Majlis 2024

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި މިއަދު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނޫސްވެރިކަން

މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހެއްކާ ބެހޭ ބިލު ފާސްކޮށްފި

ކަންބޮޑުވުންތަކެއް ހުރުމުން މި ބިލު ފާސްކުުރުން ފަސްކޮށްދިނުމަށް އެމްޖޭއޭން ވަނީ އެދިފައި

ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަ ކުރެވޭ ގޮތަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ދީފައި އޮތް ހެއްކާ ބެހޭ ބިލާ ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ ބިލު ނިންމި ގޮތަށް މަޖިލީހުން މިއަދު އެ ބިލު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅާފައިވާ އެ ބިލުގައި މަސްދަރު ހާމަކުރުން އޮތީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފަ އެވެ. ބިލު ދިރާސާ ކުރި ޖުޑީޝަރީ ކޮމިޓީން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އެ މާއްދާތަކަށް ގެނައި ނަމަވެސް، އަދިވެސް އޮތީ އޭގެ ނާޖާއިޒު ފައިދާ ނެގޭނެ ގޮތަށެވެ. އެހެންވެ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖު ވެސް ކުރި އެވެ.

ތަފްސީލް - މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މިއަދު ބާއްވާތީ، ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ވަގުތު އިތުރުކޮށްގެން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ހެއްކާ ބެހޭ ބިލު ފާސްކޮށްފައި ވަނީ 50 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. އެއީ:

  • ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ޝިޔާމް

  • މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް

  • ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެންބަރު ހުސައިން މުހައްމަދު ލަތީފް

  • މަހިބަދޫ ދާއިރާގެ ޕީޕިއެމް މެންބަރު އަހްމަދު ތޯރިގް (ޓޮމް)

  • ފެލިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު

ދެ މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އެއީ މި ބިލު ދިރާސާ ކުރި ޖުޑީޝަރީ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ:

  • އެމްއެންޕީގެ ނައިބު ރައީސް، ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް 

  • ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

ބިލުގެ 136 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ:

  • ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައި ވަނީ މަސްދަރު ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާނަމަ، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާ ނުލައި އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެ ކަމަށް

ނަމަވެސް، އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ވަކި ހާލަތްތަކެއްގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ކޯޓަށް އަމުރުކުރެވިދާނެ ކަމަށެވެ. އެއީ:

  • ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން 

ބިލު ދިރާސާ ކުރި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނީ ވަކި ކަންކަމަށް ރިއާޔަތްކުރުމާ އެކު މަދަނީ މިންގަނޑުން އެ ކަންކަން ސާބިތު ވާނަމަ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ ކަންކަމަކީ:

  • ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުން ދާކަން ނުވަތަ ކުރަން އުޅޭކަން 

  • ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތް ކަމަކަށްވުން 

  • ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާ ބޮޑު ހާލަތެއް ކަމަށް އެ ހާލަތުވުން

  • ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ހުކުމެއްކޮށް، ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން 

  • ނޫސްވެރިޔާގެ މަސްދަރު އެނގުމަކީ މައްސަލައަށް ކޮންމެހެން މުހިންމުވާ އަދި މައްސަލައާ ސީދާ ގުޅުން ހުރި ކަމަކަށްވުން

  • ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާ އަދާކުރާ ތަން މެދުވެރިނުކޮށް، ނޫސްވެރިޔާގެ މަސްދަރު އެނގުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެން ވެސް އެ މަސްދަރު އެނގިފައި ނުވުން

  • ނޫސްވެރިޔާގެ މަސްދަރާ ހަވާލާދީ ހާމަކުރި މައުލޫމާތަކީ އޭގައި އެއްވެސް އަސާސެއް އެކުލެވިގެން ނުވާ މައުލޫމާތަކަށްވުން

  • ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަގުސަދުގައި ނޫން ކަމަށްވުން

ނޫސްވެރިންގެ ކަންބޮޑުވުމަކީ ކޮބާ؟

ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާގެ މައިގަނޑު ކަންބޮޑުވުމަކީ، މަސްދަރު ހާމަ ކުރަން ޖެހޭ ހާލަތުގެ ގޮތުގައި ބަޔާންކޮށްފައިވާ "ގައުމީ ސަލާމަތަށް ނުރައްކާވުން" ފުޅާ ދާއިރާއެއްގައި މާނަކުރުމުގެ ފުރުސަތު އޮތުމެވެ. އެއީ، އޭރަކު އޮންނަ ސަރުކާރަކަށް ނުރައްކާވާ ކޮންމެ ކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތުމެވެ. 

މަސްދަރު ހާމަކުރަން ޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި މިއަދު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިއަދުގެ ޖަލްސާއަށް މި ބިލު އެޖެންޑާކޮށްފައި މިވަނީ، މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ން އިއްޔެ ކަރުދާހެއް ހުށަހަޅާފައި ވަނިކޮށް، އެ ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި އެވެ. މަޖިލިސް މިއަދު ޗުއްޓީއަށް ދިއުމުގެ ކުރިން ބިލު ފާސްކުރުމުގެ ބަދަލުގައި، މަސްދަރު ހާމަކުރުމާ ގުޅޭ މާއްދާއަށް ހައްލެއް ހޯދުމަށް ފަހު، މި ބިލު ފާސްކުރަން ލަސްކޮށްދޭން އެމްޖޭއޭން އޮތީ މަޖިލީހަށް މިއަދު ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

އެމްޖޭން ހުށަހެޅި ކަރުދާހުގައި ހިމަނާފައިވާ އިސްލާހުތަކުގެ ތެރޭގައި "ގައުމީ ސަލާމަތަށް ނުރައްކާވުން" އުނިކުރުމަށް ވަނީ އެދިފަ އެވެ. އޭގެ ބަދަލުގައި ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކުށްތައް ވަކިން އެ ބިލުގައި ހިމެނުމަށް އެ ޖަމިއްޔާ އިން ވަނީ އެދިފަ އެވެ.

މިއަދު ނޫސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން މަޖިލިސް އިދާރާ ކުރިމަތީގައި ހުންނަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ކަރުދާސް މަޖިލީހަށް ފޮނުވީ މާ ލަހުން ކަމަށާއި މި ވަގުތު މިކަމަށް ހޯދައިދެވޭނެ ހައްލެއް ނެތް ކަމަށެވެ.

"ތިބޭފުޅާ މިކަން ބައްލަވައިގެން، މިކަމަށް ފޯކަސް ކުރައްވައިގެން ތިބޭފުޅުން ވެސް އުޅުއްވި ނަމަ މިހެންނެއް މިކަމެއް ނުވީސް. އަޅުގަނޑުމެން މާ ބޮޑަށް ތައްޔާރަށް ތިބީހީ،" ނަޝީދު ވިދާޅުވި އެވެ.

ނޫސްވެރިންގެ އިހްތިޖާޖުގެ ތެރެއިން ނަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަޝީދު ވިދާޅުވީ މިހާރު އޮތް ގޮތަކީ ދެން އަންނަ ދައުރުގައި އަނެއްކާ ވެސް ހެއްކާ ބެހޭ ބިލަށް އިސްލާހެއް ގެނައުން ކަމަށެވެ.

"ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް. ގާތްގަނޑަކަށް އެކަން އެ ނިމުނީ ހަ މަސް، ހަތް މަހުން. ބޮޑު ސިންގާ ގާނޫނެއް އެއީ،" ނަޝީދު ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް