ބާ އިމްތިހާނު ބާއްވާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ލޯ ގްރެޖުއޭޓުންނާއި ވަގުތީ ހުއްދައިގެ ދަށުން މަސައްކަތް ކުރާ ބައެއް ވަކީލުން އިއްޔެ ޖުޑިޝަރީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި އިމްތިޔާޒު ފަހުމީ އަދި މޫސާ ސިރާޖު (ފޮޓޯ/މަޖިލިސް)

ޖުޑީޝަރީ ކޮމިޓީ

ބާ އިމްތިހާން ފަސްކޮށްދޭން ޖުޑީޝަރީ ކޮމިޓީން އެދެނީ

ލޯ ގްރެޖުއޭޓުން ބުނަނީ އެމީހުންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް ބާ ކައުންސިލަށް އަލަށް އިންތިހާބުވި ބޭފުޅުން ވައުދުވެފައިވާ ކަމަށް

ބާ އިމްތިހާން ފުރިހަމަކުރަންޖެހޭ ގާނޫނީ ދާއިރާގެ ދަރިވަރުން އެދުނު ގޮތަށް، ބާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް އެ އިމްތިހާން ބޭއްވުން ފަސްކޮށްދެވެން އޮތް ނަމަ އެކަން ކޮށްދިނުމަށް ބާ ކައުންސިލުގައި އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 25 ވަނަ ދުވަހު ބާއްވާ ބާ އިމްތިހާނު ހަދަން ޖެހޭ މީހުންގެ ތެރޭގައި އަލަށް ގާނޫނީ ދާއިރާއިން ކިޔަވައިގެން ގްރެޖުއޭޓުވި ދަރިވަރުންގެ އިތުރުން، ކޮވިޑްގެ ތެރޭގައި ބާ އިމްތިހާނު ނުބޭއްވި ލަސްވެގެން ގާނޫނީ ވަކީލުކަމުގެ ވަގުތީ ހުއްދަ ދިން މީހުން ވެސް ހިމެނެ އެވެ. ވަގުތީ ހުއްދަ ދިން މީހުންގެ ހުއްދަ ދެމިގެން ދަނީ ބާ ކައުންސިލުން ބާ އިމްތިހާނު ބޭއްވުމާ ޖެހެންދެނެވެ.

ބާ އިމްތިހާނު ބޭއްވުމުގައި ބާ ކައުންސިލުން ގެންގުޅޭ ސިޔާސަތުތަކާ މެދު ގިނަ އަދަދެއްގެ ދަރިވަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން، މިހާރުގެ އެކްސްކޯއިން ބާ އިމްތިހާނަށް ކަނޑައެޅި ފީ މާ ބޮޑު ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެ އެވެ. އަދި ދަރިވަރުންތަކެއް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ބައްދަލުކޮށް، ބޮޑެތި ކަންބޮޑުވުންތަކެއް ވެސް ފާޅުކޮށްފަ އެވެ. 

ޖުޑިޝަރީ ކޮމިޓީއަށް ދިޔަ ދަރިވަރުން އެދުނީ ބާ ކައުންސިލުގެ ކުރިއަށް އޮތް ދައުރުުގައި ބާ އިމްތިހާނު ބާއްވާ ގޮތަށް ފަސްކުރުމަށް ޖުޑިޝަރީ ކޮމިޓީއިން ވެސް މަސައްކަތް ކޮށްދިނުމަށެވެ. އާ އެކްސްކޯގެ ތެރެއިން މައްސަލަތަކަށް ހައްލެއް ހޯދުމުގެ ފުރުސަތު ބޭނުންވާ ކަމަށް ދަރިވަރުން ބުންޏެވެ.

ތަފްސީލް - ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން އިއްޔެ ނުރަސްމީކޮށް ވެސް މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށެވެ.

އެއަށްފަހު، ކޮމިޓީއަށް ފާހަގަކުރެވުނު ކަންބޮޑުވުންތައް ބާ ކައުންސިލާ ހިއްސާކޮށް، އެ ކައުންސިލަށް ލިޔަން މެމްބަރުން ވަނީ އިއްތިފާގުވެފަ އެވެ. ކޮމިޓީގެ ކަންބޮޑުވުންތަކަކީ ދަރިވަރުންގެ ކަންބޮޑުވުންތަކެވެ.

ބުނީ ކީކޭ؟ - "ބާ ކައުންސިލަށް ދަންނަވަން އަޅުގަނޑުމެންގެ ކޮމިޓީއަށް އެއްބަސްވެވެނީ 25 ޖޫން 2022 ގައި އެބޭފުޅުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ބާ އިމްތިހާން ލަސްކޮށްދެވެން އޮތް ކަމަށް ވަނީ ނަމަ، އެ އިމްތިހާން މި ސިޓީގައިވާ ސަބަބުތަކާ ހުރެ ލަސްކޮށްދިނުމަށް ދެންނެވުމަށް،" އިމްތިޔާޒް ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - ކިޔެވުން ނިމި، ވަކީލުކަމުގެ ހުއްދަ ނުލިބި ތިބި ދަރިވަރުންތަކެއް ވަނީ ބާ އިމްތިހާނުގެ ފީގެ މައްސަލައަށް ގޮތެއް ނިންމެންދެން ބާ އިމްތިހާނު ބޭއްވުން ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ވެސް ގޮސްފަ އެވެ. ނަމަވެސް ކޯޓުން ނިންމީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ. 

އެނގުން މުހިންމު - ބާ ކައުންސިލްގެ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވަނީ އަންނަ ޖުލައި 13 ވަނަ ދުވަހު އެވެ. ބާ އިމްތިހާނާ އެ މުއްދަތާ ދޭތެރޭގައި އޮތީ 15 ވަރަކަށް ދުވަަސްކަން ފާހަގަކޮށް، އިމްތިހާނު ކުޑަދުވަސްކޮޅަކަށް ލަސްކުރި ނަމަވެސް، އިމްތިހާނުގައި ބައިވެރިވާ އެހެން މީހުންނަށް ދަތިނުވާނެ ކަމަށް ވެސް ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ދަރިވަރުން ބުންޏެވެ.

ބާ ކައުންސިލުގެ އެކްސްކޯގެ އިންތިހާބު މި މަހުގެ 11 ވަނަ ދުވަހު ބާއްވާފައިވާއިރު، އެ ކައުންސިލުގެ ރައީސަކަށް އިސްމާއިލް ވިޝާމް އަދި ނައިބަކަށް މިޒްނާ އަހުމަދު ވަނީ އިންތިހާބުކޮށްފަ އެވެ. ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދަން ބާ އިމްތިހާނު ހަދަން ޖެހިފައިވާ ބައެއް ދަރިވަރުން ބުނާ ގޮތުގައި އެ ދެ ބޭފުޅުން ވަނީ ކެމްޕެއިނުގައި ބާ އިމްތިހާނުގެ މައްސަލަތައް ހައްލުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ވައުދުވެފަ އެވެ.  

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް