މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި މިއަދު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަޝީދު ވިދާޅުވީ އިސްލާހާ ދެކޮޅަށް ނޫސްވެރިންނަށް ރަނގަޅަށް މަސައްކަތް ނުކުރެވުނު ކަމަށް

ނޫސްވެރިންގެ މަސްދަރު ހާމަކުރަން ބޮޑެތި ފުރުސަތުތަކެއް ލިބޭގޮތަށް ބިލު ފާސްކުރަން ވަނީ ނިންމާފައި

ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަ ކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލަށް ގެންނަން ނިންމާފައިވާ އިސްލާހާ ދެކޮޅަށް ނޫސްވެރިންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމުން އެ ބިލު ފާސްކުރަން ތައްޔާރުވުމާ ގުޅިގެން އެކަމާ ދެކޮޅަށް މަޖިލިސް ކައިރީގައި ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް، ނަޝީދު ވަނީ ބޭރަށް ނުކުންނަވައި ނޫސްވެރިންނާ ބައްދަކުކުރައްވައިފަ އެވެ.

ތަފްސީލް - ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އެ ބިލުގެ މަސައްކަތް ކުރިއަށް ދިޔައީ ސިއްރުން ނޫން ކަމަށާއި، ތިން ކިޔުން އިއްވައިގެން ބިލުގެ މަސައްކަތް ކުރިއަށް ދިޔަގޮތް ނޫސްވެރިންނަށް އެނގެން ޖެހޭނެ ކަމަށެވެ.

ތިބޭފުޅާ މިކަން ބައްލަވައިގެން، މިކަމަށް ފޯކަސް ކުރައްވައިގެން ތިބޭފުޅުން ވެސް އުޅުއްވި ނަމަ މިހެންނެއް މިކަމެއް ނުވީސް.

މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް

ނަޝީދުގެ ވާހަކައާ ގުޅިގެން، އެ ތަނުގައި ތިބި ނޫސްވެރިން ބުނީ ބިލު މަޖިލީހަށް ހުށަހެޅި ހިސާބުން ފެށިގެން ވެސް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި މީޑީއާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި ބިލު ދިރާސާކުރި ކޮމިޓީއަށް ހާޒިރުވެ، ބިލު އިސްލާހު ކުރަން އެދޭ ގޮތް ބުނެދީފައިވާނެ ކަމަށް ވެސް ނޫސްވެރިން ބުންޏެވެ.

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މިއަދު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މިއަދު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަޝީދު ވިދާޅުވީ، ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރިހާ މެމްބަރުން ވެސް ބަލައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޖުޑީޝަރީ ކޮމިޓީގެ މެމްބަރު، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު އަބްދުﷲ ވިދާޅުވީ ބިލު ކޮމިޓީން ފާސްކުރީ، މަޝްވަރާ ކުރުމަށް ފަހު ވަރަށް ގިނަ އިސްލާހުތަކަކާ އެކު ކަމަށެވެ.

"ވަރަށް ބައިވަރު އިސްލާހު ވެސް އަޅުގަނޑުމެން ގެނައިން. ނަމަވެސް އަދިވެސް މި ބޭފުޅުން ބޭނުން ވަނީ ކޮންމެސް ވަރެއްގެ އިސްލާހުތަކެއް ގެންނަން. އެ އިސްލާހު ލިބުނީ ތަންކޮޅެއް ލަހުން،" ޝަފީގު ވިދާޅުވި އެވެ.

އެނގުން މުހިންމު - މިއަދުގެ ޖަލްސާއަށް އެ ބިލު އެޖެންޑާކޮށްފައި މިވަނީ، މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް އެމްޖޭއޭ އިން އިއްޔެ ކަރުދާހެއް ހުށަހަޅާފައި ވަނިކޮށް، އެ ކަންކަމަށް ރިއާޔަތް ކުރުމެއްނެތި އެވެ.

ބުނީ ކީކޭ؟ - ނަޝީދު ވިދާޅުވީ މަޖިލީހުން އެއްވެސް ކަމެއް ނިންމުމުގައި ގަވާއިދާ ހިލާފު ނުވެވޭނެ ކަމަށެވެ.

"ތިބޭފުޅާ މިކަން ބައްލަވައިގެން، މިކަމަށް ފޯކަސް ކުރައްވައިގެން ތިބޭފުޅުން ވެސް އުޅުއްވި ނަމަ މިހެންނެއް މިކަމެއް ނުވީސް. އަޅުގަނޑުމެން މާ ބޮޑަށް ތައްޔާރަށް ތިބީހީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިހާރު އޮތް ގޮތަކީ، ދެން އަންނަ ދައުރުގައި އަނެއްކާ ވެސް ހެއްކާ ބެހޭ ބިލަށް އިސްލާހެއް ގެނައުން ކަމަށެވެ.

"ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް. ގާތްގަނޑަކަށް އެކަން އެ ނިމުނީ ހަ މަސް ހަތް މަހުން. ބޮޑު ސިންގާ ގާނޫނެއް އެއީ،" ނަޝީދު ވިދާޅުވި އެވެ. 

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މިއަދު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަމަވެސް އަނެއްކާ ވެސް އިސްލާހެއް ހުށަހަޅައިގެން ކުރިއަށް ދިއުމަކީ ވަރަށް ދިގު ޕްރޮސެސްއަކަށް ވާނެކަން ނޫސްވެރިން ފާހަގަކުރުމުން ނަޝީދު ވިދާޅުވީ، މަޖިލީހަށް ކަންކަން ހުށަހަޅައި ކަންބޮޑުވުންތައް ފާހަގަކުރާނެ ގޮތް ނޫސްވެރިންނަށް އެނގެން ޖެހޭނެ ކަމަށެވެ.

"މި ތަނުގައި ހުރި އިޖުރާއަތުތަކުގެ ތެރެއިން ދާން ތިބޭފުޅުންނަށް ވެސް އިނގިވަޑައިގަންނަވާނެ. އެހެންވީމަ އެކަން ގަބޫލުކުރައްވައިގެން، އަޅުގަނޑުމެންނާ އެކީގައި މި އަންނަ ދައުރުގައި މި މަސައްކަތް ކުރަން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް