18 ޖުލައި 2021ގައި ދިވެހިރާއްޖޭގެ ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގ ކުރިމަތި.

ސިވިލް ކޯޓު

ބާ އިމްތިހާނުގެ ފީގެ މައްސަލަ: އިމްތިހާނު ފަސްކޮށްދިނުމުގެ އަމުރެއް ނުނެރެދިން

މިގޮތަށް ނިންމީ ބާ ކައުންސިލުގެ ފީއާ މެދު ހިތްހަމަނުޖެހިގެން ބައެއް ދަރިވަރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ބާ އިމްތިހާނުގެ ފީގެ މައްސަލަ ނިމެންދެން ބާ އިމްތިހާނު ބޭއްވުން ފަސްކޮށްދިނުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދޭން އިއްޔެ ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ މަހު ބާ ކައުންސިލުން ވަނީ ބާ އިމްތިހާނުގެ ފީގެ ގޮތުގައި 20،000ރ. ކަނޑައަޅައިފަ އެވެ. އެކަމަކު، އޭގެ ދެބައިކުޅަ އެއްބައި ބާ ކައުންސިލުން ދައްކައިދޭތީ ކޮންމެ ދަރިވަރަކު ވެސް ދައްކަން ޖެހޭނީ 10،000ރ. އެވެ. އެ އަދަދާ މެދު ގިނަ އަދަދެއްގެ ދަރިވަރުން ހިތްހަމައެއް ނުޖެހެ އެވެ.

ބާ އިމްތިހާނުގެ ފީގެ ގޮތުގައި ކަނޑައެޅި އަދަދު ބޮޑުވެގެން ސިވިލް ކޯޓުގައި ބާ ކައުންސިލާ ދެކޮޅަށް ގާނޫނީ ދާއިރާއިން ކިޔަވައިފައި ތިބި، އެކަމަކު، އަދި ވަކީލުކަމުގެ ހުއްދަ ނުލިބޭ ދަރިވަރުންތަކެއްގެ ފަރާތުން ވަނީ ދައުވާކޮށްފަ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ ސިވިލް ކޯޓުން ބަލައިނިމެންދެން ބާ އިމްތިހާނު ބޭއްވުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވެ އެވެ. އެކަމަކު، އިއްޔެ ސިވިލް ކޯޓުން ނިންމާފައި ވަނީ އެފަދަ އަމުރެއް ނެރެނުދިނުމަށެވެ.

ގާޒީ މަރިޔަމް ވަހީދުގެ ނިންމުމުގައި ވަނީ:

  • ފީ ބޮޑުވެގެން އިމްތިހާނުގައި ބައިވެރިވި ނުވެވުނު ނަމަވެސް، މައްސަލަ އެ މީހުންނާ އެއްކޮޅަށް ނިމިއްޖެ ނަމަ ގެއްލުުމުގެ ބަދަލު ހޯދޭނެ ކަމަށް

  • އަދި އެ އެ މައްސަލައިގައި ނުހިމެނޭ އެތައް ބަޔަކު ވެސް އިމްތިހާނުގައި ބައިވެރިވާއިރު، އިމްތިހާނު ހުއްޓުވައިފި ނަމަ އެ މީހުންނަށް ވެސް ގެއްލުންވެދާނެ ކަމަށް

ބާ ކައުންސިލުން ކަނޑައެޅި ބާ އިމްތިހާނުގެ ފީއާ މެދު ކަންބޮޑުވާ ދަރިވަރުން ބުނަނީ އެއީ އެއްފަހަރާ ދައްކަން އެ މީހުންނަށް ދަތިވާނެ އަދަދެއް ކަމަށެވެ. އަދި ފީ އެންގީ ވެސް އިމްތިހާނު ބާއްވަން މާ ކައިރިވެފައި ވަނިކޮށް ކަމަށް ވެސް ބުނެ އެވެ.

މީގެ ކުރިން ބާ ކައުންސިލުން ވަނީ ބާ އިމްތިހާނަށް އަގު ކަނޑައެޅުމުގައި ބެލި ކަންކަން ހާމަކޮށްފަ އެވެ. އެގޮތުން، އެ ކައުންސިލުން އެކަމުގައި ބެލީ:

  • ފުރަތަމަ ފަހަރަށް ބާ އިމްތިހާނެއް އެކުލަވާލަން ދިޔަ ބޮޑު ހަރަދު

  • އެހެން ގައުމުތަކުގައި ބާ އިމްތިހާނަށް ފީ ކަނޑައަޅާ ގޮތް

  • އިމްތިހާނު ފުރިހަމަ ކުރަން ޖެހޭ މީހުން އުފުލަން ޖެހޭ ބުރަ

ބާ ކައުންސިލުގެ އިމްތިހާނު ފަރުމާ ކުރަން ދާ ހަރަދު:

  • ބާ އިމްތިހާނު ފަރުމާކޮށް ޑިވޮލޮޕް ކުރުމަށް: ގާތްގަނޑަކަށް 6.2 މިލިއަން ރުފިޔާ

  • ރިކަރެންޓު ނުވަތަ ހިންގުމުގެ ހަރަދު: ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ

  • ކެޕިޓަލް ހަރަދުގެ ގޮތުގައި: ގާތްގަނޑަކަށް 456،000ރ.




އިތުރު އާޓިކަލް

އިތުރު އާޓިކަލް