޫގެ ފުލުހުންނަށް ވެސް މިކަން ރަނގަޅަށް އެނގެ އެވެ. މައްސަލަ އެތައް ފަހަރަކު ރިޕޯޓު ވެސް ކުރި ކަމަށްވެ އެވެ.

އިތުރަށް ކިޔާލަން -

ފޭދޫގައި ގުރޫޕު މާރާމާރީއެއްގެ ފުރަތަމަ މަރު: ފުލުހުންގެ އިހުމާލު ބޮޑު

ޒަޔާންއަށް އުނދަގޫ ކުރަން ފެށީ ކުޑަ އީދު ދުވަހުން ފެށިގެން ދެ ގުރޫޕުގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކުގެ ތެރޭގަ އެވެ. އޭގެ ފަހުން ކޮންމެ ރެއަކު އޭނާ ދިރިއުޅޭ ގެ ކުރިމައްޗަށް ގޮސް ހަޑިހުތުރު ބަހުން އަޑުގަދަކޮށް ބަރުގޮނު އަޅާ ހަދާފައިވާ ކަމަށް، ބައެއް މީހުން ބުނެ އެވެ.

ޒަޔާންއާ އާއިލީ ގުޅުން އޮންނަ ނާހިދު (އަސްލު ނަމެއް ނޫން) 'ދައުރު'އަށް ކިޔައިދިން ގޮތުގައި ތަކުރާރުކޮށް ކޮންމެ ރެއަކުހެން އެގޮތަށް އުނދަގޫ ކުރާތީ އާއިލާއިން ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރި އެވެ.

"ރިޕޯޓު ކުރީމަ އެބަ ބަލަމޭ، ވެހިކަލް ފޮނުވަމޭ ބުނީ. އެ މީހުން [މަގުއްދޫ ގުރޫޕު މީހުން] އެ ތަނުން ދާއިރު ވެސް ޕޮލިހުންނަށް އާދެވޭ ކަމަކަށް ނުވޭ،" އޭނާ ބުންޏެވެ.

ނާހިދު ބުނި ގޮތުގައި:

  • ޒަޔާންގެ ބައްޕައަށް މަރުގެ އިންޒާރު ދިނީ އޭނާ ހިންގާ ކެފޭގެ ތެރޭގައި ހުއްޓާ. މައްސަލަ ރިިޕޯޓު ކުރުމުން އައިއޯއެއް ހަމަޖެއްސި ނަމަވެސް ބަޔާނެއް ނުނަގާ. މަންޒަރު ދުށް މީހެއްގެ ބަޔާން ނެގި ކަމަށް ބުނޭ

  • ޒަޔާންގެ މަންމައަށް މަރުގެ އިންޒާރު ދިނީ ފޭދޫ 'ސްޕްރިންގް ލީފް' ފިހާރަ ކައިރިން، ގެއަށް ދަނިކޮށް. ފުލުހުންނަށް ރިޕޯޓު ކުރުމުން، ޒަޔާންގެ ބައްޕައަށް އިންޒާރު ދިން މައްސަލަ ބަލާ އައިއޯ މި މައްސަލަ ބަލަން ގުޅާނެ ކަމަށް ބުނި. ނަމަވެސް ގުޅާފައެއް ނުވޭ އަދި ބަޔާނެއް ވެސް ނުނަގާ.

  • މަންމަ އާއި ބައްޕައަށް މަރުގެ އިންޒާރު ދިނީ ޒަޔާން މަރާލަން ވަޅި ގަންނަން ދިޔަ ކަމަށް ބުނާ މީހާ އާއި 31 މެއި ވަނަ ދުވަހު ހިންގި މާރާމާރީއެއްގައި ސިކުނޑިއަށް ލޭ އެޅިގެން މާލެއަށް ފަރުވާއަށް ގެނައި 19 އަހަރުގެ ޒުވާނާ

  • ޒަޔާން އޭނާގެ ކޮއްކޮ ސްކޫލަށް ލާން ގޮސް ހުއްޓާ ހަމަ މި ދެ މީހުން ސައިކަލުގައި ގޮސް މަރުގެ އިންޒާރު ދިން ކަމަށް ވޭ. ސްކޫލް ދޮށުގައި ތިބި ބެލެނިވެރިންނަށް މަންޒަރު ފެނުނު

  • މެއި 14 ވަނަ ދުވަހު އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ޒަޔާން ވޯޓުލާން ގޮސް ހުއްޓާ ވޯޓު ލާ މަރުކަޒު (ފޭދޫ ސްކޫލް)ގެ ތެރެއިން މަރުގެ އިންޒާރު ދިން. އެ ތަން ފެނުނު ބައިވަރު މީހުން އެބަ ތިބި.

  • ޒަޔާން މަރާލުމުގެ ދެ ދުވަސް ކުރިން (31 މެއި) އޭނާ ދިރިއުޅޭ ގޭގެ މައި ދޮރަށް މަރުގެ އިންޒާރު ލިޔެފައި އޮތް ނޯޓަކާ އެކު ކަތިވަޅިއެއް ޖެހި. މައްސަލަ ރިޕޯޓު ކުރުމުން ފުލުހުން ގޮސް ކަތިވަޅި އާއި ނޯޓު ގެންދިޔަ. ބަޔާން ނަގާފައެއް ނުވޭ

  • ދޮރަށް ކަތިވަޅި ޖެހި ފަހުން ޒަޔާންގެ ކޮއްކޮ ސްކޫލަށް ދާން މަގަށް ނުކުމެ ހުއްޓާ އޭނައަށް ވެސް މަރުގެ އިންޒާރު ދިން

ނާހިދު ބުނި ގޮތުގައި ފުލުހުން އަލަށް ވެސް ޒަޔާންގެ ބައްޕަ ކައިރިއަށް ބަޔާން ނަގަން އައީ، ޒަޔާން މަރާލި ދުވަހު އެވެ.

އޭނާ ބުނީ އެ ދުވަހު ފުލުހުން އައުމުން މައްސަލަ ބަލާނީ ކޮން އައިއޯއެއްތޯ ޒަޔާންގެ ބައްޕަ ސުވާލުކުރި ކަމަށާއި އެއީ އިންޒާރު ދިން މައްސަލަތައް ބެލި އައިއޯއޭ ބުނުމުން ބަޔާން ދޭން ޒަޔާންގެ ބައްޕަ ދެކޮޅުހެދި ކަމަށެވެ.

"ތިއީ [އައިއޯ] އަކީ ވިކިފައި ހުރި މީހެކޭ، ތިއީ އެ މީހުން [ޒަޔާން މަރާލި މީހުން] ކާންދީ، ބޯންދީ، ބަލައި ބޮޑުކުރާ ކުއްޖެކޭ ވެސް ބުނި ކަމަށް ވަނީ،" ނާހިދު ބުންޏެވެ.

އައްޑޫގައި މި މަހު ކުރީކޮޅު ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން

މި ޓައިމްލައިންގެ ތެރޭގައި ފޭދޫގެ އިތުރު މީހުންނަށް ވެސް މަގުއްދޫ ގުރޫޕުން މަރުގެ އިންޒާރު ދީފައިވެ އެވެ. އެ ތަނުން އެކަކު، ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ކަންކުރި ގޮތް 'ދައުރު'އާ ހިއްސާކުރި އެވެ.

"މަރުގެ އިންޒާރު ދިނީމަ ގަން ޕޮލިސް ސްޓޭޝަނަށް ގޮސް ހަމަ އެ ދުވަހު މައްސަލަ ޖެއްސިން. ޖެއްސީމަ އެ ގަޑީގައި އައިއޯއެއް ނެތޭ ކިޔާފައި ފޮނުވާލީ،" އޭނާ ބުންޏެވެ.

"ޖެހިގެން އައި ދުވަހު ވެސް ބަޔާން ދޭން ވެގެން ގޮސް ގަޑިއެއްހާއިރު މަޑުކޮށްގެން ހުރެފައި ޑިއުޓީއަށް ދާން ގަޑިޖެހޭތީ ދިޔައީ. އަނެއް ދުވަހު [ބަޔާނެއް ވެސް ނުނަގައި] މެސެޖު ކޮށްފައި ބުނަނީ އެވިޑެންސް ނެތިގެން މައްސަލަ ކްލޯސް ކުރި ވާހަކަ."

އޭނާ ބުނި ގޮތުގައި ޒަޔާންއާ އެންމެ ފަހުން ބައްދަލުވި ދުވަހު (މެއި 18 ވަނަ ދުވަހު) އޭނާއާ މި ވާހަކަ ހިއްސާކުރި އެވެ.

"ބުނީމަ ޒަޔާން ބުނި ނުބަލާނޭ ތި މައްސަލަ. ތިމަންނަ ކޮއްކޮ ސްކޫލަށް ލާން ގޮސް ހުއްޓާ އެ ތަނުން ދެ މީހަކު އައިސް މަރުގެ އިންޒާރު ދިން މައްސަލަ ވެސް ނުބެލިޔޭ،" އޭނާ ބުންޏެވެ.

ޒަޔާންއަށް މަރުގެ އިންޒާރު އެންމެ ގިނައިން ދިން މީހުންނަކީ:

  • ޒަޔާން މަރާލަން ވަޅި ގަތް ކަމަށް ބުނާ މީހާ އާއި އޭނާގެ ކޮއްކޮ

  • މެއި 31 ވަނަ ދުވަހު ހިންގި މާރާމާރީގައި ސިކުނޑިއަށް ލޭ އެޅިގެން މާލެއަށް ގެންގޮސް ފަރުވާ ދިން 19 އަހަރުގެ މީހާ

އައްޑު އަތޮޅުގެ ގަން (ދުރުގައި) އަދި ފޭދޫ. (ދައުރު ފޮޓޯ/އަލީ ރަފީގް)

ފާހަގަކޮށްލެވޭ ކަމެއް - ޒަޔާންއަށް ހަމަލާ ދޭން އޭނާގެ ދިރިއުޅޭ ގެއަށް ވަދެފައިވަނީ އެ ހިސާބުގައި އޮންނަ ވާތެރެއިންނެވެ. ވަލަށް ވަދެވޭ މައިގަނޑު ދެ ރޫޓެއް އޮންނައިރު، އެ ތަނުން އެއް ރޫޓަކީ ސީދާ ޒަޔާން ދިރިއުޅޭ ސޮލިޑް ގޭގެ ފަހަތަށް ހުންނަ ގޭގެ ކައިރިން ވަދެވެން އޮންނަ ރޫޓެކެވެ. ސޮލިޑް ގޭގެ ފަހަތަށް ހުންނަ ގެއަކީ އައްޑޫ ޕޮލިސް ސްޓޭޝަނެއްގެ އިސް މީހެއް ދިރިއުޅޭ ގެކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ. މި ބުނާ ރޫޓަށް ވަދެވެން އޮންނަ ދިމާ ފެންނަ ގޮތަށް އެ ގޭގައި ކެމެރާއެއް ވެސް ހުރެ އެވެ. ނަމަވެސް އެއީ މަސައްކަތް ކުރާ ކެމެރާއެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ޒަޔާން ދިރިއުޅޭ ސޮލިޑް ގޭގެ ބިއްދޮށަށް އޮންނަ ގެ އާއި ދެ ގޭގެ ދެމެދަށް އޮންނަ ވަލަށް ވާ ބަޔަށް ވަދެވެން އޮންނަ މަގު (ކ). ޖެހިގެން ހުރި ގޭގެ ފުރާޅުގައި ހަރުކޮށްފައި ހުރި ކެމެރާ ހުންނަނީ ވަލަށް ވަދެވެން އޮންނަ ދިމާލާ ވީ ކޮޅަށް. (ދައުރު ފޮޓޯ)

'ކަލޭމެންނަށް ހަރަދު ކުރަނީ އަހަރެމެން، އެހެންވީމަ ޖެހޭނީ ދޫކޮށްލަން'

ޒަޔާން މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދަން ފުލުހުން އެކި ރޭތަކުގެ މަތިން އައްޑޫގައި އޮޕަރޭޝަންތަކެއް ހިންގި އެވެ. މިގޮތަށް ހިންގި އޮޕަރޭޝަނެއްގައި މި މަހު 18 ވަނަ ދުވަހު މަގުއްދޫ ގުރޫޕް އޮޕަރޭޓު ކުރާ ސަރަހައްދުގައި ހުންނަ ކެފޭއަކުން މަގުއްދޫ ގުރޫޕުގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެ ވަގުތު ކެފޭގައި ހުރި މީހަކު 'ދައުރު'އަށް ކިޔައިދިން ގޮތުގައި ފުލުހުން އެތަނަށް ވަންއިރު އެ މީހުން ތިބީ ބަނގުރާ ބޯށެވެ. އަދި ފުލުހުން ވަންކަން އެނގުމާ އެކު ޖެހިގެން ހުރި ގޭގެ ވަލު ތެރެއަށް ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުތައް އުކާލި އެވެ. އެތަނަށް ދިޔަ ފުލުހުންގެ ތެރޭގައި ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި އެސްއޯ ފުލުހުން ވެސް ހިމެނެ އެވެ.

އެ މީހުން ހައްޔަރުކޮށްގެން ފުލުހުން އެ ތަނުން ފޭބީ ދަންވަރު ބާރަ ޖެހި ފަހުންނެވެ. އަދި ވެހިކަލަށް އެރުވި ގަޑީގައި މަގުއްދޫ ގުރޫޕުގައި އިސްކޮށް އުޅޭ އަދި ޒަޔާން މަރާލި މީހުން ފިލަން ބޭނުންކުރި ކާރުގެ ވެރިފަރާތް ކަމަށް ބުނާ މީހާ ފުލުހުންނަށް އިންޒާރު ދިން އަޑު އިވުނު ކަމަށް 'ދައުރު'އާ ވާހަކަ ދެއްކި އެކަކު ކިޔައިދިނެވެ.

"ކަލޭ އަތުކުރީގައި ތި އޮތް ގަޑި، ކަލޭ ޖީބުގައި ތި އޮތް ފޯނު، ތީ އަހަރެމެން ގަނެދިފައި ހުރި އެއްޗެހި،" އެ ތަނަށް އައި ފުލުހުންގެ ތެރެއިން އިންވެސްޓިގޭޓިން އޮފިސަރަކާ ދިމާލަށް މަގުއްދޫ ގުރޫޕުގެ އިސް މީހަކު ބުނި އަޑު އޭނާއަށް އިވުނެވެ.

"ކަލޭމެންނަށް ހަރަދު ކުރަނީ އަހަރެމެން. އެހެންވީމަ ކަލޭމެން ޖެހޭނީ އަހަރެމެން ދޫކޮށްލަން. ކޯޓަށް ގޮސްފި ނަމަ ގާޒީއަށް ޕޭމަންޓް ސްލިޕްތައް ވެސް ދައްކާނަން."

އޭނާ އެހެން ގޮވަމުންދިޔަ އިރު، އެ އެންމެން ވެސް ތިބީ ފަހަތަށް ބިޑިއަޅުވައިފަ އެވެ. ކެފޭއިން އެރޭ އެ މީހުން ގެންދިޔައީ ގަން ޕޮލިސް ސްޓޭޝަނަށެވެ. މުއްދަތު ޖަހަން ކޯޓު ރޫމަށް ވެއްދުމާ ހަމައަށް ވެސް މަގުއްދޫ ގުރޫޕުން ދިޔައީ ފުލުހުންނަށް އިންޒާރު ދެމުންނެވެ. ހައްޔަރުކުރި ދުވަހުގެ ފަހު ދުވަހު އެ މީހުންގެ ގެތައް ބަލާ ފާސްކުރަން ގެންދިޔައިރު އެހެން ގޮވި އަޑު ވެސް ބައެއް މީހުންނަށް އިވުނެވެ. އަދި ކޯޓު ރޫމަށް ވެއްދުމުގެ ކުރިން ވެސް ހަމަ އެ ގޮވެލިފަތި އެ މީހުން ގޮވި އެވެ: ފުލުހުންނަށް ހަރަދުކުރި ކަމުގެ ހެކި އެބަހުރި ކަމަށާއި ކޯޓަށް ވައްދައިފި ނަމަ ރިޝްވަތު ހިފިކަން ގާޒީއަށް ކިޔައިދޭނެ ކަމުގެ އިންޒާރެވެ.

ފުލުހުން، ގޭންގުގެ ބޮޑުންނަށް 'ސާ' ކިޔާފައި މުހާތަބުކުރޭ

މަގުއްދޫ ގުރޫޕުން ރިޝްވަތު ދިން ކަމަށް ބުނާ ފުލުހުންނަކީ ސީދާ ކޮން ބައެއްކަމެއް ނޭނގެ އެވެ. އޭގެ ތެރޭގައި ޒަޔާން އާއި އޭނާގެ އާއިލާއަށް އަދި އެ ރަށުގެ ބައެއް އެހެން މީހުންނަށް މަރުގެ އިންޒާރު ދެމުންދިޔަ މައްސަލަ ބެލުމުގައި އިހުމާލުވި މީހުންނާއި އިންޓެލް ފުލުހުންގެ ތެރެއިން ދެ މީހަކު ހިމެނޭ ކަމަށް، ބައެއް މީހުން ބުނެ އެވެ.

ތަހުގީގުގައި އިހުމާލުވި މީހުންނަކީ އައްޑުއަށް ނިސްބަތްވާ ދެ މީހުންނެއް ނޫނެވެ. ނަމަވެސް އިންޓެލް ފުލުހުންނަކީ، ފޭދޫ މީހުން ބުނާ ގޮތުގައި، ސީދާ އެ ރަށަށް އުފަން އަދި މަގުއްދޫ ގުރޫޕަށް ވެސް ނިސްބަތްވާ ދެ މީހުންނެވެ. މަގުއްދޫ ގުރޫޕަށް ފަސޭހަކަމާ އެކު މަސްތުވާތަކެތި ވިއްކެނީ އެ ދެ މީހުން ވަރަށް ބޮޑު ދައުރެއް އޮވެގެން ކަމަށްވެ އެވެ.

"ސީދާ [ޕޮލިސް ސްޓޭޝަނުގެ] އިސް މީހުންގެ އިހުމާލު އެބަ އޮތް، އެމީހުންގެ ނުފޫޒު އޮވެގެން މިހާ އޯޕަންކޮށް މިކަން ކުރެވޭނީ. [ރަށު] އެންމެން ވެސް ކިޔާ އެއްޗެއް މިއީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އޭނާ [ޕޮލިސް ސްޓޭޝަންގެ އިސް މީހެއް] އެ މީހުންގެ [މަގުއްދޫ ގުރޫޕުގެ] ބޮޑުންނާ ވާހަކަ ދައްކަނީ ސާ، ސާ ކިޔައިގެން."

މީގެ އަހަރުތަކެއް ކުރިން ޓްރެއިނިން ފުރިހަމަކުރަން އައްޑުއަށް ގޮސް އުޅުނު ފުލުހަކު ވެސް، ފޭދޫ ރައްޔިތުންގެ އެ ކަންބޮޑުވުން 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި، އޭރުގެ ހާލަތު މިހާ ގޯހެއް ނޫނެވެ. ތަފްސީލަށް ނުދިޔަ ނަމަވެސް އޭނާ ބުނީ އޭރު ވެސް ފުލުހުންގެ ފަރާތުން ގަބޫލުކުރަން ދަތި އެތައް ކަމެއް ފެނުނު ކަމަށެވެ.

ޒަޔާންގެ މަރަށް ފަހު ފޭދޫ މަގުމަތިން މަގުއްދޫ ގުރޫޕުގެ އެއްވެސް ބަޔަކު ނުފެނެ އެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުން ފިޔަވައި އެ ގުރޫޕުގެ ގިނަ މީހުން މިހާރު އުޅެނީ ފިލައިގެންނެވެ. މިހާތަނަށް ހައްޔަރުކުރީ އަށް މީހެކެވެ. ފޭދޫގެ މަގުތަކަށް މި ވަގުތު އަމާންކަމެއް އަޔަސް، ނޭނގެނީ މި އަމާންކަން ދެމިއޮންނާނީ ކިހާ ދުވަހަކަށް ކަމެވެ. އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ފުލުހުންގެ ބާރު މިހާރު އޮތް މިންވަރަށް ވެސް ފޭދޫގައި އޮވެދާނެ ކަމަކަށް، ރަށުގެ ބައެއް މީހުން ގަބޫލެއްނުކުރެ އެވެ.

އެނގުން މުހިންމު - މި ރިޕޯޓަށް ފުލުހުންގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ޝާއިއުކުރުމާ ހަމައަށް ފުލުހުންގެ ރަސްމީ ބަހެއް ނުލިބުނެވެ.

ކޮމެންޓް (6)

ަހަހަ

26 ޖޫން 2022
ދެން ތި ތިބި ގްރޫޕެއްގެ ގޮތެއްވެސް އިގޭނީ ބަލާލީމަ. ވަކި ސަހަލެއް ނުވާނެ
7 1

ރަަނގަޅު

26 ޖޫން 2022
ލާރި ނެގި ފުލުހުން ތިބޭނީ ގޭންގު މީހުން ދައްކާ ވާހަކަ ބަޔަކު ގަބުލު ނުކުރާނެ ކަމަށް ހީކޮށް. އެކަމު އެމީހުންނަށްވެސް ނޭނގޭ ކަމަކީ މިހުރިހާ ކަމަކާމެދު ސުވާލުކުރެވޭނެ ހަމަ ޔަގީނުންވެސް ދުވަހެއް އަންނާނެކަން. އެދުވަހަކުން ދޮގެއް ނުހެދޭނެ. ގައިގަ ހުރި ގުނަވަންތައްވެސް ހެކިވާނެ!!
16 2

ޒަރީރު

26 ޖޫން 2022
ގޭންތަކުގެ ބާރު ރާއްޖޭގަ އޮތްވަރު. މިހަކު މަރާލިމީހާ ހައްޔަރު ކުރީމަ އޭނަގެ ދިފާއުގަ ގޭންގުން ނިކުމެ ހިތުހުރި އެއްޗެއް ކިޔައި ފާޅުގަ ނުފޫޒު ފޯރުވާއިރު ރައްޔިތުންވެސް ކަންބޮޑެއްނުވޭ
19 4

އާދަމް

26 ޖޫން 2022
@ޒަރީރު ތިއީ އާންމު ކަމެއް. ފުލުހުންނަށް ގުޅުމަށްވުރެން ނުގުޅުން ރަނގަޅު ވާނީ.އެމީހުން އަންނާނީ ގަޑި ދެ ގަޑިއިރު ލަހުން. ހެކި ނެތޭ ކިޔާފަ އެމީހުން ގޮސްދާނެ.
16 1

ނާހަމަ ތެދެއް

26 ޖޫން 2022
@ޒަރީރު ރައްޔިތުން ކަންބޮޑުވިޔަސް ކީއްތަކުރަނީ. ފުލުހުންގެ ކަން ހުންނަ ގޮތްމީ. ފުލުހުން އޮންނަޏީ މައްސަލަ ޖައްސާމީހާ މުޅި ރަށައް އިއުލާންކޮއްފަ. މައްސަލަ ލާ މީހަކަށް އެވަރައް ހަސްކާ ދައްކާލާ. މިކަން ބަލާނެ ވެރިއެއް ނެތް.
7 1

ސާބަސް

26 ޖޫން 2022
ދައްކަން ޖެހި ނުދައްކާ، ނުދެއްކިޔަސް އެންމެންނަށް ވެސް އެނގޭ، ހައްލު ނުވާ މައްސަލަ
24 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް