ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނެގި ފުރަތަމަ ފޮޓޯތަކުގެ ތެރޭގައި ހިމެނޭ ކަރީނާ ނެބިއުލާގައި ހިމެނޭ ބިޔަވެގެންވާ ގޭހުގެ ވިލާތައް. މިއީ ތަރިތައް ވެސް އަލަށް އުފެދޭ ސަރަހައްދެއް

ފޮޓޯތައް ވެސް އެހާމެ ރީތި، ކާއިނާތުގެ އަޖައިބު ވެސް އެހާމެ ބޮޑު

15 ޖުލައި 2022
1
ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްގެ ފުރަތަމަ ފޮޓޯތަކުން ޔަގީންވީ ކާއިނާތުގެ ސިއްރުތައް ދެނެގަތުމަށް އެއީ މުހިންމު ވަސީލަތެއް ކަން

މުހިންމު ނުކުތާތައް

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ފުރަތަމަ ހާމަކުރި ފޮޓޯތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު

ކޮންމެ ފޮޓޯއަކުން ވެސް ކުރިން ނުފެންނަ އަޖައިބުތައް

ކާއިނާތުގައި ހިނގަމުން އަންނަނީ ބޮޑުވެގެންވާ ހަރަކާތްތަކެއް

މި ފޮޓޯތަކަށް ނަޒަރު ހިންގާލާ ކޮންމެ މީހަކަށް ވެސް ހިތްހަމަޖެހުން ލިބޭނެ އެވެ. ފޮޓޯގައި ފެންނަ އެއްޗަކާ މެދު ކުރާ ސުވާލާ އެއްވަރަށް، އޭގެ ހިތްގައިމުކަމާއި ރީތިކަމަށް ވެސް ތައުރީފްކުރެވޭހާވެ އެވެ.

އެކަމަކު މިއީ ހަމައެކަނި ޗާލު ފޮޓޯތަކެއް ނޫނެވެ. މިއީ އަހަރެމެން މި އުޅޭ ދުނިޔެ ނިސްބަތްވާ ބޮޑުވެގެންވާ ކާއިނާތުގެ ސިއްރުތައް ހާމަކޮށްދޭން އެހީތެރިވާނެ ފޮޓޯތަކުގެ ތެރެއިން ހަމައެކަނި ޓެސްޓަކަށް ނެގި ފޮޓޯކޮޅެކެވެ.

މިއީ 25 ޑިސެމްބަރު 2021 ގައި ޖައްވަށް ފޮނުވާލި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނެގި ފުރަތަމަ ފޮޓޯތަކެވެ. އެ ފޮޓޯތަކުން ފެންނަ މަންޒަރުތައް މީގެ ކުރިން ހަބުލް ކަހަލަ ޓެލެސްކޯޕްތަކުން ނަގާފައި ވިޔަސް، އެ ފެންވަރެއް ނެތެވެ. އެ ތަފުސީލުތަކެއް ވެސް ނުފެނެ އެވެ. 

ގާތްގަނޑަކަށް 30 އަހަރުގެ މަސައްކަތާއި 10 ބިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި ވެބް ޓެލެސްކޯޕަކީ އުމުރުން ދުވަސްވެފައި އޮތް ހަބުލްގެ ބަދަލުގައި ކާއިނާތަށް ނަޒަރު ހުއްޓުވާލަން ފޮނުވި މާ ބަރުގަދަ އުފެއްދުމެކެވެ. އޭގައި ހިމެނޭ ވަށަމިނުގައި 6.8 މީޓަރު ހުންނަ ބިއްލޫރިގަނޑަށް އެކަނި ވިސްނާލާ އިރު ވެސް ހަބުލްގެ 2.5 މީޓަރުގެ ބިއްލޫރިގަނޑަށް ވުރެ އެތައް ގުނަ ބޮޑެވެ. 

ދުނިޔެއާ 1.6 މިލިއަން ކިލޯމީޓަރު ދުރުގައި ގާއިމްކޮށްފައި އޮތް ވެބްގައި ހިމެނޭ ކޮންމެ އާލާތެއްގެ ފެންވަރު މަތިވެފައި، އެހާމެ ބާރުގަދަ އެވެ. އެހެންކަމުން ސައިންސްވެރިން އުއްމީދުކުރަނީ މީގެ 13.8 ބިލިއަން އަހަރު ކުރިން އުފެދުނު ކަމަށް ލަފާކުރެވޭ ކާއިނާތުގެ ފުރަތަމަ ދުވަސްކޮޅު އުފަންވި ތަރިތަކާއި ގެލެކްސީތަކުގެ އަލި އެއަށް ދަމައިގަނެވޭނެ ކަމަށެވެ.

އެންމެ ކުރީގެ އަލިތަކުގެ ނިޝާން

ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނެގި ފޮޓޯތަކުގެ ތެރެއިން ދުނިޔެއަށް ހާމަކުރި ފުރަތަމަ ފޮޓޯ

މި ފޮޓޯއަށް އާންމު ނަޒަރަކުން ބަލައިގެން ތަފާތެއް ނުފެނިދާނެ އެވެ. އެކަމަކު ލެނބުންތަކެއް ހިމެނޭ ރަތް ކުލައިގެ އަލިކޮޅުތަކަކީ އާދަޔާ ހިލާފު އެއްޗެކެވެ. އެއީ ސައިންސްވެރިން ބުނާ ގޮތުގައި މީގެ 13.5 ބިލިއަން އަހަރު ކުރިން އުފެދުނު ގެލެކްސީތަކެއްގެ އައްޔެވެ.

މިއީ ދުނިޔެއާ 4.6 ބިލިއަން އަލި އަހަރުގެ ދުރުގައި އޮތް ސްމެކްސް 0723ގެ ނަމުން ނަން ދީފައިވާ އަދި އެތައް ގެލެކްސީއެއް ހިމެނޭ ކްލަސްޓާއެކެވެ. މި ކްލަސްޓާގެ އާދަޔާ ހިލާފު ދަމާބާރުގެ ސަބަބުން، އެއާ މާ ދުރުގައި ހުރި ގެލެކްސީތަކުގެ އަލިތައް ފެނެ އެވެ. އޭގެ ބައެއް އަލިތައް ހުންނަނީ މި ގޮތަށް ދެމި އަދި ލެނބިފަ އެވެ.

އެ ކްލަސްޓާގެ އާދަޔާ ހިލާފު ދަމާބާރާ ގުޅުވައިގެން ސައިންސްވެރިން ސިފަކުރާ ގޮތުގައި އެއީ ޓެލެސްކޯޕްތަކަށް 'ޒޫމް ލެންސެއް' ފަދައިން ބޭނުންކުރެވިދާނެ ސަރަހައްދެކެވެ.

ކާއިނާތުގެ މި ފޮޓޯތަކުގެ ވާހަކަ ދައްކާއިރު ފަސޭހަ ކަމާ އެކު ދެނެގަންނަން ފުރަތަމަ ވިސްނާލަންވީ އަލި ދަތުރުކުރާ ގޮތަށެވެ. މިސާލަކަށް އަހަރެމެންގެ ދުނިޔެ ނިސްބަތްވާ ތަރި ނުވަތަ އިރު ނަގަމާ ހެއްޔެވެ؟ އިރުގެ ދޯދިތައް ދުނިޔެއާ ހަމައަށް އަންނަނީ އަށް މިނިޓްގެ ދަތުރަކަށް ފަހު އެވެ. އިރާއި ދުނިޔެއާ ދެމެދު 150 މިލިއަން ކިލޯމީޓަރުގެ ރާސްތާއެއް ހިމެނެ އެވެ. އެހެންކަމުން އަށް މިނިޓް ތެރޭގައި އަލި އެ ދަތުރުކުރީ 150 މިލިއަން ކިލޯމީޓަރެވެ. އިރު ގެއްލުނަސް އެކަން އަހަރެމެންނަށް އެނގޭނީ އަށް މިނިޓް ފަހުންނެވެ.

އަލި އަހަރު ކިޔަނީ އަހަރެއްގެ ތެރޭގައި އަލި ދަތުރުކުރާ ރާސްތާ އަށެވެ. ކިލޯމީޓަރުން ނަމަ އެއީ 9.46 ޓްރިލިއަން ކިލޯމީޓަރެވެ.

ތަރިތައް އުފެދޭ 'ހާއްޔެއް'

ކަރީނާ ނެބިއުލާގައި ހިމެނޭ ބިޔަވެގެންވާ ގޭހުގެ ވިލާތައް: މިއީ ތަރިތައް ވެސް އަލަށް އުފެދޭ ސަރަހައްދެއް

ހިތްގައިމު މި ފޮޓޯއިން އެ ފެންނަނީ ކެރީނާ ނެބިއުލާގައި ހިމެނޭ ތަރި އުފެދޭ 'ހާއްޔެއް'ގެ ސަރަހައްދުގައި ވާ ބިޔަ ގޭސް ވިލާގަނޑުގެ މަތީ ފަށަލައިން ތަންކޮޅެކެވެ. މި ސަރަހައްދަށް ދީފައިވާ ނަމަކީ އެންޖީސީ 3324 އެވެ. މި ގޭހުގެ ވިލާގަނޑުގެ ބޮޑުމިން ވަޒަންކޮށްލަން ހަމައެކަނި އޭގެ މައްޗަށް އުފުލިފައި ހުރި ކޮޅުތަކަށް ބަލައިލާށެވެ. އެންމެ އުސް ކޮޅުތަކުގެ ރާސްތާއަކީ ހަތް އަލި އަހަރެވެ.

އޭގެ މަތިން އެ ފެންނަނީ އަލަށް އުފެދެމުން އަންނަ ތަރިތަކެވެ. މީގެ ކުރިން ހަބްލް ޓެލެސްކޯޕުން ނަގާފައިވާ މިތަނުގެ ފޮޓޯތަކުން އެ ތަރިތައް ހިމެނޭ ސަރަހައްދު ފެންނަވަރެއް ނުވެ އެވެ. އެކަމަކު ވެބް ޓެލެސްކޯޕަކީ އިންފްރާރެޑް އެއްޗަކަށް ވާތީ ހަމަ ލޮލަށް ނުފެންނަ އަލިތައް ގެނެގަނެ، އަހަރެމެންނަށް ފެންނަ އެއްޗަކަށް ބަދަލުކޮށްލަދެ އެވެ.

ތަރިތައް އުފެދުމަކީ ކާއިނާތުގެ ބޮޑެތި އަޖައިބުތަކުގެ ތެރެއިން އެއް އަޖައިބެވެ. ތަރިތައް އުފެދޭ ސަރަހައްދުގެ ހަރަކާތްތެރިކަން ވެސް އެހާމެ މައްޗެވެ. އަދި އާދަޔާ ހިލާފު ވަރަށް ގިނަ ކަންކަން ވެސް ހިނގަ އެވެ. ސައިންސްވެރިންގެ އުއްމީދަކީ އަލަށް ނަގާ ފޮޓޯތަކާ އެކު ކާއިނާތުގެ އެ ސިއްރުތައް ދެނެގަތުމެވެ.

ދަމާބާރުގެ ނެށުމެއް

 ސްޓެފަންސް ކްއިންޓެޓްގެ ނަމުން ނަން ދީފައިވާ ފަސް ގެލެކްސީގެ ފޮޓޯ: މީގެ ތެރެއިން ހަތަރު ގެލެކްސީގެ ދަމާބާރުގައި އެއް ގެލެކްސީ އަނެއް ގެލެކްސީ ޖެހި ދެން ހިނގާ ކަންކަމަށް 'ދަމާބާރުގެ ނެށުމު'ގެ ގޮތުގައި ވެސް ސިފަކުރޭ

ސްޓެފަންސް ކްއިންޓެޓް މަޝްހޫރުވެފައި އޮންނަނީ 'ދަމާބާރުގެ ނެށުމެއް'ގެ ގޮތުގަ އެވެ. މިއީ ފަސް ގެލެކްސީ ހިމެނޭ ޖޯޑެކެވެ. މީގެ ތެރެއިން ހަތަރު ގެލެކްސީ ދަނީ އުފެދިފައި އޮތްލެއް ކައިރިކަމުން، އެއް ގެލެކްސީ އަނެއް ގެލެކްސީގެ ދަމާބާރުގައި އެކަތި އަނެކައްޗާ ޖެހި، ފާޑަކަށް 'ނަށަމުން'ނެވެ. މިއީ ކާއިނާތުގެ އަޖައިބުތަކުގެ ތެރެއިން އެއް މިސާލެވެ.

އޭގެ ތެރެއިން ތަންކޮޅެއް ވަކިން އޮންނަ ގެލެކްސީ ވަނީ ދުނިޔެއާ 40 މިލިއަން އަލި އަހަރުގެ ދުރުގަ އެވެ. އަނެއް ހަތަރު ގެލެކްސީ އާއި ދުނިޔެއާ ހުރި ދުރުމިނަކީ 290 މިލިއަން އަލި އަހަރެވެ. ކާއިނާތުގެ ދިރުމިނަށް ބަލާއިރު ހަގީގަތުގައި މިއީ ވަރަށް ކައިރި ސަރަހައްދެކެވެ. ދުނިޔެއާ އެތައް ބިލިއަން އަލި އަހަރެއްގެ ދުރުން ވެސް އެތައް ގެލެކްސީއެއް ފެނެ އެވެ.

ސްޓެފަންސް ކްއިންޓެޓްގެ ސާފު ފޮޓޯތަކުން ސައިންސްވެރިންނަށް ބްލެކް ހޯލްއާ ބެހޭ ދިރާސާތަކަށް މައުލޫމާތު އެއްކުރެވޭނެ ކަމަށް ބެލެވެ އެވެ.

މަރުވަމުން ދާ ތަރީގެ ހަަރަކާތް

ވެބް ސްޕޭސް ޓެލެސްކޯޕްގެ ދެ ކެމެރާއަކުން ނެގި ސަދަން ރިންގް ނެބިއުލާ: މަރުވަމުން ދާ ތަރިއަކުން ނުކުންނަ ގޭސްތަކާއި ހިރަފުސްތައް އެވަނީ އެތައް ހިސާބެއްގެ ދުރަށް ފެތުރިފައި

މަރުވަމުން ދާ ތަރިތަކުން ބޭރުކޮށްލާ ގޭހާއި ހިރަފުހުން ބިޔަ ސަރަހައްދެއް ފުރާލަ އެވެ. ވެބް ސްޕޭސް ޓެލެސްކޯޕުން އަތުލައިގަތް އެންޖީސީ 3132 ނުވަތަ މަޝްހޫރު ނަމުން ނަމަ ސަދަން ރިންގް ނެބިއުލާގެ މި ރީތި ފޮޓޯގައި އަސްލު އެ ފެންނަނީ ވަރުގަދަ ކަންތައްގަނޑެއް ދެމިގެންދާ ތަނެވެ. މި ތަނުގައި ދެ ތަރިއެއް ހިމެނެ އެވެ. ފާތް ފަރާތު ފޮޓޯގެ މެދުގައި އަލިގަދަކޮށް އެ ފެންނަ ތަރި ކުޅެމުން އަންނަނީ، ވަށައިގެން އެވާ ގޭހާއި ހިރަފުހުގެ ބޮޑު ވިލާގަނޑު ދައުރުވުމުގައި، އެހީތެރިވެދިނުމުގެ ރޯލެކެވެ. ވާތް ފަރާތުގައި އަލި މަޑުކޮށް އެ ފެންނަނީ މި ބިޔަ ވިލާގަނޑު އުފެދުމުގެ އަސްލެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި ވޭތުވެދިޔަ އެތައް ހާސް އަހަރެއްގެ ތެރޭގައި އަށް ފަހަރެއްގެ މަތިން އެ ތަރިން ވަނީ ގޭހާއި ހިރަފުސްގަނޑު ބޭރުކޮށްލައިފަ އެވެ. އެ ގޭހާއި ހިރަފުގެ ފަށަލަތަކަށް ގުނޑުން ގެނުވައިދީ، މިހާރު އެ ފެންނަ ސިފައަށް ބަދަލުކުރަނީ އަލިގަދަ ތަރި އެވެ.

ދުނިޔެއާ 2،500 އަލި އަހަރުގެ ދުރުގައި އޮތް އެންޖީސީ 3132ގެ މި ދެ ފޮޓޯ ނަގާފައި އެވަނީ ވެބްގެ ދެ ކެމެރާއަކުން ތަފާތު ދެ އެންގަލްއަކުންނެވެ. އެހެންކަމުން އެ ފެންނަ ގޮތް ތަފާތުވެ އެވެ.

ދެ ތަރި ދައުރުވަމުން ދަނީ އެއް ތަރި އަނެއް ތަރީގެ ބާރުގަ އެވެ. 

މަރުވަމުންދާ ތަރިތަކުން ބޭރުކުރާ ގޭހާއި އެހެން މާއްދާތައް އެތައް ބިލިއަން އަހަރަކަށް ދެމިގެންދެ އެވެ. އެ މުއްދަތުގައި އިތުރު ތަރިތަކާއި ޕެލެންޓްތައް، އޭގެ ތެރެއިން އުފެދެ އެވެ.

ސަދަން ރިންގް ނެބިއުލާގެ މި ފޮޓޯތަކުން ސައިންސްވެރިންނަށް ކުރިން ނުލިބޭ އެތައް މައުލޫމާތެއް ވަނީ ލިބިފަ އެވެ. 

އިތުރަށް ކިޔާލަން 

ކޮމެންޓް (1)

ދިރާސާ

10 އޯގަސްޓު 2022
ﷲ ގެ ކުޅަދުންވަންތަކަން. ގްރެވިޓީގެ ހަގީގަތް ހޯދުމުން ބްލެކް ހޯލް، ޑާކް މެޓަރ އަދި ޑާކް އިނަރޖީގެ ހަގީގަތް އެނގޭނެ ކަމަށް ގަބޫލުކުރެވޭ. ސްޕޭސް ދެމެމުން ފުޅާވަމުން އެދަނީ އެންޓި ގްރެވިޓީ ނުވަތަ ޑާކް އިނަރޖީގެ ސަބަބުން ކަން ވަރަށް ކައިރި. ތަރިތައް އުފެދެނީ ކާއިނާތު އުފެދުނު ގޮވުމާއެކު ރަބަރު ޗޭނު ގަނޑެއްގެ މިސާލުން ދެމިގެންދާ ގޮތް ނޭނގޭ ފީލްޑްތަކުގެ ކަނެކްޓިންގ ޕޮއިންޓްތަކުގައިވާ ގްރެވިޓީގެ ޕޮއިންޓްތައް ނުވަތަ އެތިކޮޅުތަކުގެ ތެރޭގައި ކަމަށް ވެދާނެ. ދިރާސާ ކުރަންވީ އިތުރު ވިސްނުމާއެކު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް