ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނެގި ފޮޓޯތަކުގެ ތެރެއިން ދުނިޔެއަށް ހާމަކުރި ފުރަތަމަ ފޮޓޯ: ރަތް ކުލައިގެ އަލިތަކަކީ ކާއިނާތުގެ އެންމެ ފުރަތަމަކޮޅުގެ ގެލެކްސީތައް ކަމަށް ސައިންސްވެރިން ބުނޭ

ވެބް ޓެލެސްކޯޕްގެ ފުރަތަމަ ފޮޓޯއިން ސައިންސްވެރިންނަށް ބޮޑު ހިނިތުންވުމެއް

ފޮޓޯއިން ފެންނަ ބައެއް އަލިތައް އުފެދިފައި ވަނީ މީގެ 13.5 ބިލިއަން އަހަރު ކުރިން
12 ޖުލައި 2022

މި ފޮޓޯއާ އެކު ސައިންސްގެ ދުނިޔެ އުފަލުން ފުރިއްޖެ އެވެ.

ކާއިނާތުގެ ސިއްރުތައް ދެނެގަތުމުގެ މަސައްކަތުގައި ތިބި ސައިންސްވެރިންނަށް، މިއަދު ހެނދުނު، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ވައިޓް ހައުސްގައި ދުނިޔެއަށް ހާމަކޮށްދެއްވި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްގެ ފުރަތަމަ ފޮޓޯއިން ޔަގީންކޮށްދިނީ 10 ބިލިއަން ޑޮލަރުގެ ޓެލެސްކޯޕަކީ ކުރިމަގުގެ ދިރާސާތަކަށް ލިބުނު ޖަވާހިރެއް ކަމެވެ.

މި ފޮޓޯއިން ފެންނަ ރަތް ކުލައިގެ އަލިތަކަކީ، ކާއިނާތުގެ ފުރަތަމަ ދުވަސްކޮޅު އުފެދުނު ގެލެކްސީތައް ކަމަށް ފަލަކީ އިލްމުވެރިން ބުނެ އެވެ. އެހާ ސާފުކޮށް އެ އަލިތައް، ވެބް ޓެލެސްކޯޕް ނޫން އެއްޗަކުން ފެންނާނެ ގޮތެއް، ސައިންސްވެރިންނަކަށް ނެތެވެ.

ފަލަކީ އިލްމުވެރިން ލަފާކުރާ ގޮތުގައި ފޮޓޯގައި ހިމެނޭ ބައެއް ގެލެކްސީތަކުގެ އަލި ދުނިޔެއާ ހަމައަށް ފޯރަން 13.5 ބިލިއަން އަހަރު ވަނީ ނަގައިފަ އެވެ. މިއީ ކާއިނާތު އުފެދުނު ސަބަބު ކަމަށް ސައިންސްވެރިން ބުނާ ބިގް ބޭންގް (ބޮޑު ގޮވުން)ގެ 600 މިލިއަން އަހަރު ފަހުން އުފެދުނު ގެލެކްސީތަކެވެ. ނުވަތަ ކާއިނާތުގެ ފުރަތަމަ ގެލެކްސީތަކުގެ ބައެކެވެ.

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްގެ ފަތް ޖަހާލެވޭ ބިއްލޫރިގަނޑު ލެބޯރަޓަރީގައި ރާވާފައި: މިއަދު ވަނީ ޓެލެސްކޯޕްގެ ފުރަތަމަ ފޮޓޯ ދުނިޔެއަށް އާންމުކޮށްފައި

ސައިންސްވެރިންގެ ހިސާބުތަކުން ދައްކާ ގޮތުގައި ކާއިނާތުގެ އުމުރުން މިހާރު ގާތްގަނޑަކަށް 13.8 ބިލިއަން އަހަރެވެ.

ވެބް ޓެލެސްކޯޕްގެ އެއް މަގުސަދަކީ ކާއިނާތުގެ ފުރަތަމަ އަލިތައް ދިރާސާކުރުމެވެ. އެއީ، އެހެން ގޮތަކަށް ބުނާ ނަމަ، ކާއިނާތުގެ އެންމެ ދުރުގައި އުފެދިފައި ހުރި ތަރިތަކާއި ގެލެކްސީތައް ދެނެގަތުމެވެ.

"އަލި ދަތުރުކުރަނީ ސިކުންތަކު 186،000 މޭލުގެ ބާރުމިނުގައި. މި ފޮޓޯއިން އަހަރެމެންނަށް ފެންނަ ބައެއް އަލިތައް ދަތުރުކުރަމުން އަންނަތާ މިހާރު 13 ބިލިއަން އަހަރު ވީ،" ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވި އެވެ.

"މި ފޮޓޯއާ އެކު އަހަރެމެން މި ދަނީ 13.5 ބިލިއަން އަހަރުގެ ފަހަތަށް. ކާއިނާތުގެ އުމުރަކީ 13.8 ބިލިއަން އަހަރަށް ވާއިރު، ހަގީގަތުގައި މި ދެވެނީ ގާތްގަނޑަކަށް ކާއިނާތު އުފެދުނު ހިސާބަށް."

ޖައްވަށް ފޮނުވާލަން ރޮކެޓަށް ލުމުގެ ކުރިން ވެބް ޓެލެސްކޯޕް ފަތްޖަހާލާފައި: މިއީ ސައިންސްގެ ދުނިޔެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް

މިދިއަ ޑިސެމްބަރު ފަހުކޮޅު ޖައްވަށް ފޮނުވާލި ވެބް ޓެލެސްކޯޕް ގާއިމްވެ އޮތީ ދުނިޔެއާ މިލިއަން މޭލު ދުރުގަ އެވެ. މިއީ ދުނިޔެއާ ވަރަށް ކައިރި ޖައްވެއްގައި އޮތް ހަބުލް ޓެލެސްކޯޕަށް ވުރެ ހުރިހާ ގޮތަކުން ވެސް މާ ކުރީގައި އުޅޭ އަދި މާ ޒަމާނީ އާލާތްތައް ހިމެނޭ، ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ނަމޫނާއެކެވެ.

އޭގެ އެއް މިސާލަކަށް ދަންޏާ، މިއަދު އާންމުކުރި ފޮޓޯއިން އެކަނި ވެސް ފުދެ އެވެ. ހަބުލްއިން ކާއިނާތުގެ އެ ތަންކޮޅުގެ ފޮޓޯ ނަގަން އެތައް ހަފުތާއެއް ހޭދަކުރެ އެވެ. އެކަމަކު 18 ބަޔަށް ލޯގަނޑު ބައިކޮށް، ޖައްވަށް ފޮނުވުމަށް ފަހު އެ 18 ބައި އެކުވެ، ވަށަމިނުގައި 6.5 މީޓަރު ހުރި ބޮޑު އެއް ބިއްލޫރިގަނޑަށް މިހާރު ވެފައި ހުރި ވެބުން އެ ފޮޓޯ ނެގީ އެންމެ 12.5 ގަޑިއިރުގެ މަސައްކަތުންނެވެ. އަދި ހަބުލްގެ ފޮޓޯއިން ނުފެންނަ ކިތައްމެ އައްޔެއް، ވެބްގެ މި ފޮޓޯއިން ފެނެ އެވެ.

ހަބުލްގެ ލޯގަނޑުގެ ބޮޑުމިނަކީ އެންމެ 2.5 މީޓަރެވެ. ހަބުލްއަކީ އިންފްރާރެޑް ބޭނުންކޮށްގެން ފޮޓޯ ނަގާ ޓެލެސްކޯޕެއް ވެސް ނޫނެވެ. އެކަމަކު ކާއިނާތުގެ ފުންމިނުގައި އަތްފުނާއަޅާ އިރު ވެބް ބޭނުންކުރާނީ އިންފްރާރެޑެވެ. މިއީ ހަމަ ލޮލަށް ނުފެންނަ އަލިތަކުގެ ފޮޓޯ ނެގުމުގެ ގާބިލްކަން ވެބަށް ގެނެސްދޭ ވަސީލަތެވެ.

ކާއިނާތު ބޮޑުވެ ފުޅާވަމުން ދާއިރު، ގެލެކްސީތަކާއި ތަރިތަކުން އުފައްދާ އަލި ވެސް އޭގެ ޒާތުގައި ދުރަށް ދެމިގެންދެ އެވެ. އޭގެ ސަބަބުން އިންސާނުންގެ ހަމަ ލޮލަށް ފެންނަ ވޭވްލެންތުގެ ބަދަލުގައި އެ އަލި ބަދަލުވަނީ އިންސާނާގެ ހަމަ ލޮލަށް ނުފެންނަ އިންފްރާރެޑް ވޭވްލެންތަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް