ފުލުހުންގެ އިދާރާގައި މިރޭ ދޮޅުގަޑިއިރު ހޭދަކުރެއްވުމަށް ފަހު އަލްހާން އެނބުރި ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަލްހާން ޕޮލިހަށް ހާޒިރުކޮށް ދޮޅުގަޑިއިރު ވަންދެން ސުވާލުކޮށްފި

ފުލުހުންގެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނު ފަހުމީ އިސްވެ ހުންނަވައި ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުންގެ މައި އިދާރާއަށް މިރޭ ހާޒިރުކޮށް، ދޮޅު ގަޑިއިރުވަންދެން އޭނާއާ ސުވާލުކޮށްފި އެވެ. ފުލުހުން ކުރާ ތުހުމަތުތަކަށް އަލްހާން ވަނީ އިންކާރުކުރައްވައިފަ އެވެ.

ތަފްސީލު - އަލްހާން ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސެން އާދަމް ބިލްޑިންއަށް މިރޭ 8:24ގައި ހާޒިރުވެވަޑައިގެންނެވި އިރު އަރިހުގައި ގާނޫނީ ވަކީލެއް ނެތެވެ. އޭނާ ފުލުސް އޮފީހުން ނުކުމެވަޑައިގެންނެވީ އޭގެ ދޮޅުގަޑިއިރެއްހާ ފަހުން 9:44ގަ އެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެންނެވި ވަގުތު 'ދައުރު' އިން އަލްހާންއާ ސުވާލު ކުރުމުން އޭނާ ޖަވާބެއް ނުދެއްވި އެވެ. ނަމަވެސް އޭގެ ފަހުން އޭނާ ކުރެއްވި ކުރު ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ތުހުމަތުތަކަށް އިންކާރުކުރައްވާފައިވާ ކަމަށެވެ.

އަލްހާން މިރޭ ފުލުހުންގެ މައި މަރުކަޒުގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އަލްހާން މިރޭ ފުލުހުންގެ މައި މަރުކަޒުގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެނގުން މުހިންމު - ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި އަލްހާންއަށް މީގެ ދެ ދުވަސް ކުރިން ފޮނުވި ޗިޓުގައިވާ ގޮތުން އޭނާގެ މައްޗަށް ކޮށްފައިވަނީ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތެވެ.

"ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނެގުމަށް،" އަލްހާން ހާޒިރުކުރާ ސަބަބު ބަޔާންކޮށް އެ ޗިޓުގައި ބުނެފައިވެ އެވެ.

އަލްހާން ފުލުސް އޮފީހަށް ހާޒިރުވުން
އަލްހާން މިރޭ ކުރެއްވި ޓްވީޓް

މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ލިބި، އެ ސްކީމާ މެދު ސަމާލުވާން 10 މާޗްގައި ބަޔާނެއް ނެރެ އާންމުންގެ ކިބައިން އެމްއެމްއޭއިން އެދުނެވެ. 

  • އެމްއެމްއޭގެ ބަޔާނާ އެކު އަލްހާން އާއި އޭނާގެ ކޮއްކޮ އަދި މީޑިއާ ކައުންސިލްގެ މިހާރުގެ ރައީސް ޝަހުބާން ފަހުމީ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ބީއެމްއެލްއިން ފްރީޒް ކުރި

  • އެ ސްކީމާ ގުޅޭ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ 15 މާޗުގައި

  • ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމެނީސް ކިންގްސް ކުންފުނީގެ އެކައުންޓް އަންފްރީޒް ކުރުމާ އެކު، ވަރަށް ފަހަކާ ޖެހެންދެން އަލުން އެ ސްކީމް ކުރިއަށްގެންދިޔަ ނަމަވެސް ކުރިން އިންވެސްޓު ކުރި ގިނަ އިންވެސްޓަރުންނަށް ފައިސާ ރައްދުކޮށްފައެއް ނުވޭ

  • ރާއްޖޭގެ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް އަލްހާން ވިދާޅުވޭ

އަލްހާން (ކ) މިރޭ ޕޮލިހަށް ހާޒިރުވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އަލްހާން (މ) މިރޭ ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނުކުންނަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގި ޗިޓާ އެކު އާދިއްތަ ދުވަހު އަލްހާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގަން ކުރާ މަސައްކަތަކީ، އެއްވެސް އަސާސެއް ނެތި އޭނާގެ ވިޔަފާރި ހުއްޓުވަން، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ "ޖަރީމާއެއް" ކަމަށެވެ.

"މިކަމުގައި އެއްވެސް ޖިނާއީ ގާނޫނާ ހިލާފު އަމަލެއް ހިންގާފައި ނުވާނެ ވާހަކަ ކަމާ ބެހޭ ފަރާތްތަކާއި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އަލްހާން ވިދާޅުވެފައިވެ އެވެ. 

ފަސްމަންޒަރު - އަލްހާންގެ ސްކީމަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު 4.5 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެ އެވެ. ސްކީމް ހުއްޓާލުމުން އެ ސްކީމަށް ލީ ފައިސާ ނުލިބި 44 މީހަކު ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް ފުލުހަށް މައްސަލަ ރިޕޯޓް ކުރީ އޭގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުންކަން އެނގިފައިވެ އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް