އައްޑޫގައި ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން، 21.

ޒަޔާންގެ މަރު

ޒަޔާންގެ މަރުގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ނުފޫޒު ފޯރުވަން އުޅުނުކަމުގެ ތުހުމަތަށް ހައްޔަރުކުރީ 37 އަހަރުގެ ފިރިހެނެއް

މިދިޔަ މަހުގެ 2ގެ ދަންވަރު އައްޑޫގައި ގްރޫޕް ހަދައިގެން ގެއަކަށް ވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅައި ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ފޭދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކަކަށް ފަހު މިދިޔަ މަހުގެ 2 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ސ. ފޭދޫ/ސޮލިޑް، މުހައްމަދު ޒަޔާން މަރާލި މައްސަލައިގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން:

  • އޭގެ ތެރޭގައި 18 އަހަރާއި 28 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ހިމެނޭ

  • 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިން ވެސް ހިމެނޭ

  • ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު، އަނެއް ބައި މީހުންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ވަނީ އިތުރުކޮށްފައި

ވީ ކިހިނެއް؟ - މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައަށް ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރީ 37 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ، ފުލުހުން ބުނި ގޮތުގައި:

  • މަރުގެ މައްސަލައިގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި

  • ފުލުހުންގެ ތަހުގީގަށް ހުރަސް އަޅައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތުގައި

  • އޭނާ ހައްޔަރުކުރި ތަނެއް ފުލުހުން ނުބުނޭ

"މީގެ އިތުރުން ވެސް ބައެއް ފަރާތްތަކުން މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވައި ހުރަސް އެޅުމަށް މަސައްކަތް ކުރަމުން ދާތީ އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މި ދަނީ ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ކުރިއެރުމާއި ހޯދާފައިވާ ހެއްކާ ބެހޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެނގުން މުހިންމު - ޒަޔާންގެ މަރުގެ މައްސަލައިގައި އައްޑޫގެ 'މަގުއްދޫ ގްރޫޕް'އަށް ނިސްބަތްވާ ބަޔަކު ވަނީ އެ ސިޓީގައި ހަރަކާތްތެރިވާ ފުލުުހުން ރިޝްވަތު ނަގާ ކަމަށް ބުނެ ވަކިވަކި ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ކޮށްފަ އެވެ. އައްޑޫގެ ބައެއް އާންމުން ވެސް އެ ވާހަކަތަކަށް އެއްބަސްވެ އެފަަދަ ތުހުމަތުތައް އައްޑޫގައި ހަރަކާތްތެރިވާ ފުލުހުންނަށް ކުރެ އެވެ.  

'ދައުރު'ން އެ ތުހުމަތުތައް ރިޕޯޓް ކުރުމާ ގުޅިގެން އެތެރޭގެ ތަހުގީގެއް ފަށައި، ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކުނު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް ވަނީ މީގެ ކުރިން މި ނޫހަށް ވިދާޅުވެފަ އެވެ.

ޒަޔާންގެ މަރާ ގުޅޭ ހާއްސަ ކަވަރޭޖު - 


އިތުރު އާޓިކަލް

އިތުރު އާޓިކަލް