ބާ ކައުންސިލުގެ ތިން ވަނަ އަހަރީ އާންމު ޖަލްސާގައި އެ ކައުންސިލުގެ ރައީސް މައުމޫން ހަމީދު (ފޮޓޯ/ ބާ ކައުންސިލް)

ބާ ކައުންސިލް

ބާ އިމްތިހާން ފަސްނުކުރަން ނިންމައިފި

ބާ ކައުންސިލުން ބުނީ އިމްތިހާން ބާއްވަނީ ކުއްލިއަކަށް ނޫން ކަމަށާއި، އިމްތިހާން ފަސްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް

މި މަހުގެ 25 ވަނަ ދުވަހު ބާއްވާ ބާ އިމްތިހާނު ފަސްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް، އިއްޔެ ބޭއްވި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - ބާ އިމްތިހާނު ބޭއްވުމުގައި ބާ ކައުންސިލުން ގެންގުޅޭ ސިޔާސަތުތަކާ މެދު ގިނަ އަދަދެއްގެ ދަރިވަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން، މިހާރުގެ އެކްސްކޯއިން ބާ އިމްތިހާނަށް ކަނޑައެޅި ފީ މާ ބޮޑު ކަމަށް އަންނަނީ ބުނަމުންނެވެ. އަދި ބާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް އެ އިމްތިހާން ބޭއްވުން ފަސްކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ތަފްސީލް - އިމްތިހާނާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ބޭއްވި ބައްދަލުވުމަށް ފަހު ބާ ކައުންިސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ އިމްތިހާނު ތައްޔާރުކުރުމަށް ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެތައް މަސައްކަތްތަކަކާއި ހަރަދެއް ކޮށްފައިވާ ކަމަށެވެ.

އެއީ ކުއްލިއަކަށް އިންތިޒާމްކުރި އިމްތިހާނެއް ނޫން ކަމަށާއި، 2020 އިން ފެށިގެން އިމްތިހާން ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުންޏެވެ. އެ ބަޔާނުގައި ބުނީ:

  • ބާ އިމްތިހާނުގައި އިމްތިހާނުކުރެވޭ ދާއިރާތައް ގެޒެޓުކުރީ 23 އެޕްރީލް 2020 ގައި ކަމަށް

  • މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިމްތިހާނު ބާއްވާނެކަން އިއުލާނުކުރީ 19 ސެޕްޓެމްބަރު 2021 ގައި ކަމަށް

  • ބާ އިމްތިހާނުގެ ތަފްސީލީ ސިލަބަސް 8 ޖެނުއަރީ 2022 ގައި 600 ބައިވެރިން ތިބި ފޯރަމެއްގައި ހިއްސާކުރި ކަމަށް

  • އެ ސިލަބަސް 3 ފެބުރުއަރީ 2022 ގައި ގެޒެޓުކުރި ކަމަށް

  • އިމްތިހާނު ބާއްވާ ތާރީހުގެ 90 ދުވަސް ކުރިން ތާރީހު އިއުލާނުކުރަން ޖެހޭ އިރު، 24 މާޗު 2022 ގައި އެކަން ކުރި ކަމަށް

ބާ ކައުންސިލުން ބުނީ އެންމެ ފުރަތަމަ ގެޒެޓުކުރި އިމްތިހާނުކުރެވޭ ދާއިރާތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

ބުނީ ކީކޭ؟ - "އެހެންކަމުން، 25 ޖޫން 2022 ގައި ބޭއްވުމަށް އިންތިޒާމުކުރާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް މެދުވެރިވެފައި ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ،" ބާ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

ބާ ކައުންސިލުން އިތުރަށް ބުނީ، އެ ކައުންސިލުން ހިންގި އެއް މަސް ދުވަހުގެ ހާއްސަ ތަމްރީނެއް ފުރިހަމަ ކުރި 281 ފަރާތަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ. އެއީ އެ ފަރާތްތަކަށް ލިބިދިން ވަރަށް ބޮޑު ލުޔެއް ކަމަށާއި، އެ ލުއި ދިނީ ބާ ކައުންސިލުން އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާނުގައި ބައިވެރިވުމަށް ޝަރުތުކޮށްފައި ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން، އެ ހުއްދަ ލިބިފައިވާ އެއްވެސް ފަރާތަކުން ބާ ކައުންސިލުން އިންތިޒާމުކުރާ އެންމެ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިނުވެއްޖެ ނަމަ، ނުވަތަ އިމްތިހާނުން ފެއިލްވެއްޖެ ނަމަ ގާނޫނުން ލާޒިމުކުރާ އެއް ޝަރުތު އެ ފަރާތުގެ ކިބައިން އުނިވާނެކަން ކައުންސިލުން ފާހަގަކުރި އެވެ.

ބާ އިމްތިހާނުގައި ބައިވެރިނުވެއްޖެ ނަމަ، ނުވަތަ އިމްތިހާނުން ފެއިލްވެއްޖެ ނަމަ އެ ފަރާތެއްގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓޭނެ ކަމަށް 20 ސެޕްޓެމްބަރު 2020 ގައި ގެޒެޓުކުރި އުސޫލެއްގައި ބުނެފައިވެ އެވެ.

ގުޅުންހުރި ކަމެއް - ކިޔެވުން ނިމި، ވަކީލުކަމުގެ ހުއްދަ ނުލިބި ތިބި ދަރިވަރުންތަކެއް ވަނީ ބާ އިމްތިހާނުގެ ފީގެ މައްސަލައަށް ގޮތެއް ނިންމެންދެން ބާ އިމްތިހާނު ބޭއްވުން ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ވެސް ގޮސްފަ އެވެ. ނަމަވެސް ކޯޓުން ނިންމީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.   

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

މުހައްމަދު

20 ޖޫން 2022
މިވެސް ވަރުގަދަ ކަމެއް ދޯ؟
0 0

ހުތާބެ

20 ޖޫން 2022
@މުހައްމަދު އަސްލުވެސް ކޮންކަމެއް މިއީ ދެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް