މާޗު 2020ގައި ބޭއްވި ގާނޫނީ ވަކީލުން ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފައިލް ފޮޓޯ/ޑީޖޭއޭ)

ބާ ކައުންސިލް

ބާ އިމްތިހާނަށް 10،000ރ. ދައްކަން ޖެހޭތީ ދަރިވަރުން ރުޅިގަދަވެއްޖެ

ބައެއް ދަރިވަރުން ބުނާ ގޮތުގައި މިއީ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ދައްކަން ވަރަށް ދަތި އަދަދެއް

ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ބާ އިމްތިހާނުގައި ބައިވެރިވުމުގެ ފީ އަކީ 10،000ރ. ކަމަށް ބާ ކައުންސިލުން ކަނޑައެޅުމުން ބައެއް ދަރިވަރުން އެކަމާ މެދު މިއަދު ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ބާ ކައުންސިލުގެ ރައީސް މައުމޫން ހަމީދު، ބާ އިމްތިހާނު ފުރިހަމަ ކުރަން ޖެހޭ ދަރިވަރުންނަށް ފޮނުއްވި އީމެއިލެއްގައިވާ ގޮތުން އެ ކައުންސިލުން މިހާރު ވަނީ ބާ އިމްތިހާނުގެ ފީ އަކީ 10،000ރ. ކަމަށް ކަނޑައަޅައިފަ އެވެ.

މައުމޫން ވިދާޅުވި ގޮތުގައި، އަގު ކަނޑައެޅުމުގައި ބެލި ކަންކަން:

  • ފުރަތަމަ ފަހަރަށް ބާ އިމްތިހާނެއް އެކުލަވާލަން ދިޔަ ބޮޑު ހަރަދު

  • އެހެން ގައުމުތަކުގައި ބާ އިމްތިހާނަށް ފީ ކަނޑައަޅާ ގޮތް

  • އިމްތިހާނު ފުރިހަމަ ކުރަން ޖެހޭ މީހުން އުފުލަން ޖެހޭ ބުރަ

ތަފްސީލް - އެ އީމެއިލްގައިވާ ގޮތުން، ބާ ކަައުންސިލުގެ އެކްސްކޯއިން ނިންމާފައި ވަނީ އިމްތިހާނު އެކުލަވާލުމަށް ދިޔަ މުޅި ހަރަދު ދަރިވަރުންގެ އަތުން ނެގުމުގެ ބަދަލުގައި، ކައުންސިލުން އޭގެ ހަރަދުގެ 50% އުފުލާ ގޮތަށެވެ. މި އަހަރު އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދަށް ބަލާއިރު، ހަގީގަތުގައި ކޮންމެ ދަރިވަރެއްގެ ބޮލަށް 20،000ރ. ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ފީ ކަނޑައެޅުމާ ގުޅިގެން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންގެ ވައިބާ ގްރޫޕުގައި ބައެއް ދަރިވަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުމުގެ ހިޔާލު ވެސް ދަރިވަރަކު ފާޅުކުރި އެވެ.

ދަރިވަރުންގެ ބައެއް ކަންބޮޑުވުންތައް:

  • މިއީ ގިނަ ދަރިވަރުންނަށް އެއްފަހަރާ ދައްކަން ދަތިވާނެ އަދަދެއް

  • މިއީ ތަރައްގީވެފައިވާ ބޭރު ގައުމުތަކުގައި ވެސް ނަގާ ވަރަށް ވުރެ ބޮޑު ފީއެއް

  • މިކަން ބާ ކައުންސިލުން އެންގީ އިމްތިހާނަށް ދެ މަސް ވެފައި ވަނިކޮށް

  • ބާ ކައުންސިލުން މަސައްކަތް ކުރާ ގޮތުން އާ ވަކީލުން ނުކުތުމަށް ހުރަސް އެޅޭ

  • އިމްތިހާނު އެކުލަވާލަން ދިޔަ ހަރަދު އިމްތިހާނު ހަދާ ފުރަތަމަ ބެޗުގެ އަތުން ނެގުމަކީ އިންސާފުވެރި ގޮތެއް ނޫން

ބުނީ ކީކޭ؟ - މިކަމާ ގުޅިގެން، ނަން ހާމަ ނުކުރާ ގޮތަށް 'ދައުރު'އާ ވަހަކަ ދެއްކި ދަރިވަރަކު ބުނީ އޭނާގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން 10،000ރ.ގެ ފީއެއް އިމްތިހާނަށް ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ 2016ގައި ގާނޫނީ ދާއިރާއިން ކިޔަވަން ފެށީ ހަތަރު އަހަރުން ކިޔެވުން ނިންމާލައި ވަކީލަކަށް ވެވޭނެ ކަމުގެ އުންމީދާ އެކު އެވެ. އެކަމަކު، އެ ފަހުން އުފެއްދި ގާނޫނުން ތައާރަފުކުރި ކަންކަމާ ހެދި އެ ކަމަށް ހުރަސް އެޅުނީ ކަމަށް އޭނާ ބުންޏެވެ. 

ގާނޫނުގައި ބުނާ ކަންތައްތައް ތަންފީޒުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ބާ އިމްތިހާނު ބާއްވަން ތައްޔާރުވަމުން ދާއިރު، އޭނާ މިހާރު ވަނީ ދެ ކުދިންގެ މަންމައަކަށް ވެފަ އެވެ. 

އޭނާ ކިޔައިދިން ގޮތުގައި، އިމްތިހާނަށް ފީއެއް ނަގާނެކަން ކުރިން ވެސް އެނގެ އެވެ. އެކަަމަކު، ދުރާލައި އިމްތިހާނަށް ތައްޔާރުވުމަށް ފާއިތުވި މަސްތަކުގެ ތެރޭގައި ރިވައިސް ކުރަން ފެށި އިރު، މިހާ ބޮޑު އަދަދެއް ފީއެއްގެ ގޮތުގައި ކަނޑައަޅާނެ ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ފަދައިން ގިނަ އެހެން ދަރިވަރުންނަކީ ވެސް ކުލި ދައްކަމުން މާލޭގައި އުޅޭ ބަޔަކަށް ވާތީ އެފަދަ އަދަދެއް ދެއްކުން ވާނީ އުނދަގޫ ކަމަކަށް ކަމަށް އޭނާ ބުންޏެވެ.

"ގާނޫނުގެ ދަށުން ފުރިހަމަކުރަން ޖެހޭ އެއް އަހަރުގެ މަސައްކަތު ތަޖުރިބާ ގިނަ ދަރިވަރުން ފުރިހަމަކުރީ މުސާރައަކާ ނުލާ. އެހެންވެ، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މާ ބޮޑު އެއްޗެއް ސޭވްއެއް ވެސް ނުކުރެވޭ،" އެހެން ދަރިވަރަކު ބުންޏެވެ.

އެނގުން މުހިންމު - ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން:

  • ބާ ކައުންސިލް އުފައްދައި ބާ އިމްތިހާނު ފުރިހަމަ ކުރަން ޖެހޭ ގޮތް ހެދީ 2019ގައި 

  • މިއީ ބާ އިމްތިހާނު ބާއްވާ ފުރަތަމަ އަހަރު 

  • ކޮވިޑްއާ ހެދި ވަކީލުކަމުގެ ހުއްދަ ނުދެވިގެން ބައެއް މީހުންނަށް ވަކީލުކަމުގެ ވަގުތީ ލައިސެންސެއް ދިން 

  • އެ މީހުން ވެސް މި ފަހަރުގެ އިމްތިހާނުގައި ބައިވެރިވާން ޖެހޭ؛ އެ މީހުން ވެސް މި ފަހަރުގެ އިމްތިހާނުގައި ބައިވެރިވާން ޖެހޭ

ބާ އިމްތިހާނު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އިމްތިހާނުގައި ބައިވެރިވާ މީހުންނަށް ލެކްޗާތައް މިހާރު އަންނަނީ ދެމުންނެވެ.


ކޮމެންޓް (1)

ހަސަންދީ

24 މާރިޗު 2022
އެކަމަށްދާ ޚަރަދުގެ އެއްބައި ނަގަން ނިންމީމަ ޝުކުރުކުރަންވީމަ އަދިވެސް ށަކުވާ. ހެޔޮ އެއްގޮތެއްވެސް ނޯންނާނެ. ފުލެޓް ލިބުނު މީހުންވެސް ބޭނުންވަނީ ހިލޭ އެތާގަ އުޅެން. ނޭގެނީބާ މިއީ ކޮންމެވެސް ބައެއްގެ އަތުން ޚަރަދުދާނެ ކަންކަންކަމެއް.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް