ބާ އިމްތިހާނު ބާއްވާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ލޯ ގްރެޖުއޭޓުންނާއި ވަގުތީ ހުއްދައިގެ ދަށުން މަސައްކަތް ކުރާ ބައެއް ވަކީލުން އިއްޔެ ޖުޑިޝަރީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/މަޖިލިސް)

ބާ ކައުންސިލް

ދަރިވަރުން އެދެނީ އާ އެކްސްކޯގެ ދަށުން ބާ އިމްތިހާނު ބާއްވަން

ބާ ކައުންސިލާ މެދު ގާނޫނީ ފަންނުން ކިޔަވާ ދަރިވަރުންގެ ޝަކުވާތައް ވަރަށް ގިނަ

ބާ ކައުންސިލުގެ ކުރިއަށް އޮތް ދައުރަށް ބާ އިމްތިހާބު ބޭއްވުން ފަސްކުރަން މަސައްކަތް ކޮށްދޭން އެ އިމްތިހާނު ފުރިހަމަ ކުރަން ޖެހޭ ދަރިވަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދިއްޖެ އެވެ.

މި މަހުގެ 25 ވަނަ ދުވަހު ބާއްވާ ބާ އިމްތިހާނު ހަދަން ޖެހޭ މީހުންގެ ތެރޭގައި އަލަށް ގާނޫނީ ދާއިރާއިން ކިޔަވައިގެން ގްރެޖުއޭޓުވި ދަރިވަރުންގެ އިތުރުން، ކޮވިޑްގެ ތެރޭގައި ބާ އިމްތިހާނު ނުބޭއްވި ލަސްވެގެން ގާނޫނީ ވަކީލުކަމުގެ ވަގުތީ ހުއްދަ ދިން މީހުން ވެސް ހިމެނެ އެވެ. ވަގުތީ ހުއްދަ ދިން މީހުންގެ ހުއްދަ ދެމިގެން ދަނީ ބާ ކައުންސިލުން ބާ އިމްތިހާނު ބޭއްވުމާ ޖެހެންދެނެވެ.

ބާ އިމްތިހާނު ބޭއްވުމުގައި ބާ ކައުންސިލުން ގެންގުޅޭ ސިޔާސަތުތަކާ މެދު ގިނަ އަދަދެއްގެ ދަރިވަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން، މިހާރުގެ އެކްސްކޯއިން ބާ އިމްތިހާނަށް ކަނޑައެޅި ފީ މާ ބޮޑު ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެ އެވެ.

ވީ ކިހިނެއް؟ - ބާ އިމްތިހާނު ބާއްވާ ގޮތާ މެދު ކަންބޮޑުވާ ދަރިވަރުންތަކެއް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެ މީހުން ކައުންސިލަށް ޝަކުވާ ފުންޏެއް ބަންޑުންކޮށްލި އެވެ.

ޖުޑިޝަރީ ކޮމިޓީއަށް ދިޔަ ދަރިވަރުން އެދުނީ ބާ ކައުންސިލުގެ ކުރިއަށް އޮތް ދައުރުުގައި ބާ އިމްތިހާނު ބާއްވާ ގޮތަށް ފަސްކުރުމަށް ޖުޑިޝަރީ ކޮމިޓީއިން ވެސް މަސައްކަތް ކޮށްދިނުމަށެވެ. އާ އެކްސްކޯގެ ތެރެއިން މައްސަލަތަކަށް ހައްލެއް ހޯދުމުގެ ފުރުސަތު ބޭނުންވާ ކަމަށް ދަރިވަރުން ބުންޏެވެ.

"25ގައި މި އޮންނަ އެގްޒާމް އަލަށް ބާ ކައުންސިލަށް ހޮވުނު އެކްސްކޯއަށް، އެ އެކްސްކޯ ފުރިހަމަ ގޮތުގައި ހިނގަންދެން މަޑުޖައްސާލަ ދޭށޭ." އެ ބައްދަލުވުމުގައި ބައިވެރިވި ދަރިވަރެއް ކަމަށްވާ ޖައިލަމް ތައުފީގު ބުންޏެވެ.

ބާ އިމްތިހާނު ބާއްވާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ލޯ ގްރެޖުއޭޓުންނާއި ވަގުތީ ހުއްދައިގެ ދަށުން މަސައްކަތް ކުރާ ބައެއް ވަކީލުން އިއްޔެ ޖުޑިޝަރީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި އިމްތިޔާޒު ފަހުމީ އަދި މޫސާ ސިރާޖު (ފޮޓޯ/މަޖިލިސް)

އެނގުން މުހިންމު - ބާ ކައުންސިލުގެ އެކްސްކޯގެ އިންތިހާބު މި މަހުގެ 11 ވަނަ ދުވަހު ބާއްވާފައިވާއިރު، އެ ކައުންސިލުގެ ރައީސަކަށް އިސްމާއިލް ވިޝާމް އަދި މިޒްނާ އަހުމަދު ވަނީ އިންތިހާބުކޮށްފަ އެވެ. ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދަން ބާ އިމްތިހާނު ހަދަން ޖެހިފައިވާ ބައެއް ދަރިވަރުން ބުނާ ގޮތުގައި އެ ދެ ބޭފުޅުން ވަނީ ކެމްޕެއިނުގައި ބާ އިމްތިހާނުގެ މައްސަލަތައް ހައްލުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ވައުދުވެފަ އެވެ.

"މިހާރުގެ ކައުންސިލުގެ އެއްބާރުލުން ނުލިބޭ"

ކޮމިޓީއަށް ދިޔަ ތޮލްހަތު ސައީދު ބުނީ، ބާ ކައުންސިލަށް ގޮސްގެން ވެސް މިހާރުގެ އެކްސްކޯ މެމްބަރުންނާ އިމްތިހާނުގެ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ނުލިބޭ ކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ ދަރިވަރުންގެ ފާޅުކުރާ ކަމަށެވެ.

ފީ ދައްކަން އިތުރު މައުލޫމާތު ހޯދަން ވެގެން ބާ ކައުންސިލަށް ގޮސްގެން ވެސް އެކްސްކޯ މެމްބަރުންނާ ބައްދަލުނުވާ ކަމަށާއި ކޮންމެ ފަހަރަކު ދަރިވަރުން އަނބުރާ އަންނަން ޖެހެނީ އެސްޖީ ނޫނީ ކައުންޓަރުގައި އިންނަ ކުއްޖާއަށް އިހުސާސްތައް ކިޔައިދީފައި ކަމަށް އޭނާ ބުންޏެވެ.

"ދައުރު ނިމޭ ދުވަހު ބުނެވޭނެއޭ ބާ އެގްޒާމެއް ވެސް ތިމަންނަމެން ދައުރުގައި ބޭއްވީމޭ، ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ކުރީމޭ. އެކަމަކު، ފާއިތުވި ދުވަސްތައް މި ދިޔައީނުން، އެއް ކަމެއް ވެސް ނެތޭ ކޮށްފައެއް،" ތޮލްހަތު ބުންޏެވެ.

ބާ ކައުންސިލުގެ ތިންވަނަ އަހަރީ އާންމު ޖަލްސާގައި އެ ކައުންސިލުގެ އެކްސްކޯ މެމްބަރުން (ފޮޓޯ/ ބާ ކައުންސިލް)

ބާ ކައުންސިލްގެ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވަނީ އަންނަ ޖުލައި 13 ވަނަ ދުވަހު އެވެ. ބާ އިމްތިހާނާ އެ މުއްދަތާ ދޭތެރޭގައި އޮތީ 15 ވަރަކަށް ދުވަަސްކަން ފާހަގަކޮށް، އިމްތިހާނު ކުޑަދުވަސްކޮޅަކަށް ލަސްކުރި ނަމަވެސް، އިމްތިހާނުގައި ބައިވެރިވާ އެހެން މީހުންނަށް ދަތިނުވާނެ ކަމަށް ވެސް ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ދަރިވަރުން ބުންޏެވެ.

"އެ 15 ދުވަހަށް އަޅުގަނޑުމެންގެ ހުއްދަ އޮވެފައި ދެން އެ 15 ދުވަހުގެ ފަހުން އާ އެގްޒެކެޓިވް ކޮމިޓީގެ ދަށުން އިމްތިހާނު ބޭއްވުމުގެ ކަންކަން ކުރިއަށްދާނެ މަގެއް ތިބޭފުޅުންނަށް ވެސް ބާ ކައުންސިލަށް ލިއެއިސް ކުރައްވައިގެން ހުޅުވާލަދެއްވިއްޖެއްޔާ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވާނަން،" ވަކީލު މުހައްމަދު ޒައިން އަހުމަދު ޝަހީދު ވިދާޅުވި އެވެ.

އިމްތިހާނުގައި ބައިވެރިނުވެވޭ މީހުންގެ އަދަދުތައް:

  • 300 ގްރެޖުއޭޓުން އިމްތިހާނަށް ފައިސާ ދައްކާފައިވާއިރު، 113 މީހަކަށް ފައިސާ ނުދެއްކޭ

  • ވަގުތީ ހުއްދަ ދިން 159 މީހުން ވަނީ އިމްތިހާނަށް ފައިސާ ދައްކާފައި، އަދި 118 މީހުން އިމްތިހާނުގައި ބައިވެރިނުވޭ

ގިނަ ބައެއްގެ ޕްރެކްޓިސް ހުއްޓިގެންދާނެ

ކޮމިޓީއަށް ދިޔަ ދަރިވަރުން ފާހަގަކުރީ، ވަކީލުކަމުގެ ވަގުތީ ހުއްދަ ދިން މީހުންގެ ތެރެއިން އިމްތިހާނުގައި ބައިވެރި ނުވެވޭ 118 މީހުން ތިބި އިރު، މި މަހުގެ 25ގެ ފަހުން އެ މީހުން ހުއްދަ ބާތިލުވެގެންދާނެ ކަމެވެ. އެ ހުއްދަ ބާތިލުވުމުން އެ މީހުންގެ ޕްރެކްޓިސް ހުއްޓި އެ މީހުންގެ ކްލަޔަންޓުންގެ ހައްގުތައް ވެސް ގެއްލިގެންދާނެކަން އެ ދަރިވަރުން ފާހަގަ ކުރި އެވެ.

"އެއް ރޭ މަތިން އަޅުގަނޑުމެންގެ ހުއްދަ މިގޮތަށް ބީވެގެން ދިޔުމަކީ ވަރަށް ބޮޑު ގެއްލުމެއް،" ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަގުތީ ލައިސެންސްއާއެކު މަސައްކަތް ކުރާ މުހައްމަދު ޒައިން އަހުމަދު ޝަހީދު ވިދާޅުވި އެވެ.

ބާ ކައުންސިލުން ކުރިން ހުއްދަ ދޫކޮށްފައި އޮއްވައި އަލުން އިމްތިހާނެއް ހަދައިގެން ހުއްދަ އާ ކުރަންޖެހޭތީ އެކަމާ ބެހޭގޮތުން ޒައިން ސުވާލު އުފެއްދެވި އެވެ.

އޭނާ ފާހަގަ ކުރީ، ގާނޫނުގައި ވަކީލުކަމުގެ ހުއްދަ އާ ކުރުމުގެ ކަންކަން ފެށޭނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ފަސް އަހަރު ފަހުން، އިއުލާނު ކުރެވޭ މުއްދަތެއްގެ ތެރޭގައި ކަމަށްވާއިރު، ފަސް އަހަރު ނުވަނީސް އަލުން ހުއްދަ އާ ކުރާ ގޮތެއް ވެސް ސާފު ނުވާ ކަމަށެވެ. އަދި އާ ކުރާ ކޮންމެ ދެ މުއްދަތެއްގެ ތެރޭގައި މަދުވެގެން ތިން އަހަރު ވާން ޖެހޭ ކަމަށް ގާނޫނުގައި އޮންނަ އިރު އެ ވަކީލުންނަށް ހުއްދަ ލިބުނުތާ ތިން އަހަރު ނުވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

ގާނޫނީ ވަކީލު ކަމަށް ދިން ވަގުތީ ހުއްދައިގައި، ނޯޓެއްގެ ގޮތުގައި އެ ހުއްދަ ދެމިއޮންނާނީ ބާ ކައުންސިލުން ބާ އިމްތިހާނު ބާއްވަންދެން ކަަމަށް ބަޔާންކޮށްފައިވާއިރު، އެ ނޯޓަކީ ގާނޫނުން ބާރުލިބިގެން ހިމަނާފައިވާ ނޯޓެއް ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ. 

ބާ އިމްތިހާނު ބާއްވާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ލޯ ގްރެޖުއޭޓުންނާއި ވަގުތީ ހުއްދައިގެ ދަށުން މަސައްކަތް ކުރާ ބައެއް ވަކީލުން އިއްޔެ ޖުޑިޝަރީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި އިމްތިޔާޒު ފަހުމީ އަދި މޫސާ ސިރާޖު (ފޮޓޯ/މަޖިލިސް)

އިއްޔެގެ ބައްދަލުވުމުގައި ދަރިވަރުން ވަނީ އިމްތިހާނާ ގުޅިގެން ހުރި އެހެން ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އިމްތިހާނަށް ސިލަބަސް އޮންނަ ގޮތް ނޭނގޭ ކަމުގެ ޝަކުވާ ވެސް ދަރިވަރުން ކުރި އެވެ. އެގޮތުން، އެކި ދަރިވަރުން ކިޔަވަނީ އެކި ގޮތްގޮތަށް އެކި ވަސީލަތްތައް ބޭނުންކޮށްގެންކަން ފާހަގަ ކުރި އެވެ.

އޭގެ އިތުރުން، ފީގެ މައްސަލަ ވެސް ފާހަގަ ކުރި އެވެ. އިމްތިހާނުގައި ބައިވެރިވާން ޖެހޭ ގިނަ ކުދިންނަކީ ކުޑަ މުސާރައަކަށް މަސައްކަތް ކުރާ އަދި ދިރިއުޅުމުގެ ހަރަދުތައް ކުރަމުން ބޮޑު ކުލި ގެއަށް ދައްކަމުން އުޅޭ ބައެއް ކަމަށް ވެސް ބުންޏެވެ. އެހެންވެ، ކުއްލިއަކަށް ގާތްގަނޑަކަށް އެއް މަހާއި 20 ދުވަސް ވެސް ނެތް ފަދަ ކުޑަ މުއްދަތެއްގައި 10،000ރ. ދައްކަން އެންގުމުން ބައެއް މީހުން ލިބުނު މުސާރަ އެއްކޮށް ވެސް ދައްކާފައި އެބަ ހުރި ކަމަށް ކޮމިޓީގައި ޖައިލަމް ތައުފީގު ބުންޏެވެ.

ބައެއް މީހުން މާސްޓާސް ހަދައި ނިމޭ އިރު ވެސް ހުއްދަ ނުލިބޭކަން ވެސް ފާހަގަ ކުރި އެވެ. އަދި ގާނޫނީ ދާއިރާއަށް ވަންނަން ވެގެން ކިޔެވި ބައެއް ކުދިން މިހާރު އިތުރު ގޮތެއް ނެތިގެން އެހެން ދާއިރާތަކުން ކިޔަވަން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

އެ މީހުން ފާހަގަކުރި މައްސަލަތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ބައްދަލުވުން ނިންމަވާލައްވަމުން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފައްނު އުތުރު ދާއިރާގެ މެމްބަރު އިމްތިހާޒު ފަހުމީ ވިދާޅުވި އެވެ. އެހެންނަމަވެސް، ވަގުތީ ހުއްދަ ދޭ މީހުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނެއްގައި ބައިވެރިވާން ލާޒިމުވާނެކަމަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައިވާކަން ނައިބު މުގައްރިރު މޫސާ ސިރާޖު ފާހަގަ ކުރެއްވި އެވެ.

އެނގުން މުހިންމު - އިއްޔެ ދަރިވަރުން ޖުޑިޝަރީ ކޮމިޓީއަށް ގޮސް އިމްތިހާނާ ގުޅޭ ޝަކުވާތައް ހިއްސާކޮށްފައިވާއިރު، އަލަށް ބާ ކައުންސިލުގެ އެކްސްކޯއަށް އިންތިހާބުވި ބޭފުޅުން މިއަދު ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް