އެފްއޭއެމުން 2022ގައި ބޭއްވި ކޮންގްރެސްގައި ވޯޓު ލަނީ: މެޖޯރިޓީ ކްލަބްތަކުން މިހާރު ވަނީ ކުއްލި ކޮންގްރެސްއަކަށް ގޮވާލާފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން 10 ކްލަބަކުން އެދިއްޖެ
މުހިންމު ނުކުތާތައް
މި ކުއްލި ކޮންގްރެސްއަށް ގޮވާލީ މިހާރުގެ އެންމެ ވަރުގަދަ ކްލަބް މާޒިޔާ އިސްކޮށް އޮވެގެން
އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން 14 ދުވަހުގެ ތެރޭގައި ހާއްސަ ކޮންގްރެސް ބާއްވަން ޖެހޭނެ
މިއީ އެފްއޭއެމްގެ ރައީސްކަމަށް ނުކުންނެވި އެކަމަކު ކެންޑިޑެސީ ބާތިލްކޮށްފައިވާ އަހުމަދު ތޯރިގުގެ ފަހަތުގައި އޮތް 10 ކްލަބް
މި މަހު 31ގައި ބާއްވަން ހަމަޖެއްސި އެފްއޭއެމްގެ އިންތިހާބު ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވަދެފައި ވަނިކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން 10 ކްލަބަކުން މިއަދު އެފްއޭއެމަށް ހުށައަޅައިފި އެވެ.
އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ އަދަދަކީ މިވަގުތު 18 އެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ކްލަބުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް އެދެފި ނަމަ އެފްއޭއެމުން އެކަން ކުރަން ޖެހޭނެ އެވެ.
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް އެދި ހުށައެޅީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކްލަބް މާޒިޔާ އިންނެވެ. އެ ކްލަބަށް ސަޕޯޓްކޮށް ސޮއިކޮށްފައިވާ އަނެއް ނުވަ ކްލަބަކީ؛
-
1-
ވެލެންސިއާ
-
2-
ކުޑަ ހެންވޭރު ޔުނައިޓެޑް
-
3-
ޓީސީ ސްޕޯޓްސް
-
4-
އެލްޓީ ސްޕޯޓްސް
-
5-
ބީޖީ ސްޕޯޓްސް
-
6-
ޓެންޓް ސްޕޯޓްސް
-
7-
މަހިބަދޫ ސްޕޯޓްސް ކްލަބް
-
8-
ދަ ގްރާންޑޭ
-
9-
ސީބީއެލް ސްޕޯޓްސް
މި ހާއްސަ ކޮންގްރެސްއަށް މާޒިޔާއިން އެދުނު ސަބަބުތައް ކަމަށް ބުނެފައި ވަނީ އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލްސް ކޮމިޓީގެ އިތުރުން ވެސް އޮންނަން ޖެހޭ ބައެއް މުހިންމު ކޮމިޓީތައް ނެތުމުން، އެ ކޮމިޓީތައް އަލުން އިންތިހާބުކުރުން ކަމަށެވެ.
މިއީ އެފްއޭއެމްގެ އިންތިހާބަށް ކަރިމަތިލެއްވި އެކަމަކު މިހާރު އޮތް އިލެކްޓޯރަލް ކޮމިޓީން ގަބޫލުނުކުރި ކެންޑިޑޭޓް އަހުމަދު ތޯރިގުގެ ފަހަތުގައި އޮތް 10 ކްލަބެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގައި 18 މެމްބަރު ކްލަބް ހިމެނުނަސް ދިވެހި ސިފައިންގެ ކްލަބް މި ފަހަރުގެ ދެވަނަ ޑިވިޒަންގައި ވާދަނުކުރާތީ އެ ކްލަބްގެ މެމްބަޝިޕާ ދޭތެރޭ ވަނީ ސުވާލު އުފެދިފަ އެވެ. އެހެންކަމުން މި ވަގުތު އެފްއޭއެމްގެ މެނޭޖްމަންޓްގެ ކޮންޓްރޯލް އޮންނާނީ، ބެލެވޭ ގޮތުގައި، އެންމެ ހަތް ކްލަބްގަ އެވެ.
މި ކުއްލި ކޮންގްރެސް ބާއްވައިފި ނަމަ މިހާރު އޮތް އިލެކްޓޯރަލް ކޮމިޓީ އެއްކޮށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ.
ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރީ އޭނާއަށް ތާއީދުކުރި ވެލެންސިއާއިން، އިންތިހާބުގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓް މުފާވިޒް ހާޝިމް (މުފާ)އަށް ވެސް ތާއީދުކުރުމުންނެވެ. އިލެކްޓޯރަލް ކޮމިޓީން އެގޮތަށް ނިންމީ ފީފާއިން އަމަލްކުރާ އުސޫލަށް ރިއާޔަތްކޮށްފަ އެވެ.
އެކަމަކު ތޯރިގުގެ ފަރާތުން ފީފާއަށް މިހާރު ހުށައަޅުއްވާފައި އޮތް މައްސަލާގައި ބުނެފައި ވަނީ މިދިއަ އަހަރު އޮތް އެފްއޭއެމްގެ ކޮންގްރެސްގައި އިންތިހާބުކުރި އިލެކްޓޯރަލް ކޮމިޓީ ވެސް ސައްހަ ނޫން ކަމަށެވެ. އެއީ އެފްއޭއެމްގެ އުސޫލުތައް ބުނާ ގޮތުން އެއްވެސް މެމްބަރަކަށް އެ ކޮމިޓީގައި ޖެހިޖެހިގެން ދެ ދައުރު ނުހުރެވޭނެތީ އެވެ.
ތޯރިގު ވިދާޅުވެފައިވާ ގޮޮތުގައި މިހާރު ކޮމިޓީގައި ތިއްބެވި ތިން މެމްބަރުން ވެސް އިންތިހާބުކުރީ ގަވާއިދާ ހިލާފަށެވެ. އެއީ؛
-
1- އަބްދުﷲ އަލީ، އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަން (ތޯރިގު ވިދާޅުވީ ގަވާއިދާ ހިލާފަށް ތިން ދައުރު އެ ކޮމިޓީގައި އޭނާ އިންނެވި ކަމަށް)
-
2- އަހްމީމް އަބްދުއްރައްޒާގު، ވައިސް ޗެއާމަން (މިއީ އޭނާގެ ދެވަނަ ދައުރު)
-
3- އަބްދުﷲ އަލީ، މެމްބަރު (އޭނާ ވެސް އިންތިހާބުކޮށްފައި ވަނީ ދެ ވަނަ ދައުރަކަށް ކަމަށް ތޯރިގު ވިދާޅުވި)
މާޒިޔާއިން ހުށައެޅި ލިއުމުގައި ބުނެފައިވާ ގޮތުގައި އިލެކްޓޯރަލް ކޮމިޓީއާ އެކު އިންތިހާބުކުރަން ޖެހޭ އެޕީލްސް ކޮމިޓީ އިންތިހާބުކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެކްސްޓްރަ އޯޑިނަރީ ކޮންގްރެސްގެ މައިގަނޑު ބޭނުމަކީ އެ ހުރިހާ ކޮމިޓީއެއް އިންތިހާބުކުރުން ކަން ހުށައެޅުމުގައި އެ ކްލަބުން ބަޔާންކުރި އެވެ.
އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން މިފަދަ ހުށައެޅުމެއް އަތުވެއްޖެ ނަމަ 14 ދުވަހުގެ ތެރޭގައި ހާއްސަ ކޮންގްރެސް ބާއްވަން ޖެހޭނެ އެވެ. ނުބާއްވައިފި ނަމަ ފީފާ އާއި އޭއެފްސީ މެދުވެރިކޮށް، އެ ކްލަބްތަކަށް ކޮންގްރެސް ބޭއްވުމުގެ ފުރުސަތު ލިބެ އެވެ.
އިތުރަށް ކިޔާލަން
ތޯރިގު ވިދާޅުވީ ރަނގަޅަށް، އިލެކްޓޯރަލް އެޕީލްސް ކޮމިޓީއެއް ނެތް
16 ޖެނުއަރީ 2024
އެފްއޭއެމް އިންތިހާބު، މައްސަލައަކަށް ފަހު މައްސަލައެއް
15 ޖެނުއަރީ 2024
ތޯރިގުގެ ކެންޑިޑެސީ އެފްއޭއެމްގެ ކޮމިޓީން ބާތިލްކޮށްފި
10 ޖެނުއަރީ 2024