އެފްއޭއެމުން 2022ގައި ބޭއްވި ކޮންގްރެސްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އިސް ބައެއް ވެރިން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އާ އިންތިހާބުގެ ކުރިން ކޮމިޓީތައް އިންތިހާބުކުރަން އެފްއޭއެމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ދާން ނިންމައިފި

ރައީސްކަމަށް ކުރިމަތިލެއްވި އަހުމަދު ތޯރިގު ހުށައެޅުއްވި މައްސަލައާ ގުޅިގެން ފީފާ އާއި އޭއެފްސީން ވެސް އަންގާފައި އޮތީ އިންތިހާބާ ބެހޭ ކޮމިޓީތައް އަލުން އިންތިހާބުކުރަން
25 ޖެނުއަރީ 2024

މި މަހު 31ގައި ބާއްވަން ތާވަލްކުރި އެފްއޭއެމްގެ އިންތިހާބު ބާތިލްކޮށް، ގަވާއިދާ އެއްގޮތަށް ކޮމިޓީތައް އެކުލަވާލައިގެން އަލުން އިންތިހާބަކަށް ގޮވާލަން ފީފާ އާއި އޭއެފްސީން އެދުނު ގޮތަށް އެކަން ކުރަން އެގްޒެކްޓިވް ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެފްއޭއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހާއްސަ ކޮންގްރެސް ބާއްވާނެ ތާރީހާއި ގަޑި އާއި އެޖެންޑާ ފަހުން އިއުލާންކުރާނެ ކަމަށެވެ.

ރައީސްކަމަށް ކުރިމަތިލެއްވި ކުރީގެ ފޯވަޑް އަދި މިހާރު މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގުގެ ކެންޑިޑެސީ އެފްއޭއެމުން ބާތިލްކުރި މައްސަލަ ފީފާ އާއި އޭއެފްސީން އެފްއޭއެމްއާ ދެކޮޅަށް ނިންމުމުގެ ކުރިން އެފްއޭއެމްގެ މެމްބަރު 10 ކްލަބަކުން ވެސް ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލައިފަ އެވެ.

އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން މެމްބަރު ކްލަބްތަކުގެ މެޖޯރިޓީން އެކަމަށް އެދިއްޖެ ނަމަ ކޮންގްރެސްއެއް ބާއްވަން ޖެހެ އެވެ. އެފްއޭއެމްގައި މިވަގުތު އޮތީ 18 މެމްބަރު ކްލަބެވެ.

ރާއްޖޭގެ ގައުމީ ޓީމު ޕްރެކްޓިހުގައި: އެފްއޭއެމްގެ މައްސަލަގަނޑާ ހެދި ގައުމީ ޓީމުގެ ކަންކަމަށް ވެސް އެހާ ބޮޑު ސަމާލުކަމެއް ނުދެވޭ (ފޮޓޯ/އެފްއޭއެމް)

އެފްއޭއެމްގެ ބަޔާނުގައި ބުނީ "ފުޓްބޯޅައިގެ މަސްލަހަތުގެ މައްޗަށް އެހެން އެއްވެސް ފަރާތެއްގެ މަސްލަހަތު އިސްނުކުރާނެކަމުގެ ޔަގީންކަން" ދޭ ކަމަށެވެ.

"މި އެސޯސިއޭޝަންގެ އެއްވެސް މެމްބަރެއްގެ ހައްގަށް އުނިކަމެއް ލިބޭ ފަދަ އެއްވެސް ކަމެއް މި އެސޯސިއޭޝަނުގެ ފަރާތުން ނުކުރާނެ" ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"އެންމެހާ މެމްބަރުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން މި އެސޯސިއޭޝަންގެ ފަރާތުން އަރުވަމެވެ."

ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރީ އެފްއޭއެމްގެ ގަވާއިދުގައި ބުނާ އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބެއްގެ ތާއީދު އޭނާއަށް ނެތުމުންނެވެ. އެ ހާލަތަށް ތޯރިގުގެ ކެންޑިޑެސީ ދިޔައީ އޭނާއަށް ތާއީދުކުރި ވެލެންސިއާ އިން، އަނެއް ކެންޑިޑޭޓް މުފާވިޒް ހާޝިމް (މުފާ)އަށް ވެސް ތާއީދުކޮށްފައި އޮތުމުން އެ ދެ ހުށައެޅުން ވެސް އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ބާތިލްކުރުމުންނެވެ.

ނަމަވެސް އެފްއޭއެމަށް ދިމާވި މައްސަލަައަކީ މިދިއަ އަހަރު އިލެކްޓޯރަލް ކޮމިޓީ އިންތިހާބުކުރީ ގަވާއިދާ ހިލާފަށް ކަމަށް ވުމެވެ. އޭގެ އިތުރުން އިލެކްޓޯރަލް ކޮމިޓީއާ އެކު އިންތިހާބުކުރަން ޖެހޭ އިލެކްޓޯރަލް އެޕީލް ކޮމިޓީ އިންތިހާބުކޮށްފައެއް ނުވެ އެވެ. އެހެންކަމުން ތޯރިގުގެ ބާތިލްކުރި ކެންޑިޑެސީގެ މައްސަލަ ބަލާނެ ކޮމިޓީއެއް އެފްއޭއެމްގައި ނެތެވެ.

މި މައްސަލަ ތޯރިގުގެ ފަރާތުން ފީފާ އާއި އޭއެފްސީއަށް ހުށައެޅުއްވުމުން އެ ދެ އިދާރާއިން ނިންމީ އޭނާއާ އެއްކޮޅަށެވެ. އެފްއޭއެމަށް އެންގީ އިންތިހާބުގެ ކަންކަން ހުއްޓާލުމަށް ފަހު ގަވާއިދާ އެއްގޮތަށް ކޮމިޓީތައް އެކުލަވާލައި، އަލުން އިންތިހާބަކަށް ގޮވާލުމަށެވެ.

އެފްއޭއެމްގެ އާ އިންތިހާބު މި އަންނަނީ ދެ ދައުރަށް ރައީސްކަމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އެތަނުން ބޭރުކުރަން ބޮޑު ކެމްޕޭނެއް ފަށާފައި އޮތް ދަނޑިވަޅެއްގަ އެވެ. މިފަހަރުގެ އިންތިހާބުގައި އޭނާ ވާދައެއްނުކުރައްވަ އެވެ.

އެފްއޭއެމަށް ބޭރުން ލިބޭ ފައިސާއިން މަނީ ލޯންޑަރިންއަށް ފެތޭ ފަދަ އަމަލްތައް ހިންގިކަމުގެ ތުހުމަތުގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އެންގެވުމަށް ފުލުހުން އަންނަނީ ތަހުގީގެއް ވެސް ހިންގަމުންނެވެ. އެ ތަހުގީގުގައި ބައްސާމްގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް